މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ހުސައިން ޒިޔާދު: ޒިޔާދުގެ ނަން ވެސް ޕީއެންސީގައި (ދައުރު ފޮޓޯ/ އަނާމް އަޒްމީލް)

ހުސައިން ޒިޔާދު

މެންބަރު ޒިޔާދު ވެސް ޕީއެންސީއަށް؛ އެކަމަކު ހަގީގަތެއް ނޫން

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ރޭ ޕީއެންސީއަށް ސޮއިކޮށްގެން އެ އުފާ ފާޅުކުރަމުން ދަނިކޮށް މިއަދު އެ ޕާޓީއަށް ލިބުނީ އެމްޑީޕީގެ މަޖިލިސް މެންބަރެއް؛ އެކަމަކު އެއީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ރުހިގެން، އެނގިގެންވީ ކަމެއް ނޫން
13 ޖެނުއަރީ 2025

ސަރުކާރު ހިންގަން ހަވާލުވި އިރު ޕީއެންސީއަކީ މާ ބޮޑު ޕާޓީއެއް ނޫނެވެ. ކިރިޔާ 3،000 މެންބަރުން ހަމަވާ  ޕާޓީއެކެވެ. ރާއްޖޭގެ މައި ދެ ޕާޓީގެ ތެރޭގައި އޭރު ހިމެނޭ ޕީޕީއެމްގެ 'ބެކްއަޕް' ޕާޓީއެކެވެ. މި 'ކުޑަކުޑަ' ޕާޓީ ވެރިކަންކުރާ ޕާޓީއަށް ވަނީ ޕީޕީއެމްގެ ތާއީދުންނެވެ.

މިހާރު ޕީޕީއެމް ވެސް އުވާލީ އެވެ. އެ ޕާޓީގެ މެންބަރުންތައް ޕީއެންސީއަށް ދަނީ ސޮއި ކުރަމުންނެވެ. މިހާރު ރާއްޖޭގެ 'އެންމެ ބޮޑު ޕާޓީ' އަކީ ޕީއެންސީއޭ އެބަ ކިޔަ އެވެ. އެގޮތުން، 60،000 ހަމަވެއްޖެ ކަމަށް އިއުލާންކޮށްފި އެވެ. އަމާޒު މިހާރު ހުރީ 100،000 އަށެވެ. 

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ރޭ ޕީއެންސީއަށް ސޮއި ވެސް ކޮށްފި އެވެ. އެ އުފާ ފާޅުކުރަމުން ދަނިކޮށް މިއަދު އެ ޕާޓީއަށް ލިބުނީ އެމްޑީޕީގެ މަޖިލިސް މެންބަރެކެވެ. ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ. 

އެކަމަކު ޒިޔާދުގެ ނަން ޕީއެންސީގެ ދަފްތަރުގައި އޮތުމަކީ އޭނާ ރުހިގެން ހިނގި ކަމެއް ނޫނެވެ. އޭނާ ހުރީ 'ގަދަކޮށް' އެމްޑީޕީއަށް އޮތް ވަފާތެރިކަމުގަ އެވެ. ޕީއެންސީއަށް އެމްޑީޕީގެ މެންބަރުން 'ވަގަށް' ވައްދާ ކަމަށް އެ ޕާޓީން ތުހުމަތުކުރަމުންދާތާ ދުވަސްވަރެއް ވެއްޖެ އެވެ.

މި ގެއްލުނީ މަޖިލިސް ގޮނޑިބާ؟

ޒިޔާދަކީ ސިޔާސީ މައިދާނުގައި ހުރި އެންމެ 'ސިޔާސަ' އެކަކެވެ. ޕީއެންސީގައި އޮތް ކަމަށް މައުލޫމާތު ލިބިގެން އޭނާއަށް ގުޅުމުން ވެސް ދެއްކީ 'ސިޔާސަ' ވާހަކަތަކެކެވެ.

ފުރަތަމަ ވެސް ވިދާޅުވީ ޕީއެންސީ މެންބަރެއްކަން އެނގުނީ "ހަމަ ދާދި ދެންމެއަކު" ކަމަށެވެ. ޕީއެންސީ ކަމުގޮސްގެން ސޮއިކުރިތޯ ވަރަށް ވިސްނައި ވެސް ފީމެވެ. އެކަމަކު ހަމަ އެއް ގޮތަކަށް ވެސް އެ ޕާޓީއަށް ތާއީދުކުރާ ހިތްވެގެން އޭނާ ސޮއިކުރި ހަނދާނެއް ނާދެ އެވެ.

ޕީއެންސީއަށް އޭނާ ބަދަލުވި ކަމަށް އޮތުމުން ދެން އޮތީ ކަންބޮޑުވުމެވެ. ސަމާސާ ރާގެއްގައި ވިދާޅުވީ "ދެން މި ގެއްލުނީ މަޖިލިސް ގޮނޑި" ކަމަށެވެ. ދާއިރާގެ ރައްޔިތުންގެ އަޑު އުފުލޭނެ ގޮތް ނުވީ އެވެ.

ޒިޔާދު އިޝާރާތް ކުރެއްވީ މި ފަހުން ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލަށެވެ. އެއީ އިންތިހާބުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި ބަދަލެކެވެ.

އެކަމަކު ސަމާސާ ރާގު ދޫކޮށް ޒިޔާދު ސީރިއަސްވެފައި ދެން އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވަގުތުން ފްލެގްވާނެ ކަމަށް އެ ކޮމިޝަނުން ދިން ޔަގީން ކަމެވެ.

"އެކަމަކު ފްލެގެއް ވެސް ނުވި. މިހާރު ދެން މިއިނީ ވަރަށް ހާސްވެފައި. މަޖިލީސް ގޮނޑި ވެސް ގެއްލުވައިނުލާނެ ކަމެއް ދެން ނޭނގެ،" ޒިޔާދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް