ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ބޭނުންކޮށްގެން މީހަކު ވިޔަފާރިކުރަނީ (ފޮޓޯ/ބީއެމްއެލް)

ކާޑު ލިމިޓް މިވަގުތު ބޮޑު ނުކުރާނެ؛ އޭގެ ކުރިން ދަރިވަރުންގެ ދަފްތަރެއް

ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކޮށް ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރަން އަންނަނީ މަސައްކަތް ކުރަމުން
1 ފެބްރުއަރީ 2024

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް މިއަދުން ފެށިގެން ބޮޑުކުރަން ކެބިނެޓުން ނިންމާފައިވީ ނަމަވެސް އެކަން މިވަގުތު ކުރެވެން ނެތް ކަމަށާއި އޭގެ ކުރިން ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްެރީން ބުނެފި އެވެ.

ތަފްސީލް - ކާޑު ލިމިޓް ބޮޑުނުކުރެވޭނޭ ކަމުގެ އިޝާރާތެއް ބީއެމްއެލްއިން ވެސް މީގެ ކުރިން ދީފައިވަނިކޮށް ފިނޭންސް މިނިސްޓްރީން ރޭ އާންމު ކުރި ބަޔާނެއްގައި ބުނީ ކާޑު ލިމިޓް ބޮޑުކޮށް ދިނުން މިވަގުތު ތަންފީޒު ކުރަން ދަތިކަމަށެވެ. އަދި އެއަށް ފަހު ބުނީ: 

  • ރާއްޖޭގައި ޑޮލަރުގެ ޑިމާންޑު ހުރިވަރު އަދި ހުރަސްތައް ދެނެގަންނަން މިހާރު އަންނަނީ މަޝްވަރާކުރަމުން

  • ކާޑު ލިމިޓް ބޮޑުކުރަން ހުރި ދަތިތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް ދޭ

"ކާޑު ލިމިޓް އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަގީންކުރުމަށް ޓަކައި، ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވަލޮޕްމަންޓުން ކުރަމުންދާ ކަމުގައިވެސް ދަންނަވަމެވެ." ފިނޭންސުގެ ބަޔާނުގައި ބުންޏެވެ. 

ގުޅުންހުރި -  ބަޔާނުގައި ފިނޭންސުން ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށާއި ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ރާއްޖޭގައި ހުރި ބޭންކުތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

އެނގުން މުހިންމު - ކެބިނެޓުން ނިންމީ ކާޑުން މުއާމަލާތް ކުރެވޭ ލިމިޓް މަހަކު 750 ޑޮލަރުން 1،200 ޑޮލަރަށް ބޮޑުކުރުމަށެވެ. އެ ނިންމުން ތަންފީޒުކުރަން އުނދަގޫ ކަމަށް ބޭންކުން ބުނި ފަހުން ސަރުކާރުން ވަނީ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބޭވުމެއް ނެތި ކުއްލި ގޮތަކަށް ބޭންކުގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލްކުރާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް