ސެޕްޓެމްބަރު 8، 2023: ރިޔާސީ އިންތިހާބަށް މާލޭގެ މަގުތަކުގައި ދިދަތަކާއި ފޮތި އަދި ކެމްޕެއިން ޕޯސްޓަރުތައް ހަރުކޮށް، ތައްޔާރުވެފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) ޕީޕީއެމް، އެމްޑީޕީ، ޑިމޮކްރެޓްސް، އެމްއެންޕީ، ސިޔާސީ ޕާޓީތައް
ޕާޓީތަކަށް ދޭ ފައިސާގެ %50 ލިބޭ ވޯޓަށް ބަލާ ދޭ ގޮތަށް ހަދަން ހުށަހަޅަނީ
ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ %50އަކީ، ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން ދޭ އެއްޗެއްގެ ގޮތުގައި ހެދުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ ނިންމުން ނިންމައި އެކަމަށް ބިލެއް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ޑްރާފްޓްކޮށްފަ އެވެ. އަދި މީގެ ހަފްތާއެއް ކުރިން އެ ޑްރާފްޓް ސިޔާސީ ޕާޓީތަކާ ހިއްސާކޮށް، މިއަދު ޕާޓިތަކާއެކު އެކަމާ ގުޅިގެން ކޮމިޝަނުން ވަނީ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.
ތަފްސީލު - ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ މިއަދު 'ދައުރު'އަށް ވިދާޅުވީ އީސީން ތައްޔާރުކޮށްފައިވާ ބިލްގެ ޑްރާފްޓްގައި ހިމަނާފައި ވާނީ ސިޔާސީ ޕާޓީތަކަށް ބަޖެޓުން ކަނޑައަޅާ ފައިސާގެ %50 އިންތިހާބުތަކުގައި ވޯޓް ލިބޭ ނިސްބަތަށް ބަލައިގެން ކަމަށެވެ. އެއީ:
-
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޕާޓީއަށް ލިބުނު ވޯޓުގެ ނިސްބަތުން %30
-
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީއަށް ލިބުނު ވޯޓުގެ ނިސްވަތުން %20
ބަޖެޓުގެ ބާކީ %50 ފައިސާ ދެނީ މެންބަރުންްގެ ނިސްބަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ:
-
3،0000 ހަމަވާ ކޮންމެ ޕާޓީއަކަށް ބެޖެޓުގެ %25
-
10،0000 ހަމަވާ ކޮންމެ ޕާޓީއަކަށް %25
"މި ހަފްތާ ތެރޭ މި ބިލު ބަންޑާރަނައިބު އޮފީހަށް އަޅުގަނޑުމެން ފޮނުވާނަން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ޖުމްލަ ބަޖެޓުގެ 0.1%ގެ ފައިސާ ކޮންމެ އަހަރަކުވެސް މިދެނީ، އެ ޕާޓިގެ މެންބަރުންގެ ނިސްތަބަތަށް ބަލައި، 10،000އިން މަތީގެ މެމްބަރުން ތިބި ޕާޓީތަކަށް އެކަންޏެވެ. މި ގޮތަށް ފައިސާ ދިނުން ބަދަލު ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް މީގެ ކުރިން ވެސް ކޮމިޝަނުން ވަނީ އެކި ފަހަރު މަތިން ޕާޓީތަކާ ބައްދަލުކޮށް، މަޝްވަރާކޮށްފަ އެވެ.