މީގެ ކުރިން ބޭއްވި ބައި-އިލެކްޝަންގެ ވޯޓު ގުނުމުގައި އީސީގެ އޮފިޝަލުން ހަރަކާތްރެރި ވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ޕާޓީތަކަށް ފައިސާ ދޫކުރާނީ މެމްބާޝިޕް ކަށަވަރު ކުރަން ޝަކުވާއަށް ހުޅުވާލުމަށް ފަހު: އީސީ
ޕާޓީތަކަށް 'ވަގަށް' މީހުން ވައްދާ މައްސަލަ ބޮޑުވެ، މިފަހަރު ޕާޓީތަކަށް ބަޖެޓުން ދޭން ޖެހޭ ފައިސާ ދޭނެ އަދަދުތައް ނިންމާނީ މެމްބާޝިޕް އިތުރަށް ކަށަވަރު ކުރުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބައެއް މީހުންނަށް ނޭނގި، އެ މީހުން ޕާޓީތަކަށް ވައްދާ މައްސަލައިގައި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ، ވެރިކަން ކުރާ ޕާޓީ، ޕިއެންސީއަށް 75،000 މެންބަރުން ހަމަކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން މިފަހުން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގަ އެވެ.
މިކަމާ ގުޅިގެން ޕީއެންސީ މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ތަފްސީލު - ގާނޫނުއަސާސީގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ޖުމްލަ ބަޖެޓުގެ %0.1 ފައިސާ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުން ދޭން ޖެހެ އެވެ. އެ ޕާޓީތަކަށް ފައިސާ ދެނީ މެންބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެ.
ބަޖެޓު ފާސް ކުރިއިރު، 10،000 މެންބަރުން ހަމަވެގެން ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ފަސް ޕާޓީއަށް ކަމަށް އީސީން ވަނީ އިއުލާންކޮށްފަ އެވެ. އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ ފަސް ޕާޓީއަށް ދޭނެ ފައިސާގެ އަދަދުތައް ކަނޑައަޅާނީ މިދިޔަ އަހަރުގެ ފަހު ދުވަސް ކަމުގައިވާ 31 ޑިސެމްބަރުގެ ނިޔަލަށް އެ ކޮމިޝަނަށް ލިބިފައިވާ ފޯމުތައް އެއްކޮށް ޕްރޮސެސްކޮށް ނިމުމުން، ދެން މެންބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެ.
ވަގު ފޯމުގެ މައްސަލަ މިހާރު ބޮޑުވެފައިވާތީވެ، ޕާޓީތަކަށް ފައިސާ ދޭނެ އަަދަދުތައް ކަނޑައެޅުން މަޑުޖައްސާލާފައިވޭތޯ އެހުމުން އީސީގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އެ އަދަދުތައް ނިންމުމުގެ ކުރިން ކޮމިޝަންގެ ވިސްނުމަކީ ޕާޓީތަކުގެ މެމްބާޝިޕް ދަފްތަރު ވީހާ ވެސް ބޮޑަކަށް ކަށަވަރު ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ނުރަސްމީކޮށް މިހާރު މަޝްވަރާކޮށްފިން 31 ޑިސެމްބަރުގެ ކުރިން ހުރިހާ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިންމާފައި، ޕާޓީތަކުގެ ދަފްތަރު އާންމު ރައްޔިތުންގެ ޝަކުވާއަށް ހުޅުވާލަން. އެއްވެސް މީހަކަށް ނޭނގި، އެއްވެސް ޕާޓީއަކަށް ވާއްދާފައިވޭތޯ ބަލާފައި، ދެން ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.
ފައިސާ ދިނުމަށް ޝަރުތު ހަމަވާ ފަސް ޕާޓީއަކީ:
-
1-
އެމްޑީޕީ
-
2-
ޕީއެންސީ
-
3-
އަދާލަތު ޕާޓީ
-
4-
ޖުމްހޫރީ ޕާޓީ
-
5-
އެމްޑީއޭ
އީސީގެ ދަފްތަރުން މިހާރު އޮތް ގޮތުން 50،000އަށް ވުރެ ގިނަ މެންބަރުންނާ އެކު އެންމެ މެންބަރުންގެ ގިނަ ޕާޓީއެއްގެ ގޮތުގައި އަދި އޮތީ އެމްޑީޕީ އެވެ. ނަމަވެސް ފޯމުތައް ލިބިފައިވާ ނިސްބަތަށް ބަލައި މި މިދިޔަ މަހުގެ ނިޔަލަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކަށް ވާނީ ޕީއެންސީ ކަމަށް ބެލެވޭ ކަމަށް އީސިން ބުނެފައިވެ އެވެ.
ވަގު ފޯމު މައްސަލަ:
'ވަގު ފޯމު'ގައި ޑީއެންއާރު ވެރިޔާގެ ސޮއި؛ އޭނާ ތުހުމަތު ދޮގުކުރޭ
13 ޖެނުއަރީ 2025
މެންބަރު ޒިޔާދު ވެސް ޕީއެންސީއަށް؛ އެކަމަކު ހަގީގަތެއް ނޫން
13 ޖެނުއަރީ 2025
ވަގު ފޯމު މައްސަލަ: 300އެއްހާ ޝަކުވާ؛ ބައެއް މައްސަލަ ފުލުހަށް
9 ޖެނުއަރީ 2025
ވަގު ފޯމު ހުށަހަޅަނީ ޕީއެންސީއަށް ތާއީދު ނެތުމުން: އެމްޑީޕީ
7 ޖެނުއަރީ 2025