އައްޑޫ ސިޓީގެ ހިތަދޫ މަތިން (ފޮޓޯ/ އަލީ އިބްރާހިމް)

ކަރަންޓު

އައްޑޫގެ ބާ 2 ޖެންސެޓު ހަދަނީ، 1 ޖެންސެޓު ހަދައިފި؛ އާ ޖެންސެޓެއް ފޮނުވައިފި

އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ 3 ޖެންސެޓު ހަލާކުވެ، އިތުރު ޖެންސެޓެއް މަރާމާތު ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި. އެކަން ހައްލުކުރަން ސްޓެލްކޯއިން ހޯދި 1.8 މެގަވޮޓުގެ ޖެންސެޓެއް ފޮނުވަން ލޭންޑިން ކްރާފްޓަށް ވަނީ އަރުވާފައި. އަދި ހަލާކުވި 1 ޖެންސެޓު ހަދައި، ބާކީ 2 ޖެންސެޓު ހަދަމުން އެބަދޭ
17 ފެބްރުއަރީ 2025
2

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި، ދިގުލައިގެން ގޮސްފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފެނަކައިން 1.8 މެގަވޮޓުގެ އާ ޖެންސެޓެއް ފޮނުވައި، ހަލާކުވެފައިވާ ޖެންސެޓުތައް ހެދުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މަރާމާތުކުރަން ބޭނުންވާ ސްޕެއާ ނުފޮނުވި ލަސްވާތީ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ބުނީ ކީކޭ؟ - ފެނަކައިން ރޭ 12 ޖަހަން އުޅެނިކޮށް ނެރުނު ނޫސްބަޔާނެެއްގައި ބުނީ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ޖެންސެޓުތަކުގެ ތެރެއިން:

  • 3 ޖެންސެޓަށް މައްސަލަތަކެއް ވަނީ ދިމާވެފައި

  • އިތުރު 1 ޖެންސެޓު މަރާމާތު ނުކުރެވޭވަރަށް ވަނީ ހަލާކުވެފައި؛ އެއާ އެކު އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ވަނީ ޖެހިފައި

  • އެ މައްސަލައަށް އަވަސް ހައްލެއް ހޯދަން މަސައްކަތްތަކެއް އެބަ ކުރޭ

  • އެގޮތުން ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން 1.8 މެގޮވޮޓުގެ އާ ޖެންސެޓެއް ހޯދައި، ލޭންޑިން ކްރާފްޓަށް ވަނީ އަރުވާފައި

  • ހަލާކުވި ޖެންސެޓުތަކުގެ ތެރެއިން 1 ޖަނަރޭޓަރު މަރާމާތުކޮށް މިހާރު ވަނީ ހިންގިފައި

  • 2 ވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގޭނެ

  • ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފްތާއެއް ދުވަހުގެ ތެރޭގައި ހިންގަން ފެށޭނެ

ތަފްސީލު - އެ ބަޔާނުގައި ފެނަކައިން ބުނީ ރޯދަމަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވާތީ އާއި އައްޑޫގެ ތަރައްގީ މަޝްރޫއުތައް ކުރިއަށްދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑު މަތިންވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ކަރަންޓު މައްސަލައަކީ، ފެނަކައިން ބުނި ގޮތުގައި ޒަމާންތަކަކަށް ދިގުލައިގެންގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާ އެވެ. އަދި ހެޔޮ ނިޔަތުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އިހުލާސްތެރި މަސައްކަތްތަކެއް ކޮށްފައިނުވާާކަމީ މިއަދު ފެންނަ ހަގީގަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އެހެން ނަމަވެސް ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގައިގެން މި ކުންފުނިން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ފެނަކައިން ބުނީ ރައީސްގެ ހާއްސަ އިރުޝާދާއި ލަފާފުޅާ އެކު އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ވެސް އެ ކުންފުނިން ފަށައި، ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ނިންމަން އަމާޒުހިފައި، ކުރިއަށްގެންދާ ކަމަށެވެ.

"އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން ކެތްތެރިކަން އިސްކުރައްވައި، މި ދަނޑިވަޅުގައި ވެސް ކުންފުންޏަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ،" ބަޔާން ނިންމާލަމުން ފެނަކައިން ބުނެފައިވެ އެވެ.

އައްޑޫ ކަރަންޓު މައްސަލައާ ގުޅޭ އިތުރު ލިޔުންތައް

ކޮމެންޓް (2)

ސިކުނޑި

17 ފެބްރުއަރީ 2025
ދެން ނިންމާލާފަ އަދި ނޫސްބަޔާނެއް ނެރެންވާނެ! ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ސީދާ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ރޯދައިގެ ކުރިން ހައްލު ކުރެވިފައިވާކަމަށް!
0 0

ޙަސަނު

17 ފެބްރުއަރީ 2025
ޖެންސެޓު ތަކަށް މައްސަލަ ޖެހުނީކުރީސަރުކާރުގެ ސަބަބުން. މިސަރުކާރުއައިތާ 1 އަހަރުވީއިރު ސްޕެއަރ ނުގެނެވުނީ ވެސް ކުރީސަރުކާރުގެ ސަބަބުން. އައްޑޫ އިންޖީނުގެއިން ބޮޑުތަނުން ފައިދާވާއިރުވެސް ސޤޕެއަރ ނުގެނެވި އަހަރުވީ ވެސް ކުރީސަރުކާރުގެ ސަބަބުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް