ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި އާލީ (މ). (ފޮޓޯ/ ޑީއެންއާރު)

'ވަގު ފޯމު'ތަކެއްގައި ޑީއެންއާރު ވެރިޔާގެ ސޮއި؛ އޭނާ ތުހުމަތުތަކަށް އިންކާރުކުރޭ

އެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އާލީ 'ދައުރު'އަށް ވިދާޅުވީ ޕީއެންސީއަށް މެންބަރުން ސޮއިކޮށްފައިވާ އެއްވެސް ފޯމެއްގައި ހެކީގެ ގޮތުގައި އޭނާ ސޮއިކުރައްވާފައި ނުވާ ކަމަށް

ވެރިކަންކުރާ ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޯމުތަކެއްގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި އޮތުމުން ގިނަ ތުހުމަތުތަކެއް އޭނާއަށް އަމާޒުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ބޮޑު ކެމްޕެއިނެއް ފަށާފައި ވަނިކޮށް މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ސޯޝަލް މިޑީއާއަށް ފެންމަތިވަމުން ދަނީ ޕީއެންސީއަށް ވަގަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލަ އެވެ. އޭގެ ބައެއް ފޯމުތަކުގައި އާލީގެ ސޮއި އޮތުމުން ޑީއެންއާރުގެ ތެރެއިން ވެސް މައުލޫމާތު ލީކުކުރާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.

ބުނީ ކީކޭ؟ - އެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އާލީ 'ދައުރު'އަށް ވިދާޅުވީ ޕީއެންސީއަށް މެންބަރުން ސޮއިކޮށްފައިވާ އެއްވެސް ފޯމެއްގައި ހެކީގެ ގޮތުގައި އޭނާ ސޮއިކުރައްވާފައި ނުވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާގެ ސޮއި އޮތް ފޯމުތަކެއްގެ ފޮޓޯތަކެއް ފެނުނު ކަމަށާއި އެއީ އުފައްދާފައިވާ ފޯމުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ދެ ފޮޓޯއެއް ވަރު ފެނުނު. ދެ ފޮޓޯގެ ސޮއި ވެސް ތަފާތު. ރަނގަޅު ވާހަކަތަކެއް ނޫން އެއީ. ޕާޓީއަކަށް މީހަކު ވައްދަން އެއްވެސް ފޯމެއްގައި ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ޑީއެންއާރުގެ ތެރެއިން މީހުންގެ ޒާތީ މައުލޫމާތު ޕީއެންސީއަށް ދެމުންދާ ކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާ ވިދާޅުވީ އެފަދަ އެއްވެސް ނުހިނގާ ކަމަށެވެ. އަދި މީހުންގެ އައިޑީ ކާޑުގެ ކޮޕީ އެ އިދާރާގައި ރައްކާކޮށްފައި ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައިޑީ ކާޑުގެ ސޮފްޓްތަކެއް ވެސް ނުހުންނާނެ އަޅުގަނޑުމެން ސްޓޯކޮށްފައެއް ވެސް. ޑީއެންއާރުގެ ތެރެއިން އެއްވެސް މީހެއްގެ ޒާތީ މައުލޫމާތެއް، އައިޑީ ކާޑުގެ ސޮފްޓާއި ސޮއި ހޯދޭނެ ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އާއި ކުރީގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވެސް ޕީއެންސީއަށް ވައްދާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ކޮމެންޓް (1)

ސީނާ

23 ޖެނުއަރީ 2025
ބަރާބަރަށް ވަގު ފޯމް ފުރި އަޅުގަނޑުމީ އެއްވެސް ފޯމެއް ޕީއެންސީ އަށް ފުރިމީހެއްނޫން އެކަމަކު އަޅުގަނޑުގެ ފޯމް ވައްދާފައިނީ މިނިމިދިޔަ ޑިސެމްބަރ މަހުގަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް