އައްޑޫ ފޭދޫ: އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ހިދުމަތަށް ދިމާވި މައްސަލަ ވަގުތީ ގޮތުން ހައްލުވެފައިވާ ކަމަށް ފެނަކައިން ބުނޭ. (ފައިލް ފޮޓޯ)
އައްޑޫ ކަރަންޓު މައްސަލަ މިވަގުތަށް ހައްލުވެއްޖެ: ފެނަކަ
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވި ކަރަންޓު މައްސަލަ މިވަގުތަށް ހައްލުވެފައިވާ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފާއިތުވި ދެތިން ދުވަހުން ފެށިގެން ދިޔައީ ކަރަންޓު ކެނޑެމުންނެވެ. އޭގެ ކުރިން ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ އައްޑުއަށް ކުރިމަތިވި އެވެ.
ތަފްސީލު - މިކަމާ ގުޅިގެން ފެނަކައިގައި އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ މިވަގުތަށް މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި މައްސަލަ ދިމާވީ ގަން އެއާޕޯޓުގައިވާ ހައި ވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"ދާއިމީ ހައްލެއް ލިބޭނީ ހައި ވޯލްޓޭޖް ސިސްޓަމް އަޕްގްރޭޑް ކުރެވިގެން. މިއީ މީގެ 25 އަހަރު ކުރިން އަޅާފައިވާ ނެޓްވޯކެއް އަދި ޑިމާންޑް އިތުރުވެފައިވާތީ ކޭބަލަށް ކުރާ ބާރު ވެސް ބޮޑު،" އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި - ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ، އައްޑޫގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުވާނީ، މިހާރު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ނިމުމުން ކަމަށެވެ. އެކަމަށް ދޮޅު އަހަރު ނޫނީ ދެ އަހަރު ނަގާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
-
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ހަވާލު ކުރީ މިދިޔަ އޭޕްރީލް މަހު
އެ މަސައްކަތުގެ ދަށުން:
-
ހިތަދޫގައި އަލަށް 32 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރާނެ
-
ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ
-
މި މަޝްރޫއުގައި، ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކުރާނެ
-
މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ