މެންބަރު ހުސެން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)
ޒިޔާދުގެ 'ވަގު ފޯމު' ބާތިލުކޮށްފިން؛ ފިޔަވަޅު އަޅާނަން: އީސީ
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)އަށް 'ވަގަށް' ޕީއެންސީއަށް ވެއްދި ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)ން ބާތިލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޒިޔާދުގެ ނަން ޕީއެންސީގެ ދަފްތަރުގައި އޮތްކަން އެނގުނީ މިއަދެވެ. ޒިޔާދު ޕީއެންސީއަށް ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ މަހު 23ގަ އެވެ.
ބުނީ ކީކޭ؟ - އީސީން ނެރުނު ބަޔާނެއްގައި ބުނީ ޒިޔާދަށް ނޭނގި ޕީއެންސީއަށް އޭނާ ރަޖިސްޓްރީކުރަން އެ ކޮމިޝަނަށް ފޯމެއް ހުށަހެޅިކަން ސަމާލުކަމަށް އައުމާ ގުޅިގެން އެ ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.
"މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ މެމްބަޝިޕް ހައިސިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.
ތަފްސީލު - ވަގު ފޯމު ބާތިލުކުރުމަށް ފަހު ޒިޔާދުގެ މެމްބަޝިޕް ކުރިން އޮތް ގޮތަށް ދެމެހެއްޓި ނަމަވެސް، އީސީން ބުނީ ޒިޔާދަށް ނޭނގި އެފަދަ ފޯމެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ މިކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް އެ ކޮމިޝަނުން ކުރަމުން އަންނަކަން ފާހަގަކޮށް އީސީން ވަނީ އެފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ އިދާރީ އަދި ގާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަގީންކަން ދީފަ އެވެ.
ގުޅުންހުރި ކަމެއް - 'ވަގު ފޯމު' މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން ވަނީ މިއަދު އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ އީސީއަށް އެލާޓް އަންނަ ގޮތަށް އިންތިޒާމުކޮށްފައި އޮތް ނަމަވެސް، ޒިޔާދު ޕާޓީ ބަދަލުކުރިކަން އެ ކޮމިޝަނަށް އެލާޓުވެފައެއް ނުވެ އެވެ.
މިކަން ހިނގި ގޮތް ސާފުކުރުމަށް ސުވާލު ކުރުމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ 'ދައުރު'އަށް ވިދާޅުވީ އެލާޓް ނިޒާމަށް ޒިޔާދު ޕާޓީ ބަދަލުކުރިކަން ނޭނގުނީ މަޖިލިސް އިންތިހާބަށް ފަހު ކުރީގެ މެންބަރުން އެލާޓް ނިޒާމުގައި ހިމަނާފައިވާ ލިސްޓުން އުނިކުރުމުން ކަމަށެވެ.
އިލެކްޝަނުން ވަނީ އެ މައްސަލަ ފަހުން ހައްލުކޮށްފަ އެވެ.
ކޮމެންޓް (1)
ޒަކަރިއްޔާ