ރައީސް މުއިއްޒު މިރޭ ތ. ވޭމަންޑޫ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
އެއްވެސް ގައުމަކާ ދެކޮޅަށް ކުރިމަތިލުމަކަށް ދާކަށް ނޫޅެން: ރައީސް
ރާއްޖެއިން އެއްވެސް ގައުމަކާ ދެކޮޅަށް ކުރިމަތިލުމަކަށް ދާން ނޫޅޭ ކަމަށާއި ރާއްޖޭގެ އިސްތިގުލާލަށް އިހުތިރާމުކުރާހާ ހިނދަކު އެއްވެސް ގައުމަކާ ދުޝްމަނުނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑޫއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ކުރަން ޖެހެނީ އާދައިގެ ކަމެއް ނޫން ކަމަށާއި މިނިވަންކަން ދެމެހެއްޓުމަށް ކުރައްވަން ނިންމެވި ކަމަކާ ދެކޮޅަށް ދިވެހިންގެ ތެރެއިން ބަޔަކު ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށެވެ.
ގުޅުންހުރި - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން) 24 ގަޑިއިރު ހުއްޓުމެއްނެތި ބެލެހެއްޓޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާ ކޯސްޓްގާޑުގެ އުޅަނދުތައް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެތެރެއަށް ވަދެ، ހަތިޔާރާ އެއްކޮށް ދިވެހި މަސް ދޯނިތަކަށް އަރައި ބަލާފާސްކުރި މައްސަލަތަކެއް މި ފަހުން ފެންމަތިވެފައި ވަނިކޮށް އެމަނިކުފާނު ވިދާޅުވެފައިވަނީ ހުރިހާ ގޮތަކުން ވެސް ގައުމު ދިފާއު ކުރެވޭ ވަރަށް ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
ތަފްސީލް - ރައީސް މިރޭ ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން އެކަމަށް އިޝާރާތްކުރެއްވި އެވެ.
"އަޅުގަނޑު އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަމުން [ބުނިން]. އަޅުގަނޑުމެންގެ މި ރާއްޖޭގެ ސަރަހައްދު އެއީ ވަރަށް ބޮޑު ސަރަހައްދެއް. ރަށްތައް ކުޑަވިޔަސް ކަނޑުގެ ސަރަހައްދު ވަރަށް ބޮޑު. 974،000 އަކަ ކިލޯމީޓަރު ހުރޭ. މި ބިޔަ ބޮޑު ސަރަހައްދު މިއިން ޒަމާނަކު އަޅުގަނޑުމެންނަކަށް ނެތް ހަގީގަތުގައި ބެލެހެއްޓިފައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އެއީ ދިވެހިން އިގްތިސޯދީ ފައިދާ ހޯދަން އޮތް ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުން އެކަށީގެންވާ ގޮތަށް މަސްވެރިކަން އަދި ނުކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ހިސާބަށް ގޮސްގެން ރެއާއި ދުވާލު މަސްވެރިކަމަށް ނިކުމެ މަސްވެރިކަން ކޮށްގެން ފުރިހަމަ ނަފާ ހޯދަން ފެށިއްޖެ ނަމަ، މިވަގުތު އަޅުގަނޑުމެންގެ އެންމެ މުހިއްމު އިންޑަސްޓްރީ އަކީ ޓޫރިޒަމް އިންޑަސްޓްރީ ކަމަށް ވިޔަސް، ކެމްޕޭނުގައި އަޅުގަނޑު ދެންނެވި ފަދައިން، އެވަރަށް މަސްވެރިކަން ފުޅާކުރެވިއްޖެޔާ އެ ވާނީ ޓޫރިޒަމް އިންޑަސްޓްރީއަށް ވުރެ ވެސް ބޮޑަށް އަޅުގަނޑުމެންނަށް ފައިދާވާނެ އިންޑަސްޓްރީ އަކަށޭ،" އެ ސިނާއަތަށް ބެލި ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
"އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތް ކުރުމަށްޓަކާ ވެސް، ސިޔާދަތީ ބާރުގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކާ ވެސް، އެބަ ޖެހޭ އެ ސަރަހައްދު ބަލަހައްޓަން."
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެހެން ބަޔެއްގެ އެހީތެރިކަން ހޯދުމަކީ ރައްޔިތުން އެދޭނެ ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކު އައިސްތޯ ނޫނީ އަޅުގަނޑުމެން އަމިއްލައަށް އެ ކެޕޭސިޓީ ބިލްޑުކޮށްގެންތޯ؟ އެއީ ސުވާލަކީ. އަޅުގަނޑު މި ދެންނެވީ އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް ތައްޔާރީތައް ވާން ފަށާފައިވާ ކަމަށާއި މާ ލަސްތަކެއް ނުވެ އަމަލީގޮތުން އެ މަސައްކަތް ކުރާ މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބލިއްޔަތުކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ވާހަކަ ވިދާޅުވުމުން އެކަމަށް ހަޖޫޖަހައި ވާހަކަ ދައްކަނީ ދިވެހިންގެ ތެރެއިން ގައުމު ދެކެ ލޯބިވާ ބަޔެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
"އެހެން ބަޔެއްގެ އެހީތެރިކަމުގައި، އެހެން ބަޔެއްގެ ކިބައިން ތިމާ ބޭނުންވާ މަގުސަދު ހާސިލް ކުރުމަށްޓަކާ ކޮންމެ ފަދަ ކަމެއް ގައުމަށް ވިޔަސް ހެޔޮކަމަށް ތިބި އަދި ކުރީގައި ވެސް މަސައްކަތްކޮށްފައި ތިބިކަން ސާބިތުވެފައި ތިބި ބަޔަކު އެފަދަ ވާހަކައެއް ދައްކަފާނެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިއުޅެނީ ކޮންފްރަންޓްރޭޝަން އަކަށް [ކުރިމަތިލުމަކަށް] އެއްވެސް ގައުމަކާ އެކީ ދާކަށެއް ނޫން. އަޅުގަނޑުމެންގެ ހާރިޖީ ސޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށް. އެންމެންނާ ގުޅިގެން ހުރިހާ ގައުުމުތަކާ ވެސް ގުޅިގެން އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ސިޔާދަތާއި އަޅުގަނޑުމެންގެ އިސްތިގުލާލަށް ހުުރުމަތްތެރިކޮށް ހިތާހާ ހިނދަކު އަޅުގަނޑުމެން ދުޝްމަނުވާނެ، ދެކޮޅުހަދާނެ އެއްވެސް ގައުމެއް ނޯންނާނެ."
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވިގޮތުގައި ރާއްޖެއަށް އެހީތެރިކަމާއި ދިވެހިންނަށް އިގްތިސޯދީ ގޮތުން ފައިދާވާނެ ކަންތައް ކޮށްދޭ، ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހޭ، "އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ގައުމެއް ވިޔަސް އެންމެ ބޮޑު ގައުމާ ހަމަހަމަކަން ގާއިމްކޮށްދޭ ކޮންމެ ގައުމަކާ" އެކުވެރިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އިމަކީ އަޅުގަނޑުމެންގެ އިންކަން، އެ އިމުގެ ތެރެއަށް އެހެން ބަޔެއްގެ ނުފޫޒު ނުފޯރުވޭނެކަން ގަބޫލުކުރާ ކޮންމެ ބަޔަކާ އެކީގައި އަޅުގަނޑުމެން ތިބޭނީ އެކުވެރިކަމުގެ ރޫހުގައި،" ރައީސް ވިދާޅުވި އެވެ.
އެއްވެސް ގައުމަކާ ދުޝްމަނުވެގެން ނޫޅޭ ކަމަށާއި ދުޝްމަނުކަން އުފައްދަން އުޅެނީ އެހެން ބަޔަކު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ސަރުކާރުގެ މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.