ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންރާ ބައްދަލު ކުރެއްވުން (ފޮޓޯ/ޒަމީރު، އެކްސް)

މޫސާ ޒަމީރު

އިންޑިއާގެ ކަންބޮޑުވުންތަކާ ދޭތެރޭ ރާއްޖެއިން ވިސްނާނަން: މިނިސްޓަރު

އިންޑިއާގެ ކަންބޮޑުވުންތަކުގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާގެ ދިރާސާ އުޅަނދުގެ މައްސަލަ ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި
10 މޭ 2024
2

އަވަށްޓެރި ގައުމުތަކުގެ ކޮންމެ ބޭނުމެއްް ނުވަތަ ކަންބޮޑުވުމަކާ ދޭތެރޭ ރާއްޖެ އިން ވަރަށް ފަރުވާތެރިކަމާ އެކު ވިސްނާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ޒަމީރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އިންޑިއާގެ ކަންބޮޑުވުންތަކުގެ ތެރޭގައި، މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާގެ ދިރާސާ އުޅަނދުގެ މައްސަލަ ހިމެނޭ ކަމަށެވެ.

 "އިންޑިއާ ކަނޑުގެ ސަރަހައްދަކީ ސުލްހަވެރި ތަނަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަދި ސުލްހަވެރި އިންޑިއާ ކަނޑަކީ އިންޑިއާއަށް ވެސް ރަނގަޅު އަދި ރާއްޖެއަށް ވެސް ރަނގަޅު ގޮތް،" ޗައިނާގެ ރިސާޗު އުޅަނދު ޒިއަންގް ޔަންގް ހޮންގް 3 ވަނީ މި އަހަރުގެ ކުރީކޮޅު ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރިކަމުގެ ކަންބޮޑުވުން އިންޑިއާއިން ފާޅުކުރިކަން ފާހަގަ ކުރައްވާ ޒަމީރު ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ - 

  • ޒަމީރު އިއްޔެ ވަނީ ދިއްލީގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖެއި ޝަންކަރާ  ރަސްމީ ވާހަކަތައް ބާއްވަވާފައި 

  • މިއީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު ފަހުކޮޅު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއިން އިންޑިއާއަށް ކުރި ފުރަތަމަ މަތީ ފެންވަރުގެ ދަތުރު

ތަފްސީލް - ވިއޯންގެ އިންޓަވިއުގައި މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށާއި ރާއްޖެއަށް އިންޑިއާއިން ނަގާފައިވާ ދަރަނި ލުއިކޮށްދިނުމަށް އެދި އިންޑިއާގެ ފަރާތްތަކާ އެކު މަޝްވަރާ ކުރެެއްވި ކަމަށެވެ.

އިންޑިއާ ދަރަނި - 

  • ބަޖެޓް ސަޕޯޓްގެ ގޮތުގައި 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ދިވެެހި ސަރުކާރަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ގްރާންޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ވަނީ ނިންމާފައި 

  • ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން މި ސަރުކާރުގެ ކުރީކޮޅު ވަނީ 50 މިލިއަން ޑޮލަރު ދައްކާފައި 

  • ތިން އިންސްޓޯލްމަންޓެއްގެ ގޮތުގައި އަނބުރާ ދައްކަން ޖެހޭ އެ ފައިސާގެ ތެރެއިން ދެ ވަނަ، 50 މިލިއަން ޑޮލަރު މި މަހުގެ ތެރޭގައި ދައްކަން ޖެހޭ

އިންޑިއާ ޓޫރިސްޓުން މަދުވުން ކަންބޮޑުވުމަކަށް

މިނިސްޓަރުގެ އިންޓަވިއުގައި އިންޑިއާއިން ރާއްޖެއަަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާކަން ފާހަގަ ކުރެއްވި އެވެ. އިންޑިއާގެ ޓޫރިސްޓުން ރާއްޖެއައުން ވަރަށް ބޮޑަށް ދަށަށް ގޮސްފައި މިވަނީ ދެ ގައުމުގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން ނުވަތަ މައްސަލަތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.  އެގޮތުން: 

  • ރާއްޖޭގެ ތިން ނާއިބު މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއަށް ނިސްބަތްކޮށް ދެއްކި ބޭއަދަބީ ވާހަކަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މައްސަލައަކީ ސަރުކާރުގެ މައްސަލައަކުން ދިމާވި މައްސަލައެއް ނޫން ކަމަށް 

  • މިނިސްޓަރު އެކަން ސިފަ ކުރެއްވީ އެއީ ސަރުކާރާ ގުޅުމެއް ނެތް ސޯޝަލް މީޑިއާގެ ތެރޭގައި ހިނގި ކަމެއްގެ ގޮތުގައި 

"އަޅުގަނޑު ބަޔާނެއް ނެރުނީ، އެއީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް. ހަމަ ޔަގީނުން ވެސް އެއީ ރާއްޖޭގެ ރައީސްގެ ވެސް އަދި ރައްޔިތުންނެއް ވެސް ނޫން، އިންޑިއާގެ ލީޑާޝިޕާއި އިންޑިއާ މީހުންނާ ދޭތެރޭ،" މިނިސްޓަރާ ހަވާލާދީ އެ ނޫހުގައިވެ އެވެ.

  • އިންޑިއާ ސަރުކާރުން އެދުނީ އެ ތިން މީހުން ވަޒީފާއިން ވަކި ކުރުމަށް 

  • ނަމަވެސް ސަރުކާރުން އެކަަމަށް އެއްވެސް ވަރަކަށް އަޅައެއް ނުލާ

  • ސަސްޕެންޑް ކުރި ތިން ބޭފުޅުން މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގައި ތިއްބަވާތާ ހަތަރު މަސް ވަނީ ވެފައި؛ އެ ބޭފުޅުންގެ މަސައްކަތަކީ ސަރުކާރު ދިފާއުކުރުން

ޒަމީރު ވިދާޅުވީ އޭނާގެ ދަތުރުފުޅާ އެކު، ކުރީގެ މާޒީ ކަސްފުކޮށް ކުރިއަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވި ގޮތަށް މިނިސްޓަރު ޒަމީރު ވެސް ވަނީ  އިންޑިއާ ޓޫރިސްޓުން ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ކަމަށާއި އެ މީހުން ރާއްޖެ އައުމަށް އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް (2)

އާދޭސް ކުރީމޭ

11 މޭ 2024
ތިޔަބޭފުޅުންގެ ޕާޓީތަކުގަ އެބަޖެހޭ ނޫންތޯ ސިޔާސީ ވަޒީފާ ލިބުނީމަ އުޅުންބަހައްޓަން ވާގޮތް ދަސްކޮށްދޭން ސަރުކާރު ދިފާއުކޮށް ޓްވީޓް ކުރުން މައްސަލައެއްނޫން އެކަމަކު ވަކިމިންގަނޱުތަކެއް ހިފަހައްޓަންޖެހޭގޮަތައް ޤަވާއިދެއް ހެދުން.
0 0

ހާލި ބާލި

10 މޭ 2024
ޒަމީރޫ ބަފާ ބެގެ ނަމުގަ ހަދާ ރިޒޯޓް ހުޅުވަނީ ކޮންއިރަކުންތޯ؟ ދިވެހީންގެ ލޯ ހުރިހާދިމާލެއްގަ ވާކަންދަންނާތި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް