ހުޅުމާލެ ފަޅު ތެރޭގައި އަޅާފައިވާ ކޯސްޓް ގާޑްގެ އުޅަނދުތަކެއް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ކަނޑުގެ ސަަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭ ވަރަށް ސިފައިންގެ ގާބިލުކަން އިތުރުކުރަނީ
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން) 24 ގަޑިއިރު ހުއްޓުމެއްނެތި ބެލެހެއްޓޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިންޑިއާ ކޯސްޓްގާޑުގެ އުޅަނދުތައް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެތެރެއަށް ވަދެ، ހަތިޔާރާ އެއްކޮށް ދިވެހި މަސް ދޯނިތަކަށް އަރައި ބަލާސްފަސްކުރި މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. މިގޮތަށް، ދެ ފަހަރެއްގެ މަތިން ތިން ދޯންޏެއް ވަނީ ބަލައިފާސްކޮށްފަ އެވެ.
އެ މައްސަލައިގައި ތަފްސީލު ހޯދަން ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އަދި މިހާތަނަށް އައިއިރު އިންޑިއާ ސަރުކާރުން އެކަމަށް ޖަވާބުދާރީއެއް ނުވެ އެވެ.
ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ގޮތަކުން ވެސް ގައުމު ދިފާއު ކުރެވޭ ވަރަށް ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްގަމާއި ކަނޑާއި ވައިގެ މަގުންވެސް ގައުމު ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަ ކުރަން ޖެހޭ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފި،" ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯނު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލުކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ."
ގުޅުންހުރި ކަމެއް - އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއު ކުރުމަށާއި އެ ނޫނަސް އެކި މަސައްކަތްތަކުގައި ބޭނުން ކުރުމަށް ޒަމާނީ ވަސީލަތްތަކާއި ޕްލެޓްފޯމްތައް ދިވެހި އަސްކަރިއްޔާއަށް ހޯދަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.