އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ

ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން ބާލައި ހަމަ އެ އަދަށް ސިވިލިއަނުން އަތުވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ހަތަރު ބެޗަކަށް ބަހާލައިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެއްކޮށް ފޮނުވާލާފައި

އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވަން ރާއްޖޭގައި ހަރަކާތްތެރިވި 76 ސިފައިން ފޮނުވާލައި، ހަމަ އެއަދަދަށް އިންޑިއާގެ ސިވިލް މުވައްޒަފުން ރާއްޖެ އައިސް ގާއިމު ވެއްޖެ އެވެ.

ވީ ކިހިނެއް؟- ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއިން ފައިބާފައިވާ އިރު އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު ރައީސް އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވައިފަ އެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިންގެ ބަދަލުގައި އައި މަދަނީންނަކީ އެ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށެވެ.

"އެ މަދަނީންނަކީ ހެލިކޮޕްޓަރު އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުން،" ޒަމީރު ވިދާޅުވި އެވެ.

"މި އަދަދަކީ މި އޮޕަރޭޝަންއަށް ބޭނުންވާ އަދަދު."

އެމީހުން ރާއްޖޭގައި ތިބޭނެ ތަންތަނާއި މުއްދަތު ވެސް ޒަމީރު ހާމަކުރެއްވި އެވެ. އެމީހުން ތިބޭނީ:

  • ސ. ގަމުގައި 26 މީހުން؛ އެމީހުން ތިބޭނީ ފެބްރުއަރީ 2025ގެ ނިޔަލަށް

  • ލ. ކައްދޫގައި 25 މީހުން؛ އެމީހުން ތިބޭނީ ފެބްރުއަރީ 2025ގެ ނިޔަލަށް

  • ހދ. ހަނިމާދޫގައި 25 މީހުން؛ އެމީހުން ތިބޭނީ ފެބްރުއަރީ 2026ގެ ނިޔަލަށް

ޒަމީރު ވިދާޅުވީ އިންޑިއާއިން ރާއްޖެ އައިސް ތިބީ އެ ގައުމުގެ މަދަނީން ކަމަށް އިންޑިއާ ސަރުކާރުން ބުނުމުން އެކަމާ މެދު ސުވާލު އުފައްދަން ނުޖެހޭ ކަމަށެވެ.

"އިންޑިއާ ސިފައިން ވެސް އައިސް ތިބީ އޮޅުވާލައިގެނެއް ނޫން ދެއްތޯ؟ އެހެންވީމާ، އިންޑިއާގެ މަދަނީ މީހުންނޭ އިންޑިއާ ސަރުކާރުން ބުނީމާ އަޅުގަނޑުމެން ގަބޫލުކުރަން ނުޖެހޭ ސަބަބެއް ނެތް ދެއްތޯ؟" ޒަމީރު ސުވާލު އުފެއްދެވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ މިހާރު އެ އުޅަނދުތަކުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ޑިފެންސް މިނިސްޓްރީއަށާއި އެމްއެންޑީއެފަށް ފުރިހަމައަށް ލިބިފައިވާ ކަމަށެވެ.

ދިވެހި ސިފައިންގެ ތެރޭގައި އެ އުޅަނދުތައް ދުއްވޭވަރުގެ ގާބިލްކަން ހުރި މިންވަރާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ގައްސާން ވިދާޅުވީ ދިވެހި ސިފައިން އެކަމަށް ބޭނުންވާ ޓްރެއިނިން ފެށި ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް  އެއްވެސް މީހަކަށް އެ ތަމްރީންތައް ނިންމިފައި ނުވާ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޭބީ ހަތަރު ބެޗަކަށް ބަހާލައިގެންނެވެ.

ކޮމެންޓް (2)

ތެފައާސާ.

12 މޭ 2024
ދިވެހި އަސްކަރިއްޔާއިން މަދަނީ ބޭނުންތަކަށް ދުއްވާ ސާރޗް އެންޑް ރެސްކިއު ވައިގެ އުޅަނދު ދުއްވާ އިންޑިއާގެ އަސްކަރީ ޕައިލެޓުންގެ އެއްވެސް އަސްކަރީ ދައުރެއް ނޯންނާނެކަމަށް ކުރީ ސަރުކާރުން ބުނީމާ އެވާހަކަ އޭރު ގަބޫލުނުކޮށްފައި، ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އިންޑިއާގެ އަސްކަރީ ޑޮކްޓަރުންގެ އެއްވެސް އަސްކަރީ ދައުރެއް ނޯންނާނެކަމަށް މި ސަރުކާރުން ބުނީމާ އެވާހަކަ މިހާރު ގަބޫލުކުރަންވީ ސަބަބަކީ ކޮބައިތޯ؟
0 0

ސިކުނޑި

11 މޭ 2024
މިއަށް ކިޔައި އުޅެނީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުން! އާންމުން ހެލިކޮޕްޓަރު ދުއްވުމަކީ އިންޑިއާގެ ނުފޫޒުން ވަކިވުމެއްނޫން! ގައުމީ ސަލާމަތަށް އިހަށްވެސް ނުރައްކާވީ އެމީހުން ލައިގެން ތިބި ޔުނީފޯމެއްނޫން! އެމީހުން ރާއްޖޭގައި ހިންގި ހަރަކާތްތަކާއި އެއްކުރާ މައުލޫމާތު! ރައްޔިތުންނަށް ހަރާމްކޯރުވިޔަސް މިދެން ފުކެއް ބޮޑުވަރެއް! ނުވަންޏާ ރީތިކޮށް ތެދަށް ނުވާވާހަކަ ބުނީމަ ނިމުނީ! އަނެއްކާވެސް 5 އަހަރު ފަހުން ދިވެހިން ޣައްދާރަށް ގޮވާފަ މުއީޒު ބާލާނެ! ކުރިން ގާނޫނު އަސާސީ ވީދާލަން ނުކުތް މީހުންނެކޭ މިހާރުގެ މީހުންނެކޭ އެއްވެސް ތަފާތެއްނެތް! އަބަދުވެސް ވިސްނަނީ ކައިރީގައި ހުންނަ މީހާގެ ސިކުނޑިން!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް