ހއ. ތަކަންދޫ: މިއީ ކުރިން އެންމެ ގިނައިން ލުނބޯ ހެއްދި ރަށް

ރާޅުފަށް

ތަކަންދޫ ލުނބޯ: މުޅި އުތުރު ހުތްކޮށްލި

މީގެ ސާޅީހަކަށް އަހަރު ކުރިން ތަކަންދުއަކީ އުތުރުން އެންމެ ގިނައިން ލުނބޯ ހެއްދި ރަށް. އެ ލުނބޯގެ މަގުބޫލުކަން އެތައް އަހަރަކަށް ދެމިގެންދިޔަ

މުހިންމު ނުކުތާތައް

އޭރު ލުނބޯ ގަހެއް ނުހުންނަ ގެއެއް މުޅި ރަށުގައި ވެސް ނުހުރޭ

ގަސްތައް މަރުވީ ދަބަރު ބަލި ޖެހިގެން ސަރުކާރުން ފޮނުވި ބޭހެއް ޖެހުމުން ކަމަށް ބުނޭ

އޭގެ ފަހުން މިރަށުގައި އެއްގޮތަކަށް ވެސް ލުނބޯ އާލާވާ ގޮތެއް ނުވި

ހއ. ތަކަންދޫ: ރީތި އަންހެނެއް ފެނިއްޖެ ނަމަ މިހާރު ވެސް މިރަށު މީހުން ބުނާ ކަމަށްވެ އެވެ؛ ތިއީ ހަމަ ތަކަންދޫ ލުނބޮއެކެވެ. މި ރަށު މީހުންނަށް ބައެއް އެހެން ރަށްރަށުގެ މީހުން މަލާމާތުގެ ގޮތަކަށް ވެސް އޭރު ބުނެ އުޅެނީ ތިއީ ހަމަ ފައްކާ ލުނބޮއެއް ކަމަށެވެ.

ކުރިން ވެސް އަޑުއަހާފައި އޮތް މި ވާހަކައާ މެދު ޝައުގުވެރިކަން ބޮޑުވީ ތަކަންދޫގެ ކުޅީގައި ހުރި އުނދޯލި ހަރުގެ މަތީގައި ކުރަހާފައިވާ ދެ ލުނބޯ ފެނުމުންނެވެ. 'ޗާލު ތަކަންދޫ'އޭ ލިޔެ ދެން ކުރަހާފައި ވަނީ ދެ ލުނބޮލެވެ. އެއާ އެކު ތަކަންދުއާ ލުނބޮލާ ހުރި ގުޅުން ނުހޯދައި ހިތްހަމައެއް ނުޖެއްސުނެވެ.

"މި ރަށުގައި ހައްދާ ލުނބޯ ނުކާ މީހަކު ހިއެއް ނުވޭ އޭރު މި ހިސާބުގަނޑުގައި ވެސް އުޅޭނެހެނެއް،" ތަކަންދުއަކީ އިރެއްގައި މުޅި އުތުރުގައި ވެސް އެންމެ ގިނައިން ލުނބޯ ހެއްދި ރަށްކަން ފާހަގަކުރަމުން، އެ ރަށުގެ ސަފިއްޔާ މުހައްމަދު ކިޔައިދިނެވެ.

ތަކަންދޫ މަގެއްގެ މަތިން މީހަކު ހިނގާފައި ދަނީ: ކުރިން މި މަގުގެ ދެ ފަރާތުގައި އިންދާފައި ހުންނަނީ ބިޔަ ލުނބޯ ގަސްތައް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ހަވީރުގެ އެ ވަގުތު ސަފިއްޔާ އިނީ އޭނާގެ ހައެއްކަ ރަހުމަތްތެރިންނާ އެކު ބަނދަރު މަތީގައި ހުރި ޖޯލިތަކެއްގަ އެވެ. އެކަކު އޭރު އިލޮށި މަށަނީ އެވެ. އަނެކަކު އިނީ ފަންގި ވިންނާށެވެ. އެއީ ފިނިކޮށްލައި، ރަހުމަތްތެރިންނާ ބައްދަލުވެ އަނގަތަޅާލަން ކޮންމެ ދުވަހަކު ވެސް އެ މީހުން ނުކުންނަ ދިމާލެ އެވެ. ކަން ދިމާވި ގޮތުން ސަފިއްޔާ ވީ ތަކަންދޫގައި އެންމެ ގިނައިން ލުނބޯ ހެއްދި އެކަކަށެވެ.

ތަކަންދޫގައި އެންމެ ލުނބޯ ތިޔާގިވީ މީގެ ގާތްގަނޑަކަށް 40 ހަކަށް އަހަރު ކުރިންނެވެ. ފުރަތަމަ ކާން ލިބުނީ، އެ ރަށުގެ އުތުރު ކޮޅުގައި ހުންނަ ގެއެއްގައި ހެއްދި ގަހެއްގެ ލުނބޮލެވެ. އެ ލުނބޯ މީރުވެގެން އިސާހިތަކު ރަށުގެ އެހެން ގެތަކުން ގަހުގެ އޮފި ކަނޑައިގެން ގޮސް ރޯކުރަން ފެށި އެވެ. މާ ގިނަ ދުވަހެއް ނުވެ، ތަކަންދޫގެ ކޮންމެ ގެއެއްގައިހެން އޭގެ ލުނބޯ ގަހެއް އިންދި އެވެ. ކޮންމެ ގެއެއްގައި ވެސް މަދުވެގެން ހަތަރު ފަސް ގަސް ހުރެ އެވެ. ރަށުގެ މަގުތައް ހިޔާވެފައި އޮންނަނީ ދެ ފަރާތުގައި ހުންނަ ގެތަކުން ހައްދާފައިވާ ލުނބޯ ގަސްތަކުންނެވެ.

ތަކަންދޫގެ ދުވަސްވީ މީހުން ބުނާ ގޮތުގައި ލުނބޯ ދުވަސްވަރުގެ ހަނދާންތައް ފޮނި (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)

"އަޅުގަނޑުމެންގެ ގޭގައި ވެސް ހުންނާނެ 13 ލުނބޯ ގަސް. އެއީ ހަމަ ވަރަށް ރީތިކޮށް ހެދިފައި ހުރި ބިޔަ ގަސްތަކެއް،" ސަފިއްޔާ ކިޔައިދިނެވެ.

އެއީ އޭނާގެ އެންމެ ޒުވާން އުމުރެވެ. ކުދިން ގޮވައިގެން ގޮސް އޭނާ ގިނަ ވަގުތު ހޭދަކުރީ ވެސް ލުނބޯ ގަސްދަށުގައި ފަތް ޖެހި އެނދު ބަހައްޓައިގެންނެވެ. ލުނބޯ އަޅާ ދުވަސްވަރު، ލުނބޯ ބިނދެ އެވެ. ގަހަށް އަރަ އެވެ. ގަހުގެ ގޮފިތަކުގައި ކަށި ނުހުންނާތީ އެއީ މާ އުނދަގޫ ކަމަކަށް ވެސް ނުވެ އެވެ.

ސަފިއްޔާ 'ދައުރު'އާ ވާހަކަ ދައްކަނީ: ގޭގައި 13 ލުނބޯ ގަސް ހުރި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"އެނގޭތަ؟ ބައެއް ދުވަސްދުވަހު އުފުރާކަށް ވެސް ނުހަދަން. ގަހުގައި ލައްކޮށްފައި ހުންނަ ކައްތިރި މިހެން މަޑުމަޑުން ގުޑުވާލިޔަސް ހޯސް ކިޔާފައި ލުނބޯތައް ގަސްދޮށަށް ފައިބާނެ،" ސަފިއްޔާ ބުންޏެވެ. 

"އެއީ މިހާރު ބާޒާރުގައި ތިޔަ ވިއްކަން ހުންނަ ކަހަލަ ލުނބޮއެއް ނޫނޭ. ނިކަން ބޮޑެތި ވާނެ. ދޮންވެފައި ހުންނައިރު ލޯބިން މަރުވާނެ. އެހެން ދޮންވެލާފައި ހުންނައިރު އަހަރެމެން ލޯބިން ވަސް ނަގާ ވެސް ހަދަން."

ތަކަންދޫ މީހުން ބުނާ ގޮތުގައި ލުނބޯ ހެއްދި އިރު އެރަށުގައި މި ގޮތަށް ގަސްތައް ފެތުރިފައި ހުރި (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)

ލުނބޯ މޫސުމެއްގައި ލުނބޯތައް ގަސްދޮށަށް ވެއްޓިފައި ހުރެ އެވެ. ނުބައިވިޔަ ނުދޭން އެ އެއްޗެހި ދޮންވެލިގަނޑެއްގައި ވަޅުލާފައި ބަހައްޓަ އެވެ. އެއިން އަސާރަ އާއި ތަފާތު ވައްތަރުގެ ކާއެއްޗެހި ހެދި އެވެ. އެކަމަކު އެންމެ އިސްކަމެއް ދެނީ ލުނބޮލުގެ ގޮތުގައި ވިއްކާށެވެ.

ތަކަންދޫ ލުނބޯ މާލެއާ ހަމައަށް ގެންދެ އެވެ. މި ރަށުގެ އުމުރުން 90 އަހަރު ވީ މޫސާ ހަސަން ކިޔައިދިން ގޮތުގައި ތަކަންދޫ ލުނބޮލަކީ މާލެއަށް ވެސް މަޝްހޫރު އެއްޗެކެވެ. އޭރު އޭނާއަކީ ފަޅުވެރިޔަކަށް ވުމުން ދޯނީގައި އެތައް ބަސްތާ ލުނބޯ މާލެ ގެންދާ ހަނދާން ހުރެ އެވެ. ހަމައެކަނި ސަފިއްޔާގެ ގެއިން ވެސް ދެތިން ބަސްތާ ލުނބޯ މާލެ ފޮނުވަ އެވެ.

މޫސަ ކިޔައިދިން ގޮތުގައި މާލޭގެ ބާޒާރާ ގެންދާއިރު ތަކަންދޫ ލުނބޮލުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބެ އެވެ.

"އެކަމަކު ކީއްތޯ ކުރާނީ. މާލެ މި ދެވެނީ ދެތިން ދުވަހުން. ދެވޭއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހުންނާނީ ފީވެފައި،" އޭނާ ބުންޏެވެ. 

ލުނބޯ ގަހެއްގައި ލުނބޯ އަޅާފައި: ތަކަންދޫ މީހުންނަށް މިއީ ރީތި މާޒީއެއް (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)

ލުނބޯކޮޅު މާލެއަށް ވިއްކައިގެން ތަކަންދޫ މީހުންނަށް ކޮންމްވެސް ވަރެއްގެ އާމްދަނީއެއް ލިބުނު ކަމުގައި ވިޔަސް، އަތޮޅުތެރޭ މީހުންނަށް ލުނބޯ ވިއްކީ ފައިސާއަކަށް ނޫނެވެ. އެންމެ އުތުރަށް އޮންނަ ބޮޑު ތިލަދުންމަތީގެ މީހުން ލުނބޯ ގަންނަން މި ރަށަށް އަންނަނީ އެ ރަށެއްގައި ހައްދާ ނުވަތަ ތައްޔާރުކުރާ އެހެން ބާވަތެއްގެ އެއްޗެއް ހިފައިގެންނެވެ. މިގޮތަށް ވެސް އެންމެ މަޝްހޫރީ ހދ. ކުޅުދުއްފުށީ މީހުން ގެންނަ ބޮޑު ބިސްކޯދާއި ފާރޮއްޓާއި ފަތުހަކުރެވެ. ހއ. ކެލާ މީހުން ގެންނަ ބިލިމަގާއި ދޮންކޭލެވެ.

ރަށްރަށުން ތަކަންދުއަށް އަންނަ މީހުން، އެ މީހުން ގެންނަ ތަކެތި ހިފައިގެން އައިސް މަޑުކޮށްލަނީ ތަކަންދޫ އަތިރިމަތީގައި ހުންނަ ބޮޑު ދެ ކާނި ގަސްދޮށުގަ އެވެ. އެތަނުގައި ހުންނަ ހޮޅުއަށިތަކުގައި، އެ މީހުން ގެންދާ ތަކެތި އަތުރާލުމުން، އުނގަށާއި ތަށި ތައްޓަށް ލުނބޯ އަޅައިގެން ތަކަންދޫ މީހުން އެތަނަކަށް ދެ އެވެ. ރަށުގެ އެންމެންހެން އެތަނަށް ޖަމާވެ ވިޔަފާރި ކުރެ އެވެ.

ހއ. ތަކަންދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"ކޮންމެ ލުނބޮލަކަށް ލިބޭނެ ފާރޮށި ޖޯޑެއް. ހަތަރުު ލުނބޮޔަށް ލިބޭނެ ފަތުހަކުރުގަނޑެއް،" ކުރީގެ ހަނދާންތައް އާކުރަމުން ސަފިއްޔާ ކިޔައިދިނެވެ.

ލުނބޮލުގެ މި ރަން ޒަމާން 10-12 އަހަރަށް ދެމިގެން ދިޔަ އެވެ. އޭގެ ފަހުން ކުރިމަތިވީ ނެތިދިއުމާ އެވެ.

ލުނބޯ ގަސްތައް ހަލާކުވާން ފެށީ، އެ ރަށު މީހުންގެ ބަހުން ނަމަ، ދަބަރު ބަލި ޖެހި އެއަށް ފަރުވާކުރަން ސަރުކާރުން ފޮނުވި ބޭހެއްގެ ސަބަބުންނެވެ. އިންޑިއާގެ އެ ބޭސް ޖެހުމާ އެކު ފަހަރަކު ގަހެއް ނިކަމެތިވަމުން ގޮސް، ކުރު މުއްދަތެއްގެ ތެރޭގައި މުޅި ތަކަންދޫން ލުނބޯ ހުސްވީ އެވެ.

އޭގެ ފަހުން ވެސް އެ ރަށުގައި ލުނބޯ ހެއްދޭތޯ މީހުން މަސައްކަތް ކުރި އެވެ. އެކަމަކު އޭރު ލުނބޯ ހުސްވި ގޮތަށް އަދިއަދަށް ދާންދެން ވެސް ތަކަންދޫ ލުނބޯ ކާކަށް ނުލިބެ އެވެ. ފަހުން ވެސް މީހުން އެކި ކަހަލަ ލުނބޯ ހެއްދި ނަމަވެސް، ކުރީގައި އެ ހެދުނު މުޑުވަކާއި އެ މީރުކަމެއް ނުލިބުނެވެ.

ރަށެއްގައި އިންދާފައި ހުރި ލުނބޯ ގަހެއް: ކުރިން ތަކަންދޫ ފުރިފައި އޮންނަނީ މިކަހަލަ ލުނބޯ ގަސްތަކުން (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)

"އަޅުގަނޑު ހިތަށް އަރަނީ މި ޒަމާނުގައި އެ ވަރަށް މި ރަށުގައި ލުނބޯ އޮތް ނަމަ، ތަކަންދޫ މިހެންނެއް ނޯންނާނެއޭ. ހާދަ މުއްސަނދިވާނެއޭ،" ސަފިއްޔާ ބުނެލި އެވެ.

މިހާރު ލުނބޮލަކީ މި ރަށުގެ މާޒީ އެވެ. ރަށަށް އަރާ ބީރައްޓެހިންނަށާއި ތަކަންދޫގެ މި ޖީލުގެ ކުދިންނަށް ކިޔައިދޭ އެ ރަށުގެ ތާރީހެވެ. އެކަމަކު އެ ތާރީހާ މެދު އެ މީހުން ފަހުރުވެރިވެ އެވެ. ރަށުގެ ރީތި ކުޅީގައި ވެސް ދެ ލުނބޯ ކުރަހާފައި އެ ހުރީ އެހެންވެތާ އެވެ.

ކޮމެންޓް (1)

ޙައްވަ

8 ޖުލައި 2024
ލުނބޮލަކީ....ލުނބޮލަކަށް....މިހެން ނުކިޔާނެ އިނގޭތޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް