އިސްތަފާ ވަހީދު: މަސްތުވާތަކެތީގެ ދުނިޔެއިން އޭނާ ސަލާމަތްވީ، އަމިއްލައަށް ކުރި މަސައްކަތުން (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ރާޅުފަށް

ރާޅުފަށް: ކުށުގެ ހާލިން ނުކުންނަން މެދުވެރިވީ ގުރުއާނުގެ އެންމެ އާޔަތެއް

އުމުރުން އެންމެ 17 އަހަރުން ފެށިގެން އިސްތަފާ ވަހީދު އުޅެމުން ދިޔައީ މަސްތުގެ ދުނިޔެއެއްގައި. އެކި ކަހަލަ ކުށްތައް ކުރުމުގައި. އޭނާއަށް ހެޔޮ މަގު ފެނުނީ ޖަލުގައި ހުއްޓާ

މުހިންމު ނުކުތާތައް

އޭނާ ހީކުރީ މަސްތުންނާއި ކުށްކުރުމުން ސަލާމަތް ނުވެވޭނެ ކަމާއި އެއީ އޭނާގެ ތަގުދީރު ކަމަށް

އެކަމަކު އެ ވިސްނުން ގޯސްކަން އެނގުނީ 'އެބައެއްގެ ހާލަތު އެ ބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެ ހާލަތު ބަދަލުނުކުރައްވާނެއޭ އޮންނަ އާޔަތް އިވުމުން

މިހާރު އޭނާއަކީ ބާރަށުގައި ހިބަރުގެ އެންމެ ވަރުގަދަ މަސްވެރިޔާ. އާ ޒަވާޖީ ހަޔާތަކާ އެކު އުޅެމުން އަންނަނީ އުފަލުން

ހއ. ބާރަށް - އޭނާގެ ހަޔާތަކީ އަނދިރި ޖަންގައްޔެކެވެ؛ ކުށުގެ ހާއްޔެކެވެ.

މީގެ ހަތް އަހަރު ކުރިއަށް ބަލާ ނަމަ، މަސްތުވާ ކުޑައެތިކޮޅަކަށްޓަކައި އިސްތަފާ ވަހީދު ނުކުރާކަށް ކުށެއް ނެތެވެ. މަސްތުވާން ފައިސާ ހޯދަން ވައްކަން ކުރި އެވެ. މަގުމަތިން މީހުން އަތުން ފޭރުނެވެ. އެންމެ ލޯބިން ކައިވެނިކުރި އަނބިމީހާއަށް އަނިޔާކުރި އެވެ. މައިންބަފައިން މަރުވެ ދިޔައީ އިސްލާހުވުމަށް އެދި އާދޭސްކޮށްކޮށް ތިއްބަ އެވެ. އޭރު މަސްތުގެ ދުނިޔެއިން ނުކުންނާކަށް އޭނާއަކަށް ނޭނގުނެވެ. ކުށުގެ ހާލީގައި އޭނާ ހުރީ ބަނދެވިފަ އެވެ.

އެކަމަކު 'އެންމެ ނުބައި' ހާލަތުގައި ހުއްޓާ، އޭނާގެ ހަޔާތް ބަދަލުވާން ނެގީ ހަމަ ކުޑަ ވަގުތުކޮޅެކެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި، ހަޔާތާ މެދު ފިކުރުކުރަން އޮއްވައި، ރޭޑިއޯއިން އިވުނު ގުރުއާނުގެ އާޔަތެކެވެ؛ މާނައާ އެކު އިވުނު އެ އާޔަތް ވީ އޭނާ އިސްލާހުވާން ކޮށައިދިން މަގަށެވެ.

އިސްތަފާ ހިބަރެއްގައި ލޮނުއަޅަނީ. މިހާރު އޭނާގެ ދިރިއުޅުން ވަނީ ބަދަލުވެފައި (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

"ކުރިން އަބަދުވެސް ހިތަށް އަރަނީ މިއީ އަޅުގަނޑުގެ ތަގުދީރޭ. ކުށްތަކަށް އަރައިގަނެ، މިހާ ގޯސް މީހަކަށް މިވީ އެގޮތަށް ނިމިފައިވާތީއޭ. ދެން މީގައި ކުރާނެ ކަމެއް ނޯންނާނެއޭ،" އިސްތަފާ ބުންޏެވެ.

"އެކަމަކު އެ ދުވަހު އަޅުގަނޑަށް އިވުނު އާޔަތުގައި އޮންނަނީ އެ ބައެއްގެ ހާލަތު އެ މީހުން އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެ ހާލަތު ބަދަލެއް ނުކުރައްވާނެއޭ [ސޫރަތް އައްރަޢުދު- 11]. އެ އާޔަތްވީ އަޅުގަނޑުގެ ހާލަތާ މެދު އެހެން ނަޒަރަކުން ވިސްނާލައި، މިކަމުން އަރައިގަނެވިދާނެކަން ފުރަތަމަ ފަހަރަށް އިހުސާސްވި ދުވަސް."

އުމުރުން 38 އަހަރުގެ އިސްތަފާއާ އަހަރެމެން ބައްދަލުވީ އޭނާގެ އުފަން ރަށް ބާރަށުންނެވެ. އެ ރަށުގެ މީހަކު އިސްތަފާ އަހަރެމެންނަށް ތައާރަފްކޮށްދިނީ، ރަށުގައި އުޅޭ ކުޅަދާނަ ހިބަރު މަސްވެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ރަށުގެ ބަނދަރުމަތީގައި ހުރި ފިނިއައްޓެއްގައި އިނދެ، އިސްތަފާ އޭނާގެ ހަޔާތުގެ ސަފުހާތައް ނިއުޅުވާލުމުން، ހިބަރު މަސްވެރިކަމަށް ވުރެ އޭނާ ކިޔައިދޭން އޮތް ވާހަކަ ބޮޑުކަން އެނގުނެވެ.

އިސްތަފާ ބުނިގޮތުގައި މަސްތުގެ ދުނިޔެއަށް އޭނާއަށް ވަދެވުނީ އުމުރުން 17 އަހަރުގައި މާލެ ބަދަލުވި ހިސާބުންނެވެ. އޭގެ ކުރިން، ރަށަށް އަރުވާލާފައި ހުރި ބައެއް މީހުންގެ ފަރާތުން މަސްތުވާތަކެއްޗަކީ ކޮން އެއްޗެއްކަން އޭނާއަށް އޮތީ އެނގިފަ އެވެ. އެކަމަކު އޭގެ ފަންވަރާއި ބާރު އޭނާއަށް އިހުސާސްވާން ފެށީ، މާލެ އައިސް ތެޔޮ ބޯޓެއްގައި ވަޒީފާ އަދާކުރަން ފެށި ފަހުންނެވެ.

"އަޅުގަނޑާ އެކު އުޅުނު މީހުންގެ އަތުގައި ލާރި އޮވޭ. ވަރަށް ބައިވަރު ލާރި އޮވޭ. ފަހުން އެނގުނީ މިއީ މަސްތުވާތަކެތި ވިއްކައިގެން ހޯދާ އެއްޗެހިކަން. ދެން އެހެންވެ، އެހެން އުޅެން ވެގެން ފުރަތަމަ ޑްރަގް ބޯން ފެށީ،" އިސްތަފާ ކިޔައިދިނެވެ.

އޭނާއަށް ފުރަތަމަ ވެސް ޖެހެވުނީ ހެރޮއިންގަ އެވެ. އިސާހިތަކު އޭގައި ބަނދެލެވިއްޖެ އެވެ. ކުރިން ވަގަށް ކުރި ކަންތައް އެންމެންނަށް ފެންނަ ގޮތަށް ކުރަން ފެށި އެވެ. ތެޔޮ ބޯޓުން ލިބޭ ފައިސާ ހުސްކުރީ މުޅިން އެކަމަށެވެ. އެކަމަކު އިސްތަފާ ބުނިގޮތުގައި މަސްތުވާތަކެތީގެ ދުނިޔެއަށް ވަދެވުނު ވަރަކަށް، އޭނާގެ ވަށައިގެންވާ ދުނިޔެ ދިޔައީ ބަނަވަމުންނެވެ. ވަޒީފާ ގެއްލި މަގުމަތިވި އެވެ. ދެން އުޅެން ފެށީ، އޭނާގެ ބަހުން ނަމަ، 'އެންމެ ހަޔާތްކުޑަކޮށް'، ވައްކަންކޮށް، މީހުންގެ އަތުން ފޭރުމުގަ އެވެ.

އުމުރުން 20 އަހަރުގައި އޭނާ ޒަވާޖީ ހަޔާތެއް ފެށީ ވެސް އެ ވަބާގެ ތެރެއިންނެވެ. ކުރިއްސުރެ ރައްޓެހިވެގެން އުޅުނު މީހާއާ ކައިވެނިކޮށް، ފުރަތަމަ ދަރިފުޅު ލިބުމުން މަސްތުވާތަކެއްޗާ ދުރަށް ދާން މަސައްކަތްކުރި ނަމަވެސް އެ ދުވަސްވަރު މަންމަ މަރުވުމުން، އެ ހިތާމައިން އަރައިގަންނަން އަނެއްކާވެސް އޭނާ ހިޔާރުކުރީ މަސްތެވެ. ދެވަނަ ދަރިއަކު ލިބުނީ ވެސް އެހެން އުޅެނިކޮށެވެ. އިސްތަފާ ބުނިގޮތުގައި އެއްބަނޑު މީހުންގެ އެހީތެރިކަން ކޮންމެވެސް ވަރަކަށް ލިބޭތީ، އޭނާ އުޅުނީ އަމިއްލަ އާއިލާގެ އެއްވެސް ޒިންމާއެއް ނުނަގައި، ހިތަށްއެރި ގޮތަކަށެވެ. އެކަމަކު އެންމެ ފަހުން މަސްތުވާތަކެތި ގަންނަން އަނބިމީހާ ފައިސާ ނުދިނުމުން، އޭނާއަށް އަނިޔާކޮށް، ވަރިކޮށް ގެއިން ވެސް ނެރެލީ އެވެ.

އިސްތަފާ ބޭނި ހިބަރެއް ހިފައިގެން އެއްގަމަށް އަރަނީ: މިއީ އެކަމަށް ކުޅަދާނަ މަސްވެރިއެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ފުރަތަމަ ފަހަރަށް އިސްތަފާ ޖަލަށް ހުކުމްކުރީ، 2016ގަ އެވެ. ޖަލުގައި ދެން ވާނެ ގޮތެއް ނޭނގޭތީ، އެ ދުވަހު އޭނާ ބިރުގަނެ ޖެހިލުންވި އެވެ. އެކަމަކު އިސްތަފާ ބުނިގޮތުގައި، މާފުށީ ޖަލުގެ ތެރެއަށް ވަނުމާ އެކު، އޭނާ މާ އުފާވެއްޖެ އެވެ. ކުރިން ވައްކަންކޮށްގެންނާއި ފޭރިގެން ހޯދާ ފައިސާއިން ގަންނަ މަސްތުވާތަކެތި، މާ ފަސޭހައިން ޖަލުން އަތުޖެހޭތީ އެވެ. މާ ގިނައިން 'ބޯން ލިބި'، އެކަމަށް އެހީވެދޭނެ މާ ގިނަ ރަހުމަތްތެރިން ލިބުމުންނެވެ. ޖަލުގައި ހުރެ އެކި މީސްމީހުންނަށް ގުޅައި، ފައިސާ ހޯދައިގެން، ބޭނުން ވަރަކަށް މަސްތުވާތަކެތި ގަންނަން ލިބޭ ކަމަށް އޭނާ ބުންޏެވެ.

މާފުށީ ޖަލުން އޭނާއަށް ހެޔޮ ނަސޭހަތް ދިން މީހަކާ ވެސް ދިމާވި އެވެ. މަސްތުން އަރައިގަނެ، ޖަލުން ސަލާމަތްވެ އަބުރުވެރި ދިރިއުޅުމެއް އުޅެން އެ މީހާ ނަސޭހަތް ދިން ކަމަށް ވެސް އިސްތަފާ ބުންޏެވެ. އެ މީހާގެ ވާހަކަތައް ސިކުނޑީގެ ކަނެއްގައި ބާއްވައިގެން އުޅެނިކޮށް އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ، ޖަލަށްލިތާ އަހަރެއް ފަހުން، ރޭޑިއޯއިން އިވުނު އެ އާޔަތުގެ ތަރުޖަމާއިން ކަމަށް އޭނާ ބުންޏެވެ.

"އެ އާޔަތް އިވުނީމަ ހިތަށްއެރީ އަޅުގަނޑަށް ވެސް މިކަން ވާނެއޭ. އަމިއްލައަށް މި ހާލަތު ބަދަލު ކުރަން މަސައްކަތް ކުރާނީއޭ. އެ އާޔަތުން ހަމަ އަޒުމު އާވެއްޖެ،" އިސްތަފާ ކިޔައިދިނެވެ.

މަސްތުވާތަކެތި ބޭނުންކުރަން އޭނާ ހުއްޓާލި ދުވަސްކޮޅު، އިއްތިފާގުން ޖަލުން އެ ތަކެއްޗެއް ނުވެސް ލިބެ އެވެ. އެކަމަކު އިމްތިހާނާ ކުރިމަތިވީ ހަތަރު ވަނައަށް ވީ ދުވަހު އެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ބަލިވެ، ހިރިލާނެވަރު ވެސް ނެތިފަ އެވެ. ޖެހިގެން ހުރި ގޮޅިން އޭނާއަށް މަސްތުވާތަކެތި ފޮނުވައި، ހިތް އެދޭ ވަރަކަށް ބޭނުން ކުރަން ފުރުސަތު ދިނެވެ.

އިސްތަފާ އޭނާގެ ޑިންގީގައި ހިބަރު ބާނަން ނުކުންނަނީ: ދިރިއުޅުން ބަދަލުވީ ކުއްލިއަކަށް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

"ކަރުދާސްގަނޑަކަށް ލާ އޮޅާފައި އޮތީ. ހަމަ އަޅުގަނޑުގެ އަތުގެ ތެރޭގައި އޮތީ. އެކަމަކު އެވަގުތު ހަމަ ހިތަށްއެރި މިއީ ﷲ އިމްތިހާން ކުރައްވަނީއޭ. އެހެންވެ ވަރަށް ހިތްވަރުކޮށްލާފައި އެ ބޭނުންނުކޮށް އެއްލައިލީ،" އޭނާ ބުންޏެވެ.

މަސްތަށް އަޅުދާސްތުވެފައި ހުރިވަރުން އެ ހުއްޓާލަން އޭނާ ކަށިން ހިތްވަރު ނެރެން ޖެހުނެވެ. ކުރިމަތީގައި މީހުން އެ ބޭނުންކުރާތަން ފެނި، ކިތަންމެ ވަރަކަށް ވެސް އެޔަށް ހިތްލެނބުނެވެ. އެކަމަކު އަމިއްލައަށް ކަނޑައެޅި އަޒުމުގައި އޭނާ ސާބިތުވި އެވެ. އިސްތަފާ ބުނިގޮތުގައި އެއީ އުނދަގޫ އިމްތިހާނެކެވެ.

މަސްތުވާތަކެއްޗާ އެކު އޭނާ ސިނގިރޭޓު ބުއިން ވެސް ހުއްޓާލި އެވެ. ޖަލުގައި އޭނާ އިސްލާމް ދީން ކުރިއަށް ވުރެ ބޮޑަށް އުނގެނުނެވެ. ގާރީ ކޯހާއި ދަނޑުވެރިކަމުގެ ކޯސް ހެދި އެވެ. އެންމެ ފަހުން ހުކުމް ނިންމައި، ހަތަރު އަހަރު ފަހުން އޭނާ ޖަލުން ދޫކޮށްލީ 2020ގަ އެވެ.

ޖަލުގައި ހުރެގެން އޭނާ އިސްލާހުވާން މަސައްކަތް ފެށި އިރު އެންމެ ބޮޑު ހިތްވަރެއް ދިނީ އާއިލާއިންނެވެ. ހާއްސަކޮށް ބައްޕަ އެވެ. ބައްޕަގެ އެދުމަކަށް ވެފައި އޮތީ، ޖަލުން ނުކުމެ، ޑިންގީއެއް ހޯދައިގެން މަސްވެރިކަން ކުރުމެވެ. އެކަމަކު ޖަލުން ނުކުތް އިރު ބައްޕަ ދުނިޔެ ދޫކޮށްފި އެވެ.

ޖަލުން ސަލާމަތްވެ، އޭނާ ރަށަށް ބަދަލުވެ، ބައްޕަގެ އުއްމީދުގައި ކުލަ ޖެއްސޭތޯ ބެލި އެވެ. ކޮއްކޮއެއްގެ ޑިންގީއެއްގައި ހިބަރުގެ މަސައްކަތް އޭނާ ފެށީ އެ ހިސާބުންނެވެ. މީހަކާ ކައިވެނިކޮށް ދިރިއުޅުން އާރާސްތުކުރެވޭތޯ ބެލި އެވެ. ކުރީގެ ކައިވެންޏަށް ލިބުނު ދޮށީ ދަރިފުޅު، އޭނާގެ މަންމަގެ އެދުމުގެ މަތިން ރަށަށް ގެނެސް އެ ކުއްޖާއަށް ބައްޕަގެ ހިޔާވަހިކަން ދިނެވެ.

"މަސްވެރިކަން ވެސް ރަނގަޅު. މިހާރު އަޅުގަނޑު މީހުންގެ އަތުން ހިބަރު ގަނެގެން ވެސް ކިރަން. ބާނާ މަހުގައި ލޮނު އަޅައިގެން ވެސް ވިއްކަން،" އިސްތަފާ ކިޔައިދިނެވެ.

ކުރިން ބޯޓުގައި އުޅުނު އިރު ލިބުނު ވަރުގެ އާމްދަނީއެއް ނުލިބުނަސް އޭނާ ހުރީ އުފަލުން (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އޭނާ ބުނިގޮތުގައި މާޒީއަށް ބަލާފައި ބައެއް މީހުން  އޭނާއަށް މަސް ވިއްކަން ދެކޮޅުހަދަ އެވެެ. އެކަމަކު އިތުބާރު ހޯދުމަށް ވަގުތު ނަގާނެތީ އެކަމާ އޭނާގެ ޝަކުވާއެއް ނެތެވެ. އޭނާއަށް އާއިލާގެ އިތުބާރާއި ރަށުގެ ގިނަ ބައެއްގެ ލޯބި އަނބުރާ ލިބިއްޖެ އެވެ.

ތެޔޮ ބޯޓުގައި އުޅުނު އިރު ލިބުނު ވަރުގެ އާމްދަނީއެއް މިހާރަކު ނުލިބެ އެވެ. އެކަމަކު އޭނާގެ ހިތް އޮތީ އުފަލުން ފޮޅިފަ އެވެ. މަދު ލާރިކޮޅެއް ލިބުނަސް، މިހާރު މާބަނޑުވެފައި އިން އަނބިމީހާއާ އެކު އޭނާ އުޅެނީ ފުދިގެންނެވެ. އޭނާ ހިތްވަރު ހޯދަނީ ނަމާދާއި ދުއާއިންނެވެ.

"މަސްތުވާތަކެއްޗާ ދުރުވާން އަޒުމު ކަނޑައެޅީއްސުރެ މިއަދާ ހަމައަށް އެންމެ ނަމާދެއް ވެސް ވައްޓައެއް ނުލަން. އަޅުގަނޑު ރިހެބަކަށް ނުދަން. އަޒުމު ކަނޑައަޅާފައި އޭގައި ސާބިތުވެ ހުންނަން މަސައްކަތްކުރީ. ފަރުވާ ހޯދީ ދުއާއިން. އާއިލާ މީހުންގެ ހިތްވަރުން،" އިސްތަފާ ބުންޏެވެ.

"އެކަމަކު އެންމެ ދެރަވަނީ މަންމަ އާއި ބައްޕައަށް މި މަންޒަރު ނުފެނުމުން. އެ މީހުން ވަރަށް ދެކެން ބޭނުންވި ދުވަހެއް މިއީ."

ދެން އޮންނާނީ އެ މައިންބަފައިންނަށް ހެޔޮ ދުއާކުރުމެވެ. އޭނާ ވެސް ދުއާތަކުގެ މަތީގައި ދެމިހުރުމެވެ.

ކޮމެންޓް (19)

އުފާވެރި

12 ޖުލައި 2024
މި ހަބަރު ކިޔާފައި ރޮވިއްޖެ. މާތް ﷲ އިސްތަފާއަށާއި އާއިލާއަށް ހެޔޮރަހުމަތްލައްވާ މަސައްކަތުގައި ބަރަކާތްލައްވާށި. މަސްތުވާތަކެތި ބޭނުންކުރާ އެންމެންނަށް އިސްތަފާއަކީ އަގުހުރި މިސާލެއް. ކީރިތި ގުރުއާނަކީ މަރުފިޔަވައި ކޮންމެ ބައްޔެއް ނުވަތަ ކަމެއްގެ ހައްލު. އަހަރުމެން އެންމެންނަށްވެސް އިބުރަތެއްމީ. ވަަރަށް އުފާވެއްޖެ މިކަހަލަ ހަބަރެއް ކިޔާލަން ލިބުނީމަ.
29 0

ކިއްލާ ގެ ދޮރު

11 ޖުލައި 2024
އެހެންވީމަ އަޅުގަނޑުމެން ގެ ރައީސް އެބަ ޖެހޭ އެއްނުން ޖަލުގަ ތިބި ކުދިންނާ ދޭތެރޭ ތަންކޮޅެއް ރަނގަޅަށް ވިސްނާލަން
14 0

ރަޙްމަތު

11 ޖުލައި 2024
الحمد لله ތިބާ އިސްލާދީންމަތީ ދާއިމަށް ސާބިތުކޮށް ދެއްވާނދޭވެ! އަދި އިސްލާމް ދީނަށް ނަސްރު ދޭ މީހުންގެ ތެރޭގައި ލައްވާނދޭވެ! آمين
36 0

ޏާއްކޮ

11 ޖުލައި 2024
ތިޔަ ހެޔޮ މަގުގަ ސާބިތު ކުރައްވާށި. މީހުންގެ ހަސަދައާއި އެސްފީނާއިން ރައްްކާތެރި ކުރައްވާށި
54 0

ާއާރިފް

11 ޖުލައި 2024
އިސްތަފާ އަކީ ހިތއވަރު ގަދަ ހިތް ހެޔޮ މީހެއް ކަން ދިމާކުރި ގޮތުން އަހަރެންނާއި އެކުގައިވެސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބުނު އެ ދުވަސް ތަކުގައި އަހަރެންނާއި ވެސް އޭނާގެ ހަޔާތުގެ ތހިޔަ ހިތް ދަތި ދުވަސް ތައް ހިއްސާ ކުރިއެވެ. މާތްﷲ އިސްތަފާ އަށް ހިޔޮ ރަހްމަތް ލައްވަވާ ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާށިއެ އާމީން
28 0

އެދުރު

11 ޖުލައި 2024
ﷲ ތަޢާލާ ، މި އަޚާއަށާ މިވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާ އެންމެހާ އަޚުންނާ އުޚްތުންނަށް ހެޔޮ ތައުފީޤު ދެއްވައި ސާބިތުކަން ދެއްވާށި
25 0

ޒައީމާ

11 ޖުލައި 2024
އަޅުގަނޑު ގެ ކޮއްކޮ ވެސް އެހެރީ އަމިއްލަ އިން މަސްތުވާތަކެތި ސަލާމަތް ވެފަ.. އުމުރުން 16 އަހަރުން ފެށިގެން ބޭނުން ކުރީ.. މިހާރު އުމުރުން 36 އަހަރު..
36 0

ގެސްނާ

11 ޖުލައި 2024
މިހާރު ތިކަމެއް ނުކުރޭދޯ ރާއްޖޭގަ. 30 އަހަރުގެ ވާހަކަ ތިޔަކިޔަނީ .ކޮންމެވެރިކަމެއްގަވެސް ހުންނާނެ ގޯސް ރަގަޅު. މިހާރު މާ ގޯސް
13 0

ފާތުން

11 ޖުލައި 2024
އަޅުގަނޑުގެ ފިރިމީހާ އޭނާގެ ޢުމުރުން 17 އަހަރު ހޭދަކުރީ މަސްތުގެ ދުނިޔޭގަ. އޭނާއަށް މާތްﷲ ހެޔޮމަގު ދައްކަވާ އެކަމުން ސަލާމަތް ކުރައްވައިފި. އަލްޙަމްދުލިﷲ. މިވާހާކަ ކިޔާލާފަ ހަމަ ރޮވިއްޖެ. ބުނެލަން ބޭނުންވަނީ ހިތްވަރު ދޫކޮށްނުލާ ތިގޮތުގައި ސާބިތުވެ ހުންނާށޭ. ނަމާދުކޮށް ޤުރްއާން ކިޔަވާ މިހާރަށްވުރެ ބޮޑަށް އީމާންތެރިކަން ވަރުގަދަ ކުރެވޭތޯ މަސައްކަތް ކުރާށޭ.
55 1

މީހާ

11 ޖުލައި 2024
އިސްތަފާ އެކުރި ހިތްވަރަކީ ފަސޭހައިން ކިޔައިދިނެއް ކަމަކު، އުނދަނގުލުން ނޫނީ ނުލެވޭނެ ގަދަފަދަ ހިތްވަރެއް. އިސްތަފާގެ ވާހަކަ ފަދައިން، އެހެން މީހުންނަށް ފިލާވަޅު ލިބިދޭ ސްޓޯރީ ގިނަގިނައިން ހިއްސާކުރުން ވަރަށް މުހިންމު. އަޅުގަނޑުމެންނާ ހަމަޔަށް މި ވާހަކަވެސް މިއައީ ގަސްތަކާނުލައި. އެކަމަކު އިސްތަފާގެ ދަތުރުގެ ޞަފުޙާތަކުން ބައެއް ކިޔާލެވުމުންވެސް ވަރަށް ހިތްހަމަ ޖެހިއްޖެ.
45 1

ދިވެހިދަރި

11 ޖުލައި 2024
ހެޔޮމަގަށް އެޅުމަށް ތިޔައެޅި ފިޔަވަޅުމަތީ ދެމިހުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. ރިހެބު ޕްރޮގްރާމްއަކީ މިގޮތަށް ބައްޓަންކުރަންވީ ކަމެއް.
41 0

ސުމައިލީ

11 ޖުލައި 2024
މާތް ﷲ ހެޔޮ ރަހްމަތް ލައްވާށި. އާމީން
46 1

ޢެޑްމުންޑޯ

11 ޖުލައި 2024
ވަރަށް ބޮޑަށް އުފާވި ، ހިތައްއަރާ މިފަދަ ކަންތަކުން ފިޅާވަޅު ލިބިގަނެ މިވަބާގައި ހަލާކުވަމުންދާ ޒުވާނުން އިސްލާހުވާނި ކޮންދުވަހަކުންބާވައޭ
46 0

އަހޫ

11 ޖުލައި 2024
މާޝާ ﷲ، މާތް ﷲ މިއަޚާ ޘާބިތު ކުރައްވާށި. މި ޙަޔާތަކީ އިމްތިހާނެއް.
50 0

އަހަންމަދު

11 ޖުލައި 2024
ކީރިތި ޤުރުއާނަކީ ފަރުވާއެއް.
53 0

ފާތުމަތު

11 ޖުލައި 2024
މި ކިޔާފަ ރޮވިއްޖެ! ވަރަށްވެސް އުފާވެރި! ޢެހެންމީހުންނަށްވެސް ނަމޫނާ!
56 0

ފަރު

11 ޖުލައި 2024
@ފާތުމަތު މަށަށްވެސް ރޮވުނީ
13 0

ޒޫނާ

11 ޖުލައި 2024
ވަރައްއުފާ ވެއްޖެ ހެޔޮވިސްނުން ދެއްވީތީ މިކަން ކުރާކުދިންނަށް އިޚްސާސްވެސް ނުކުރެވޭނެ މައިން ބަފައިން ކުރާ ހިތާމަ
54 1

ހަނދުވަރު

11 ޖުލައި 2024
ވަރަށް އުފާވެއްޖެ. މާތް ﷲ ހެޔޮ ރަހްމަތް ލައްވާށި. އާމީން
53 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް