އުތީމުގެ ގެއެއްގެ ވަޑާމުގެ މަސައްކަތް ކުރަމުން ދިޔަ މީހަކަށް ކުޑަކުއްޖަކު އެހީތެރިވަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރާޅުފަށް

އުތީމުގެ މި ރީތި ގެތަކާއި އޭގެ ފަހަތުގައި ތިބި ހުނަރުވެރިން

މީގެ މަދު ދިހަވަރަކަށް އަހަރު ކުރިން އުތީމު މަޝްހޫރުވެފައި އޮތީ ވަޑާމާއި ރޭނުމުގެ މަސައްކަތް ކުރާ ގިނަ ބަޔަކު އުޅޭ ރަށެއްގެ ގޮތުގައި

މުހިންމު ނުކުތާތައް

ކުރިން ރިސޯޓްތަކުގެ އިމާރާތްކުރުމުގެ ބައިގައި އުތީމުގެ މަސައްކަތްތެރިންގެ ދައުރު ވަރަށް ބޮޑު

އެ ރަށުގެ އެތައް ގްރޫޕެއް އައީ ރަނގަޅު އާމްދަނީއެއް ހޯދައި ގިނަ ހުނަރުތަކެއް ދަސްކުރަމުން

ރަށުން ރީތި ގެތައް ގިނަވުމުގެ ސިއްރަކީ ރިސޯޓްތަކުގެ ތަޖުރިބާއިން ލިބުނު އުފެއްދުންތެރި ހިޔާލުތައް

ހއ. އުތީމު- މި ރަށަށް ކުރި މި ދަތުރުގައި އަހަރެމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، މި ރަށުގެ ގެތައް ބޮޑެތި ވެފައި ހަދާލާފައި ހުންނަލެއް ވެސް ރީތިކަމެވެ. ކޮންމެ ގެއެއްގެ ވެސް ފުރާޅު ޗާލެވެ. ގޭގެ ކުރިމަތި ހަދާފައި ހުންނަނީ ވެސް ތަފާތު ގޮތަކަށެވެ. މުޅި ރަށުން ވެސް މި ރީތިކަން ފެނުނެވެ. 

އޭގެ ސިއްރު ކިޔައިދިނީ، އަހަރެމެން ތިބި ގެސްޓްހައުސްއާ ޖެހިގެން ހުރި ގެއެއް ހިޔާ ކުރުމުގެ މަސައްކަތުގައި ތިބި ފިރިހެނުންގެ ގުރޫޕެކެވެ. 

"އެއީ ހުސް މި ރަށު މީހުންގެ ހުނަރުވެރިކަން. އުތީމުގެ %95 ފިރިހެނުންނަށް އެނގޭނެ ގެއެއް އިމާރާތްކޮށް ހިޔާކުރުމުގެ ހުރިހާ މަސައްކަތެއް،" އޭރު ވެސް ރޮންދާއަކުން ލަކުޑިގަނޑެއް މަށަން ހުރި އަހުމަދު ނިޔާޒު، 42، ބުންޏެވެ. 

އުތީމުގައި ބަޔަކު ގެއެއް ހިޔާކުރަން ޓިނު ކެފުމުގެ މަސައްކަތުގައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޭނާާ ކިޔައިދިން ގޮތުގައި އުތީމުގެ ކޮންމެ ފިރިހެނަކަށް ވެސް އެވްރެޖްކޮށް ތިން މަސައްކަތެއް ކުރަން އެނގޭނެ އެވެ. އެއީ ރާނައި ސިމެންތި ޖަހައި މުށި ޖެހުމެވެ. ނޫނީ ވަޑާމުގެ ހުރިހާ މަސައްކަތެކެވެ. 

ރަށުގެ މި ހުނަރުވެރިކަން ގުޅިފައިވަނީ މާ ދުރު ނޫން މާޒީއަކާ އެވެ. މީގެ 10 ވަރަކަށް އަހަރު ކުރިއާ ހަމައަށް، އުތީމަކީ ރާއްޖޭގައި އެންމެ ގިނައިން ކޮންޓްރެކްޓް އުސޫލުން ނުވަތަ ގުރޫޕު ހަދައިގެން ރިސޯޓުތަކާއި ރަށްރަށަށް މަސައްކަތް ކުރަން ދިޔަ މީހުން ތިބޭ އެއް ރަށެވެ. އެ މީހުން އެކަމަށް ކިޔަނީ 'ގުރޫޕު މަސައްކަތް' ކުރުމެވެ. މައިގަނޑު ޒިންމާއަކީ ރިސޯޓުތަކުގެ ކޮޓަރިތަކާއި އެހެން އިމާރާތްތައް އަޅައި ވަޑާމުގެ މަސައްކަތްތައް ކުރުމެވެ. 

އުތީމުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގެ ގެތައް، އާއްމު ގެތަކާ އަޅާބަލާއިރު ވަރަށް ބޮޑެތި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅުގައި، ރާއްޖޭގައި އެއްވާނަކަށް ގިނަ ރިސޯޓުތަކެއް ހުޅުވަމުން ދިޔައިރު، އުތީމުގެ މި މަސައްކަތްތެރިންނަށް ވެސް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އުތީމުން އެ މަސައްކަތް ކުރަން އެންމެ ފުރަތަމަ ފެށި މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ޝާކިރު، 64، ބުނިގޮތުގައި އެއީ ފައިދާހުރި މަސައްކަތެއްކަން އެ މީހުންނަށް އެނގުނީ ލިބޭ މުސާރަ ރަނގަޅުވުމުންނެވެ. އޭނާ ބުނިގޮތުގައި ފުރަތަމަ ދިޔަ ރިސޯޓުން ވެސް މުސާރައިގެ ގޮތުގައި 12،000 ރުފިޔާ ލިބުނެވެ. 

"ދެ މަސް ދުވަހުގެ މަސައްކަތުން 12،000 ރުފިޔާ ލިބުނީމައި ދެން ހިތަށްއެރީ މި ވަރުގެ މޮޅު މަސައްކަތެއް ނޯންނާނޭ. އެއީ އޭރަށް ބަލާއިރު ވަރަށް ބޮޑު އަދަދެއް،" 26 އަހަރު މި މަސައްކަތުގައި އުޅުނު ޝާކިރު ކިޔައިދިނެވެ. 

ބަޔަކު މަސައްކަތްކުރާ ތަނެއްގައި ކުޑަކުއްޖަކު އެހީވަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ކުޑަކުދިންނަށް މިކަހަލަ މަސައްކަތް ދަސްކޮށްދިނުމުގެ ފައިދާ އުތީމުގެ ހަރު މީހުންނަށް އެނގޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެ ފަހަރު ޝާކިރު މަސައްކަތް ކުރަން ދިޔައީ ހަތަރު މީހުން ގޮވައިގެންނެވެ. ދެ މަސް ދުވަހުން ބޮޑު އާމްދަނީއެއް ހޯދައިގެން ރަށަށް އައުމުން، ގިނަ ބައެއްގެ ލޯ އެކަމަށް ހުއްޓުނެވެ. މަޑުމަޑުން ގިނަ ބަޔަކު އެ މަސައްކަތް ކުރަން ފުރައިގެން ދާން ފެށި އެވެ. 

މި މަސައްކަތުގެ އެންމެ 'ސަޅި' ދުވަސްވަރު އުތީމުގައި އޭގެ ހަތަރު ގުރޫޕު އޮތެވެ. ކޮންމެ ގުރޫޕެއްގައި ވެސް 30 ނޫނީ 35 މީހުން އުޅުނެވެ. ކޮންމެ ގުރޫޕެއްގައި ވެރިއެއް ހުންނައިރު މަސައްކަތް ހޯދައި، ހުރިހާ ކަމެއް މެނޭޖްކުރާނީ އޭނާ އެވެ. 

ގިނަ ރިސޯޓުތަކެއްގެ ކޮޓަރިތައް އުތީމުގެ ގުރޫޕުތަކުން ހަދައި ފައްކާކުރި އެވެ. ކަރަންޓުގެ މަސައްކަތް ފިޔަވައި ހުރިހާ މަސައްކަތެއް ކުރަނީ އެ މީހުންނެވެ. ބަދަލެއްގެ ގޮތުގައި މަހެއްގެ މައްޗަށް ކޮންމެ މީހަކަށް ވެސް 12،000 ނުވަތަ 13،000 ރުފިޔާ ވަރު ލިބުނެވެ. ރިސޯޓުތައް ހެދުމަށް އަށް މަސް ނުވަތަ އަހަރެއްހާ ދުވަހު މަޑުކުރަން ޖެހޭއިރު މުސާރަ ލިބެނީ މަސައްކަތް ނިމުމުން އެއްކޮށެވެ. އެހެންވެ، ބައެއް ފަހަރު 200،000ރ.އާ ގާތްކުރާ އަދަދަކަށް ކޮންމެ މީހަކަށް އާމްދަނީ ލިބުނެވެ.

ޝާކިރު އޭނާގެ އަންހެނުންނާ އެކު، ރަށު ޕިކަޕެއްގައި މަޑުކޮށްލައިގެން: 'ގުރޫޕް މަސައްކަތު'ގައި އިސް ދައުރެއް އަދާކުރި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"އެއީ ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި ލިބޭ 5،000-4،000 ރުފިޔާ ނުލައި. މި ގޮތަށް އެއް ފަހަރާ މުސާރަ ލިބޭތީ ރަށަށް އައިސް ގެދޮރު އެޅުން ފަދަ ބޮޑެތި ކަންކަން ކުރެވޭ،" ނިޔާޒު ބުންޏެވެ. 

ސްކޫލު ނިމޭއިރު އުތީމުގެ ޒުވާން ފިރިހެން ކުދިން ތިބެނީ އެ މީހުން މަސައްކަތު ދާނެ ގުރޫޕެއް ކަނޑައަޅައިގެންނެވެ. ސްކޫލު ނިމުމާ އެކު އެންމެ އަވަހަށް ލިބޭ މަސައްކަތުގައި އެ ޒުވާނުން ރަށުން ބޭރަށް ދެ އެވެ. 

މި މަސައްކަތު ގުރޫޕުތައް ރަށުގައި ތިބޭ ދުވަސްވަރެއް ވިއްޔާ، އޭރު ރަށުގައި ކުރާ ހުރިހާ މަސައްކަތް އެ މީހުން ކޮށްދެނީ ހިލެ އެވެ. އެއީ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ތެރެއިންނެވެ. 

"އާއްމުކޮށް އެގޮތަށް ދެތިން މަސް ރަށުގައި ތިބޭނެ. އެހެން ތިބޭއިރު މީހަކު ބުނެފާނެ ތިމަންނަ ގޭގެ ގާކޮޅު އަޅައިދޭށޭ. ނޫނީ ގެ ހިޔާކޮށްލަދޭށޭ. ނޫނީ ރާނައިދޭށޭ. ދެން ޒުވާނުން އެކަން ކޮށްދޭނީ ހިލޭ،" ނިޔާޒު ބުންޏެވެ. 

ގެއެއް ރޭނުމުގެ މަސައްކަތުގައި އުތީމު ދެ މީހަކު މަޑުކޮށްލައިގެން: އެ ރަށުގެ %95 ފިރިހެނުންނަށް ގެދޮރު އެޅުމުގެ ހުރިހާ މަސައްކަތެއް އެނގޭނެކަމަށް ބުނޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ބިދޭސީން ގިނަވެ، މަސައްކަތްތައް ގެއްލިއްޖެ

އުތީމުގެ 'ގުރޫޕު މަސައްކަތް' މަދުވާން ފެށީ، މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ މީހުން ފާހަގަކުރީ ބިދޭސީން އެ މަސައްކަތުގެ ތެރެއަށް ވަނުމެވެ. ގުރޫޕުގެ ވެރިން، އަގުހެޔޮކޮށްލުމުގެ ގޮތުން ބިދޭސީން ގެނައުމާއި ބައެއް ރިސޯޓުތަކުން ވެސް ބިދޭސީ ގުރޫޕުތަކަށް އިސްކަން ދިނުމެވެ. 

އެގޮތަށް މަސައްކަތްތައް ނުލިބެން ފެށުމުން ޒުވާނުން ދާން ފެށީ ރިސޯޓުގެ އާއްމު ވަޒީފާތަކަށެވެ. ނަތީޖާއެއްގެ ގޮތުން އަލަށް މަސައްކަތުގެ މައިދާނަށް ނުކުންނަ ކުދިންނަށް، ގެ ރޭނުމާއި ވަޑާމުގެ ކަންކަން 'ހަޑި މަސައްކަތަކަށް' ވާން ފެށި އެވެ. 

އެކަމަކު އުތީމުގެ ހަރުކުލައިގެ ކޮންމެ މީހަކު ވެސް އެ މީހުންގެ މަސައްކަތެރިކަމާ މެދު ފަހުރުވެރިވެ އެވެ. ވާހަކަ ދައްކާލައިފިއްޔާ، އެ މީހުންގެ މަސައްކަތުގެ އެންމެ ރަން ދުވަސްވަރު ކުރި ކަންކަން ކިޔައިދެ އެވެ. ނުނިދާ ތިބެގެން 20 ދުވަހުގެ ތެރޭގައި ރިސޯޓެއްގެ އަށް ކޮޓަރި ނިންމާލި ވާހަކަ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެންމެ ފުރަތަމަ އިމާރާތެއް ކުރުމުގެ ޝަރަފު ލިބުނު ވާހަކަ އެވެ. އުތީމު ގަނޑުވަރު އެންމެ އިހުގައި ހުރި ގޮތަށް ބަހައްޓަން އެ މީހުން ކުރަމުން އަންނަ މަސައްކަތުގެ ވާހަކަ އެވެ. 

އުތީމުގެ ގެއެއްގެ ފުރާޅު ހެދުމަށް އެ ރަށުގެ ބަޔަކު މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"މިހާރު ގިނަ ރިސޯޓުތަކުން އަނެއްކާވެސް ދިވެހިން ބޭނުންވޭ. އެއީ ދިވެހިން ކުރާ މަސައްކަތް މާ ރީތިވެފައި ގިނަ ދުވަސްތަކެއް ވާންދެން މަރާމާތުކުރަން ނުޖެހި ހުރޭ،" ނިޔާޒު ބުންޏެވެ.

އުތީމުގައި އަދިވެސް މަސައްކަތްތެރިން ގިނަ އެވެ. އެ ރަށުގެ އިމާރާތެއް އަޅަން ނުވަތަ ވަޑާމުގެ މަސައްކަތަށް ރަށުން ބޭރު މީހަކު ގެންނާކަށް ނުޖެހެ އެވެ. އެހެން ރަށްރަށާ ހިލާފަށް، މިހާރު ވެސް އެ ރަށުގެ އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު ނޫޅެ އެވެ. 

"މި ރަށުގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ސިއްރަކީ ވެސް މަސައްކަތްތެރިން ގިނަވުން. އަޅުގަނޑުމެން މިކަން ކުރަނީ ވަރަށް ލޯބިން، ވަރަށް ބޮޑު ފަހުރެއް ކަމުގައި ދެކިގެން،" އޭނާ ބުންޏެވެ. 

މަސައްކަތް ކުރާ ތަނެއްގައި ނިޔާޒު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

މި ރަށު މީހުންގެ އުއްމީދަކީ ރިސޯޓުތައް ނުވަތަ މަޝްރޫއުތަކުގައި ހިމެނޭ މިފަދަ މަސައްކަތްތައް ކުރުމުގެ ފުރުސަތު އަނެއްކާވެސް ދިވެހި ޒުވާނުންނަށް ލިބުމެވެ. ދިވެހިންގެ ހުނަރުވެރިކަމާއި މުރާލިކަން ސާބިތުކޮށްދޭން ފުރުސަތު ލިބުމެވެ.

ކޮމެންޓް (1)

އައްލޫ

28 ޖޫން 2024
ތީވަރަތް ރަންގަޅުވާހަކައެއް އަދިވެސް. އަވަހައްބޭރުމީހުން ފޮނުވާލަންވީ. ތިއީ ކޮއްމެވެސް ބައެއްގެ އަމިއްލަ ފައިދާއައް އަމިއްލައެދުމައްކުރިކަމެއް. ކުޑަލާރިކޮޅަކައް މަސައްކައްކުރުވަންވެގެން މިހާރު އެމީހުންމާއަގުބޮޑު މަސެއްކައްއެންގުނަސްނޭންގުނަސް ބޭރުދެތިންމީހުން ތިބިއްޔާ އެއީގުރޫޕެއް ދެރަހިތާމަހުރިކަމެއް އަވަސްހައްލެއްހޯދަންޖެހޭކަމެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް