ކަނޑާފައިވާ ކެޔޮގަނޑެއް ހިފައިގެން ގަފޫރު ދަނީ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ރާޅުފަށް

ކެޔޮގަނޑާ މެދު ހާސްވާނެ ކަމެއް ނެތް؛ މިއީ އަމާނާތްތެރިކަމުގެ ނަމޫނާ

މުރައިދޫގެ ގިނަ ކެޔޮގަސްތައް ގަފޫރުގެ ބެލުމުގެ ދަށުގައި ހުންނައިރު، ދޮންކެޔޮ ވިއްކައި އެއިން ލިބޭ ނަފާ ހައްގުވެރިންނަށް އޭނާ ދެނީ އަމާނާތްތެރިކަމާ އެކުގައި

ހއ. މުރައިދޫ - އަބްދުލްގަފޫރު އުސްމާންގެ ވާހަކަ އެހެން ގިނަ ވިޔަފާރިވެރިންނާ ތަފާތެވެ؛ މި ރަށުގެ އިގްތިސޯދުގެ އެންމެ މުހިއްމު މަސައްކަތް، އޭނާއަށް ބަރޯސާވެފައިވާތީ އެކަންޏެއް ނޫނެވެ. އަޑުއިވުމުގެ އުނދަގޫތަކެއް ހުންނާތީ، މުއާމަލާތު ކުރަން ދަތިވެގެންނެއް ވެސް ނޫނެވެ. އެކަމަކު ވިޔަފާރީގައި އޭނާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުންނެވެ. ވިޔަފާރީގައި އެތައް އަހަރެއް ވީ އިރު ވެސް، ވިޔަކޮށް ގުނަކޮށް އަދަދު ކުރުމުގައި މިހާތަނަށް ކުންޏެއް ޖެހިފައި ނުވާތީ އެވެ.

އަބްދުލްގަފޫރާ އަހަރެމެންނާ ބައްދަލުވީ މިރަށުގެ ފަތްކެޔޮދަނޑުންނެވެ. މެންދުރުގެ  އެންމެ ހޫނުގަދަ ވަގުތު އޭނާ ހުރީ، އެތައް ސަތޭކަ ދޮންކެޔޮ ގަސްތަކުގެ ތެރެއިން އޭނާ ބޭނުންވާ ކަހަލަ ކެޔޮގަނޑެއް ހޯދުމުގެ މަސައްކަތުގަ އެވެ. އަތުގައި އޮތް ތޫނު ކަތިވަޅިން، ގަސްތަކުގައި ހުރި ހިކި ފަތްތައް ކޮށަމުން، ސާފުކުރަމުން އޭނާ ހިތް އެދޭ ކަހަލަ ކެޔޮގަނޑެއް އަތުވާ ގޮތްވީ ލައްކަ ގިނައިރު އެތަނުގައި ހޭދަކުރި ފަހުންނެވެ.

ކެޔޮގަހެއްގައި ހުރި ހިކިފަތްތަކެއް ގަފޫރު ސާފުކުރަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"މިއީ މިއަދު ގެއަށް ގެންދާ ހަތް ވަނަ ކެޔޮގަނޑު. މި އެއްޗެހި ޖެހޭނެ މާދަމާ މާލެ ފޮނުވާލަން،" ބޮޑު ހިނިތުންވުމަކާ އެކު، ވަރަށް ބާރަށް އޭނާ ބުނެލި އެވެ.

މުރައިދުއަކީ ރާއްޖޭގެ އެންމެ އުތުރުން، ފަތްކޭލުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ރަށެވެ. އެތައް އަހަރެއް ކުރިން ފެށިގެން އެ ރަށުގެ އިގްތިސޯދު ބަރޯސާވެފައިވަނީ އެ ވިޔަފާރިއަށެވެ. އެކަމަކު އެ ވިޔަފާރީގެ މުގުލުގައި މިއަދު ހުރީ ގަފޫރެވެ.

އަބްދުލްގަފޫރުގެ ވާހަކަ ހާއްސަވަނީ ދަނޑެއްގައި މީހެއްގެ ކެޔޮގަހެއް އިންދުމަށް ފަހު، އެއިން މޭވާ ނުކުމެ ކެޔޮގަނޑު ވިއްކާލުމާ ހަމައަށް އޭނާ ޒިންމާ ނަގާތީ އެވެ.

މުރައިދޫގައި އެތައް ސަތޭކަ ކެޔޮގަހެއް ހުރީ ގަފޫރުގެ ބެލުމުގެ ދަށުގަ އެވެ. އެއީ ރަށުގެ އެކި މީސްމީހުންގެ ގަހެވެ. އެކަމަކު ބިން ސާފުކޮށް، ކެޔޮ އިންދުމަށް ފަހު ދެން ހަވާލުކުރާނީ ގަފޫރާ އެވެ. ގަހުން އެލޭ ހިކި ފަތްތައް ސާފުކޮށް، ގަހުގައި އަޅާ ކެޔޮގަނޑު ބޮޑުވާވަރާއި ހަރުވާ މިންވަރު އޭނާ ގަވައިދުން ބަލާނެ އެވެ. ގަހުުން ހަރުވާ ދޮންކެޔޮގަނޑު ކަނޑައި، ގެއާ ހަމައަށް ގެންގޮސް، އެ ދޮންކޮށް، މިނެކިރައި، ބޯޓާ ހަމައަށް ގެންދާނީ ވެސް އޭނާ އެވެ. ކެޔޮގަނޑު ވިކުމުން އެއިން ލިބޭ ފައިސާ، ގަހުގެ ވެރިޔާއާ ހަމައަށް ގެންގޮސްދޭނީ ވެސް ހަމަ ގަފޫރެވެ.

ގަފޫރު ކެޔޮވަލުގައި: ރަށުގެ ގިނަ ކެޔޮގަސްތައް ހުންނަނީ އޭނާގެ ބެލުމުގެ ދަށުގައި (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

"ކެޔޮ ވިއްކައި ލާރި ލިބުމުން، އަޅުގަނޑު ކޮންމެ ގެއަކަށް ވެސް ގޮސް ބުނަން ކެޔޮގަނޑުގައި އިނީ މިވެނި ކިލޯއެކޭ. އެއާ އެއްވަރަށް ކޮންމެ ގެއަކަށް ވެސް ލާރި ދީފައި އަންނަނީ،" އޭނާ ބުންޏެވެ.

ގަފޫރުގެ މި ވިޔަފާރީގެ ވާހަކަ ދެން ކިޔައިދިނީ، އެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިޔާ، އޭނާގެ ދަނބިދަރި ސޯބިރާ އަލީ އެވެ. ކެޔޮކަނޑާވަރާއި އޭގެ ބަރުދަނާއި ފައިސާގެ ހިސާބުކިތާބު ބަލަހައްޓަނީ އެ ޒުވާނާ އެވެ. ސޯބިރާގެ ބަހުން ނަމަ އޭނާއަކީ ބަފައިބެގެ ސެކްރެޓަރީ އެވެ.

"ހަގީގަތަށް ބުނަންޏާ މީހަކަށް ނޭނގޭނެ އޭނާގެ ކެޔޮގަނޑުގައި ހުރީ ކިހާ ކިލޯއެއް ކަމެއް ވެސް. އެއަށް ލިބުނީ ކިހާ ފައިސާއެއް ކަމެއް ވެސް. އެކަމަކު ބައްޕަ، މިނެކިރުމުގައި ވަރަށް އަމާނާތްތެރިވާނެ،" އޭނާ ބުންޏެވެ.

"އެހެންވެ ކަންނޭނގެ މިހާ ދުވަސްވީ އިރު ވެސް މީހުން ބައްޕައާ މި މަސައްކަތް ހަވާލުކޮށްފައި އޮންނަނީ."

އެ ރަށުން ވާހަކަ ދައްކާލި އެހެން މީހުން ވެސް އެކަމާ އެއްބަސްވެ އެވެ. ގަފޫރަށް ކުރާ އިތުބާރުގެ ވާހަކަ ކޮންމެ މީހަކު ވެސް ބުނެލަނީ ދެބަސްވުމެއް ނެތި އެވެ.

މުރައިދޫގެ ކެޔޮދަނޑުތަކެއް: މިފަދަ އެތައް ސަތޭކަ ގަހެއް މިރަށުގައި އޮވޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

މުރައިދޫގެ ވަށައިގެން އޮންނަނީ ދޮންކެޔޮ ދަނޑުތަކެވެ. ގުނާ އަދަދު ނުކުރެވޭ ވަރަށް ކެޔޮގަސްތައް ހުންނައިރު އޭގެ ތެރެއިން ތިން ބައިކުޅަ ދެބައި ގަސް ބަލަހައްޓަނީ ގަފޫރެވެ. މާލެ ދަތުރުކުރާ އެ ރަށުގެ ބޯޓު އާދިއްތަ ދުވަހު ފުރާތީ، ކޮންމެ ހުކުރުު ދުވަހަކާއި ހޮނިހިރު ދުވަހަކީ އޭނާ އެ ގަސްތަކުން ކެޔޮކަނޑާ ދުވަހެވެ.

ސޯބިރާ ބުނިގޮތުގައި ހުކުރު ދުވަހުގެ ފަތިސް ނަމާދުކޮށްގެން ބައްޕަ ކެޔޮވަލަށް ވަދެ އެވެ. ދޮންވެ ނުވަތަ ހަރުވެފައިވާ ކެޔޮކަނޑައިގެން ގެއާ ހަމައަށް އޭނާ އެ ގެންނަނީ ބަރޯއެއްގަ އެވެ. ގެއާ މާ ދުރުގައި ހުންނަ ކެޔޮވަލުން ކެޔޮ ހިފައިގެން އޭނާ އެ ދުވަހު އެތައް ބުރެއް އަޅަ އެވެ. ހުކުރު ނަމާދު ވަގުތާ ހަމައަށް އޭނާ ހުއްޓާ ނުލައި އެ މަސައްކަތް ކުރެ އެވެ. ހުކުރު ވަގުތަށް މެދުކަނޑާލުމަށް ފަހު އަނެއްކާވެސް އަސުރު ވަންދެން އޭނާ ކެޔޮކަނޑައި، ގެއާ ހަމައަށް ގެނެ އެވެ.

މާލެއަށް ކޮންމެ ހަފުތާއަކު ވެސް މުރައިދޫން ކެޔޮ ބޭރުކުރޭ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

"ގާޑިޔާ ހިފައިގެން އެހެން ދުވާލަކު އެތައް ބުރެއް އަޅާނެ. އެހެންވެ ކަންނޭނގެ ބައްޕަ އެހާ ފިޓްކޮށް ހުންނަނީ،" ހިނިގަނޑަކާ އެކު ސޯބިރާ ބުންޏެވެ.

އެއީ ތެދެކެވެ. އުމުރުން 60 އަހަރު ވީއިރު ވެސް ގަފޫރު ފެންނަނީ ވަރަށް ފިޓުކޮށެވެ. ސިއްހަތަށް ބަލާއިރު އޭނާއަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ ރަނގަޅަށް އަޑުނީވުމެވެ. ވަރަށް ބާރަށް ވާހަކަ ދައްކައިގެން ނޫނީ، އޭނާއަކަށް ބުނާއެއްޗެއް ސާފެއް ނުވެ އެވެ. ގަފޫރުގެ ވާހަކަ ކިޔައިދޭން، އޭނާގެ ދަނބިދަރި ހަވާލުވީ ވެސް އެ ސަބަބާ ހުރެ އެވެ.

ގަރަށުގެ އެކި މީހުންގެ ހައްގުތައް ގަފޫރު ބަލަހައްޓަނީ އަމާނާތްތެރިކަމާ އެކު (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ސޯބިރާ ބުނިގޮތުގައި، ވަރަށް ފަހަކާ ޖެހެންދެން، ހަފުތާއަކު 40-50 ގަނޑު ކެޔޮ މާލެ ފޮނުވަ އެވެ. އޭގެ އަގެއްގެ ގޮތުގައި ހަފުތާއަކު 20،000-25،000 ރުފިޔާ ލިބެ އެވެ. އެކަމަކު މިހާރު އެ އަގު ވަރަށް ބޮޑަށް ދަށްވެ، 12،000 ރުފިޔާއަށް ވަނީ ތިރިވެފަ އެވެ.

އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ގަފޫރު ފާހަގަކުރީ، ހޫނުގަދަވެ ކެޔޮގަނޑު ބޮޑު ނުވުމެވެ. ކުރީގައި ބައެއް ކެޔޮގަނޑުގެ ބަރުމިން 28-30 ކިލޯ ހުރި ނަމަވެސް މިހާރު އެންމެ ބޮޑު ކެޔޮގަނޑުގައި ވެސް ހުންނަނީ 22 ހަކަށް ކިލޯ ކަމަށް ބުންޏެވެ.

"މިހާރު 15 ކިލޯއިން މަތީގެ ކެޔޮގަނޑެއް ވެސް ލިބެނީ މަދު ފަހަރަކު. ކެޔޮތަކެއް ރީއްޗެއް ވެސް ނޫން. ހުރިހާ ވެސް މައްސަލައަކީ މާ ބޮޑަށް ހޫނުގަދަވެ ރަނގަޅަށް ނުހެދުން،" އޭނާ ބުންޏެވެ.

ގަފޫރު ބުނާ ގޮތުން ހޫނުގަދަވުމުގެ ސަބަބުން ފަތްކެޔޮ ދަނީ ކުޑަވަމުން (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ކެޔޮވަލުން ގަފޫރު ކެޔޮކަނޑަނީ ހަރުކޮށް ހުއްޓަ އެވެ. ދޮންކުރަނީ އޭނާ އަމިއްލައަށެވެ. އެކަމުގައި ވެސް އާދަޔާހިލާފު ފޯމިއުލާ އޭނާ ގެންގުޅެ އެވެ.

ކުރިން އެ ރަށުގައި ކެޔޮގަނޑު ދޮންކުރަނީ ވަޅުލައިގެން ނަމަވެސް މިހާރު ހަދާ ގޮތަކީ ކެޔޮގަނޑުގެ ދަޅިގަނޑު ތިރިއަށް ވާގޮތަށް އެލުވައި، އޭގައި ގޯނި އައްސައި ބަނދެލަނީ އެވެ. އެކަމަކު އޭގެ ކުރިން، ދަޅިގަނޑުގައި ދުންދަނޑިކޮޅެއް ހަރުކުރެ އެވެ. ނޫނީ ކަނަމަދެއް ނުވަތަ ކުރުނބާގެ ފިހިކޮޅެއް ގޯނީގެ ތެރެއަށްލަ އެވެ.

"ދުންދަނޑި ވެސް [ދަޅިގަނޑުގައި] މި ޖަހަނީ، އޭގައި ރޯކޮށްލި އަލިފާންކޮޅު ނިވި ދުން އަރަން ފެށުމުން. ދުންތައް ގޯނިން ބޭރު ނުވެ އުދާސްވާން ފަށާނެތާ. މިގޮތަށް ބަރާބަރު 24 ގަޑިއިރު ބަހައްޓާފައި ދެން ކެޔޮގަނޑު ނަގަނީ. އޭގެ އަނެއް ދުވަހު ހުންނާނެ ކެޔޮގަނޑު އެއްކޮށް ރީނދޫ ކުލަ އަރާފައި،" ދޮންކެޔޮ ދޮންކުރުމުގައި ބައްޕަގެ އުކުޅު ސޯބިރާ ކިޔައިދިނެވެ.

ގަފޫރު އޭނާ ކަނޑާފައިވާ ކެޔޮގަނޑެއް ކައްޓާ މަތީގައި (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

މުރައިދޫ މީހުން ހައްދާ ކެޔޮ ތަފާތު ކަމަށް ގަފޫރު ބުނެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އޭނާ ބުނާ ގޮތުން، ގަސް ހެއްދުމުގައި ނުވަތަ ދޮން ކުރުމުގައި ވެސް އެއްވެސް ކަހަލަ ކެމިކަލެއް ބޭނުން ނުކުރުމެވެ. އޭގެ ރަހަ، އެހެން ދޮންކޭލަށް ވުރެ މާ މީރުވެފައި، ކެޔޮގަނޑު ހަލާކުވާލެއް ވެސް ލަސްވާނެ ކަމަށް އޭނާ ބުނެ އެވެ.

އެކަން ޔަގީންކޮށްލުމަށް، ދޮންވެފައިވާ ކެޔޮގަނޑަކުން އަރިއެއް ނަގައި އަހަރެމެންނަށް ދިއްކޮށްލި އެވެ. ރަހަބަލާލުމުން އޭނާ އެ ބުނާ ވާހަކައިގެ ތެދުކަން އެނގުނެވެ.

ގަފޫރާ ދެ ވަނަ ފަހަރަށް އަހަރެމެން ދެން ބައްދަލުކުރީ އޭނާގެ ގެއިންނެވެ. އޭރު އޭނާ އުޅެނީ އެ ދުވަހު ކަނޑައިގެން ގެނައި ކެޔޮތައް ކިރައި، އޭގެ ހިސާބުކިތާބު ބެލެހެއްޓުމުގަ އެވެ. ގޭދޮށް ފުރެންދެން، ރަތްކޭލާއި ފުސްކޭލާއި މާޅޮސް ކެޔޮގަނޑުތައް ބަރިބަރިއަށް އަތުރާފައި ހުއްޓެވެ. ކޮންމެ ކެޔޮގަނޑެއް ވެސް ކައްޓާ މައްޗަށް ލުމަށް ފަހު، ކިލޯ ކިރައި އަގުމަގުކޮށް، ފޮތެއްގައި ނޯޓުކޮށް ރައްކާކުރެ އެވެ.

"އިނގޭތަ، ކުރިން މި ގޮތަށް ކިލޯ ކިރައިގެން ނުވިއްކަން. ހަމަ ވައްވައް ވަކިން އަގުކުރަނީ. އެހެންވެ، ގެންނަ ކޮންމެ ކެޔޮގަނޑެއް ވެސް ވަކިވަކިން ގުނަން ޖެހޭ ކިތައް ކެޔޮވައް އިނދޭތޯ،" ގަފޫރު ބުނެލި އެވެ.

ގަފޫރު ފަތްކެޔޮ ކިރަނީ: މިއީ އުތުރުގައި އެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެކަކު (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ކެޔޮތައް ކިރަން އިން އިރު، ހިއްލާފައި ހުރި ދާތައް އޭނާގެ މޫނުން ތިރިއަށް ފައިބަފައިބާ ހުއްޓެވެ. ހޫނުވެގެން އިރުކޮޅުކޮޅާ ގަމީސް ހިއްލާލައި ފިނިކޮށްލި ނަމަވެސް، އޭނާގެ މަސައްކަތުގެ ސްޕީޑަކަށް ބަދަލެއް ނާދެ އެވެ. އޭނާ ހިނީ ހިތްހަމަޖެހިފަ އެވެ. ކިތަންމެ ބުރަޔަސް، އަމާނާތްތެރިކަމާ އެކު އެކަން ކުރެވޭތީ ހިތަށް ލިބޭ ހަމަޖެހުން ކަމަށް ވެދާނެ އެވެ.

ކޮމެންޓް (4)

މަރީ

8 ޖުލައި 2024
ދަނބި ދަރި އެއީ ފިރިހެން. ޅީ ދަރި އަކީ އަންހެން. މި ރަނގަޅު ކޮށްބަލަ
11 1

ޙަޒްނާ

8 ޖުލައި 2024
ފުޑް ސޭޕްޓީ ކޮބާ. ދުންޑަނޑި ވިހަ ދުން ޖެހުން ހުއްޓާލަން ޖެހޭނެ.
6 16

އިބްރާހީމް

8 ޖުލައި 2024
ތިކަމުން އަޅުގަނޑުމެންނަށް އެނގެނީ މި ރާއްޖޭގައިވެސް ކެމިކަލް ބޭނުން ނުކޮށް، ކިތަންމެ ރަށެއްގައި ކެޔޮ ހައްދައި އުޅޭކަން. އެކަހަލަ ބައެއް ރަށްތަކުގައި، ކެޔޮ ނުވިކިގެން އުޅޭކަން. އަދި ނުވިކި އުޅޭއިރުވެސް ރާއްޖެއިން ބޭރުން ގޮތް ނޭނގޭ ކެޔޮ އެތެރެ ކުރާކަން. ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުތަކުން ނޫޅޭކަން.
28 0

އަހުމަދު

8 ޖުލައި 2024
ވަރަށް ފުރިހަމަ ލިޔުމެއް. އަމާނާތްތެރިކަމަކީ ހާދަހާ އަޤު ބޮޑު ހެޔޮކަމެކެވެ. ތިހެޔޮ އަމަލު ﷲތަޢާލާ ޤަބޫލުކުރައްވާށި. އާމީން
35 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް