ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ، ކޮޕް ސަމިޓްގެ ހަވާސާއިން ބޭއްވި ބައްދަލުކުރެއްވުން: އެ ބައްދަލުވުމަށް ފަހު، އިންޑިއާ ސިފައިން ފޮނުވާލަން ދެ ގައުމުން ހައި ލެވެލް ކޮމިޓީއެއް އެކުލަވާލި (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)

ރާއްޖެ-އިންޑިއާ

ސަރުކާރުގެ މަގުސަދަކަށް ވީ އިންޑިއާ ސިފައިން ފޮނުވާލުން، އެކަން ހާސިލްވެއްޖެ: އަލީ ނަސީރު

އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީން ބައިތިއްބަން ހުށައެޅީ އިންޑިއާއިންތޯ ނުވަތަ ރާއްޖެއިންތޯ ކުރި ސުވާލަށް ފޮރިން މިނިސްޓްރީން ސީދާ ޖަވާބެއް ނުދިން

ސަރުކާރުގެ މަގުސަދަކަށް ވީ، ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުން ކަމަށާއި އެކަން ހާސިލްވެއްޖެ ކަމަށް، ދެ ގައުމުގެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވި އަދި މިހާރު އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮތް އިންޑިއާގެ ތިން އަސްކަރީ އުޅަނދު އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ 76 ސިފައިން ފޮނުވާލުމަށް ފަހު، އެ އަދަދަށް މަދަނީ މީހުން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުނީ ރައީސް މުއިއްޒުގެ ވައުދުފުޅު މިހާރު ފުއްދަވައިފި ކަމަށެވެ.

ތަފްސީލު - 'ދައުރު'ން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓްރީގެ އެމްބަސަޑާ އެޓް ލާޖްގެ މަގާމުގައި ކުރިން ހުންނެވި އަލީ ނަސީރު ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި ރައީސް ވެވަޑައިގެންނެވި ވައުދަކީ 'ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުން' ކަމަށެވެ. އެހެންކަމުން އެ ވައުދު ފުއްދުމުގެ މަޝްވަރާއަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަޝްވަރާގައި އަޅުގަނޑުމެން އިންޑިއާ ސަރުކާރުގައި ދެންނެވިން، އެ ސިފައިން ފޮނުވާލުމަށް ދެ ގައުމު ދެމެދު ޝެޑިއުލްއަކަށް އެއްބަސްވެގެން [ނުވަތަ] ތާރީހުތަކަަކަށް އެއްބަސްވެގެން، އެ ތާރީހުތަކުގެ ތެރެއިން ސިފައިން ގެންދިޔުމުގެ އަމަލީ މަސައްކަތްތައް ކުރުމަށް،" ދިވެހި ސަރުކާރުން އެ މަޝްވަރާތަކުގައި ހުށަހެޅީ، އެ އުޅަނދުތައް ގެންދިއުމަށްތޯ ނުވަތަ ސިފައިން ގެންދިއުމަށްތޯ އެހުމުން އަލީ ނަސީރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ނަސީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އެ މަޝްވަރާތަކުގައި މަދަނީން ބައިތިއްބަން އެދުނީ ކޮން ގައުމަކުންތޯ ވެސް އަލީ ނަސީރަށް ސުވާލު ދެންނެވި އެވެ. 

"ތި ސުވާލުގައި ބޭނުންފުޅުވެގެން ތި އުޅުއްވަނީ، ނޭގޯސިއޭޝަން [މަޝްވަރާގެ] ތެރޭގައި ހިނގި ތަފްސީލުތަކުގެ ވާހަކަ. ދެން އަޅުގަނޑަކަށް ހިއެއް ނުވޭ، ނެގޯސިއޭޝަންތައް ކުރިއަށް ގެންދިޔަ އެއްވެސް ބަޔަކު، އެއް ފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތަފްސީލު އެހާ ބޮޑަށް ހާމަކުރާނެހެން،" މި ފަހުން އދ.ގެ ދާއިމީ މަންދޫބުގެ މަގާމު ދެއްވި އަލީ ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްވަރާއެއް ކުރިއަށް ގެންދަނީ ވަކި ހާއްސަ ލަނޑުދަނޑިއެއް ހާސިލުކުރަން ކަމަށާއި އެކަމަށް ވާސިލުވާން ކުރާ މަޝްވަރާތަކުގައި 'ހުށަހަޅާ ހުށަހެޅުންތަކަކީ، އޭގެ ޒާތުގައި ބަދަލުވާ ވެސް އެއްޗެއް" ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އެ ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު މައިގަނޑު މަގްސަދަކީ، އިންޑިއާ ސިފައިން ފޭބުން އަދި އެކަން ކުރުމަށް ހާއްސަ ތާވަލަކަށް އެއްބަސްވެ، އެއާ އެއްގޮތަށް ސިފައިން ފައިބައިގެން ދިޔުން

  • އޭގެ އޯލްޓަނަޓިވްއަކަށް އޮތީ، މަދަނީ މީހުން އެ އުޅަނދުތައް ދުއްވުން. މަދަނީ މީހުން އެ އުޅަނދުތައް ދުއްވުމަށް ދެ ސަރުކާރުގެ މެދުގައި އެއްބަސްވީ ކޮންމެ މީހަކަށް މީހެކޭ، ހުންނާނީ.

"ދެން އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ފަސް މަސް ދުވަސް ތެރޭގައި ދިޔަ ނެގޯސިއޭޝަންތަކުގެ ތެރޭގައި ދިޔަ ހުށަހެޅުންތަކުގެ ތަފްސީލުތައް އަޅުގަނޑުމެންނަށް އަދި ޕަބްލިކަަށް ނުއެއް ދެވޭނެ،" މަދަނީން ބައިތިއްބަން ފުރަތަމަ ހުށައެޅީ ކޮން ގައުމަކުންތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި އަލީ ނަސީރު ވިދާޅުވި އެވެ.

ތަކުރާރުކޮށް ވެސް އޭނާ ވިދާޅުވީ މަޝްވަރާތަކުގެ މަގްސަދަކަށް ވީ އިންޑިއާ ސިފައިން ފޮނުވާލުން ކަމަށާއި އެކަން ހާސިލް ވެއްޖެ ކަމަށެވެ. 

ކޮމެންޓް (1)

ތެފައާސާ.

12 މޭ 2024
ސެނަހިޔާ ހޮސްޕިޓަލުގައި ތިބި އިންޑިއާގެ އަސްކަރީ ޑަކްޓަރުން ބޭތިއްބުމަށް ދެއްކި ހުއްޖަތަކީ އެއީ އަސްކަރީ ދައުރެއް ނޯންނަ ބަޔަކަށް ވުން....... ސުވާލަކީ، ދިވެހި އަސްކަރިއްޔާއިން މަދަނީ ބޭނުންތަކަށް ދުއްވާ ސާރޗް އެންޑް ރެސްކިއު ވައިގެ އުޅަނދު ދުއްވާ އިންޑިއާގެ އަސްކަރީ ޕައިލެޓުންގެ އެއްވެސް އަސްކަރީ ދައުރެއް ނޯންނާނެކަމަށް ކުރީ ސަރުކާރުން ބުނީމާ އެވާހަކަ އޭރު ގަބޫލުނުކޮށްފައި، ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އިންޑިއާގެ އަސްކަރީ ޑޮކްޓަރުންގެ އެއްވެސް އަސްކަރީ ދައުރެއް ނޯންނާނެކަމަށް މި ސަރުކާރުން ބުނީމާ އެވާހަކަ މިހާރު ގަބޫލުކުރަންވީ ސަބަބަކީ ކޮބައިތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް