ޕީއެންސީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޕީއެންސީ

ވަަގު ފޯމެއްތޯ ބެލޭކަށް ނެތް؛ އެކަން ކުރަން ޖެހޭނީ އީސީން: ޕީއެންސީ

ވަގު ފޯމު ހުށަހަޅައިގެން މެންބަރުން އިތުރުކޮށް، ރައްޔިތުންގެ ހައްގުތައް ގެއްލޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ، ޕާޓީގެ ރައީސް، ރައީސް މުހައްމަދު މުއިއްޒު އާއި ލީޑާޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށް ޕީއެންސީން ބުނި

ސިޔާސީ ޕާޓީތަކުގެ މެމްބާޝިޕް ފޯމު ސައްހަތޯ ކަށަވަރުކުރަން ޖެހެނީ އިލެކްޝަންސް ކޮމިޝަން (އީސީ)ން ކަމަށާއި އެ ގާބިލުކަން ޕާޓީގައި ނެތް ކަމަށް ބުނެ، ވަގު ފޯމު ހުށަހެޅިކަމުގެ ތުހުމަތު އަމާޒުވާ ވެރިކަން ކުރާ ޕާޓީ، ޕީއެންސީން އެ ތުހުމަތުތަކުން މިއަދު އަމިއްލައަށް ރެކިއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން 75،000 މެންބަރުން ހަމަ ކުރުމަށް މިދިޔަ އަހަރު ހިންގި މެންބާޝިޕް ޑްރައިވްގެ ތެރެއިން ބައެއް މީހުންނަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތު އެ ޕާޓީއަށް ދަނީ އަމާޒުވަމުންނެވެ. އެ ތުހުމަތު އަމާޒުވިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ފަހުން ޕީއެންސީން މިއަދު ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެ، އެ މައްސަލަ ޕާޓީ ތެރެއިން ވެސް ބަލަމުންދާ ކަމަށް ބުނެ، ދިފާއުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ.

ތަފްސީލު - ޕީއެންސީގެ ބަޔާނުގައި ބުނި ގޮތުގައި، 75،000 މެންބަރުން ހަމަކުރުމަށް "ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ" ބައިވެރިވުމާ އެކު ހިންގި މެންބާޝިޕް ޑްރައިވްގައި އިސީއަށް ހުށަހެޅި "އެތައް ހާސް ފޯމެއް"ގެ ތެރެއިން "މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް" ހުށަހެޅިފައިވާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ވަރަށް ބޮޑަށް ޕާޓީގެ ދިފާއުގައި އެ ބަޔާނުގައި ވާހަކަ ދައްކާފައިވެ އެވެ.

އެގޮތުން، ބަޔާނުގައި ބުނީ:

  • އެ މެންބާޝިޕް ޑްރައިވްއަކީ ރާއްޖޭގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް މެންބަރުން ވަނުމަށް ފޯމު ހުށަހެޅި އެއް ހަރަކާތް

  • ޕާޓީގެ އިދާރީ މުއައްޒަފުން މިކަމުގައި ނުހަނު ބުރަކޮށް މަސައްކަތްކޮށްފައިވޭ

"ޕާޓީން އިލެކްޝަންސް ކޮމިޝަން ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް އަޕްލޯޑް ކުރަމުން ދިޔަ ނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުގެ ނަތީޖާއަކީ، ފޯމެއްގެ ސައްހަކަމާ މެދު ސުވާލެއް އުފެދޭ ހިސާބަކީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާއެއް ކަމުގައިވުމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން ފާހަގަ ކުރި ގޮތުގައި، އެ ގާބިލުކަން ޕާޓީގައި ނެތުމަކީ ޕާޓީ ސިސްޓަމް ރާއްޖެއަށް އައީއްސުރެ އެހެން ޕާޓީތަކަށް ވެސް ދިމާވާ މައްސަލައެކެވެ. 

ވަގު ފޯމު ހުށަހެޅި މައްސަލަ އީސީން ވަނީ ފުލުހަށް ވެސް ހުށަހަޅާފަ އެވެ. ޕީއެންސީން ބުނި ގޮތުގައި، މިކަމުގައި އީސީއަށާއި ފުލުހުންގެ މުއައްސަސާއަށް ޝަކުވާތަކެއް ލޮގް ކުރެވިފައިވާތީވެ، އެ ދެ މުއައްސަސާއިން ވެސް އެކަން ބަލަމުންދާކަން އެ ޕާޓީއަށް ވަނީ އަންގާފައި އެވެ.

"އަދި މި ޕާޓީން ވެސް މިދަނީ ފޯމުތައް ހުށަހެޅިފައިވާ ގޮތް ބަލަމުން ކަމުގައި ދަންވަމެވެ. އަދި ކޮންގްރެސް ޕާޓީ [ޕީއެންސީ]ގެ ފަރާތުން މި ދެ މުއައަސަސާއަށް މިކަން ބެލުމުގައި ފުރިހަމައަށް އެއްބާރުލުން ދެމުންގެންދާނެ،" އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަން ފާހަގަކުރަމުން ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން، އެ ބަޔާނުގައި ބުނީ:

  • ސައްހަ ނޫން ފޯމުތަކެއް ހުށަހަޅައިގެން ޕާޓީއަށް މެންބަރުން އިތުރުކޮށް، ރައްޔިތުންގެ ހައްގުތައް ގެއްލޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ، ޕާޓީގެ ރައީސް، ރައީސް މުހައްމަދު މުއިއްޒާއި ލީޑާޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ އަދި ހިތްވަރުދޭ ކަމެއް ނޫން

  • މި މައްސަލައަށް އަވަސް ހައްލެއް ގެނައުމަށާއި ޕާޓީގެ މެންބަރުން އަދި ޖުމްލަކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޕާޓީން ކުރަން ޖެހޭ ކަމެއް

އެއާ އެކު، ޕީއެންސީން އެދުނީ، އެއްވެސް މީހެއްގެ ނަމުގައި ސައްހަ ނޫން ފޯމެއް ހުށަހަޅާފައިވާ ނަމަ، އެކަން އެ ޕާޓީގެ ރަސްމީ އީމެއިލް ([email protected])އަށް ފޮނުވުމަށެވެ. އަދި އެކަން ހައްލުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮއްދޭނެ ކަމުގެ ޔަގީންކަން ޕީއެންސީން ދިނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޕީއެންސީއަށް "ވަގަށް" ވެއްދި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ހިމެނެ އެވެ. އެމްޑީޕީން ބުނި ގޮތުގައި، ޕީއެންސީން ވަގު ފޯމު ހުށަހަޅާފައިވަނީ ސަރުކާރަށް ތާއީދު ނެތުމުން، ޕާޓީއަށް ވަންނާނެ ބަޔަކު ނެތުމުންނެވެ.

ކޮމެންޓް (3)

ބޮޑުދިދަ

14 ޖެނުއަރީ 2025
ރަނގަޅޭ ކަލޭމެން އެއްވެސް އިރެއްގައި ފޯރމެއް ފުރިތަ. މިހާރުވެސް އީ.ސީ އާއި ޑީ.އެން.އާރު ތެރޭގައި ނޫންތޯ ތި ޕާޓީ އަށް ފޯރމުތައް ފުރާދެނީ. ކެކެކެ
2 0

ފެކްޓް

14 ޖެނުއަރީ 2025
ކްރެޑިޓް ނަގަންޏާ އެއީ ލޮބުވެތި ރައީސްގެ އިސްނެންގެވުމާ އިރުޝާދާ ޙިކުމަތާ ނިޔަތޭ ކިޔާނެ. އެ ހެޔޮ ޕާޓީ މެމްބަރަކު ފާހަނާ ކުރިޔަސް. ކަންކަން ފަޅާއެރީމާ.... އަމިއްލަ ޕާޓީ އެންމެ އެތެރޭގެ އަސާސް ކަމެއްގެ ގޮތުގައިވާ ޕާޓީ ފޯރމް ފުރާ ބޮނޑި ބޮނޑި އަށް ހަވާލުވެ މި ބުނަނީ ތިމަންނާމެންގެ ކަމެއް ނޫނޭ. ނޫނޭވާ މުނާފިޤުކަމެއް ލައްވާފަ ތިބި ބައެއްމީ.
2 0

ސިކުނޑި

14 ޖެނުއަރީ 2025
ކިހާރީތި ވާހަކަ! ގިނައިން ފޯމު ގެންނަ މީހަކަށް ދާއިރާގެ ރައީސްކަމާއި ޓިކެޓް ދޭން އިއުލާނު ކުރީވެސް ވަގުން! އެކަން ކުރަން އުޅުނީވެސް! އަމިއްލައަށް ކޮށްފަ އެ ކިޔަނީ ބެލޭކަށްނެތޭ! ޕީއެންސީއަކީ އެންމެ ބާރަށް ވެއްޓޭނެ ޕާޓީ! ސަބަބީ ޕާޓީގެ އެއްވެސް ފިކުރެއް ފަލްސަފާއެއް އުސޫލެއްނެތުން! ދަމާކަނޑަން އުޅުނު ބަޔަކު އެހެން މީހެއްގެ ޕާޓީއެއް ފޭރިގެން އުޅޭތީ! މައްސަލައެއްވެސް ނެތްތާ! މާދަމާވެސް ހަމަ އެހެން ޕާޓީއަކާ ގުޅޭއިރަށް ބޮޑުބެރު ޖަހާފަ ރަސްމިއްޔާތު ބާއްވާނެ! ބަރުލަމާނީއަކަށް ރާއްޖެ ބަދަލު ކުރަންޖެހޭ!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް