މިހެން އިނދެ މީހުންނަށް ވާހަކަ ކިޔައިދޭތާ 60 އަހަރު
މުހިންމު ނުކުތާތައް
ރަށުގައި ކަރަންޓް ނުހުނަން އިރު އެކަކު ރޭގަނޑު 11 ޖަހަންދެން ވާހަކަ ކިޔައިދިނީ ފުޅިބައްތީގެ އަލީގައި
އޭރު އިޝާނަމާދަށް ފަހު އެތައް ބަޔަކު އަބްދުއްސައްތާރުގެ ގެއަށް މީހުން ޖަމާވެ އަޑުއަހަން ތިބޭ
ގައިގައި ވަރު ހުރި ނަމަ މި އާދަ އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ބުނި
ހއ. މާރަންދޫ - މިހާތަނަށް އައިއިރު އަބްދުއްސައްތާރު (މިރަށު މީހުންގެ މެދުގައި މަޝްހޫރު ނަމުން ނަމަ ސައްތާރުބެ)ގެ ހަޔާތުގައި ބަދަލުނުވެ އޮތީ ދެ ކަމެކެވެ؛ އެއީ ވާހަކަ ކިޔުމަށް އޭނާގެ އޮތް ޝައުގުވެރިކަމާއި ވާހަކަ ކިޔައިދިނުމަށް އޮތް ލޯތްބެވެ. އުމުރުން 74 އަހަރު ވީ އިރު ވެސް އެއީ އޭނާއަށް ދޫކޮށް ނުލެވުނު އަދި ދޫކޮށްލަން ބޭނުންނުވި ދެ އާދެ އެވެ.
ސައްތާރާ އަހަރެމެންނާ ބައްދަލުވީ، މާރަންދޫ ހުޅަނގު ފަރާތު އަތިރިމަތިންނެވެ. އޭރު އަސުރަށް އިރު ތިރިވެ، މާހައުލު އޮތީ ފިނިކޮށްލާފަ އެވެ. ގަޑިން ބަރާބަރު 4:35 ވީ އެވެ. މޫދުން ޖަހާލާ ރާޅާއި ސައްތާރުގެ ވާހަކައިގެ އަޑު ފިޔަވައި އޭރު އެ ސަރަހައްދުން އިތުރު އަޑެއް ނީވެ އެވެ. އޭނާ އޮތީ، އަތިރިމަތީގައި ހުންނަ ހޮޅުއަށީގައި، ފޮތެއް ހިފަހައްޓައިގެން، އަޑު ހަރުކޮށް ވާހަަކަ ކިޔާށެވެ. ވަށައިގެން މީހުން އޮށޯވެގެން ތިބިއިރު އެންމެން ވެސް ކެތްމަދުވެފައި ތިބީ ދެން ވީ ގޮތެއް އަޑުއަހާލާށެވެ. ދުރުން އެ މަންޒަރު ބަލައިލާއިރު ހީވީ މާޒީގެ ތެރެއަށް ވަދެވުނުހެންނެވެ.
"އަޅުގަނޑުގެ އުމުރުން 15 އަހަރުގައި މިހެން ވާހަކަ ކިޔައިދޭން ފަށައިފިން. މިހާރު 74 އަހަރު ވެއްޖެ. މުސްކުޅިމިވީ ހަމަ މިގޮތުގައި،" ވާހަކަ ކިޔައި ނިންމާލާފައި، ބޮޑު ހިނިތުންވުމަކާ އެކު އޭނާ ބުންޏެވެ.
މިއީ، އިހުގައި ރާއްޖޭގެ ބައެއް ރަށްރަށުން ފެންނަ މަންޒަރެކެވެ. އެކަމަކު ފޮހެވިގެން ގޮސްފައިވާ މި މަންޒަރު، މިހާރު ވެސް މާރަންދޫން ފެންނާނެ އެވެ. ރަށުގައި ހުރިއްޔާ، ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:30ގައި އޭނާ ހޮޅުއަށީގައި ވާހަކަ ކިޔަން އިނދެ އެވެ. މޫސުން ގޯސްވިޔަސް ނޫނީ އިތުރު އެހެން މީހަކު އަޑުއަހަން ނަޔަސް، ސައްތާރު އެތަނުގައި ފޮތް ކިޔަން އިނދެ އެވެ. ކޮންމެ ދުވަހަކު ވެސް 5:30 ވަންދެން، އެއަށް ފަހު އިތުރަށް އެންމެ މިނިޓެއް ވެސް މަޑުނުކޮށް އޭނާ ވާހަކަ ކިޔައި ނިންމާލަ އެވެ.
ވާހަކަ ކިޔުމަކީ ސައްތާރުގެ ބަހުން ނަމަ އޭނާގެ ފުރަތަމަ ލޯތްބެވެ؛ ދިރިއުޅުމުގެ ހުރިހާ ބާބެއްގައި ވެސް، އޭނާގެ ކާފަ، 'މާރަންދޫ ދޮންބެ'ގެ ފަރާތުން ވާރުތަވި އެ ޝައުގުވެރިކަން ދެމި އޮތެވެ.
ރަށުގެ އަތިރިމަތީގެ ހިމުން ފަސްގަނޑުމަތީ، ރޭގަނޑުގެ ހަނދުވަރުގެ އަލީގައި ރަހުމަތްތެރިންނާ އެކު ވާހަކަ ކިޔަން ތިބުމަކީ އޭނާގެ އެންމެ ދުރު ހަނދާނެވެ. ފޮތް ނުލިބޭތީ އޭރު ވާހަކަ ކިޔަނީ، އިވިފައިވާ ވާހަކަތަކަށް ފޮނިތޮށި ކާފޫރު އަޅައިގެން އަމިއްލައަށް ހަދައިގެންނެވެ. އެކަކު ވާހަކަ ކިޔައި ނިމުމުން، އަނެކަކު ފަށަނީ އެވެ. އޭގެ ފަހުން އުމުރުން 15 އަހަރު ވީ އިރު، ރަށުގެ ވާހަކަ ކިޔައިދޭ މީހާއަށް ސައްތާރު ވެއްޖެ އެވެ.
"އޭރު ވާހަކަ ކިޔައިދޭނީ ސައްތާރުބޭގެ ގޯތިތެރޭގައި ހުންނަ އުނދޯއްޔެއްގައި އިނދެގެން. އިރުއޮއްސުމާ އެކު އަޅުގަނޑުމެން އެގޭ ދޮށަށް ގޮސް، އުނދޯލި ކައިރީ ބިންމަތިން ޖާގަ ހަދައިގެން ތިބެން،" ހޮޅުއަށީގައި ވާހަކަ އަޑުއަހަން އޮތް އަބޫބަކުރު ބުންޏެވެ.
އިޝާ ނަމާދުކޮށްލައިގެން އައިސް، ސައްތާރު ވާހަކަ ކިޔައިދޭން ފަށާއިރު މުޅި ހިސާބުގައި ވާހަކަ އަޑުއަހަން މީހުން ޖަމާވެ ތިބެ އެވެ. އޭނާ ކިޔަން އިންނަ ފޮތަށް އަލިކޮށްދޭން، ބައްތިއެއް ހިފައިގެން ކައިރީގައި މީހަކު އިނދެ އެވެ. ބައްތީގެ އަލިން ކިޔަމުން ދާ ވާހަކަ ނިންމާލަނީ ކޮންމެ ރެއެއްގެ ވެސް 11 ޖަހާއިރު އެވެ.
"އެހެން ވާހަކަ އަޑުއަހަން އޮވެގެން އަޅުގަނޑުމެންނަށް ނިދޭނީ. ހޭލެވޭއިރު ހުންނާނީ 1-2 ޖަހާފައި. ދެން އަވަހަށް ގަޑަގަޑަ ޖަހާފައި ގެއަށް ދުއްވައިގަންނަނީ،" އޭރު އުމުރުން 10 ވަރަކަށް އަހަރުގެ އަބޫބަކުރު ބުންޏެވެ.
އެންމެ ކުރިއްސުރެ ސައްތާރު އެއްކުރަމުން އައި ފޮތްތަކުން ގޭތެރެ މިހާރު 'ފުރިއްޖެ' އެވެ. އެއިން ކޮންމެ ފޮތަކީ ވެސް ހޮޅުއަށީގައި އޭނާ ކިޔައިދޭ ވާހަކައެކެވެ.
އެ ދުވަހު ސައްތާރު ކިޔަން އިނީ 'ވާފިރާގެ ޝަކުވާ' އެވެ. ވަރަށް ފަރުވާތެރިކަމާއި ވަރަށް ޝައުގުވެރިކަމާ އެކު އެވެ.
"މިއީ ރަސޫލު ޒަމާނުގައި އަސްހާބުންނާ ކުރެވުނު ހަނގުރާމަތަކެއްގެ ވާހަކަ. ކުރީ ދުވަހު ނިންމާލީ އީރަޖު ވާހަކަ،" ކުރިން ރަށުގައި މުދިމެއްގެ ގޮތުގައި މަސައްކަތް ކުރި ސައްތާރު ބުންޏެވެ.
"ދެން ވަރަށް ގިނައިން ކިޔަން ލޯބީގެ ވާހަކަ، ސީދާވި ހުވަފެން. ތާޒާ ބަގީޗާ އެއީ ލޯބީގެ އިންތިހާއަށް ގޮސްފައިވާ ވާހަކައެއް. އެންމެ ގިނަ މީހުން ގަޔާވަނީ ވެސް އެ ވާހަކައަށް."
މި ހުރިހާ ފޮތްތަކެއް އޭނާ ހޯދަނީ މާލެއިންނެވެ. ސައްތާރު އެންމެ މާޔޫސްވަނީ، މިފަދަ ފޮތްތައް ބާޒާރުން މިހާރު ލިބެން ނުހުންނާތީ އެވެ. ގިނަ ފޮތްތައް ޗާޕު ވެސް ނުކުރެ އެވެ. އޭނާގެ އަތުގައި ހުރި ފޮތްތައް ވެސް ދުވަސްވެ، އަކުރު ފޭދޭ ހިސާބަށް މިހާރު ހިނގައްޖެ އެވެ. އެކަމަކު ވާހަކަ އަޑުއަހަން އަންނަ މީހުންގެ ޝައުގުވެރިކަމާއި، އެ ވާހަކަތައް ކިޔައިދޭން އޮތް ލޯތްބަކުން އެކަން ކުރަނީ އެވެ.
ހޮޅުއަށީގައި ކިޔާނެ ވާހަކަ ހިޔާރުކުރަނީ ސައްތާރު އަމިއްލައަށެވެ. ކޮންމެ ދުވަހަކު އެއް ގަޑިިއިރު، ވާހަކަ ނިމެންދެން އޭނާ ކުރިއަށް ގެންދެ އެވެ. އެގޮތަށް ކިތަންމެ ވާހަކައެއް މިހާރު ތަކުރާރު ވެސް ވެއްޖެ އެވެ.
ހޮޅުއަށިން ސައްތާރުއާ ބައްދަލުވި ދުވަހު، އޭނާ ކައިރީގައި 12 ވަރަކަށް މީހުން ތިއްބެވެ. އެއީ އޭނާ ބުނާ ގޮތުން މަދު އަދަދެކެވެ. ކުރީގައި ބައެއް ދުވަސް ދުވަހު 25-30 މީހުން، ވާހަކަ އަޑުއަހަން އެތަނަށް ދެ އެވެ. ވާހަކަ ކިޔާ ގަޑީގައި މުޅި ހޮޅިއަށި އޮންނަނީ ފުރިފަ އެވެ.
"އެކަމަކު މިހާރު އޭގެ ތެރެއިން ގިނަ މީހުން މަރުވެއްޖެ،" ސައްތާރު ބުނެލި އެވެ.
އޭނާގެ މި ދާސްތާއަށް މިހާރު 60 އަހަރު ވީ އެވެ. އުމުރުން ދުވަސްވެ، ގައިބާރު ދެރަވެއްޖެ އެވެ. އެކަމަކު ފޮތް ކިޔުމާއި ކިޔައިދިނުމަށް އޮތް ލޯތްބަށް ބަދަލެއް ނަ އެވެ. ހިނގައި ބިނގާ އުޅެވޭހާ ހިނދަކު، ދުލުގައި ބާރު ހުރިހާ ދުވަހު މިގޮތަށް ފޮތް ކިޔައިދޭން އައުމަކީ އޭނާގެ އުއްމީދެވެ.
ކޮމެންޓް (5)
ޙަސަން
ހަސަން-2
ޙަސަން
ދިވެހި މީހާ
އެނީ