އިންޑިއާގެ ހެލިކަޕްޓަރު (ފައިލް ފޮޓޯ/ އަވަސް)

ރާއްޖެ-އިންޑިއާ

އިންޑިއާގެ އުޅަނދުތައް ދެން ބޭނުން ކުރަނީ އެފަދަ ހާލަތެއް އައުމުން: ގައްސާން

މަދަނީން ތިބުމަށް މިހާރު ހުއްދަ ދީފައިވާ އެންމެ ފަހު ތާރީހަކީ ފެބްރައަރީ 2026އަށް ކަމަށް ފޮރިން މިނިސްޓްރީން ބުނި

އިންޑިއާގެ ތިން އަސްކަރީ އުޅަނދު އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ފޮނުވާލުމަށް ފަހު، ގެނައި މަދަނީ މީހުން އެ އުޅަނދުތައް އޮޕަރޭޓް ކުރާނީ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށް ޑިފެންސް މިނިސްޓަރު ގާއްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގައްސާން މިގޮތަށް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ތަފްސީލު - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި:

  • ކުރިން އެ އުޅަނދުތައް އޮޕަރޭޓްކުރަން ރާއްޖޭގައި ތިން ސަރަހައްދެއްގައި ތިބި 76 އިންޑިއާގެ ސިފައިން ވަނީ މިހާރު ފޮނުވާލާފައި 

  • ދެ ގައުމުން އެކުލަވާލި ހައި ލެވެލް ކޮމިޓީން ބޭއްވި މަޝްރާތަކުގައި އެއްބަސްވި ގޮތަށް ހަމަ އެ އަަދަދަށް އިންޑިއާގެ މަދަނީ މީހުން ހަރަކާތްތެރިވާނެ

މީގެ ކުރިން މި އުޅަނދުތައް ބޭނުންކުރަަމުން އައީ، އެމަޖެންސީގައި ރަށްރަށުން ބަލި މީހުން މާލެ ގެނައުމަށާއި ސަވަޔަލެންސް އޮޕަރޭޝަންތަކަށެވެ.

މިހާރު އެކަން ކުރަން ސަރުކާރުން ވަނީ އެއާ އެމްބިއުލާންސާ އާއި ސީ އެމްބިއުލާންސް އަދި ޑްރޯންގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.

އެ ތިން ހިދުމަތް މި ސަރުކާރުން ތައާރަފްކޮށްފައިވާ އިރު، އިންޑިއާގެ ތިން އުޅަނދު ރާއްޖޭގައި ބޭއްވުމުގެ ބޭނުމެއް އެބަ އޮތްތޯ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވައި ގައްސާން ވިދާޅުވީ:

  • މި ސަރުކާރުގެ ވިސްނުމަކީ ކުރިން ވެސް ހާމަކޮށްފައިވާ ގޮތަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުން ކަމަށް 

  • އެ ސިޔާސަތުގެ ދަށުން އެމްބިއުލާންސްގެ ވައިގެ ހިދުމަތާއި ޑްރޯންގެ ހިދުމަތް މިހާރު ތައާރަފްކޮށްފައިވާކަން ފާހަގަކުރެއްވި

"އަޅުގަނޑުމެން [މިހާރު] މި ޕްލެޓްފޯމުތައް [އިންޑިއާގެ އަސްކަރީ އުޅަނދުތައް] ބޭނުންކުރަން ގަސްތުކޮށްފައި އޮތީ، އެ ހާލަތެއް މެދުވެރިވެއްޖެ ނަމަ. ދެން އެ ހާލަތެއް މެދުވެރިވޭތޯ ހިންގަވާ ބަލަން ތިބެން،" މިހާރު އެ އުޅަނދުތައް ރާއްޖޭގައި ބޭއްވުމުގެ ބޭނުމެއް އެބަ އޮތްތޯ އެހުމުން ގައްސާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގާއްސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާގެ މަދަނީ މީހުން މަސައްކަތް ކުރާނީ ސީދާ ދިވެހި އަސްކަރިއްޔާގެ ކޮމާންޑަށެވެ. ދިވެހި އަސްކަރިއްޔާއަށް ނޭނގި އެ އުޅުނދުތައް ނުދުއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މަދަނީން ތިބޭ މުއްދަތު އިތުރު ކުރާނީ، އޭގެ "ނީޑް" އޮތް ވަރަކުން: ޒަމީރު

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ 76 މަދަނީން ތިން ސަރަހައްދުގައި ގާއިމްވެ ތިބޭނެ އަދަދުތައް ވެސް ހާމަކުރައްވައިފަ އެވެ.  އެގޮތުން އޭނާ ވިދާޅުވީ:

  • ހަނިމާދޫގައި 25 މީހުން 

  • ލ. ކައްދޫގައި 25 މީހުން

  • ސ. ގަމުގައި 26 މީހުން

ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އޭގެ ތެރެއިން ކައްދު އާއި ގަމުގައި ތިބޭނެ މީހުންގެ މުއްދަތު ހަމަވާނީ، ފެބްރުއަރީ 2025ގައި ކަމަށް ޒަމީރު ވިދާޅުވި އެވެ. އެންމެ ފަހު ތާރީހެއްގެ ގޮތުގައި ހަނިމާދޫގައި ތިބި މީހުންގެ މުއްދަތު ހަމަވާނީ، ފެބްރުއަރީ 2026 އަށެވެ.

"ދެން ސަރުކާރުން ވަކި ގޮތަކަށް [ނުވަތަ] މިނިސްޓަރު [ގައްސާން] ވިދާޅުވި ގޮތަށް މީގެ ނީޑް [ބޭނުން ޖެހޭ މިންވަރު] އޮތް ގޮތެއް ބަލާފައި އަޅުގަނޑުމެން އިތުރަށް އިންޑިއާ ސަރުކާރާ އެކު [މުއްދަތު އިތުރުކުރަން] ވާހަކަ ދައްކާނީ،" ޒަމީރު ވިދާޅުވި އެވެ.

ކޮމެންޓް (1)

ސައިމާ

12 މޭ 2024
އެއްގޮތަކަށްވެސް މުއްދަތު އިތުރުކޮށްގެންނުވާނެ. ހާލް (ހިންދުސްތާން އޭރޯނޮޓިކްސް ލިމިޓަޑް) އެއީ އިންޑިއާގެ ޑިފެންސް މިނިސްޓަރީގެ ޑިޕާޓްމަންޓެއް. އެއީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް. އިންޑިއާގެ އަސްކަރިއްޔާގެ އޭވިއޭޝަން ޑިވަލޮޕްމަންޓްގެ ރިސާޗް އަންޑް ޑިވެލޮޕްމަންޓް ކުރިއަށްގެންދާ މީހުން. ތި "ސިވިލިއަނުންނަކީ" މޭކަޕްކޮށްގެންތިބި ސިފައިން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް