މާރަންދޫ ފަޅުތެރޭގައި މަސް ބާނަނީ: މިއީ އާބާދީ މަދު އެކަމަކު މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ރަށެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރާޅުފަށް

މާރަންދޫގެ މި މަންޒަރުތަކުން ގެންގޮސްދެނީ މާޒީއަށް

ކުރިން ނަމަ މިއީ ދަނޑުވެރި ރަށެއް. މިހާރު ރަށުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަން. އެކި ކަހަލަ މަސްވެރިކަމުގައި އުޅޭ މަސްވެރިންގެ ހަރަކާތްތައް ގިނަ

ލުނބޮލުގެ ހުތްކަމާއި މޮޅުކަމަށް ހއ. ތަކަންދޫ މަޝްހޫރުވެފައި އޮތް ނަމަ ޖެހިގެން އޮންނަ މާރަންދޫ ވެސް އެކަމަށް ވަކި ދުލެއް ނުކުރެ އެވެ. އެކަމަކު މާރަންދުއަކީ ކައްޓަލަ ރަށެވެ. މީގެ އަހަރުތަކެއް ކުރިން، އުތުރުން އެންމެ ގަދައަށް ކައްޓަލަ ހެއްދި، އަދި ކައްޓަލަ ގަންނަން އެންމެ ގިނަ މީހުން ދާ ރަށް ވެސް މެ އެވެ. 

'ރާޅުފަށު'ގެ ތިންވަނަ މަންޒިލަކީ 1،100 މީހުންގެ އާބާދީއެއް އޮންނަ، ރީތި މި ރަށެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު މިހާރު 800އަށް އަރަ އެވެ. ރަށުގައި ގިނަ ބަޔަކު ގާއިމްވެ ތިބޭތީ، މި ރަށުގެ ހުރިހާ ދިމާއަކުން ވެސް ދިރުން ފެނެ އެވެ.

ތަކަންދުއެކޭ އެއްގޮތަށް މާރަންދޫން ވެސް އަހަރެމެން ގެންގޮސްދިނީ މާޒީގެ އުފާވެރި ދުވަސްތަކެއްގެ ހަނދާންތަކަށެވެ. ފަތިސް ނަމާދުކޮށްލައިގެން ބޮޑު ފަތިހާ މަހަށް ނުކުންނަ މަސްވެރިން ފެނެ އެވެ. ބޮލުގައި ތޮފި އަޅައިގެން، ދޮއްޓާއި އިތުރު ސާމާނު ހިފައިގެން، އިރުއެރުމުގެ ކުރިން މަސްވެރިން ކުދި ދޯނި ފަހަރުގައި ވަދާ ނުކުމެ އެވެ. ރިޔަލު ދޯންޏާއި ކުދި އިންޖީނު ދޯނި ފަހަރުގައި ފަޅުތެރެއިން ނުކުމެގެން ދާ މަންޒަރު ބަލާލަން ކިތަންމެ ހާވެސް ހިތްގައިމެވެ.

އިރެއްގައި މިއީ ކައްޓަލަ ހައްދައި، ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް ނަމަވެސް މިހާރު މި ރަށުގެ އިގްތިސޯދުގެ ބޮޑު ބައި އޮތީ މަސްވެރިންގެ އަތްމަތީގަ އެވެ. ކޮންމެ އިރަކު ބަނދަރު މައްޗަށް ނުކުމެލިޔަސް، މަހަށް ދާ ބަޔަކާ ދިމާވެ އެވެ. ފަތިހު ވަދާ ނުކުމެ، ރަށު ކައިރިން ލައްޓި އާއި ރާގޮނޑި ބާނަ އެވެ. ހެނދުނު އެނބުރި އައިސް، ބަނދަރުމަތިން އެ މަސްކޮޅު ވިއްކޭތޯ އުޅެ އެވެ.

މި ރަށުގައި ހިބަރުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ވެސް ގަދައަށް ކުރެ އެވެ. ހަމަ މަޖަލަކަށް މަސް ބާނަން ނުކުންނަ ޒުވާނުންނާ ވެސް ދިމާވެ އެވެ. ބާނާ މަސް، އެ މީހުން މާރަންދު އާއި ކައިރި އެހެން ރަށްރަށުގެ މީހުންނަށް ވިއްކަނީ އެވެ. ބައެއް ފަހަރު ބަހާ ވެސް ހަދަ އެވެ.

ހަވީރު ފިނި ޖެހިލުމުން، މި ރަށުގެ ބަނދަރުމައްޗަށް ގިނަ ބަޔަކު ނުކުމެ އެވެ. ހާއްސަކޮށް، މެދު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުން، ވާހަކަ ދައްކާލައި، އަރާމުކޮށްލަން ހިޔާރުކުރަނީ ބަނދަރުމަތީގައި ހުންނަ ހޮޅުއަށިތަކެވެ. އެކި ގޮތްގޮތަށް، އެކި ވަރުވަރަށް ހަދާފައި ހުންނަ މިފަދަ ފިނި މައިޒާންތައް މި ރަށުން ފެނެ އެވެ. އެއިން ތަނަކާ ކައިރިވެލުމުން، ހީ ސަމާސާކޮށް ހަދާ އަޑު އިވެ އެވެ.

"ބޭބެ މިއޮތީ ފަތިހު މަހަށް ގޮސް ބޭނި މަހުން، ގޭގައި މެންދުރަށް ކެއްކި ގަރުދިޔަ ކައިގެން ބަނޑު ދަމާލަން އައިސް. ސައްތާރުބޭ ވާހަކަ ކިޔައިދޭން އަންނާނެ އިރަކަށް މިހާރު މި އިންތިޒާރު ކުރަނީ،" މާރަންދޫ ހުޅަނގު ފަރާތު އަތިރިމަތީ ހުރި ހޮޅުއޮއްޓެއްގައި އޮށޯވެލައިގެން އޮތް މީހަކު ވަރަށް ހެވިލާފައި ބުންޏެވެ.

ހޮޅުއަށީގައި ވާހަކަ ކިޔުމަކީ އެ ރަށުގައި އަދިވެސް ނުފިލާ އޮތް އާދައެކެވެ.

މާރަންދޫގެ ބައެއް މީހުން ބުނާގޮތުގައި، ފުޅާކޮށް ކުރި ދަނޑުވެރިކަން ރަށުން އުވި ދިޔަޔަސް، އެ ޝައުގު އަދިވެސް ރަށުގެ ގިނަ ބައެއްގެ ހުރެ އެވެ. އެކަމަކު އެ މަސައްކަތް މިހާރު އޮންނަނީ ދިރިއުޅޭ ގޯތިތެރޭގަ އެވެ. ރަށުގެ ގިނަ މީހުން ކާން ބޭނުންކުރަނީ އަމިއްލައަށް ހައްދާ ތަކެއްޗެވެ. ހާއްސަކޮށް މިރުހާއި ކޮޕީ ފަތް ފަދަ ތަކެތި ގޭދޮށުގައި އިންދައިގެން ކައި އުޅެ އެވެ.

މާރަންދޫގެ ރަށު ތެރެއިން ވެސް ކުރީގެ ހަނދާންތައް އާ ވާކަހަލަ ކިތަންމެ މަންޒަރެއް ފެނުނެވެ. ފުޅާ މަގުތަކާއި ސާދާ ގެތަކެވެ. ގޭދޮށުގައި ފަންގި ވިންނަން ތިބި އަންހެނުންގެ ޝައުގުވެރިކަމާއި އެ މީހުން ކައިރީ ތިބި ކުދިވެރިން ބޮޑާހާކާ އަޑެވެ.  ހަވީރު ވެލުމުން މަގުމައްޗަށް ކުޅެން ނުކުންނަ ކުދިންގެ ހުނުމުގެ އަޑާއި ހަޅޭކެވެ.

ރަށުގައި މީހުން އާބާދުވެ އުޅޭތީ، ރަށުގެ އެކި ދިމަދިމާލުން އުމްރާނީ ތަރައްގީ ފެނުނު ނަމަވެސް، ޖުމްލަކޮށް ބަލާއިރު އަދިވެސް މި ރަށުގައި އޮތީ ކުރީގެ ސާދާކަމެވެ. އެއަށް ވުރެ ބޮޑަށް މީހުންގެ ހިތްހެޔޮކަމާއި އެކުވެރިކަން ފާހަގަކުރެވެ އެވެ. ރަށުގެ ކޮންމެ ތަނަކަށް ދިޔަޔަސް، އަނގައިން ނުބުނާ މީހަކާ ދިމަލެއް ނުވެ އެވެ.

ކޮމެންޓް (1)

ހިމްނާ

8 ޖުލައި 2024
ލުނބޯގެ ހުތްކަމާ މޮޅުކަން.....
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް