އެމްޑީޕީގެ ލީގަލް ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ޕާޓީގެ 3،000 މެންބަރުން ޕީއެންސީއަށް 'ވަގަށް' ވައްދާފައިވޭ: އެމްޑީޕީ

މިހާތަނަށް ވަގު ފޯމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނޭ؛ މި މައްސަލަ އޭސީސީ އާއި ޕީޖީއަށްވެސް އެ ޕާޓިން ހުށަހަޅާފައިވޭ

އެމްޑީޕީގެ 3،000އަށްވުރެ ގިނަ މެންބަރުން، އެ މީހުނަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީއަށް 75،000 މެންބަރުން ހަމަ ކުރުމަށް މިފަހުން ހިންގި ހަރަކާތުގެ ތެރެެއިން ގިނަ އަދަދެއްގެ މީހުންގެ 'ވަގު ފޯމު' އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެ ޕާޓީއަށް މެންބަރުން ވެއްދި ކަމުގެ ކަންބޮޑުވުން އަންނަނީ ފާޅު ކުރަމުންނެވެ.

މި މައްސަލައިގައި އެމްޑީޕީގެ ގާނޫނީ ޓީމުން މިހާރު ކުރަމުންދާ މަސައްކަތްތައް ހާމަ ކުރުމަށް މިއަދު އެޕާޓީގެ އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދު ވިދާޅުވި ގޮތުގައި، ޕީއެންސީއަށް ވަގަށް މީހުން ވައްދާފައި ވަނީރައްޔިތުންގެ އަސާސީ ހައްގަށް އަރައިގެނެ، ޒާތީ މައުލޫމާތުން ވައްކަންކޮށްގެންނެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ޝަކުވާއަށް ހުޅުވާލުމުން މިހާތަނަށް 3،000އަށްވުރެ ގިނަ އެ ޕާޓީގެ މެންބަރުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް 

  • އެ ޝަކުވާތަކުގެ ތެރެއިން މިއަދާ ހަމައަށް، ވަގަށް ޕިއެންސީއަށް ވައްދާފައިވާ 68 މީހެއްގެ މައްސަލަ ފުލުސް އޮފީހަށް ތަހުގީގު ކުރުމަށް ހުށަހަޅާފައިވާނެ

"ޕާޓީ[އެމްޑީޕީ]އަށް ނިސްތްވާ 3،000 މެންބަރަކު މިހާތަނަށް ބުނެފައިވޭ ތިމަންނާމެން ޕީއެންސީގެ ދަފްތަރުގައި ހިމަނާފައި އޮތީ، އެއްވެސް ވަރަކަށް އެނގިގެން ނޫނޭ، އެއްވެސް ފޯމެއް ފުރާފައިވެސް ނުވާނޭ،" މަހުފޫޒު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަހްފޫޒު ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ޕާޓީތަކަށް މެމްބަރުން ވައްދަނީ، ދެ ހެކިވެރިން ފޯމުގައި ސޮއިކޮށްގެންނެވެ. މަހުފޫޒު ވިދާޅުވީ، ދޮގު ހެކި ދީގެން އެ ފޯމުތައް ފުރި މައްސަލައިގެ އިތުރުން، މުޅި ހަރަކާތް ކުރިއަށް ގެންގޮސްފައި ގޮތް ވެސް ފުލުހުން ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ހުށަހެޅި 68 މައްސަލައިގެ ތެރެއިން އެންމެ މައްސަލައެއް ފުލުހުން ތަހުގީގު ކުރި ނަމަވެސް، ނިއުޅިގެން ދާނެ މުޅި މި ހަރަކާތް ކުރިއަށް ގޮސްފައިވާ ގޮތް،" އޭނާ ވިދާޅުވި އެވެ.

ފުލުހަށް މައްސަލަ ހުށަހެޅުމުގެ އިތުރުން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އޭސީސީއަށް ހުށަހެޅީ ޕީއެންސީއަށް މެމްބާޝިޕް ފޯމު ފުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭތީ؛ މިކަންކޮށްފައި ވަނީ ޑީއެންއާރުގައި ހުރި ރައްޔިތުންގެ މައުލޫމާތުތައް ބޭނުންކޮށްގެން އެ އޮފީހުގެ ތެރޭގައި

  • ޕީޖީ އޮފީހުގައި އެދުނީ މި މައްސަލަ ތަހުގީގުކޮށްދިނުމަށް އޭސީސީ އާއި ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް؛ އެއީ، މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށްވާތީވެ؛ އެފަދަ އަމުރެއް ނެރުމަކީ ޕީޖީގެ މައްޗަށް ގާނޫނުން ލާޒިމް ކަމެއް އަދި މީގެ ކުރިން ވެސް ޕީޖީ ބައެއް މައްސަލަތަކުގައި އެފަދަ އަމުރުތައް ނެރެދީފައިވޭ

  • އޭގެ އިތުރުން މި މައްސަލަ ތަހުގީގުކޮށް ނިމެންދެން، ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެެސް ކުރުން މަޑުޖައްސާލަން އިލެކްޝަންސް ކޮމިޝަން(އީސީ)ގައި ވެސް އެދިފައިވާނެ

އީސީން ނިންމާފައިވަނީ މިމަހުގެ ނިޔަލަށް ޕާޓީތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު، އެ މުއްދަތުގެ ފަހުން ވަގުތީ ގޮތުން ފޯމު ބަލައިގަތުން މަޑު ޖައްސާލުމަށެވެ. އީސީގެ އެ ނިންމުމަށް ވެސް މަހުފޫޒު ފާޑު ވިދާޅުވި އެވެ. 

" [ފޯމުތައް ބަލައިގަތުން މަޑުޖައްސާލުން] އެއީ ކުރެއްވޭނެ ކަމެއް ނޫން. ސިޔާސީ ޕާޓިއެއްގެ މެންބަރެއްގެ ގޮތުގައި ހިމެނުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ހައްގެއް. އެ ހައްގު ނުހިފެހެއްޓޭނެ، މަޑުޖައްސާނުލެވޭނެ. ފެންމަތިވެގެން މިއުޅޭ މައްސަލައަކީ، ވަކި ޕާޓީއަކުން މެމްބަރުންގެ ނަމުގައި އެޕާޓީން މެންބަރުން އިތުރުކުރުމަށް ހިންގާގެން އުޅޭ ޖަރީމާއެއް،" އޭނާ ވިދާޅުވި އެވެ.

މަހްފޫޒު އިތުރަށް ވިދާޅުވި ގޮތުގައި:

  • ވަގު ފޯމު ހުށަހެޅުމުން އަޅަން ޖެހޭ ފިޔަވަޅަކީ، ގާނޫނުގައިވާ ގޮތުން އެއިން ކޮންމެ ފޯމަކަށް 10،000ރ. އިން ޖޫރިމަނާކުރުން

  • އެ ފިޔަވަޅު ނާޅާ، ހުރިހާ ޕާޓީއަކަށް ފޯމު ހުށަހެނޭޅޭ ގޮތަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސަތާރު ވިދާޅުވީ، ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތްކޮށްފައި ވަނީ، ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާ ކަމުގައިވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީސް ތެރެއިންކަން ޝޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ވަރަށް ރަނގަަޅަށް އެނގޭ ކަމެވެ. އަދި މިކަން ހިންގާފައިވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އެ ފޮޓޯތަކުން އެބަ ފާހަގަވޭ، ކޮމްޕިއުޓާ ސިސްޓަމްއިން ހުރިހާ ރައްޔިތުންގެ ފޮޓޯތައް ހުޅުވާލައިގެން ފަހަރަކު ފޮޓޯއެއް ޕްރިންޓް ކުރަމުން، ޖެހިގެން އިން މީހާ މެމްބާޝިޕް ފޯމުގައި ހިއްޕަން ޖެހޭ ސައިޒަށް ކަފަމުން، ދެން ތިއްބެވި މީހުން ހެކިވެރިންގެ ބައި ފުރަމުން، ފިންގަޕްރިންޓް ޖަހަމުން. މި ހުރިހާ ކަމެއް ބައްލަވަން ކޮޅަށް  ދެޖީބަށް އަތް ޖައްސަވައިގެން ހުންނެވީ، ރާއްޖޭގެ ހޯމް މިނިސްޓަރު [އަލީ އިހުސާން]، ޑީއެންއާރުއާ ހަވާލުވެ ހުންނެވި ފަރާތް،" އަދި އެއީ، ފުލުހުންގެ މުއައްސަސާގެ މެންޑޭޓު ވެސް ބެލެހެއްޓުމަށް ސިޔާސީ ގޮތުން އެންމެ އިސްކޮށް ހުންނެވި ފަރާތްކަން ފާހަގަ ކުރައްވައި، އަނަސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަނަސް ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

މި މައްސަލައިގައި އެމްޑީޕީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި އެހެން ކަންކަމަކީ: 

  • ފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކޮށްފައިވާ ޕީއެންސީގެ ޑެޕިއުޓީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ސޮއިކޮށްފައިވާ ކޮންމެ ފޯމެއް ވަކިވަކިން ތަހުގީހުކޮށްދިނުމަށް

  • މި މައްސަލައިގައި ތަހުގީގު ނިމެންދެން މިނިސްޓަރު އިހުސާން މަގާމުން އެކަހެރިކުރުމަށް

  • މިމަހުގެ ފަހުން ފޯމުތައް ބަލައިގަތުމަށް މަޑުޖައްސާލުމަށް އީސީން ނިންމި ނިންމުން ބަދަލުކޮށް، ޕިއެންސީން ހުށަހަޅާފައިވާ ފޯމުތައް އިތުރަށް ބެލުމަށް

ފާހަގަކޮށްލެވޭ ކަމެއް - ސައްހަ ނޫން ފޯމުތަކެއް ހުށަހަޅާފައިވާ މައްސަލައިގައި އެ ޕާޓީން ބުނެފައި ވަނީ ފޯމެއްގެ ސައްހަކަން ކަށަވަރުވުމުގެ ގާބިލުކަން ޕާޓީގައި ނެތް ކަމަށެވެ. އެކަން ކުރަން ޖެހެނީ އީސީން ކަމަށް ޕީއެންސީން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް