މިދިޔަ ރިޔާސީ އިންތިހާބުގެ އެކި މަސައްކަތްތަކުގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ)

ވަގު ފޯމު މައްސަލައިގައި 300އެއްހާ ޝަކުވާ؛ ބައެއް ފޯމުތަކުގެ މައްސަލަ ފުލުހަށް

އިލެކްޝަން ކޮމިޝަނުން ބުނީ ވަގު ފޯމް ފުރުމުގެ މައްސަލަ ހުރިހާ ޕާޓީއެއްގެ ފަރާތުން ވެސް އައިސްފައިވާ ކަމަށް
9 ޖެނުއަރީ 2025

އެކި މީހުންގެ ނަމުގއި ވަގު މެމްބާޝިޕް ފޯމު ފުރައިގެން އަމިއްލަ ފަރާތްތަކުން 300އެއްހާ ޝަކުވާ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައެއް އާންމު މެންބަރުން އަދި އެހެނިހެން ޕާޓީތަކުގައި ތިބި ބައެއް މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ސޮއި ނުކުރާ އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާކަމުގެ މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ މިއަދު 'ދައުރު'އަށް ވިދާޅުވީ ވަގު ފޯމް ފުރުމުގެ މައްސަލަ ހުރިހާ ޕާޓީއެއްގެ ފަރާތުން ވެސް އައިސްފައިވާ ކަމަށެވެ.

"ވަކި ޕާޓީއެއް ނޫން، އެމްޑީޕީ، ޕީއެންސީ، ޖޭޕީ، އެމްއައިޓީޑީސީ، އަދާލާތު މިހެން ގޮސް ހުރިހާ ޕާޓީއަކުން ވެސް ވަގު ފޯމް ހުށަހަޅާ. މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާއިން މިދިޔަ ހަފްތާގެ ނިޔަލަށް 300އެއްހާ ޝަކުވާ އާންމު ރައްޔިތުން ހުށަހަޅާފައި އެބައޮތް،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މިދިޔަ ހަ މަސް ތެރޭގައި ހުރިހާ ޕާޓީއަކުން ވެސް ވަގު ފޯމު ހުށަހަޅައިގެން މައްސަލަ ފެންމަތިވެފައިވޭ

  • ވަގު ފޯމުތައް ރިޖެކްޓްކޮށް، ޕާޓީތަކަށް ފިޔަވަޅު އަޅާނެ؛ އެކަން ދަނީ ކުރަމުން

  • ވަގު ފޯމު އެންމެ ގިނަވަނީ އަހަރުގެ ފަހުކޮޅު؛ އެއީ ޕާޓީއަށް 10،000 މެންބަރުން ހަމަކުރަން އަދި ކުދި ޕާޓީތަކުން 3000އަށް ވުރެ މެންބަރުން މަދުވެއްޖެ ނަމަ ޕާޓީ އުވާލާނެތީ އެހެންވިޔަނުދޭން ކުރާ ކަމެއް

  • އެންމެ ފަހުން ފެންމަތިވި މައްސަލައިގައި ބައެއް އާންމު ފަރާތްތަކުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވޭ؛ އެހެންވެ އެ ފޯމުތަކުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގްކުރަމުން

"އެންމެ ފަހުން އެފަދަ މައްސަލަތަކުގައި ޕީއެންއެފް އާއި އެމްޑީޕީން ވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައި އަބަދުވެސް އެފަދަ ޝަކުވާތައް އަޅުގަނޑުމެންނަށް ލިބޭ،" ޒަކަރިއްޔާ ވިދާޅުވި އެވެ.

ގުޅުންހުރި - ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ވަގު މެމްބާޝިޕް ފޯމުތައް ފެންމަތިވިތާ މިހާރުވަނީ ހަފްތާއެއްހާ ދުވަސް ވެފަ އެވެ. ނަމަވެސް އެ ޕާޓީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ބޮޑު ކެމްޕޭނެއް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް