ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑެއް.

ބީއެމްއެލް

ބީއެމްއެލް ކާޑް ލިމިޓުގެ ޓައިމްލައިން: ޝައުގުވެރި ނިއުޅުމެއް؛ ފުރޮޅުމެއް

މިއީ ބީއެމްއެލްގެ ކާޑް ލިމިޓް މުރާޖައާކުރުމަށް ވާސިލްވީ ގޮތުގެ ޓައިމްލައިނެއް؛ މިއީ އެ މައްސަލަ ނިއުޅި ފުރޮޅިގެން އައި ގޮތް
2 ސެޕްޓެމްބަރު 2024
13

މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑް ލިމިޓް މުރާޖައާކުރުމަށް ވާސިލްވީ ގޮތުގެ ޓައިމްލައިނެވެ. މިއީ އެ މައްސަލަ ނިއުޅި ފުރޮޅިގެން އައި ގޮތެވެ. 

ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތްކުރުން ހުއްޓުވާ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ގެނައި ބަދަލާ މެދު އެކި ވާހަކަތައް އެކި ފަރާތްތަކުން ދައްކަ އެވެ. އާންމުންގެ ރުޅިވެރިކަމާއި ޖަޒުބާތުތައް ވެސް އެ ނިންމުމާ އެކު ބޮޑެވެ. އަދި އެއަށް ފަހު ދެން ނިއުޅިގެން އައި އެކި ވާހަކަތަކާއި ބަހުސްތައް ވެސް އަދި މާ ޝައުގުވެރި އެވެ. 

މިއީ ބީއެމްއެލްގެ ކާޑް ލިމިޓް މުރާޖައާކުރުމަށް ވާސިލްވީ ގޮތުގެ ޓައިމްލައިނެވެ. މިއީ އެ މައްސަލަ ނިއުޅި ފުރޮޅިގެން އައި ގޮތެވެ. 

27 އޮގަސްޓް | ބީއެމްއެލްގެ ބޯޑް ބަދަލުކުރަން ހިއްސާދާރުންގެ ޖަލްސާއެއް ބާއްވަން އިއުލާންކުރުން

ފިނޭންސް މިނިސްޓްރީން އެދިގެން ބާއްވާ އެ ޖަލްސާ ތާވަލްކޮށްފައި ވަނީ އަންނަ މަހުގެ 21ގެ ހެނދުނު 10 ޖަހާއިރަށް؛ އެއީ އޮންލައިން ޖަލްސާއެއް

26 އޮގަސްޓް | ޕީއެންސީގެ ޖަލްސާއެއްގައި ބީއެމްއެލްގެ ނިންމުމަކީ މާލީ ބަގާވާތެއް ކަމަށް ސީދާ ރައީސް ވިދާޅުވުން

ބީއެމްއެލްގެ ނިންމުމާ އެކު، ހިނގައިދިޔަ ކަންތައްތަކަކީ ބަގާވާތްކުރަން ކުރި މަސައްކަތެއްކަން "ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ" ކަމަށް ރައީސް ވިދާޅުވެ އެކަން ތަހުގީގު ކުރާނެ ކަމަށް ވިދާޅުވި

ބީއެމްއެލް ބަގާވާތުގެ ބައިވެރިވާ ކަމަށް ބުނެ ސީއީއޯ ވަގުތުން އިސްތިއުފާ ދޭން ވެސް ގޮވާލި

ކާޑުތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތަށް ގެނައި ބަދަލަކީ އެ ބޭންކުގެ ވެރިން ބައިވެރިވެގެން ގެންނަން އުޅުނު ބަގާވާތެއް ކަމަށް ވިދާޅުވެ އެތަނުގެ ސީއީއޯ ކާލް ސްޓުމްކަ ވަގުތުން އިސްތިއުފާ ދެއްވަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ގޮވާލެއްވި

26 އޮގަސްޓް | ބީއެމްއެލްގެ ނިންމުމާ އެކު ސަރުކާރު ބަދަލުކުރަން ރޭވި ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަން ފެށުން

25 އޮގަސްޓް | ބީއެމްއެލްގެ ކުއްލި ބޯޑު ބައްދަލުވުމެއް ބާއްވައި ކާޑް ލިމިޓާ މެދު ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުން

އެގޮތަށް ނިންމީ ބޭންކުތަކުގެ ބެލެނިވެރި ފަރާތް، މަރުކަޒީ ބޭންކް އެމްއެމްއޭގެ އިރުޝާދުގެ ދަށުން 

ރައީސް ބީއެމްއެލްގެ ސީއީއޯ ބައްދަލުކޮށް ނިންމުން މުރާޖައާކުރުމަށް ބާރުއެޅުން

އިކޮނޮމިކް ކައުންސިލުން ވެސް ބީއެމްއެލްގެ ސީއީއޯއާ ރައީސް އޮފީހުގައި ބައްދަލުކޮށް ނިންމުން ބަދަލުކުރުމަށް އެދިވަޑައިގަތް 

ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާދެއްވުން

އޭނާ ވަކިކުރަން ޕީސީބީން އަންގާފައިވަނިކޮށް ބޯޑުން އަމިއްލައަށް އިސްތިއިފާދެއްވި

25 އޮގަސްޓް | ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް ހެދިކަން އިއުލާންކުރި

އެކަން އިއުލާން ކުރީ ހެނދުނު 10:30ގައި. އެ ނިންމުން އެ ވަގުތުން ފެށިގެން ވަގުތުން ތަންފީޒުކުރަން ފެށިކަން ވެސް ބޭންކުން އިއުލާންކުރި. އެ ވަގުތު އިދިކޮޅު އެމްޑީޕީގެ ޕްރެސްއެއް ވެސް ކުރިއަށް ދިޔަ.

24 އޮގަސްޓް – ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން ވަކިކުރިކަން ޕީސީބީން އެންގި 

21 އޮގަސްޓް – ބީއެމްއެލްގެ ބޯޑް ބައްދަލުވުމެއް ބާއްވާ ކާޑް ލިމިޓްތައް ހުއްޓާލުމުގެ ނިންމުން ތަންފީޒުކުރާނެ ގޮތާއި ތާރީހު ނިންމި

ބޭންކުގެ ރިސްކު ކޮމިޓީން ބީއެމްއެލްގެ ބޭރު ފައިސާގެ ލިކިއުޑިޓީ ޕޮޒިޝަނަށް ނުރައްކާވެފައިވާކަން ސަމާލުކަމަށް ގެނައުމުން ޖެނުއަރީ މަހު ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒުކުރަން މަޝްވަރާކޮށް ގޮތެއް ނިންމި

ބޯޑް ބައްދަލުވުމުގެ ކުރިން އެކަމާ މެދު އެމްއެމްއޭއާ މަޝްވަރާކުރި

20 އޮގަސްޓް | ފިނޭންސް މިނިސްޓަރާ ވެސް ބައްދަލުކޮށް ކާޑް ލިމިޓް މުރާޖައާކުރަން މަޖުބޫރުކަމަށް ބީއެމްއެލްއިން ފާހަގަކުރި

ކާޑް ލިމިޓް މުރާޖައާކުރަން މަޖުބޫރުވެފައިވާކަން ފާހަގަކޮށް ބީއެމްއެލް އިކޮނޮމިކް ކައުންސިލާ ވެސް މަޝްވަރާކުރި 

24 ޖުލައި | ފިނޭންސް މިނިސްޓަރާ އަނެއްކާ ވެސް ބައްދަލުކޮށް ކާޑް ލިމިޓްތައް މުރާޖައާ ކުރުމާ މެދު މަޝްވަރާކުރި 

16 ޖުލައި | ފިނޭންސް މިނިސްޓަރާ ބޭންކުގެ ސީއީއޯ ބައްދަލުކުރައްވައި ކާޑް ލިމިޓްތައް މުރާޖައާ ކުރުމާ މެދު މަޝްވަރާކުރެއްވި

25 ޖޫން | ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ބީއެމްއެލް އިން ޑޮލަރު ވިއްކަމުންދިޔަ އަދަދު ދަށްކުރުން

12 ޖޫން | ކާޑް ލިމިޓްތަކާ މެދު އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރާއި ބީއެމްއެލްގެ ސީއީއޯ ބައްދަލުކުރެއްވި 

11 ޖޫން | ބޭރު ފައިސާގެ ރިޒާވުގެ ހާލަތު ދަށަށް ދާތީ ބޭރުގައި ކިޔަވާ ކުދިންނަށް ދޭ ސްޓައިޕެންޑް ފައިސާ އާއި ބޭރަށް ބޭހަށް ދާ މީހުނަށް ދޫކުރާ ޑޮލަރަށް ހިފެހެއްޓުންތަކެއް ގެންނަން އެމްއެމްއޭން ބޭންކަށް އެންގުން 

28 މޭ | ބީއެމްއެލްގެ އޭޖީއެމްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރުގެ މައްސަލަކަމަށް ސީއީއޯ ވިދާޅުވި

މިހާތަނަށް ގަންނަން ލިބުނު އަދަދަށްވުރެ 333 އިތުރަށް ޑޮލަރު ވިއްކާފައިވާކަމަށް ސީއީއޯ އެ ބައްދަލުވުމުގައި ވިދާޅުވި

8 އެޕްރީލް | ބޭންކުގެ ނެޓް އޯޕަން ޕޮޒިޝަން ނުވަތަ ބޭރު ފައިސާގެ މުއާމަލާތް ތަކުން ބޭންކަށް އޮތް ރިސްކް ބޮޑުވާތީ އެކަމުގެ ކަންބޮޑުވުމާ މެދު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރި 

6 ފެބުރުއަރީ | ބީއެމްއެލްއިން އިކޮނޮމިކް މިނިސްޓަރާ ވެސް ބައްދަލުކުރައްވައި ކާޑް ލިމިޓްތައް މިހާރު ހުރިވަރުގެ ނުބެހެއްޓޭނެ ކަމަށް ދެންނެވުން

1 ފެބްރުވަރީ | ކެބިނެޓުން ކާޑުގެ ޑޮލަރު ލިމިޓް 1200 އަށް ބޮޑު ކުރަން ނިންމި ނިންމުން ތަންފީޒުކުރަން އޮތް ދުވަސް

ނަމަވެސް ހާލަތު އޮތް ގޮތުން އެ ނިންމުން ތަންފީޒުނުކޮށް މަޑުޖައްސާލި

31 ޖެނުއަރީ | ހާލަތު ހުރި ގޮތުން ބީއެމްއެލްގެ ކާޑު ލިމިޓް ބޮޑު ނުކުރެވޭނެކަމަށް ފިނޭންސުން ނޫސް ބަޔާނެއް ނެރުން

25 ޖެނުއަރީ | ޕީސީބީން ބީއެމްއެލް ބޯޑުގެ 5 ޑިރެކްޓަރުން ކުއްލިއަކަށް އެއްފަހަރާ ވަކިކުރުން

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާމަން ހިމެނޭ ގޮތުން ސަރުކާރުން އެ ބޯޑަށް އައްޔަންކޮށްފައިވާ ފަސް ޑިރެކްޓަރުން މިއަދު ކުއްލި ގޮތަކަށް ވަކިކޮށްފި އެވެ. އެއާ އެކު ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންގެ ގާނޫނީ އަދަދު ވަނީ ގެއްލިފަ އެވެ.

24 ޖެނުއަރީ | ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ ގޮތްތައް މުރާޖައާކުރަން ބޯޑުން ފާސްކުރުން

އިތުބާރުހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ބޭންކުގެ ބޯޑުން ނިންމާފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު ރަނގަޅު ނުވެއްޖެ ނަމަ ހުރިހާ ކާޑުތަކެއްގެ ލިމިޓް މަހަކަށް 25 ޑޮލަރަށް ކުޑަކުރުމަށް

23 ޖެނުއަރީ | ކާޑް ލިމިޓްތައް މުރާޖައާ ކުރުމާ މެދު ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރުން

11 ޖެނުއަރީ | ކާޑް ލިމިޓްތައް މުރާޖައާ ކުރުމާ މެދު ބީއެމްއެލްއިން ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރުން 

ސޯސް: ބީއެމްއެލްގެ މަސްދަރުތައް / ސަރުކާރުގެ އޮފިޝަލުން

ކޮމެންޓް (13)

profile-image-placeholder

ދިފާއީ މީހާ

3 ސެޕްޓެމްބަރު 2024
ކިތަންމެ ބައްދަލުވުމެއް ބޭއްވިޔަސް ރަޢިސް ނުކުރަން ބުނާ ކަމެއް ކުރުމަކީ ބަގާވަތެއް.

ކައްނެލި

3 ސެޕްޓެމްބަރު 2024
@ދިފާއީ މީހާ އޯ އެހެންތަ. އެހެންވިއްޔާ ރައީސް ހިތްޕުޅާ ނުވާ އެއްކަމެއްވެސް ނުކުރެވޭނެ ތާ ދޯ

ވަސީމް

3 ސެޕްޓެމްބަރު 2024
ސަރުކާރެއްގެ ބޮޑު ފޭލްވުމެއް މި ބަދަލުކޮށްލީ ބަގާވަަތަކަށް. މިކަމުން ލީބޭނެ ގެއްލުން ވަޒަންކޮށްލަންވެސް ދަތިވާނެ. ބޮޑުން އިސްތިއުފާ ދޭންޖެހޭ.

ކުރީ ސަރުކާރު

3 ސެޕްޓެމްބަރު 2024
ރާއްޖޭގަ އެންމެ ރަނގަޅަށް ހިނގަމުން އައި ކުންފުނީގެ އަގު ވައްޓާލީ ސީދާ ސަރުކާރުން. ދެން އަންނަ ސަރުކާރަކުން މިކަން ރަނގަޅަށް ބަލަންވާނެ. ކަންކަން ހިނގާ ގޮތް ނޭގޭ މިނިސްޓަރުން ލައިގެން ނުވާނެ މިކަމެއް.

ސިކުނޑި

2 ސެޕްޓެމްބަރު 2024
ކިހާ ތާހިރު! ބަޔަކަށް އިޚުލާސްތެރި ކަމާއެކު މަސައްކަތްކުރެވޭނީ މިހާވަރަށް! 8 މަސްވަންދެން އާދޭސް ކުރި އިރުވެސް، ސަރުކާރުގެ ކަމާބެހޭ ބޭފުޅުން ވާނުވާގައި! އެހެންވެގެން ސިކުނޑި އަބަދުވެސް ބުނަނީ، މިބައިމީހުނަށް ސަރުކާރު ހިންގަން ނޭނގެނީއޭ!! ކުރިޔަށް ކައިވަތަކަށްވެސް ވިސްނާ ނުލެވޭ! ބާރުގަދަ ކަމަށް ހެދިގެން އުޅެނީ ކަނޑާލީމާ ލޭވެސް ނާންނަ ވަރުގެ މީހުން!!

މަދީހު

2 ސެޕްޓެމްބަރު 2024
ސަރުކާރުން ރައީސް ހިމެނޭހެން މިކުޅުނީ ޑްރާމާއެއް ދޯ. މިކަމުގަ ޒިންމާ ނުނެގި މިނިސްޓަރުންނަށް ފިޔަވަޅު އަޅަން ޖެހޭ.

ޞަލާހު

2 ސެޕްޓެމްބަރު 2024
ބާރުހުރި މިނިސްޓަރުންތަކެއް ސަލާމަތްކުރަންޖެހޭތީވެ މިއޮތީ ގައުމީ ބެންކު ފުނޑާލަފަ. އަދިވެސް ކިޔާތި ކުރީ ސަރުކާރޭ. ޝަފީގު އަދި ސައީދު އިސްތިއުފާ ދޭން ޖެހޭ.

ލަތީފް

2 ސެޕްޓެމްބަރު 2024
މިނިސްޓަރުންތަކެއްގެ ފެއިލިއަރ ފޮރުވަން ބީއެމްއެލް ކަންބަޅިއަކަށް ހެދިކަން ވަރަށް ސާފު.

އަހުމަދު އިބްރާހިމް

2 ސެޕްޓެމްބަރު 2024
ފިނޭންސް މިނިސްޓަރުގެ ބޮޑު ފެއިލްއެއް މީގެން މި ފެންނަނީ

މަންޑޭ

2 ސެޕްޓެމްބަރު 2024
@އަހުމަދު އިބްރާހިމް އޭނާ އެކަންޏެއް ނޫން. މިނިސްޓަރު ސައީދުވެސް. އެމްެއެމްއޭ ގެ ޒިންމާ ކޮބާ؟

ކަންނެލި ސިޔާމް ޕެރަގޮން

2 ސެޕްޓެމްބަރު 2024
ކޮބާ، ކޮން އިރަކު އެމްޑީޕީ އާ ބައްދަލުކުރީ؟ އަދި ޕްރެސްއެއް ބާއްވާ ސަރުކާރު ވައްޓާލައި ކާލް ގައުމާ ހަވާލުވާ ވާހަކަ ދެކެވުނީ ކޮން އިރަކުތޯ ބަލައިދީބަލަ.

ބަދީއު

2 ސެޕްޓެމްބަރު 2024
ފިނޭންސް މިނިސްޓަރ އިސްތިއުފާ ދޭން ޖެހޭ. އިކޮނިމިކް މިނިސްޓަރުވެސް.

އައްމަޑޭ

2 ސެޕްޓެމްބަރު 2024
ޖެނުއަރީން ފެށި ބަގާވާތެއް އަދި ކިރިޔާ ސަރުކާރަށް ހިލަމެއްވީ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް