13 ޖެނުއަރީ 2025: 'ވަގު ފޯމު' މައްސަލައިގައި އެމްޑީޕީގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ގޮސް ކަންބޮޑުވުން ފާޅުކުރުން. (ފޮޓޯ/އެމްޑީޕީ)
'ވަގު ފޯމު' ޕްރޮސެސް ނުކުރަން ގޮވާލައި އެމްޑީޕީން އީސީއަށް
ޕާޓީތަކަށް 'ވަގަށް' މީހުން ވައްދާ މައްސަލަ ބޮޑުވެ، އިދިކޮޅު އެމްޑީޕީގެ އިސްވެރިން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާއަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ބައެއް މީހުންނަށް ނޭނގި، އެ މީހުން ޕާޓީތަކަށް ވައްދާ މައްސަލައިގައި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ، ވެރިކަން ކުރާ ޕާޓީ، ޕިއެންސީއަށް 75،000 މެންބަރުން ހަމަކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން މިފަހުން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގަ އެވެ.
މިކަމާ ގުޅިގެން ޕީއެންސީ މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ބޮޑުވެ، އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވެސް ޕީއެންސީއަށް ވެއްދި މައްސަލައެއް މިއަދު ވަނީ ފެންމަތިވެފަ އެވެ.
އެކަމުގައި އިދާރީ ގޯސްތަކެއް ހުރި ކަމަށް ބުނެ އިލެކްޝަނުން އެ މައްސަލަ ހައްލުކޮށްދިން ނަމަވެސް، މުޅި މައްސަލައަށް ހައްލެއް ނުލިބި އޮތުމުން އެމްޑީޕީ އިސްވެރިން ވަނީ މިއަދު އެ ކޮމިޝަންގެ އިދާރާއަށް ގޮސް، 'ވަގު ފޯމު' ޕްރޮސެސެް ކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން އިލެކްޝަނުން ވަނީ އެމްޑީޕީގެ އިސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ. މިއީ އެމްޑީޕީއިން މިކަމުގައި އިލެކްޝަންސް ކޮމިޝަނާ އެކު ރަސްމީ ސިފައެއްގައި ބައްދަލުކުރާ ދެ ވަނަ ފަހަރެވެ.
ބުނީ ކީކޭ؟ - "ވަރަށް ގިނަ ދުވަސްވެއްޖެ މި މައްސަލަތައް އައިސްގެން އިލެކްޝަންސް ކޮމިޝަނާ ހިސާބަށް މައްސަލަ ގެންނަތާ،" ކޮމިޝަންގެ އެތެރޭގައި ހުންނަވައި 'ރާއްޖެޓީވީ'އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަކިކޮށްފި. އެންމެ ފަހުން އަޅުގަނޑުމެންގެ މަޖިލިސް މެމްބަރަކު ވަކިކުރި ހިސާބުން ދެން މިކަން އިތުރު ހަރުފަތަކަށް ގަންޖެހޭ ކަމަށްވާތީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ [ވާހަކަ ދައްކައިގެން] މިކަމުގައި އޮތް ހައްލަކީ ކޮބައިކަން ބަލަން އައިސް މި ތިބީ."
ތަފްސީލު - ބައްދަލުމަށްފަހު ފައްޔާޒު ވިދާޅުވީ އިންތިހާބުތަކެއް ކުރިއަށް އޮއްވާ މިފަދަ ކަންކަން ހިނގަމުންދާއިރު، އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ނުފޫޒެއް ނެތްކަން ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް ވެސް އެ ކޮމިޝަނުން ޔަގީންކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މި ކުރި ޑިމޮކްރެސީގެ ދަތުރުގައި އެންމެ މުހިންމު އެއް މުއައްސަސާއަކީ އިލެކްޝަންސް ކޮމިޝަން. ރައްޔިތުންގެ ބާރު، ރައްޔިތުން ދެކޭ ގޮތް ތަންފީޒު ކުރާ ފަރާތަކީ އިލެކްޝަންސް ކޮމިޝަން،" ފައްޔާޒު ވިދާޅުވި އެވެ.
"މިއަދު މި ފެންނަނީ ރާއްޖޭގައި އޮތް ސިޔާސީ ޕާޓީއަކުން ގަސްތުގައި އިލެކްޝަންސް ކޮމިޝަންގެ އިންޓެގްރިޓީ ރައްޔިތުންގެ ކުރިމަތީގައި ދުއްވާލާ، ތިމަންނާމެން ބޭނުން ގޮތަކަށް ކަންކަން ކުރެވޭނެކަން ރައްޔިތުންނަށް ދައްކާލައި، ރައްޔިތުން އެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުމަށް ކުރަމުންދާ މަސައްކަތެއްގެ ނަތީޖާ. އެހެން ނޫން ނަމަ އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލިސް މެމްބަރުން ބަދަލުކުރަން އެހާ ލަދު ހަޔާތް ކުޑަކޮށް އެކަމެއް ނުކުރާނެ، އެއްވެސް ބަޔަކު."
ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އުންމީދަކީ، މިއަދުގެ ބައްދަލުވުމުގައި އިލެކްޝަނުން ބުނި ގޮތަށް، އެ ކޮމިޝަނާ މެދު އޮތް ކިލަނބުކަން ނައްތާލާނެ ކަމަށް ދިން ޔަގީންކަމާ އެއްގޮތަށް މަސައްކަތް ކުރުމެވެ.