މަޖިލިސް ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރު އިހުސާން ޖަވާބު ދެއްވަނީ (ފޮޓޯ/ މަޖިލިސް)

'ވަގު ފޯމު'ތަކުގެ މައްސަލައިގައި މަޖިލީހުގައި އިހުސާނާ ސުވާލު ކުރަނީ

ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޯމުތަކެއްގައި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި އޮތް ކަމަށް ބުނެ އޭނާއަށް ވަނީ ތުހުމަތުތަކެއް ކޮށްފައި
15 ޖެނުއަރީ 2025

އެކި މީހުންގެ ނަމުގައި ވަގު މެމްބާޝިޕް ފޯމު ފުރައި ސަރުކާރު ހިންގާ ޕީއެންސީއަށް މީހުން ވައްދާފައިވާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހްސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން އެދިއްޖެ އެވެ.

މައްސަލައިގެ ފެށުން - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައެއް އާންމު މެންބަރުން އަދި އެހެނިހެން ޕާޓީތަކުގައި ތިބި ބައެއް މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ސޮއިނުކުރާ އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާކަމުގެ މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ.

އޭގެ ތެރޭގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވެސް ހިމެނެ އެވެ. ނަމަވެސް އެ މައްސަލަ ބަލައި އޭނާ ވަނީ އަނބުރާ އެމްޑީޕީއަށް ބަދަލުކޮށްފަ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި އިހުސާނާ ސުވާލުކުރަން އެދިފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މީކާއިލް ވަނީ ދެ ސުވާލެއް މިނިސްޓަރާ ކުރުމަށް އެދިފަ އެވެ.

ވަޒީރާ ކުރަން ބޭނުންވާ ސުވާލު:

  • 1-

    ހޯމް މިނިސްޓްރީގެ ދަށުން ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން މީހުންގެ ޝަހުސް އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާއިރު، މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވަނީ ކޮން ފިޔަވަޅު ތަކެއްތޯ

  • 2-

    ސައްހަ ނޫން ފޯމްތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ތިޔަ މިނިސްޓްރީގެ އިސްވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް (ފައިލް ފޮޓޯ/މަޖިލިސް)

ފާހަގަކޮށްލެވޭ - ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޯމުތަކެއްގައި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި އޮތް ކަމަށް ބުނެ އޭނާއަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ޕީއެންސީއަށް މެންބަރުން ސޮއިކޮށްފައިވާ އެއްވެސް ފޯމެއްގައި ހެކީގެ ގޮތުގައި އޭނާ ސޮއިކުރައްވާފައި ނުވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާގެ ސޮއި އޮތް ފޯމުތަކެއްގެ ފޮޓޯތަކެއް ފެނުނު ކަމަށާއި އެއީ އުފައްދާފައިވާ ފޯމުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

އެނގުން މުހިންމު - ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން 75،000 މެންބަރުން ހަމަ ކުރުމަށް ހިންގާ މެންބާޝިޕް ޑްރައިވްގެ ތެރެއިން ބައެއް މީހުންނަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތު އެ ޕާޓީއަށް ދަނީ އަމާޒުވަމުންނެވެ. އެ ތުހުމަތު އަމާޒުވިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ފަހުން ޕީއެންސީން އިއްޔެ ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެ، އެ މައްސަލަ ޕާޓީ ތެރެއިން ވެސް ބަލަމުންދާ ކަމަށް ބުނެ، ދިފާއުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ.

ޕީއެންސީން ބުނީ ޕާޓީތަކުގެ މެމްބާޝިޕް ފޯމު ސައްހަތޯ ކަށަވަރުކުރަން ޖެހެނީ އީސީން ކަމަށާއި އެ ގާބިލުކަން ޕާޓީގައި ނެތް ކަމަށެވެ.

ފަސްމަންޒަރު - މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މިނިސްޓަރުން ހާޒިރުކޮށްގެން ސުވާލުކުރާ ނަމަ 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ. މިނިސްޓަރު ބޭނުންވެއްޖެ ނަމަ އެ މުއްދަތު ހަމަވުމުގެ ކުރިން ވެސް މަޖިލީހަށް ހާޒިރުވެ އެ ސުވާލަށް ޖަވާބުދެވޭނެ އެވެ.

މަޖިލީހުގެ ދައުރު ދެން ފެށޭނީ އަންނަ މަހު 6ގަ އެވެ. މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާ ބާއްވަން މިހާރު ވަނީ ނިންމާފަ އެވެ. އެ ދެ ޖަލްސާ އޮންނާނީ މާދަމާ އަދި އަންނަ ހޯމަ ދުވަހު އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދު ވަޒީރަކާ ކުރެވޭ ސުވާލަށް ޖަވާބުދިނުން އެޖެންޑާކޮށްފައިވާ ޖަލްސާއަށް އެ ވަޒީރަކު ހާޒިރުވެ، އެ ޖަލްސާގައި މަޖިލީހުގެ ރައީސް ދޭ ފުރުސަތުގައި އެ ސުވާލަން ޖަވާބު ދޭން ޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް