މަޖިލީހުގެ ޖަލްސާއެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޕީއެންސީއަށް ވަގަށް މީހުން ވެއްދި ކަމަށް ބުނަނީ ބަޔަކަށް ހަޖަމް ނުވެގެން: ފަލާހު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އެއްވެސް މީހަކަށް ނޭނގި އެ ޕާޓީއަށް ވައްދާފައިނުވާ ކަމަށް؛ އެމްޑީޕީ މެންބަރު ހުސެން ޒިޔާދު ޕީއެންސީއަށް ވަދެފައިވަނީ އަމިއްލައަށް ކަމަށް ފަލާހު ތުހުމަތުކުރެއްވި
16 ޖެނުއަރީ 2025
4

ވެރިކަން ކުރާ ޕީއެންސީއަށް ވަގަށް މީހުން ވައްދައިގެން މެންބަރުން އިތުރުކޮށްފައިވާ ކަމަށް ބުނެ ތުހުމަތުތައް ފެންމަތިކުރަނީ އެ ޕާޓީއަށް މެންބަރުން އިތުރުވިލެއް އަވަސްކަމުން ބަޔަކަށް ހަޖަމް ނުވެގެން ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު މިހެން ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް އައްޔަންކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ. 

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ނިސްބަތްވާ ޕީއެންސީއަށް މިދިޔަ ދުވަސްތަކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑުމެން 75000 މެންބަރުން ގާތްގަނޑަކަށް ހަމަވުމާ ގާތަށް މިދަނީ. ދާއިރުގައި މުޅި ރާއްޖޭގައި މިވަގުތު އުފެދިފައި މި އޮތް ބައެއް ސިޔާސީ ޕާޓީތަކުން މިކަން އެ ބޭފުޅުންނަށް މިހާ ބޮޑު އަދަދެއް މިހާ ކުރު މުއްދަތެއްގައި ޕާޓީއަކަށް ވައްދާތީ ހަޖަމް ނުވެގެން، އަމިއްލައަށް މީގެ ތެރެއަށް ގަޑުބަޑުކުރަން، މީގެ ތެރެއަށް ބައެއް ބޭފުޅުން އެބަހުރި ޕީއެންސީއަށް ވަދެފައި،" ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެން ޒިޔާދު ހިމެނޭހެން އެތައް ބަޔަކު ޕީއެންސީއަށް ވަގަށް ވައްދާފައިވާ މައްސަލަ މިފަހުން ފެންމަތިވެފައިވާއިރު، އެކަމަށް ނުސީދާ ރައްދެއް ދެއްވަމުން ފަލާހު ވިދާޅުވި އެވެ.

"މިއަދު މިއީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިކަން އެނގެން ޖެހޭ ދުވަހެއް. އަމިއްލަފުޅަށް ރައްޔިތުންގެ މި މަޖިލީހުގެ ބައެއް މެންބަރުން ޕީއެންސީއަށް ވަދެފައި އެބަހުރި ވަގަށް ފޯމު ކޮށްޕާލައިގެން މީޑިއާއަށް މި މައްސަލަ ދީފައި ވަރަށް ނުބައި ކަންތައްތައް ދީފައި."

މަޖިލީުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ފަލާހުގެ އެ ތުހުމަތާ އެކު އެމްޑީޕީ މެންބަރުން ވަނީ ނިޒާމީ މައްސަލަތައް ނަންގަވައި އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ފަލާހުގެ ވާހަކަތައް ދޮގުކުރައްވައި ވިދާޅުވީ ޒިޔާދު ޕީއެންސީއަށް ވައްދާފައިވަނީ ވަގަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ނިންމަވާ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީއަށް އެ މެންބަރު ވަގަށް ވައްދާފައިވާ މައްސަލައަކީ ސާބިތު ނުހިފޭ ވާހަކައެއް ކަމަށެވެ.

މައުރޫފުގެ ނިޒާމީ މައްސަލައަށް ފަހު ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މެންބަރު އަމިއްލައަށް ޕީއެންސީއަށް ވަތް ކަމަށް ވިދާޅުވީ އެ މެންބަރުގެ އަގު ވައްޓާލަން ނޫން ކަމަށެވެ. ފަލާހު ވަނީ ޒިޔާދަކީ މީގެ ކުރިން ވެސް އޭނާއަށް ނޭނގި އެކި ސިޔާސީ ޕާޓީތަކަށް ވައްދާފައިވާ ކަމަށް މައުލޫމާތު ލިބޭ ފަރާތެއް ކަމަށް ވިދާޅުވެފަ އެވެ.

"އެހެންވީމަ އެއް މެންބަރެއް މިވައްދަނީ މި ހުރިހާ ޕާޓީއަކަށް ވެސް އޮޅުވާލައިގެން،" ފަލާހު ވިދާޅުވި އެވެ. 

އޭގެ ފަހުން ނިޒާމީ ނުކުތާއެއް ނަންގަވައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ވަނީ ޒިޔާދުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ވައްދާފައިވަނީ ޒިޔާދު ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ވެސް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އަބްދުއްރަހީމް ވަނީ އޭނާގެ ވާހަކަ ދިފާއުކުރައްވައި އެފަދަ މައުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް އަންގާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ނިންމެވި އެވެ.

މަޖިލީުގެ ޖަލްސާއެއްގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ. (ފޮޓޯ/މަޖިލިސް)

ފަލާހު ވަނީ އޭނާގެ ވާހަކަ ކުރިއަށް ގެންދަވާފަ އެވެ. އޭނާ ވިދާޅުވީ ޕާޓީއަކަށް ވަންނަން އަމިއްލައަށް ފޯމު ގެންދަން ކޮންމެހެން ނުޖެހޭނެ ކަމަށެވެ.

"އެ ބޭފުޅާ އެކަން ކޮށްފާނެ މީހަކު މެދުވެރިކޮށް ވެސް. އަޅުގަނޑަށް އެމްޑީޕީއަށް ވަދެވިދާނެ. އެމްޑީޕީ މިސާލަކަށް މިތާ އިންނަ ރައްޔިިތުންގެ މަޖިލީހުގެ މެންބަރެއް ލައްވާ ފޯމު ފުރާ، އޭނާ ލައްވާ ވެސް ފޯމު އެމްޑީޕީއަށް ލެވިދާނެ. އެއްގޮތަކަށް ވެސް މި ޒަމާނަކީ މި ބޭފުޅުން މިކިޔާ ގޮތަކަށް ނޫން،" ތުހުމަތުތައް ދިފާއުކުރައްވައި ފަލާހު ވިދާޅުވި އެވެ.

އޭނާ ވަނީ ވާހަކަ ދައްކަން ހުޅުވާލުމުން އެމްޑީޕީ މެންބަރުން ވާހަކަ ދައްކަން ފުރުސަތު ނުހޯދާ އެނާގެ ވާހަކައިގެ މެދުތެރެއިން ނިޒާމީ ނުކުތާ ނަންގަވާތީ އެކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން، އެމްޑީޕީއަކީ ވަގަށް ކަންކަން ކުރަން މޮޅު އަދި ފަރިތަ ޕާޓީއެއް ކަމަށް ވެސް ފަލާހު ތުހުމަތު ކުރެއްވި އެވެ. 

އޭނާ ވިދާޅުވީ ޕީއެންސީއަށް މީހުން ވެއްދިއިރު، އެ މީހުންނަށް ނޭނގި، ވަގަށް އެެއްވެސް މީހަކު ވައްދާފައިނުވާނެ ކަމަށެވެ.

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް މިދިޔަ އަހަރު މާލޭގައި ފެށި ހަރަކާތް ފެށުމުގެ ކުރިން އެޕާޓީގެ ހަރުގޭގައި ފަލާހު ވާހަކަ ދައްކަވަނީ. (ފޮޓޯ/ ޕީއެންސީ)

"އެހެން ނަމަވެސް، 75000 މެންބަރުންގެ މިވަރުގެ ބޮޑު މެންބާޝިޕް ހަރަކާތެއް ހިންގާއިރުގައި އޮވެދާނެ. މީ އަލަށްތޯ މިކަން މި ހިނގީ،" އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި ފަލާހު ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ވެސް އެބަހުރި ސިޔާސީ ޕާޓީތަކަށް ވައްދާފައި. މިއީ މާ ވަރުގަދަ ކަމަކަށް ހަދައި ދުނިޔޭގައި އަލަށްވީ ކަމަކަށް ހަދައި މިވާހަކައެއް ނެތް ދައްކާފައި، އިއްޒަތްތެރި ރައީސް. އެހެންވީމަ އަޅުގަނޑުމެން މެންބާޝިޕް ޑްރައިވް ހިންގިއިރަކު ޕީއެންސީއަކުން ނޯންނާނެ 75000 މެންބަރުން ވަންނައިރުގައި އޮވެދާނެ މި ބޭފުޅުން ވެސް [އެމްޑީޕީ މަޖިލިސް މެންބަރުން] މިކަންކޮށްފައޭ އަޅުގަނޑު މި ދެންނެވީ. ފިއްޓޭ [ޒިޔާދު]އަކީ މިތާ އިއްޒަތްތެރި މެންބަރަކީ އާންމުކޮށް މިކަންކޮށްފައި އޮތް މެންބަރެއް."

މިއިން އެއްވެސް ވާހަކައަކަށް އެވަގުތު މެންބަރު ޒިޔާދު ރައްދު ދެއްވައި ވާހަކަ ދައްކަވާފައެއް ނުވެ އެވެ. ނަމަވެސް ޖަލްސާގައި އޭނާ އިންނެވި އެވެ.

ފަސް މަންޒަރު - އެތައް ބަޔަކަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން ޕީއެންސީގެ ދަފްތަރުގައި މީހުން ޖައްސާފައިވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެގޮތުން، ޒިޔާދަށް ވެސް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއާ އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބާތިލްކޮށްފަ އެވެ. 

މީގެ އިތުރަށް: 

  • ޕީއެންސީން ހުށަހެޅި ސައްހަ ނޫން ފޯމުތަކެއްގައި ޑީއެންއާރުގެ ވެރިއަކަށް ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި ހިމަނާފައިވާ މައްސަލަ ފެންމަތިވި؛ އެކަމަކު އެކަން އޭނާ ދޮގުކުރޭ

  • ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ އޮފީސް ތެރޭ ކުރާ ތަން ފެންނަ ފޮޓޯތަކެއް ވަނީ ހާމަވެފައި؛ އެ ފޮޓޯތަކުގައި ހޯމް މިނިސްޓަރު އިހުސާން އެ މަސައްކަތް ކުރާ ތަނުގައި ހުންނަވާ ތަން ފެނޭ؛ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ވަނީ އެމްޑީޕީން ވަނީ ނިންމާފައި

އެނގުން މުހިންމު - މި މައްސަލައާ އެކު އީސީން މިހާރު ވަނީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

ކޮމެންޓް (4)

ކޮސް

17 ޖެނުއަރީ 2025
މިހުންނަނީ ޕާލަމެންޓުރީ ގުރޫޕުގެ ފެންވަރު. ހަމަ ގައިމު މިލެވެލެލްގަ ވާހަކަ ދައްކާނީ ރައީސްގެ އިޒުނަ އޮވެގެން. އެހެން ނޫންނަމަ މިކަހަލަ ވާހަކަދައްކާ މީހެއްގެ ހައިސިއްޔަތު ވަޤުތުން އަތުލާނެ....
0 1

ސިކުނޑި

16 ޖެނުއަރީ 2025
ކޮންމެވެސް ކަންތައް ގަނޑެއް ހިނގީމަ ތޯއްޗެއް އިލެކްޝަންސްއިން މީހުން ޕާޓީތަކަށް ވެއްދުން މަޑުޖައްސަލާފައި އެއޮތީވެސް! ފަލާހު މެންނަކީ، މީހަކު ދައްކާވާހަކައެއް އަޑު އިވުނަސް އަދި ލިޔެފައި އޮންނަ އެއްޗެއް ކިޔަސް ދޭހަ ނުވާމީހުން! ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަކީ އޭގެ ހެއްކެއް!!
2 1

ހާމިދާ

16 ޖެނުއަރީ 2025
ހަމަ އެނގިހުރި ތިޔަހާ ބޮޑެތި ދޮގުތައް ހަދާއިރު ﷲ ވާކަން ހަދުމަވެސް ނުވޭ ދޯ. ފަލާހު މެން ކަހަލަ މީހުންގެ މައްޗަށް ﷲ ކޯފާ ލައްވާށި. އާމީން
4 1

ސަންފާ

16 ޖެނުއަރީ 2025
ހަޖަމު ނުވެގެނެއް ނޫން. ހަމަ ގައިމުވެސް މަ ވެއްދީ ވަގަށް. މަމީ ޕީއެންސީ އަށް ވަންނަން ފޯމް ފުރި މީހެއް ނޫން. މިހާރު ޕާޓީއެއްގަ ނޫޅޭތާވެސް 5 ވަރަކަށް އަހަރު ވެދާނެ. ކުއްލިއަކަށް ފެނުނީ ޕީއެންސީ އަށް ވައްދާފަ އިންދާ. ބޮޑު މުސީބާތެއް ޖެހިފައި މިއޮތީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް