ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން.

އެމްޑީޕީ

އިހުސާނު ހޯމްލޭންޑް މިނިސްޓަރުގެ މަގާމުން ވަކިކުރަން އެމްޑީޕީއިން ހުށަހަޅައިފި

އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީއިން 12 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅީ ބިދޭސީންގެ ކޯޓާ ދޫކުރުމުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ހުރުމާއި ޕީއެންސީއަށް މެމްބަރުން އިތުރުކުރަން 'ވަގު ފޯމު' ފުރި މައްސަލައިގައި

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް މެމްބަރުން އިތުރުކުރަން 'ވަގު ފޯމު' ހުށަހެޅި މައްސަލައިގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީއިން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އިހުސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި ނިންމީ:

  • ހޯމްލޭންޑު މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި އާންމުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދުމަށް ސައްހަ ނޫން ފޯމް ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގައި އިހުސާން އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް 

  • ބިދޭސީން ގެންނަން ކޯޓާ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން އިހުސާން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް

ތަފްސީލް - އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު އެ މައްސަލަ ހުށަހަޅަމުން އެ ޕާޓީން ބުނެފައިވަނީ އިހުސާނު ގާނޫނާހިލާފަށް ހިންގި އަމަލުތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލުތައް ވެސް ހިމެނޭ ކަމަށާއި އޭނާ އެ މަގާމުގައި ދެމިހުރެއްޖެ ނަމަ އޭނާގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހުތިމާލު އޮންނާނެ ކަމަށެވެ.

"އޭނާ [އިހުސާނު] އެ މަގާމުގައި އިތުރަށް ހުރުމަކީ ދިވެހި ރައްޔިތުންގެ ހައްގުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ،" އެމްޑީޕީއިން ބުނެފައިވެ އެވެ.

އެނގުން މުހިންމު - އެތައް ބަޔަކަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން ޕީއެންސީގެ ދަފްތަރުގައި މީހުން ޖައްސާފައިވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް، އޭނާއަށް ނޭނގި ޕީއެންސީއަށް ވަނީ ވައްދައިފަ އެވެ. އެއާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބާތިލްކޮށްފަ އެވެ. މީގެ އިތުރަށް: 

  • ޕީއެންސީން ހުށަހެޅި ސައްހަ ނޫން ފޯމުތަކެއްގައި ޑީއެންއާރުގެ ވެރިއަކަށް ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި ހިމަނާފައިވާ މައްސަލަ ފެންމަތިވި؛ އެކަމަކު އެކަން އޭނާ ދޮގުކުރޭ 

  • ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ އޮފީސް ތެރޭ ކުރާތަން ފެންނަ ފޮޓޯތަކެއް ވަނީ ހާމަވެފައި؛ އެ ފޮޓޯތަކުގައި އިހުސާން އެ މަސައްކަތް ކުރާތަނުގައި ހުންނަވާތަން ފެނޭ 

ފޮޓޯތައް އެހެން ހުރި ނަމަވެސް ސައްހަ ނޫން ފޯމް އީސީއަށް ހުށަހެޅުމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެ، އިހުސާން ވަނީ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

އީސީން ބުނެފައި ވަނީ ޝަކުވާތަކާ ގުޅިގެން ޕާޓީއަށް މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމްތައް އިތުރަށް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. 

ޕީއެންސީއަށް 75،000 މެންބަރުން ހަމަ ކުރުމަށް އެ ޕާޓީން ވަނީ މިދިޔަ އަހަރު ކެމްޕޭނެއް ހިންގައިފަ އެވެ. 

ކޮމެންޓް (1)

ޙަސަނު

19 ޖެނުއަރީ 2025
ޢެމްޑީޕީ އަބަދުވެސް އުޅޭގޮތްތީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް