ހއ. ތަކަންދޫގެ ބަނދަރުމަތީގައި ހުރި ޖޯލިތަކެއްގައި ބަޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރާޅުފަށް

މުސްކުޅި އާބާދީއަކާ އެކު ހިމޭންވަމުން އަންނަ ތަކަންދޫ

ތަކަންދޫގައި ދިރިއުޅޭ މީހުންގެ އަދަދު ދަނީ މަދުވަމުން. ރަށުގައި މިހާރު ގިނައީ އުމުރުން ދުވަސްވީ މީހުން

މުހިންމު ނުކުތާތައް

މި ރަށުގެ ރަޖިސްޓްރީގައި ހާހަކާ ކައިރިކުރާ އަދަދަށް މީހުން ތިއްބަސް ރަށުގައި އުޅެނީ 200 ވަރަކަށް މީހުން

ގިނަ އާއިލާތައް ދަރިންނަށް ކިޔަވައިދޭން މާލެއަށް ދާ ގޮތަށް ރަށަށް އެނބުރިއެއް ނާދޭ

ކައުންސިލުން ދެކެނީ ރަށް އެގޮތަށް ފަޅުވާން ދޫކޮށްލުމަކީ ނޭނގި ކުރެވޭ އިހުމާލެއް ކަމަށް

ހއ. ތަކަންދޫ - އަހަރެމެން އަދި ދުވަހަކު ވެސް ކުޅިއެއް ނުދެކެމެވެ.

ރާޅުފަށުގެ މި ކަވަރޭޖަށް ހއ. އަތޮޅު ހިޔާރުކުރި އެއް ސަބަބަކީ ވެސް، ކުޅިތަކާއި ފާތަކާއި ގުދުރަތީ ޗާލުކަން އެންމެ ރީތިކޮށް ފެންނަ އެއް ހިސާބަކީ މިއީ ކަމަށް ވުމުންނެވެ. އެކަމަކު އަހަރެމެންނަށް ކުޅީގެ ރީތިކަން ފެންނަވަރުވީ، ދަތުރުގެ ދެ ވަނަ ރަށުންނެވެ؛ ހއ. ތަކަންދޫ އެވެ.

ތޯތޯ ވާހަކަތަކާއި ތާރީހީ ހެކިތަކުން ފުރިފައިވާ އުތީމު ބަލާލުމަށް ފަހު، އެ ރަށުން ދެން އަހަރެމެން މިސްރާބު ޖެހީ މި ރަށަށެވެ. ސަރުކާރުގެ ހައި ސްޕީޑު ފެރީގެ ހިދުމަތް، އާރުޓީއެލްގެ ލޯންޗުގައި މި ރަށަށް ބައިގަޑިއިރުން އާދެވުނެވެ. ހަވީރުގެ އެންމެ ހިތްގައިމު ވަގުތު، ތަކަންދޫގެ ބަނދަރަށް ލޯންޗު މަޑުކޮށްލި އިރު، މުޅި ސަރަހައްދުން ވެސް ފެނުނީ ހޭލަމޭލަކަމެވެ.

ތަކަންދޫގައި ދިރިއުޅޭ މީހުންނަށް މިއީ ވަރަށް އުފާވެރި މާހައުލެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

މާލެއާ އުތުރުގެ ގިނަ ރަށްރަށާ ދެމެދު ދަތުރުކުރާ މަޝްހޫރު 'ފާޅު' ބޯޓު އޭރު ތަކަންދޫ ބަނދަރުގައި އޮތެވެ. ދެތިން ރަށު ޕިކަޕަށް ބޯޓުން މުދާ ބަރުކުރަމުން ދިޔައިރު، އެ ސަރަހައްދުގައި މަޑުކޮށްލައިގެން އެކި އުމުރުގެ މީހުން ތިއްބެވެ.

އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެމެންގެ ޝައުގުވެރިކަން ހުރީ، އަވަހަށް ކުޅި ބަލާލަން ދިޔުމަށެވެ. އެހެންވެ ބަނދަރުމަތިން ނެގި ޕިކަޕަކަށް ދަބަސްތައް ލުމަށް ފަހު ފުރަތަމަ ވެސް މިސްރާބު ޖެހީ ގުދުރަތީ އެ ރީތިކަން ދެކިލަން ދާށެވެ.

ތަކަންދޫ ކުޅިއަކީ ވަރަށް ތާރީހީ ތަނެކެވެ. ކުރިން ހުޅަނގު މޫސުމުގެ ގަދައިގައި، މަސް ދޯނިފަހަރު ހިމާޔަތް ހޯދީ އެ ކުޅިންނެވެ. އޭރު މޫދާ ގުޅިފައި އޮތް އެތަނަކީ ކުރިން ބަނދަރެކެވެ. އެއީ ތަކަންދޫ މީހުންގެ ބަހުން ނަމަ 'އޮޑި ލަފާ ކޯރެވެ'.

ތަކަންދޫ ކުޅި. މިއީ ތާރީހީ، ރީތި ތަނެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެކަމަކު މިއަދު އަހަރެމެންނަށް ފެންނަން އޮތީ ކުރިން އޮތް އެ ކުޅީގެ ތިންބައި ކުޅަ އެއްބަ އެވެ. ކުރިން ކުޅިއާ މޫދާ ގުޅިފައި އޮންނައިރު، އެ ސަރަހައްދުގެ ތުނޑީގެ ހުރިހާ ވެލިތަކެއް ވަންނަނީ ކުޅީގެ ތެރެއަށެވެ. އެެހެންވެ، ކުޅި ތިލަވަމުން، ކުޑަވަމުން ކުޑަވަމުން ގޮސް، މިހާރު ފެންނަން އޮތްވަރަށް ކުޑަވީ އެވެ.

މޫދާ ގުޅިފައި ނެތް ނަމަވެސް، އަދި ކުރިއަށް ވުރެ ކުޑަ ނަމަވެސް އަހަރެމެންނަށް ފެނުނީ ރީތި މަންޒަރެކެވެ. ކުޅީގެ ފެންގަނޑުގެ ވަކި ހިސާބެއްގައި ދެ އުނދޯލި އެލުވައި، އޭގެ މަތީގައި ހަރުކޮށްފައި ހުރި ބޯޑުގައި 'ޗާލު ތަކަންދޫ' ލިޔެފައި ހުއްޓެވެ. ކައިރީގައި ދެ ލުނބޯ ކުރަހާފަ އެވެ. ކުޅި ތެރޭގައި ނޫ ކުލައިގެ ރީތި ބޮއްކުރައެއް ބާއްވާފައި އޮތް އިރު،  އެއަށް އަރައި ފޮޓޯ ނަގާލަން ހާދަ ހިތްގައިމުވާނޭ ހިތަށްއެރި އެވެ.

ތަކަންދޫ ކުޅި: މިއީ ކުރިން އެ ރަށުގައި އޮޑިއަޅަން ބޭނުން ކުރި ތަނެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ތަކަންދޫގެ ބޮޑު މަގެއްގައި މީހަކު ބައިސްކަލް ދުއްވާފައި ދަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެކަމަކު އެރީތިކަމަށް ހުރަސް އެޅީ، ކައިރީގައި އަޑުލައްވަމުން ދިޔަ މަދިރިތަކެވެ. އެހެންވެ، މާ ގިނަ އިރު އެ ހިތްގައިމުކަމަށް ހިތް ދޫކޮށްލައިގެނެއް ނުހުރެވުނެވެ. އެތަނަށް އައި ރަށު ޕިކަޕެއްގައި، ރަށުތެރެ ބަލާލަން ނައްޓާލީ އެވެ.

"މި ރަށުގައި ވަރަށް މީހުން މަދުތަ؟" ވަށައިގެން ފެންނަން ހުރި ފަޅުކަމާ ހެދި، ޕިކަޕް ދުއްވަން އިން މީހާ ކައިރިން އަހާލެވުނެވެ.

އޭނާ ބުނީ ތަކަންދޫގެ އަސްލު އާބާދީ އެހާ ކުޑަ ނުވާނެ ކަމަށެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ މީހުން މަދީ އެވެ.

"ހުރިހާ އެންމެންނަށް ވެސް ހުޅުމާލެއިން ގޯތި ލިބުނު. ދެން ރަށަށް އަންނާނެ ކަމެއް ނެތްތާ؟،" މެދު އުމުރުގެ އެ ފިރިހެން މީހާ، ސަމާސާ ގޮތަކަށް ބުންޏެވެ.

ރަށުގައި ހުންނަ ފެނަކައިގެ އިމާރާތް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޭނާ ބުނިގޮތުގައި ރަށުގައި މީހުން ދިރިނޫޅުނަސް، ހިދުމަތް ދޭ މުއައްސަސާތައް ހުންނަން ޖެހެ އެވެ. އޭނާ ދިޔަ މަގުން، ފެނަކައިގެ ބޮޑު އިމާރާތެއް ދައްކާލި އެވެ. އެއް މަގުގައި، ކައިރި ކައިރީގައި ހުރި ރަށު ކައުންސިލްގެ އިދާރާ އާއި ހެލްތު ސެންޓަރާއި ކޯޓަށް އިޝާރާތްކޮށް، އެ ހުރިހާ ތަނެއްގައި ވެސް ވަޒީފާތައް އޮންނާނެ ކަމަށް ބުންޏެވެ.

އުތީމާ އަޅާބަލާއިރު ތަކަންދޫގެ ފަޅުކަން އިހުސާސް ކުރެވުނެވެ. އެކިވަރުގެ، އެކި ކުލަކުލައިގެ ބޮއްކުރާތައް އެހެލާފައި ހުރީ، އޭގެ ބޭނުން ހިފާނެ މީހުން ނުވެގެންނެވެ. ރަށުގެ އެއްވެސް ހިސާބަކުން، މާ ބޮޑު ތަރައްގީއެއް ނުފެނެ އެވެ.  ހުރީ ވަރަށް އާދައިގެ، ސާދާ ގެތަކެކެވެ. ފަޅުގެތައް އެހާ ގިނަ އެވެ. އަތިރިމަތީގައި މަޑުކޮށްލައިގެން ތިބީ ވެސް، އަދި މަގުމަތިން ގިނައިން ފެންނަނީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.

މި ރަށުގެ ގެތައް ހުންނަނީ މިހެން ސާދާކޮށް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ތަކަންދޫގެ ފަޅުކަން ފެންނަ މަގެއް: ރަށުގައި އުޅޭ މީހުން އެހާ މަދު (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ތަކަންދޫގެ އާބާދީއަށް އައި ބަދަލުގެ ވާހަކަ އިތުރަށް ކިޔައިދެއްވީ އެ ރަށު ކައުންސިލްގެ ރައީސް ހުސެން ނައީމެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށުގެ އާބާދީ، ރާއްޖޭގެ އާއްމު ރަށެއްގެ އާބާދީއާ ގާތްގަނޑަކަށް އެއްވަރުވާނެ އެވެ. ހާހަކަށް ނާރަނީ ކިރިޔާ އެވެ. އެކަމަކު މިހާރު ރަށުގައި އުޅެނީ ގާތްގަނޑަކަށް 200އެއްހާ މީހުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

ތަކަންދުއަކީ ތައުލީމަށް ލޯބިކުރާ މީހުން ގިނަ ރަށެކެވެ. އޭގެ ހެއްކެއްގެ ގޮތުން ނައީމު ދެއްކެވީ، ރައްޔިތުންތަކެއް އިސްނަގައިގެން އުތުރުގެ ރަށެއްގައި އެންމެ ފުރަތަމަ އެޅި މަދަރުސާ އެވެ. އެކަމަކު ތައުލީމު ހޯދަން މީހުންގެ އޮތް ޝައުގުވެރިކަން، ނައީމުގެ ބަހުން ނަމަ، ރަށް ފަޅުކޮށްލީ އެވެ.

ތަކަންދޫގެ އަންހެނަކު ކުނިކެހުމުގައި(ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ތަކަންދޫ ބަނދަރުމަތީގައި ހަވީރު ވަގުތު މަޑުކޮށްލައިގެން ތިބި މީހުން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"ވީގޮތަކީ ތައުލީމު ހޯދުމަށް ރަށުގެ ގިނަ ބަޔަކު މާލެ ދާން ފެށީ. މާލޭ މީހުން ކައިރީ ގުދާނުކޮށްގެން، ގިނަ ބަޔަކު ކިޔެވި. ދެން އެހެން ގޮސް، 2000ގެ އަހަރުތަކުގެ ހަމަ ވަރަށް ގިނަ އާއިލާތައް ރަށް ދޫކޮށްފައި މާލެ ދާން ފެށީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތައުލީމު ހޯދަން މާލެ ދާ މީހުން އެނބުރި ރަށަކަށް ނާދެ އެވެ. އެ މީހުންގެ ދަރިން ވެސް މާލޭގައި އާބާދުވާން ފެށީ އެވެ. މަޑުމަޑުން، ފަހަރަކު އާއިލާއެއް ރަށުން ފައިބައި، ތަކަންދޫ ފަޅުވާން ފެށީ އެވެ.

މިހާރު ތަކަންދޫގައި އޮތީ މުސްކުޅި އާބާދީއެކެވެ. އެއީ ރަށް ދެކެ ލޯބިވާތީ، ރަށުން ފައިބަން ދެކޮޅުހަދާ މީހުން ނުވަތަ، މާލޭގައި އަަހަރުތަކެއް ވާންދެން އުޅުމަށް ފަހު، އުމުރުން ދުވަސްވުމުން އެނބުރި އައި މީހުންނެވެ.

"މި ރަށުގައި ގިނަވާނީ 65 އަހަރުން މަތީގެ މީހުން. އެ މީހުންނަކަށް ރަށަށް މާ ގިނަ ކަންކަމެއް ނުކޮށްދެވޭނެ. މި ދެންނެވީ، ތަރައްގީގެ ކަމަކަށް ވިޔަސް ނޫނީ ރައްޔިތު މަސައްކަތެއް ކުރިޔަސް ބައިވެރިއެއް ނުވެވޭނެ،" ނައީމް ވިދާޅުވި އެވެ.

ތަކަންދޫގެ އާބާދީ މަދުވަމުން އަންނައިރު ރަށުގައި ގިނައިން އުޅެނީ އުމުރުން ދުވަސްވީ މީހުން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ރަށުގެ ހުރިހާ ހިސާބަކުން ވެސް ފަޅުކަން ފެނޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"އޭގެ އަސަރު ރަށުތެރެއިން މި ފެންނަނީ. ރަށެއް ތަރައްގީއެއް ނުވޭ. މުއައްސަސާތައް ހުރިކަމުގައި ވިޔަސް ވަޒީފާ އަދާކުރާނެ މީހަކު ނެތް."

ސްކޫލުގައި ކިޔަވަން ތިބީ އެންމެ 35 ކުދިންނެވެ. ބައެއް ގްރޭޑްތަކެއް ނެތެވެ. މިއީ ރާއްޖޭގެ ވެސް އެންމެ ކުޑަ އެއް ސްކޫލެވެ.

ލޯކަލް ޓޫރިޒަމް ކުރިއެރުވޭނެ މަގުތައް ހުރި ނަމަވެސް، ރަށުގައި ދިރިއުޅެން މީހުން އަންނާނެ ކަމަކަށް ނައީމް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ސިފަކުރެއްވި ގޮތުން ނަމަ އެއީ 'އެ މީހުންނަށް ނޭނގި ރަށާ މެދު ވެވިފައި އޮތް އިހާނާތެކެ'ވެ.

ރަށުގެ އެކި ދިމާލުން ފެންނަނީ ވީރާނާކަމެވެ. ދުވަސްވީ ރަށެއްކަން އެނގޭ އެތައް ނިޝާނެއް ހުއްޓެވެ. މިސާލަކަށް ގަބުރުސްތާނެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ގަބުރުސްތާނު ވެސް މެ އެވެ.

ތަކަންދޫ ގަބުރުސްތާނުގައި ހުރި އިހުގެ މަހާނަ ގަލެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެތަނުގައި މީހުން ވަޅުލާތާ، 300 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް، ތާރީހު ދިރާސާކުރާ މީހުން ބުނެ އެވެ. އެއާ އެކު، ތަކަންދުއަކީ އާބާދީ ކުޑަ ރަށަކަށް ވެފައި، އެހާ ބޮޑު ގަބުރުސްތާނެއް އޮތުމުން ސުވާލުތައް އުފެދުނެވެ. ކުރިން މި ރަށުގައި ގިނަ ބަޔަކު އުޅުނީ ބާވަ އެވެ؟ ނޫނީ ބަލިމަޑުކަމެއްގައި ގިނަ ބަޔަކު މަރުވީ ހެއްޔެވެ؟ ނޫނީ ބަލިމަޑުކަމެއްގައި އެކަހެރި ކުރި ބަޔަކު މި ރަށަށް ގެނައީ ބާވަ އެވެ؟

އެ ސުވާލުތަކުގެ ޖަވާބު ހޯދީ، ބަނދަރުމަތީގައި ހުރި ޖޯއްޔެއްގައި މަޑުކޮށްލައިގެން އޮތް، އެ ރަށުގެ އެންމެ ދުވަސްވީ މޫސާ ހަސަންގެ ކައިރިންނެވެ.

ތަކަންދޫ ގަބުރުސްތާން: މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ގަބުރުސްރާން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ތަކަންދޫގައި ކުރިން އަވަސް އަވަހަށް ގިނަ ބަޔަކު މަރުވާ ކަމަށްވޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"ކޮއްކޯ ބުނަން، ތަކަންދުއަކީ ކުރިން ވަރަށް މީހުން މަރުވާ ރަށެއް. ކޮންމެ ރޯގާއެއްގައި ވެސް އެތައް ބަޔަކު މަރުވެގެން ދާނެ،" އުމުރުން 90 އަހަރާ ގާތް ކުރާ މޫސަ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ކުރިން ވެސް އެއީ މާ ގިނަ ބަޔަކު އުޅުނު ރަށެއް ނޫނެވެ. އެކަމަކު ރަށުގައި ފެތުރޭ ކޮންމެ ރޯގާއެއްގައި ވެސް ގިނަ ބަޔަކު މަރުވާ ކަމަށް ބުންޏެވެ. ހާއްސަކޮށް ކުޑަކުދިންނެވެ.

"ރޯގާއެއް އަރަފިއްޔާ، އެ އުމުރުފުރައެއްގެ ހުރިހާ ކުދިންނެއްހެން ދާނެ. އަޅުގަނޑުމެން ހީކުރަނީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވާ ގޮތެއް ކަމަށް،" މޫސަ ކިޔައިދިނެވެ.

މިފަދަ އެތައް ބަލިމަޑުކަމެއް އޭނާ ވެސް ދެކެފި އެވެ. ކޮލެރާ ފަދަ ހޮޑުލައި ބޭރަށް ހިންގާ 'ގަހަޑު' ރޯގާ އެވެ. އެ ބަލިމަޑުކަމުގައި އެތައް ބަޔަކު މަރުވި އެވެ. އޭނާގެ ހަނދާނުގައި ހާހެއްހާ މީހުން ވަޅުލި ކަމަށް ބުންޏެވެ.

ތަކަންދޫގައި އެހެލާފައި ހުރި ބޮއްކުރާތަކެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ތަކަންދޫގެ ގަބުރުސްތާނު މިހާ ބޮޑުވީ ސީދާ ކީއްވެ ކަން ބުނަން މޫސައަށް ވެސް ނޭނގުނެވެ. 

އޭނާ އަހަރުމެންނާ ވާހަކަ ދައްކަން އިންތަނުގައި އުމުރުން ދުވަސްވީ، ދިހަ ވަރަކަށް މީހުން ވެސް ތިއްބެވެ. އޭގެ ތެރެއިން ބައެއް އަންހެނުން ތިބީ އިލޮށި މަށާށެވެ. އަނެއް ބަޔަކު ފަންގި ވިންނާށެވެ. ބަނދަރު ނުހަދާ ސަރަހައްދު އަތިރިމައްޗާ ދިމާލުގައި އޮތް ފާލަން ކައިރިއަށް، އަންހެންވެރިން އެ މީހުންގެ ކުދިން ގޮވައިގެން އައިސް އުޅޭތަން ފެނެ އެވެ. މުޅި މާހައުލުން ފެނުނީ އުފާވެރިކަމާއި ހަމަޖެހުމެވެ.

ތަކަންދޫ ބަނދަރުމަތީގައި ކުޑަކުދިންތަކެއް ކުޅެނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ތަކަންދޫން ވެސް ފާހަގަވީ މީހުންގެ ހެޔޮކަމެވެ. ހިނިތުންވެލާފައި ވާހަކަ ދައްކާނުލާ އެކަކާ ވެސް ދިމައެއް ނުވެ އެވެ. ހިތްގައިމު، ތާރީހީ ރަށެކެވެ. ފަޅުވަމުން، ހިމޭންކަން ވެރިވަމުން ދިޔަ ނަމަވެސް، ޔަގީނުން ވެސް ދެ ވަނަ ފަހަރު އަންނަން ބޭނުންވާ ކަހަލަ ރަށެކެވެ.

ކޮމެންޓް (2)

ސިކުނޑި

1 ޖުލައި 2024
މައުލޫމާތު ވަރަށް ރަނގަޅު! ލިޔުންތެރިކަން ހުރީ އެހެންމިންހެން! އެހައިކިޔާލަން ފަސޭހައެއްނޫން!
4 0
އިމްތިނާން Avatar

އިމްތިނާން

1 ޖުލައި 2024
@ސިކުނޑި ދެންލިޔެލަދީ އެކުއްޖާއަށް
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް