ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ޑީއެންއާރުގައި ހުރި އާންމުންގެ މައުލޫމާތު ބޭނުންކޮށް، ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިކަމަށް ވަނީ ތުހުމަތު ކުރެވިފައި (ދައުރު ފޮޓޯ/ އަނޫފް ޖުނައިދް)
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅަނީ
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުން މަޖިލީހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު މިއަދު 'ދައުރު'އަށް ވިދާޅުވީ މިއަދު ބޭއްވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ބައްދަލުވުމުން ނިންމާފައި ވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީހާ ވެސް އަވަހަކަށް މަޖިލީހަށް ހުށަހެޅުމަށް ކަމަށެވެ.
ތަފްސީލް - އިހުސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ނިންމީ އޭނާ ވިދާޅުވި ގޮތުގައި:
-
ހޯމްލޭންޑު މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި އާންމުންގެ މައުލޫމާތު ނަހަލަ ގޮތުގައި ބޭނުންކޮށް، ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދުމަށް ސައްހަ ނޫން ފޯމް ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގައި އިހުސާން އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރެވޭތީ
-
ބިދޭސީން ގެންނަން ކޯޓާ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ކުރައްވަމުން ގެންދަވާކަމުގެ ތުހުމަތު ކުރެވޭތީ
އެނގުން މުހިންމު - އެތައް ބަޔަކަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން ޕީއެންސީގެ ދަފްތަރުގައި މީހުން ޖައްސާފައިވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް، އޭނާއަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބާތިލްކޮށްފަ އެވެ. މީގެ އިތުރަށް:
-
ޕީއެންސީން ހުށަހެޅި ސައްހަ ނޫން ފޯމުތަކެއްގައި ޑީއެންއާރުގެ ވެރިއަކަށް ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި ހިމަނާފައިވާ މައްސަލަ ފެންމަތިވި؛ އެކަމަކު އެކަން އޭނާ ދޮގުކުރޭ
-
ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ އޮފީސް ތެރޭ ކުރާތަން ފެންނަ ފޮޓޯތަކެއް ވަނީ ހާމަވެފައި؛ އެ ފޮޓޯތަކުގައި އިހުސާން އެ މަސައްކަތް ކުރާތަނުގައި ހުންނަވާތަން ފެނޭ
ފޮޓޯތައް އެހެން ހުރި ނަމަވެސް ސައްހަ ނޫން ފޯމް އީސީއަށް ހުށަހެޅުމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނޭ ކަމަށް ބުނެ އިހުސާން ވަނީ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
އީސީން ބުނެފައި ވަނީ ޝަކުވާތަކާ ގުޅިގެން ޕާޓީއަށް މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމްތައް އިތުރަށް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޕީއެންސީއަށް 75،000 މެންބަރުން ހަމަ ކުރުމަށް އެ ޕާޓީން ވަނީ މިދިޔަ އަހަރު ކެމްޕޭނެއް ހިންގައިފަ އެވެ.
ކޮމެންޓް (1)
ތެފައާސާ.