ރިޔާސީ އިންތިހާބަށް މާލޭގެ މަގުތަކުގައި ސިޔާސީ ޕާޓީތަކުން ކެމްޕެއިނަށް ފޮތި، ޕޯސްޓަރު ހަރުކޮށްފައި؛ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ ބޮޑު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސިޔާސީ ޕާޓީތައް

ރިޝްވަތު، ފޯޖަރީ، ވައްކަން: ޕާޓީތަކުން ހިންގާ ބޮޑު ޖަރީމާތައް

ވެރިކަންކުރާ ޕީއެންސީއަށް 'ވަގަށް' ވައްދާފައިވާ ކަމަށް ބުނާ ފޯމުތަކުގައި، މީހާގެ ހުރިހާ ޒާތީ މައުލޫމާތު ވެސް ހުރީ ފުރިހަމައަށް. ސޮއި ވެސް ވަރަށް ވައްތަރު. ކުރީގެ އައިޑީ ކާޑުގެ ފޮޓޯ. މިއީ ގައިމުވެސް ސަރުކާރު ކޮންމެވެސް އިދާރާއަކުން ލިބިގެން ކުރެވޭނެ ކަމެއް

މި ކަމުން ރެކެވޭނެ ވަކި ސިޔާސީ ޕާޓީއެއް ނެތެވެ. މީހާއަށް ނޭނގި ވަގަށް ޕާޓީއަކަށް ވައްދާފައި އޮންނަ ކަމުގެ ޝަކުވާ ހުރިހާ ޕާޓީތަކަށް ވެސް ރައްދުވެ އެވެ. އެކަމަކު މިއީ އާދައިގެ ކަމެއް ނޫނެވެ. މި ފަހަރު ހޫނުވީ އެތައް ސަތޭކަ މިފަދަ ފޯމެއް ސަރުކާރު ހިންގާ ޕާޓީން ހުށަހެޅުމެވެ.

ވެރިކަންކުރާ ޕީއެންސީއަށް 'ވަގަށް' ވައްދާފައިވާ ކަމަށް ބުނާ ފޯމުތަކުގައި، މީހާގެ ހުރިހާ ޒާތީ މައުލޫމާތު ވެސް ހުރީ ފުރިހަމައަށެވެ. ސޮއި ވެސް ވަރަށް ވައްތަރެވެ. ކުރީގެ އައިޑީ ކާޑުގެ ފޮޓޯ އެވެ. އެ ހުރިހާ ކަމެއް ފުރިހަމަވާނީ ގައިމު ވެސް ސަރުކާރުގެ ކޮންމެވެސް އިދާރާއަކުން އެ އެއްޗެހި ހޯދައިގެން ނޫން ހެއްޔެވެ؟

ޑީއެންއާރު، އާސަންދަ، ސްކޫލް އަދި ޔުނިވާސިޓީތަކުގެ ޑޭޓާބޭސް ހޯދައިގެން ޕާޓީތަކަށް މެންބަރުން ވައްދާ ވާހަކަ އަބަދުވެސް އިވެ އެވެ. އިންތިހާބުގެ މޫސުމަށް ވޯޓު ހޯދަން ގުޅަން ނަންބަރުތައް ވެސް ހޯދަނީ މިހެން ކަމަށް ވަރަށް ގިނައިން އިވެ އެވެ.

އެފަދަ ވާހަކަތަކަށް ބާރު ލިބިދޭނެ ފަދަ ފޮޓޯތަކެއް ވެސް މި ފަހަރު އާންމުވި އެވެ. ޕީއެންސީއަށް ފޯމުތައް ފުރުވަމުން ދިޔައީ ސަރުކާރު އޮފީހެއްގެ ތެރޭގައި ކަމަށް ޔަގީންކުރެވެ އެވެ. ޑީއެންއާރު ހިންގަވަން ހަވާލުކޮށްފައިވާ ސްޓޭޓް މިނިސްޓަރާއި އެ އިދާރާގެ މައި މިނިސްޓްރީ ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރު ވެސް ހުންނަވައިގެންނެވެ. މިނިސްޓްރީގެ ބައެއް 'ސިޔާސީ' މުވައްޒަފުން ވެސް ތިއްބަވައިގެނެވެ.

އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރައްވާފައިވާ ބައެއް ބޭފުޅުން ކިޔައިދެއްވި ގޮތުގައި ވަގު ފޯމުގެ ކަންކަން އާންމުކޮށް ހިނގަނީ އަހަރުގެ ފަހުކޮޅަށެވެ. ދެން އަލަށް ޕާޓީއެއް ހަދަން ވެގެން އެ ޕާޓީއަށް މެންބަރުން ހަމަކުރަން އުޅޭ ދުވަސްކޮޅަކަށެވެ. ސަރުކާރު ބަދަލުވެ، މަޖިލިސް އިންތިހާބަށް ސަރުކާރުގެ ޕާޓީގެ އެތެރޭގައި ފޯރިގަދަވާ ދަނޑިވަޅުގައި ވެސް ފޯމުތައް ގިނަވާނެ އެވެ.

"އެމްޓީޑީ، އެމްއެންޕީ، މި ޕާޓީތައް ހެދި ދުވަސްވަރު ވަރަށް ގިނަ ޝަކުވާ އައި. ސަރުކާރަށް އަންނަ ޕާޓީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް އެބަ ވޭ އެ ވަގުތަށް. އެ ކަން ކުރަން އުޅޭ ދުވަސްވަރަށް ވެސް ވަރަށް ޝަކުވާ ގިނަ ވާނެ،" އީސީގައި އުޅުއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އިންތިހާބުތަކުގައި މާ ބޮޑު ނަތީޖާއެއް ނުހޯދުނަސް 10،000 މެމްބަރުން ހަމަކުރާ ޕާޓީތަކުގެ ތެރޭގައި އަދާލަތު ޕާޓީ އާއި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އާއި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ ހިމެނެ އެވެ.

"އަހަރު ފަހުކޮޅަށް ވަރަށް ގިނަވާނެ މި ޕާޓީތަކަށް މީހުންނަށް ނޭނގި ވައްދައިގެން އުޅޭ ޝަކުވާ ވެސް. އަޅުގަނޑުމެންނަށް ވެސް ފާހަގަވޭ މި އުޅެނީ އެއްކަލަ 10،000 ހަމަކުރަން ވެގެން ކަން،" އޭނާ ވިދާޅުވި އެވެ.

މި ކަން ހިނގާ ގޮތް؛ ބޭނުމަކީ ފައިސާ އާއި ބާރު

ފުރަތަމަ ގްރޫޕްތަކަށް ބަހައިލުމަށް ފަހު ކޮންމެ ގްރޫޕަކަށް ވެސް ވަކި ވަރަކަށް ފޯމު ހަމަކުރަން ހަވާލުކުރެ އެވެ. މި ޓާސްކްތަކުގެ ޖުމްލަ ހަމަވާ އިރު 75،000 މެންބަރުން ޕީއެންސީއަށް ހަމަވާނޭ ކަމަށް ލީޑާޝީޕުން ލަފާކުރި އެވެ. 

"ކޮންމެ ގްރޫޕަކަށް ބަޖެޓެއް ވެސް ދިން. ގްރޫޕްތައް ބެހީ މަޖިލިސް މެންބަރުންނާއި މިނިސްޓަރުންނަށް. ކޮންމެ މިނިސްޓަރަކު ވެސް މަޖިލިސް މެންބަރަކު ވެސް 300 އާއި 500 އާ ދެމެދުގެ އަދަދަކަށް ފޯމު ގެންނަން ޖެހޭ ގޮތަށް،" ޕީއެންސީގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދެއްވި އެވެ.

"ރައީސް އެދިވަޑައިގަތީ މެންބަރުން އިތުރުކުރަން ހަރަކާތް ހިންގަން. ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން، އަބްދުއްރަހީމް އާއި ބައެއް މިނިސްޓަރުން ނިންމި އަދަދެއް އެއީ 75،000 ހަމަކުރަން ކޮންމެ މިނިސްޓަރަކު ވެސް ވާނޭ 500 ހަމަކުރަން،" ޕީއެންސީގެ އެހެން ބޭފުޅަކު ވިދާޅުވި އެވެ.

މި ކަމުގައި ރައީސްގެ ރުހުން ހޯދަން މިނިސްޓަރުންގެ ތެރޭގައި ހާއްސަކޮށް ވާދަވެރިކަމެއް ފެނުނު ކަމަށް ވެސް، މައުލޫމާތު ހުރި ބައެއް ބޭފުޅުން ކިޔައިދެއްވި އެވެ. ބައެއް އެހެން ބޭފުޅުން ވިދާޅުވީ ވާދަވެރިކަމެއް ނުފެނުނަސް، ބައެއް މިނިސްޓަރުން ގިނަ އަދަދެއްގެ ފޯމު ގެންނެވި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އެހެން ބޭފުޅަކު ވިދާޅުވީ މި ގޮތަށް އެޖެންޓުންނަށް ވަރަށް ބޮޑަށް ފައިސާ ދީގެން މެންބަރުން އިތުރުކުރަން ހަވާލުކުރާ އިރު އެ ފައިސާ ހަރަދުނުކޮށް ވަގު ފޯމު ހުށަހަޅާ ކަމަށެވެ.

"ބޮޑު ބައެއް އަމިއްލަ ޖީބަށް ލައިފާނެ. ދެން މި ގޮތަށް މައުލޫމާތުތައް ހުރިއްޔާ ވަރަށް ފަސޭހަވާނެ މީހުންނަށް ނޭނގޭ ގޮތަށް މީހުންގެ ޒާތީ މައުލޫމާތު ހިމަނައިގެން ވަގު ފޯމުތަކެއް ފުރައިލުން،" އޭނާ ވިދާޅުވި އެވެ.

މީގެ ބޭނުން ސާފެވެ. މެމްބަރުންގެ އަދަދު ގިނަވާ މިންވަރަކަށް ދައުލަތުން ޕާޓީއަށް ދޭ ފައިސާ ވެސް ގިނަވެ އެވެ. 

އިންތިހާބުތަކުގައި ޕާޓީތަކުންނާއި ކެންޑިޑޭޓުން ފައިސާ ހަރަދުކުރާ ގޮތް ޓްރާންސްޕޭރެންސީ ފަދަ  ޖަމިއްޔާތަކުގެ ހޯދުންތަކުން ވެސް ފެނެ އެވެ. ރަށްރަށުގައި ހިންގާ ޖަމިއްޔާޖަމާއަތްތަކަށް އޮފީސް ސާމާނު ހަދިޔާ ކުރާނެ އެވެ. ކުޅިވަރު ކްލަބްތަކަށް ތަކެތި ފޯރުކޮށްދޭނެ އެވެ. ޑްރަގު އެޑިކްޓުންނަށް އެ ތަކެތި ވެސް ދެނީ އެވެ. ބޭރަށް ބޭސްފަރުވާއަށް ވެސް ފޮނުވަ އެވެ.

މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން ޖެހޭ

ޕާޓީތަކުގެ ތެރޭގައި މި ހިނގަނީ ބޮޑެތި ގާނޫނީ ކުށްކުށެވެ. ހަމައެކަނި ފޯމެއް ހެދުމަކީ ވެސް ޖިނާއީ ބޮޑު ކުށެކެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުން ވެސް އަދަބު ކަނޑައެޅިފައިވާ ގާނޫނީ ކުށެކެވެ. ގާނޫނުތަކަށް ބަލާ ނަމަ:

  • 1-

    ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާ: ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް

  • 2-

    ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާ: ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފި ނަމަ އެކަން ކުރި ފަރާތެއް ކޮންމެ ފޯމަކަށް، 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

އެކަމަކު ގާނޫނުއްއުގޫބާތުގެ ދަށުން މިފަދަ މައްސަލަތަކުގައި ދައުވާކޮށް ހުކުމްކޮށްފައެއް ނެތެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި މަސައްކަތްކުރައްވާފައިވާ ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ދައުވާކުރެވޭނީ ފުލުހުންގެ ތަހުގީގު ނިމިގެންނެވެ. ޖިނާއީ ތަހުގީގެއް މިފަދަ މައްސަލަތަކުގައި ކުރިއަކަށް ނުދެ އެވެ.

"ތަހުގީގު ގިނަ ފަހަރު މަޑުޖެހިފައި މި އޮންނަނީ. ދައުވާ ކުރަން މައްސަލަތަކެއް ވެސް ނާދޭ. އެކަމަކު ގާތްގަނޑަކަށް ހަތަރު މައްސަލައެއް ވަރު އައީ. މިފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކޮށް، ފިޔަވަޅު އަޅަން ޖެހޭ ހަމަ،" ވަކީލަކު ވިދާޅުވި އެވެ.

ޕާޓީ ހެދުމާއި ވަނުމުގެ ހައްގު، ބަދަލުތަކެއް ބޭނުންވޭ

މިހާރުގެ އިލެކްޝަންސް ކޮމިޝަނުން މި ވަގުތަށް އޮތީ ޕާޓީތަކަށް މީހުން ވެއްދުން ވެސް މެދުކަނޑާލައިފަ އެވެ. ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާގެ ވާހަކަތައް ހުރީ ރަނގަޅު ދިމާއަށެވެ. ބޮޑު ބަދަލެއް ނިޒާމަށް ގެނައުމަކީ އީސީގެ ވިސްނުމެވެ.

އެއް ކަމަކަށް ހަސަން ދެއްވާ ޔަގީން ކަމަކީ މި ފަހަރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ މެންބަރުންގެ ޖުމްލަ އަދަދަކީ ސައްހަ އަދަދެއް ކަން ކަށަވަރުކޮށްފަ އެވެ. ކޮންމެ ފޯމެއް ރަނގަޅަށް ބެލުމަށް ފަހު ޕާޓީތަކުގެ ދަފްތަރު އާންމުކުރާނެ އެވެ. ބޭނުމަކީ ވަގަށް ޕާޓީއަކަށް ވައްދާފައިވާ ނަމަ، ޝަކުވާ ހުށަހަޅަން ފުރުސަތު ދިނެވެ.

ދެވަނަ ކަމަކަށް އޮތީ ސިޔާސީ ޕާޓީތަކަށް ވަނުމަކީ އެ މީހަކު އަމިއްލައަށް ކުރާ ކަމަކަށް ހެދުމެވެ. އީފާސް މެދުވެރިކޮށް އެ މީހަކު އަމިއްލައަށް ބޭނުންވާ ޕާޓީއަކަށް ވަނުމާއި، ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދިނުމެވެ. ރައްޔިތު މީހާއަށް ސީދާ އެ ރައްޔިތު މީހާ ގާނޫނުއަސާސީން ލިބިދޭ ހައްގުގެ ބޭނުން ކުރުމެވެ.

"މިހާރު މި ހުށަހަޅަނީ ފިޒިކަލް ފޯމު. އެއަށް ބައިވަރު ފީޗާތައް އަޅުގަނޑުމެން އެޑްކޮށްފިން. އެކަމަކު ވަގު ފޯމުގެ މައްސަލަ ހައްލެއް ނުވޭ. އެހެންވެ މިހާރު އޮންލައިންކޮށް ބަޔޯމެޓްރިކޮށް ފޯމު ހުށަހަޅަން ޖެހޭ ގޮތަށް މި ހެދީ. އަޅުގަނޑުމެން ދެން މި މަސައްކަތްކުރަނީ އީފާސް މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހޭ ގޮތަށް ހަދަން،" ހަސަން ވިދާޅުވި އެވެ.

އޭނާ އާއި މި ރިޕޯޓަށް ވާހަކަ ދެއްކެވި ސިޔާސީ ބޭފުޅުން ވެސް އިއްތިފާގުވާ ގޮތުގައި ސިޔާސީ ޕާޓީގެ ދައުރަކަށް ވާންވީ ޕާޓީއަށް ތާއީދުކުރުމަށް ރައްޔިތުން ކައިރިއަށް ގޮސް ލޮބީ ކުރުން އެކަންޏެވެ. ޕާޓީން ޕާޓީއަށް ވަންނަ ފޯމު ހުށަހެޅުމުގެ ސަގާފަތް ކުރިއަށް ގެންދާ ނަމަ މި ކަމަކަށް ހުއްޓުމެއް ނާންނާނެ އެވެ.

ޔުނިވާސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކާ ބެހޭ ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުން މަސައްކަތްކުރައްވަމުން އަންނަ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު އިޝާރާތް ކުރެއްވީ ގާނޫނު އަސާސީގައި ސިޔާސީ ޕާޓީ ހެދުމާއި ޕާޓީއަށް ވަނުމަކީ އޮންނަ އިންސާނީ ހައްގެއް ކަމެވެ.

އެމްޑީޕީންނާއި އޭރު އެންމެ ބޮޑު ޕާޓީއަކަށް އޮތް ޕީޕީއެމުން ބައިވެރިވެގެން ނިޒާމު ބައްޓަންކުރި ގޮތުން މިއީ 'ޓޫ ޕާޓީ ސްޓޭޓް' ނުވަތަ ދެ ޕާޓީގެ ދައުލަތަކަށް ވެއްޖެ އެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ މަދުވެގެން 10،000 މެންބަރުންގެ ހަމަވެގެން ކަމާއި ޕާޓީއެއް އުފައްދާ ނަމަ މަދުވެގެން 3،000 މީހުންގެ ސޮއި ބޭނުންވާ ގޮތަށް ހެދުމެވެ. 

"ގަސްތުގައި ރާވައިގެން ކުދި ޕާޓީތަކުގެ ބާރު ހަމަ ކަނޑުވައިލީ. ސިޔާސީ ޕާޓީއެއް ހެދުމާއި ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގުމަކީ ޑިމޮކްރެސީއެއްގައި ލިބެން ޖެހޭ ވަރަށް އަސާސީ ހައްގުތަކެއް. އެ ހައްގު މިހާ ވަރަށް ހަންޏެއް ވެސް ނުކުރެވޭނެ ފުރަތަމަ،" ފްރޮފެސަރު ޝަހީދު ވިދާޅުވި އެވެ.

ސިޔާސީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަކީ އެ ޕާޓީއަކުން ބަލަހައްޓަން ޖެހޭ ގޮތަށް ބަދަލުކޮށް މެންބާޝިޕަށް ދައުލަތުން ފައިސާ ދިނުމުގެ އުސޫލު ވެސް ބަދަލުކުރުމުން އެކަން ހައްލުވާނެ އެވެ. ދެން ކުރަންވީ ކަމަކީ ޕާޓީއެއް ހެދުމަށް މިހާރު އެ އޮންނަ އަދަދު ވެސް ތިރިކުރުމެވެ. 

އިލެކްޝަންސްގެ ރައީސަކަށް ހުންނެވި އިރު ފުއާދު ތައުފީގު ހިއްސާކުރެއްވި ވާހަކައެއް ހަނދާންވެ އެވެ: މީގައި އޮތް ހައްލަކީ އިންސާފުވެރިވުމެވެ. ހުރިހާ ޕާޓީއަކަށް ފައިސާ ލިބޭ ގޮތް ވެފައި އިންތިހާބުގެ ނަތީޖާއަށް ބަލާފައި ފައިސާ ދިނުމެވެ. ނޫނީ އެއްވެސް ޕާޓީއަކަށް ފައިސާ ނުދިނުމެވެ. ނޫނީ 10،000 މެމްބަރުން ހަމަކުރުމުގެ ފޯރި އާއި ވީހާވެސް ގިނަ މެމްބަރުން ދަފުތަރަށް ލާން ހިންގާ މި މަކަރުހެދުންގަނޑަށް ހުއްޓުމެއް ނާންނާނެ އެވެ.

ކޮމެންޓް (2)

އިތުރު ވާހަކަ

16 ޖެނުއަރީ 2025
އިތުރު ވާހަކައެއް. ރާއްޖޭގައި ހިންގާ ގުރޫޕް އަދި ގޭންގުތަކުގައި ގިނަ އަދަދަކަށް އައިޑީކާޑު ރައްކާކޮށްފައިހުރޭ. ޑާޓާ ލީކުތަކުންނާއި އެކިއެކި ތަންތަނަށް ހުށަހަޅާ ފޯމުތަކުން އެއްކޮށްގެން. ދެން ސިޔާސީ ޕާޓީއިން ޖެހެނީ ފޯމަކަށް 50 ރުފިޔާ މަގުން ދޭން. ދިނީމައި ބޭނުންވާ އަދަދަށް ފޯމު ލިބޭނެ. މިއީ އަސްލު މިކަން ހިނގާ އެންމެ އާއްމު ގޮތް.
2 0

ތެފައާސާ.

16 ޖެނުއަރީ 2025
".....ޕީއެންސީއަށް ފޯމުތައް ފުރުވަމުން ދިޔައީ ސަރުކާރު އޮފީހެއްގެ ތެރޭގައި ކަމަށް ޔަގީންކުރެވެ އެވެ...." އަހަރެމެންގެ ތެރޭގައި ކޮރަޕްޝަން އާންމުވެ މޫލާފައި އޮތް މިންވަރަކީ، މަތީގައި އެވާ ޖުމްލަ ކިޔާލާފައި، ގިނަ މީހުން އެއީ މާބޮޑު މައްސަލައެއްކަމަށް ނުވެސް ދެކޭ. އެކަމަކު ދައުލަތުގެ ވަސީލަތްތަށް އަމިއްލަ (ސިޔާސީ ޕާޓީއެއް ވިއަސް) ކަންކަމަށް ބޭނުންކުރުމަކީ ފާޅުކަންބޮޑު ސީދާ ކޮރަޕްޝަންގެ އަމަލެއް.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް