ހއ. އުތީމު: މި ރަށު ރައްޔިތުންގެ ފަރާތުން ފެންނަ ރީތި އާދަތައް ގިނަ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރާޅުފަށް

ގަނޑުވަރާ ނުލައި އުތީމުގެ ވާހަކަ

އުތީމު މީހުން ބުނާ ގޮތުން ރަށުގައި ވައްކަމެއް ނެތް، މަސްތުވާތަކެތީގެ މައްސަލަ ކުރިމައްޗެއް ނުވޭ. ރަށަށް އަރާ މީހެއްގެ އަތުން މަސްތުވާތަކެތި ފެނުނަސް ޖެހޭނީ ވަގުތުން ފައިބަން

ހއ. އުތީމު- މާލެއިން ފުރައިގެން ހދ. ހަނިމާދޫ މަގުން މި ރަށަށް އަހަރެމެން އައީ، ބަޔަކު ކުއްޔަށް ނަގައިގެން ދަތުރުކުރި ލޯންޗަކުންނެވެ. ވައި ހިނދި، ކަނޑު މަޑުވުމުގެ ސަބަބުން ކުޑަކުޑަ އެ އުޅަނދުގައި ކުރީ އަމާން ދަތުރެކެވެ.

އެކަމަކު މެންދުރުގެ އެ ވަގުތުގައި އުތީމުގައި ފައި ޖައްސާލުމާ އެކު، އަރައިގެން އައި ހޫނުގަނޑުން މުޅި މީހާ އުދާސްވެގެން ދިޔަ އެވެ. ބަނދަރުމަތީގައި މަޑުކޮށްލުމަށް ޖޯލިތައް ޖަހާފައި ހުރި ނަމަވެސް، އަރަމުން ދިޔަ ހޫނާ ހެދި މުޅި ސަރަހައްދު އޮތީ ފަޅުވެފަ އެވެ. ފެންނަ ފަށުގައި ޓެކްސީއެއް އޮތުމުން، ނަސީބޭ ހިތަށްއެރި އެވެ.

'ދައުރު'ގެ 'ރާޅުފަށް' ސެގްމެންޓު މި ފެށީ ރާއްޖޭގެ އެންމެ އުތުރުން ހއ.ގެ ރަށްރަށުންނެވެ. ފުރަތަމަ ރަށެއްގެ ގޮތުގައި ހިޔާރު މި ކުރީ، އެ ބަތަލަކަށްޓަކައި މުޅި ރާއްޖެ ފަހުރުވެރިވާ، މުހައްމަދު ތަކުރުފާނުގެ އުފަން ރަށް އުތީމެވެ.

އުތީމުގެ މަގެއް: ފިހާރައެއް ހުޅުވާފައި ހުއްޓަސް ވައްކަން ކުރާނެ މީހަކު ނޫޅޭނެކަމުގެ ޔަގީންކަން އޮވޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އުތީމަށް ކުރި މި ދަތުރުގައި އަހަރުމެން ފައިބާ ތިބީ، މި ރަށުގައި ހުރި ހަމައެކަނި ގެސްޓްހައުސް 'ބަހާރު އިން' ގަ އެވެ. ރީތިކޮށް ހަދާފައި ހުރި، ހަތަރު ކޮޓަރީގެ އެ އިމާރާތުގެ ވަށައިގެން ހުރީ، ތަނުގެ ނަމާ ގުޅޭ ގޮތަށް އެކި ކުލަކުލައިގެ މާގަސްތަކެވެ. އަނދަމުން ދިޔަ ހޫނުން ކިރިޔާ ވެސް ތަސައްލީއެއް ލިބޭވަރުވީ އެ ބަހާރުގެ ތެރެއަށް ވަދެލުމުންނެވެ. 

ހަވީރު ފިނިޖެހިލީމައި އަހަރެމެން ރަށުތެރެއަށް ނުކުތީމެވެ. އެންމެ ފުރަތަމަ ވެސް އަޅައިގަތީ ފުޅާ މަގުތަކާއި މާ ބޮޑު ހިރަފުސްކަމެއް ނެތް، ހިމުން ފަސްގަނޑެވެ. ދުއްވާ އެއްޗެހި ބޭނުންކުރިޔަސް މަގުތައް އަޑިގުޑަން ވެފައެއް ނެތެވެ.

ގަނޑުވަރާ ދިމާލުން ކުރިމައްޗަށްވާ ގޮތަށް އޮންނަ މަގަށް އަޅާލުމާ އެކު، ޖޯލި ފަތީގައި އިށީނދެލައިގެން އިން ތިން އަންހެނުން ފެނުނެވެ. އެ މީހުންނާ އަރާ ހަމަވުމާ އެކު، ހިނިތުންވެލާފައި 'ގަނޑުވަރު ބަލާލަން އައި ކުދިބައެއްތޯ' އެހި އެވެ. ޖަވާބު ދޭން އެ މީހުންނާ ކުޑަކޮށް ކައިރިވެލުމުން، އޭގެ ތެރެއިން އެކަކު އަނެއްކާވެސް ބުންޏެވެ.

"ބަލަ މިއީ ވެސް ހަމަ އުތީމު ތިންބެއިންނޭ."

ގަނޑުވަރު ހުންނަ މަގުގައި ސައީދާގެ ތިންބެއިން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ސައީދާގެ ތިން ބެއިން: ހަވީރު މިގޮތަށް ޖޯލީގައި އިށީނދެގެން ތިބުމަކީ އާދައެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެކުވެރިކަމާ އެކު ސަމާސާ ރާގުގައި އެ މީހުން އެހެން ބުނުމުން، އުތީމުގެ ވާހަކަ އެ މީހުންގެ ފަރާތުން ހޯދާހިތްވެއްޖެ އެވެ. ޖޯލީގައި އިށީނދެގެން ތިބީ އެއްބަނޑު އެއްބަފާ ތިންބެއިން ކަމަށްވާ އައިމިނަތު އަބްދުއްރަހްމާނާއި ސަލީމާ އަބްދުއްރަހްމާނާއި ސައީދާ އަބްދުއްރަހްމާނެެވެ. ރަށުގެ ތިން ސަރަހައްދުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ދުވަހެއްގެ ހަވީރު މި ގަޑީގައި ސައީދާގެ ގޭދޮށު މަގުމަތީގައި މަޑުކޮށްލައިގެން ތިބުމަކީ އެ މީހުންގެ އާދަ އެވެ. 

"މި ރަށު މީހުން އެންމެ ބަހަކުން ސިފަކުރަންޏާ ބުނާނީ ވަރަށް ތެދުވެރި ބަޔެކޭ މިއީ،" ވާހަކަ ފަށަމުން ސައީދާ ކިޔައިދިނެވެ. 

"މަސްތުވާތަކެތީގެ ބިރުވެރިކަމެއް ނޯންނާނެ. ބީރައްޓެއްސެއްގެ އަތުން އެ ކަހަލަ އެއްޗެއް ފެނުނަސް ވަގުތުން ބޭރުކޮށްލާނެ. ވައްކަމެއް ނުކުރާނެ."

އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ އިޝާރާތްކޮށްލީ، ކުރިމަތީގައި ހުޅުވާފައި ހުރި އޭނާގެ ފިހާރަ އަށާއި އެތަނުގައި ބާއްވާފައި އޮތް ޕިކަޕަށެވެ. ފިހާރަ ހުޅުވާފައި މީހަކު ނެތަސް އެތަނަށް ވަދެ އެއްޗެއް ވަގަށް ނުގެންދާނެ ކަމަށާއި ތަޅުދަނޑި ޖަހާފައި އޮތް އެ ޕިކަޕު އެހެން ކިތަންމެ ދުވަހަކު އޮތަސް އަތްލާނެ މީހަކު ނުވާނެ ކަމަށް ބުންޏެވެ. މީހަކު ތަނެއްގައި ހަނދާން ނެތިގެން އެއްޗެއް ބާއްވާފައި ދެވުނަސް އެ މީހަކު އަންނަންދެން އެ ތަނުގައި އެ އޮންނާނެ ކަމުގެ ޔަގީންކަން ސައީދާ ދިނެވެ. 

އުތީމު މަތިން ނަގާފައިވާ ފޮޓޯއެއް: މިއީ ސާފުތާހިރުކަމަށް އިސްކަން ދޭ ބަޔަކު އުޅޭ ރަށެއް (ފޮޓޯ/އައިމިނަތު ޝިފްލީން)

"އެހާ ވެސް ތެދުވެރިވާނެ ދޯ އުތީމު މީހުން،" ކައިރީގައި އިން ދައްތައަށް ދޯ ދެމުން ސައީދާ ބުންޏެވެ. 

އޭނާ ބުނިގޮތުގައި އުތީމު މީހުންގެ ތެދުވެރިކަމާއި ކުށް މަދު އެ މާހައުލަކީ އެ ރަށަށް އަރާ ކޮންމެ ބަޔަކު ވެސް ފާހަގަކުރާނެ ކަމެކެވެ. އެ މީހުން އެކަމާ ފަހުރުވެރިވެ އެވެ. ގަނޑުވަރު ދެކިލަން ޗުއްޓީތަކުގައި ދުވާލަކު 200އެއްހާ މީހުން މި ރަށަށް އަރާއިރު، އެ މީހުން ފައިބައިގެން ދަނީ އެ މާހައުލުގައި ހިތްހަމަޖެހިގެންކަން ތިންބެއިން ފާހަގަކުރެ އެވެ. 

އުތީމަކީ ތިލަދުންމަތީގެ ބައެއް އެހެން ރަށްރަށުގެ މީހުންނަށް ވެސް ކަމުދާ މާހައުލެކެވެ. ރަށުގެ މޫދަށް އެރިލާ، އަތިރިމަތީގައި ޕިކްނިކް ހަދާލައި އުފާކޮށްލަން، ހދ. އަތޮޅުގެ ރަށްރަށުން ވެސް މީހުން އާދެ އެވެ. ރޯދަ މަސްތަކުގައި ހަމައެކަނި ރޯދަވީއްލަން ވެސް ބައެއް ރަށްރަށުން މީހުން އާދެ އެވެ.

އެހެންވެ، ރަށުގެ އާއްމު ފިހާރަތަކާއި ކެފޭތަކަށް އޭގެ މަންފާކުރެ އެވެ. 

ތިން ބެއިންގެ ވާހަކަ ނިމުމުން، އަނެއްކާވެސް ރަށުތެރެ ބަލާލަން ހިނގައިގަތީމެވެ. އަހަރެމެންނަށް ފާހަގަވީ މަގުތަކުގެ ސާފުތާހިރުކަމެވެ. ކިތަންމެ ފުޅާ މަގުތަކެއް ނަމަވެސް، ގަހަކުން ވެއްޓިފައި އޮންނަ ފަތެއް ފިޔަވައި އިތުރު ކުންޏެއް ނެތެވެ. ހުރިހާ މަގެއްހެން ފެނުނީ ކުނިކަހައި އޮމާންކޮށްލާފައި އޮއްވަ އެވެ.

އުތީމު ގަނޑުވަރު ކުރިމަތީގައި ބަޔަކު ފޮޓޯ ނަގަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
އުތީމު ގަނޑުވަރު: މިއީ އުތީމުގެ އެންމެ ބޮޑު ފަހުރު (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ވާހަކަ ދައްކާލި ބައެއް މީހުން ކިޔައިދިން ގޮތުގައި ރަށުތެރެ އެހެން ސާފުކޮށް ބޭއްވުމަކީ އުތީމު ރައްޔިތުންގެ އިތުރުން ކައުންސިލުން ވެސް ވަރަށް އިސްކަން ދޭ ކަމެކެވެ. ކޮންމެ ދުވަހެއްގެ ވެސް އިރުއެރުމުގެ ކުރިން އަންހެންވެރިން، އެ ގެއެއްގެ މަގުމައްޗަށް ވީ ފަޅި ކަހައި ސާފުކުރުމަކީ އާދައެކެވެ. އޭގެ އިތުރުން ރަށުގެ ދެން އޮންނަ ބައި ސާފުކުރަނީ ކައުންސިލުން މުސާރަ ދީގެން 20 އަންހެނުންނެވެ.

"ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން ބަޖެޓް ކުރަން އެއް މިލިޔަން ރުފިޔާ ރަށުތެރެ ސާފުކޮށް ބޭއްވުމަށް،" ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. 

އުތީމު ގަނޑުވަރު ބަލަހައްޓާ މަރުކަޒު ސާފުކުރުމުގައި އަންހެނުން ހަރަކާތްތެރިވަނީ  (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޭނާ ވިދާޅުވި ގޮތުގައި އެ 20 އަންހެނުން ކޮންމެ ދުވަހަކު ވެސް ތިން ގަޑިއިރު ރަށުތެރެ ސާފުކުރާނެ އެވެ. ރަށުގެ ބީޗާއި ފަޅުގެތަކާ ވީ މަގުފަޅި އާއި އާއްމު ސަރަހައްދުތަކެވެ. ތިން ގުރޫޕަކަށް ބަހާލައިގެން، މަގުތައް ކަހާއިރު ކޮންމެ ދުވަހެއްގެ ވެސް 10-11 ޖަހާލާއިރު މަސައްކަތް ނިންމާލަ އެވެ. ރޯދަ މަހު ވެސް ތަރާވީސް ނިންމާ ގޮތަށް، މާކަރީ ލައިޓްތައް ޖަހައިގެން މަގުތަކާއި އާއްމު ސަރަހައްދުތައް އެ އަންހެންވެރިން ސާފުކޮށްލަ އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ތިން ގަޑިއިރުގެ މަސައްކަތަށް 4,000 ރުފިޔާގެ މުސާރައެއް އެއިން ކޮންމެ މީހަކަށް ވެސް ދެ އެވެ. 

އުތީމުގެ މަގުތަކުން ފެންނަ އެ ސާފުތާހިރު ކަމަކީ އެ މީހުންގެ ފަހުރެވެ. އެ ގޮތުގައި ރަށް ބާއްވަން އެންމެން ދޭ އެއްބާރުލުން ބޮޑެވެ. 

އުތީމު މަގެއްގެ މަތިން މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ސާފުތާހިރުކަމުގެ އިތުރުން މި ރަށުން އަހަރެމެންނަށް ފާހަގަވީ އެކުވެރިކަމެވެ. ކޮންމެ ދުވަހެއްގެ ވެސް ހަވީރު އަތަށް އަޅާލުމާ އެކު ކޮންމެ ގެއަކުން ވެސް މީހުން ނުކުމެ، ގޭ ކުރިމަތީގައި ޖޯލީގައި މަޑުކޮށްލައިގެން ތިބެ އެވެ. އެ ގެތަކުގެ ފެންވަރު ރަނގަޅެވެ. އުމްރާނީ ގޮތުން ވެސް މި ސަރަހައްދުގެ އެހެން ގިނަ ރަށްތަކާ ބަލާއިރު ތަރައްގީ އެވެ. 

އުތީމުގެ ވާހަކަ މިފަހަރު ގެނެސްދޭން ބޭނުންވީ ގަނޑުވަރާ ނުލަ އެވެ. އެކަމަކު އެހެންނެއް ނުވި އެވެ. ރަށުގެ ކޮންމެ މީހަކާ ވާހަކަ ދައްކާލިޔަސް ވަކި ހިސާބަކުން ގަނޑުވަރާ ގުޅެ އެވެ. ކޮންމެވެސް އިރެއްގައި ގަނޑުވަރުގައި މަސައްކަތް ކުރި މީހެކެވެ. ނޫނީ ގަނޑުވަރު ދެކިލަން އަންނަ މީހުންގެ ސަބަބުން ވިޔަފާރިއަށް ވާ ފައިދާ އެވެ. ދުވަސްވީ ގިނަ މީހުންގެ ހަޔާތުގެ ބޮޑު ބައެއް ގަނޑުވަރުގެ އެކި މަސައްކަތުގައި އުޅުނެވެ. އެ ގަނޑުވަރާއި ރަށަށް ނިސްބަތްވާ ބަތަލުންގެ ވާހަކައިން އުތީމު ރައްޔިތުންނަށް އޮތީ ނިމުމެއް ނެތް ހިތްހަމަޖެހުމެކެވެ.

އުތީމުގެ ސާފު މަގެއް: ރަށް ރީތިކޮށް ބާއްވަން ބޮޑު ސަމާލުކަމެއް ދޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެކަމަކު މި ދަތުރުން އަހަރެމެންނަށް އެނގުނީ، އުތީމުގެ ފުރިހަމަކަމަކީ ހަމައެކަނި ގަނޑުވަރު އެކަނި ނޫން ކަމެވެ. ރަށުގެ މީހުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމާއި ސާފުތާހިރުކަމުން ވެސް ރަށް އިތުރަށް ފުރިހަމަކޮށްދޭ ކަމެވެ. 

ކޮމެންޓް (2)

އާމިނާ

27 ޖޫން 2024
ވަރަށް ފިރިހަމަ ރިޕޯޓެއް.
2 1

އަހުމަދު އ.ނ.ނ.ރ

27 ޖޫން 2024
ބަސްމަގު ފުރިހަމަ ކިޔާލަން ފަހި ރިޕޯޓެއްކަން ފާހަގަކޮށްލެވުނު. ހއ.އުތީމުގެ ތިޔަ ފާހަގަ ކުރެވިފައިވާ ކަންކަމަކީ އަހަންނަށްވެސް ކުރެވުނު ދަތުރުގެ ތަޖުރިބާއެއް، ހިތްހެޔޮ ރައްޔިތެއް އުޅޭ ސާފުތާހިރުކަމުގެ ނަމޫނާ ރަށެކެވެ. "ރާޅުފަށް" ސެގްމަންޓް ވަރަށް ފުރިހަމައެވެ. ކުރެވިފައިވާ މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ.
10 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް