އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އިއްޔެ އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު، އެޕާޓީގެ ތަރުޖަމާނު އަނަސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އެމްޑީޕީ

ވަގު ފޯމު ހުށަހަޅަނީ ޕީއެންސީއަށް ތާއީދު ނެތުމުން: އެމްޑީޕީ

ޕީއެންސީގެ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ފަހު، އަލުން ފޯމުތައް ބަލަން އެމްޑީޕީން އީސީގައި އިއްޔެ ވަނީ އެދިފައި

އެކި މީހުންގެ ނަމުގައި ވަގު މެމްބާޝިޕް ފުރައިގެން މެންބަރުން އިތުރުކޮށްފައި ވަނީ ޕީއެންސީއަށް ތާއީދު ނެތުމުން ކަމަށް އިދިކޮޅު އެމްޑީޕީން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައެއް އާންމު މެންބަރުންނަށް ނޭނގި، އެ މެންބަރުން ޕީއެންސީއަށް ވައްދާފައިވާކަމުގެ ކަންބޮޑުވުން އެމްޑީޕީން މީގެ ކުރިން ވެސް ފާޅުކޮށްފައިވެ އެވެ. މި ކަންބޮޑުވުން ހިއްސާ ކުރުމަށް އިއްޔެ އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އާ ބައްދަލުކުރައްވާފަ އެވެ.

ތަފްސީލު - އީސީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެ އިދާރާގެ ބޭރުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، މިހާތަނަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރު މެންބަރެއް ހިމެނޭ ގޮތަށް އެ ޕާޓީގެ ބައެއް މެންބަރުން "ވަގު ފޯމު ހުށަހަޅައިގެން" ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ. 

އޭގެ އިތުރުން، މިގޮތަށް ކިތައް މެންބަރުން ވަގަށް ޕާޓީތަކަށް ވައްދާފައިވޭތޯ މިހާރު ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ސިޔާސީ ޕާޓީ [ޕީއެންސީ]ން ވަކި އަދަދެއްގެ ފޯމު ފުރުމަށް ފަހު، ވަކި ޓާގެޓެއް ހާސިލުކުރުމަށް ކަމަށް ބުނެ، ރައްޔިތުންގެ ތާއީދު ނެތް ސިޔާސީ ޕާޓީއަކަށް ސޮއި ކުރާނެ ރައްޔިތުން ނުތިބޭނެ. [އެހެންވެ] އެކަން [އެ ޓާގެޓް ހާސިލުކުރުމަށް] ކުރެވެން އޮތް ގޮތަކަށް އެ ބޭފުޅުން އެ ކުރަނީ. އެއީ ވަގު ފޯމު ހަދައިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ތާއީދު އޮތް ކަމަށް ދައްކަމުން ދިއުން،" އަނަސް ވިދާޅުވި އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަނަސް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

އަނަސް ތުހުމަތު ކުރެއްވި ގޮތުގައި، ޕީއެންސީން މި ވަގު ފޯމުތައް ފުރާފައިވަނީ ދައުލަތުގެ ވަސީލަތްތައް ވެސް ނަހަމަ ގޮތުގައި ބޭނުންކޮށްގެންނެވެ. މިކަން ކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީސް ތެރޭގައިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވެ، އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގައި އެދުނީ މި ބާވަތުގެ އަމަލުތައް ހުއްޓުވައިދިނުމަށް، އެ ބޭފުޅުން ޕީއެންސީގައި ދަންނަވައިދެއްވުމަށް. އެއްގޮތަކަށް ވެސް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރެވިގެން ނުވާނެ. ޕާޓީއަށް މެންބަރުން އިތުރު ކުރަން ވާނީ ޕާޓީގެ ސިޔާސަތުތައް ވިއްކައިގެން [އަދި] ޕާޓީއަށް ތާއީދު ހޯދަން މަސައްކަތްކޮށްގެން،" އޭނާ ވިދާޅުވި އެވެ.

"[އޭގެ އިތުރުން] އަޅުގަނޑުމެން އެދުނީ ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރުން ހުއްޓާލާފައި އެ ފޯމުތައް ވަކިވަކިން ބެލުމަށް."

އަނަސް ވިދާޅުވީ:

  • ވަގު ފޯމު ހުށަހެޅުމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިކަން އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭ

  • ގާނޫނާއި ގަވައިދުގެ ތެރެއިން ވަގު ފޯމު ހުށަހެޅި ފަރާތްތަކާ މެދު ފިޔަވަޅު ވެސް އަޅަން ޖެހޭނެ

  • މި ހުރިހާ ކަމެއް ވަރަށް ހަރުކަށިކަމާ އެކު ބަލަން ޖެހޭ

ގުޅުން ހުރި - ވަގަށް ޕީއެންސީއަށް ވެއްދި ކަމަށް ބުނާ މެންބަރުންގެ ތެރޭގައި މަނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ތޯރިގް ހިމެނެ އެވެ. އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން ހުންނެވި ތޯރިގް ވަނީ މިހާރު މި މައްސަލަ ފުލުހަށް ވެސް ހުށަހަޅުއްވާފަ އެވެ. އޭނާ ވަނީ އެ "ވަގު ފޯމު" ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިމަނުއްވާފަ އެވެ.

"ކަނޑައެޅިގެން އަޅުގަނޑުގެ ފޮޓޯ ނޫންކަން އެނގޭ ވަރު ތަފާތު އެހެން މީހެއްގެ ފޮޓޯ ޖަހާފައި، ކިރިޔާ ބަލާލިޔަސް އަޅުގަނޑުގެ ސޮއި ނޫންކަން އެނގޭ ވަރު ތަފާތު ސޮއެއް ކޮށްފައި، އަޅުގަނޑުގެ މަންމަގެ މައުލޫމާތު ވެސް ގޯސްކޮށް ލިޔެފައި، ކޮންމެވެސް މީހެއްގެ ފިންގާ ޕްރިންޓު ޖަހާފައި އަޅުގަނޑުގެ ނަމުގައި ޕީއެންސީން ފޯމް ހުށަހެޅީމަ އިލެކްޝަންސް ކޮމިޝަނުން ބަލާލުމެއް ނެތި ގަބޫލުކޮށް، އަމަލުކުރުމުން އުފެދޭ ސުވާލަކީ އެ މުއައްސަސާ ހިންގަނީ ޕީއެންސީންތޯ؟،" އެ ޕޯސްޓުގައި ތޯރިގު ލިޔުއްވާފައިވެ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

މި މައްސަލަ ފެންމަތިވެފައިވާތާ ހަފްތާއެއްހާ ދުވަސްވީއިރު މިހާތަނަށް މިކަމާ ގުޅިގެން  ޕީއެންސީން އެއްޗެއް ނުބުނެ އެވެ. އެ ޕާޓީގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން އަދި ޖަވާބެއް ނުލިބެ އެވެ.  


އިތުރު އާޓިކަލް

އިތުރު އާޓިކަލް