ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ބޭނުންކޮށްގެން މީހަކު ވިޔަފާރިކުރަނީ (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއަށް ޑޮލަރުގެ ތާށިކަން ބޮޑުވެ ކާޑު ލިމިޓް 25 ޑޮލަރަށް ކުޑަކުރަނީ
ހާލަތު ބަދަލުނުވާ ނަމަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އިތުރަށް ކުޑަކުރަން އެ ބޭންކުން ނިންމިކަން 'ދައުރު'އަށް ކަށަވަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިތުބާރުހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ބޭންކުން ނިންމާފައި ވަނީ ޑޮލަރު ލިބުމުގެ ތާށިކަން މިހާރު ބޮޑުވެފައި ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި މި ހާލަތު ރަނގަޅު ނުވެއްޖެ ނަމަ ހުރިހާ ކާޑުތަކެއްގެ ލިމިޓް މަހަކަށް 25 ޑޮލަރަށް ކުޑަކުރުމަށެވެ. އަދި އެ ބަދަލު ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ބޭންކުން އިއުލާންކޮށް ތަންފީޒު ކުރާނެ ކަމަށް ވެސް ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އޮފިޝަލުން ވިދާޅުވި އެވެ.
އެއީ މަޖުބޫރުވެގެން ގެންނަ ބަދަލެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އެނގުން މުހިންމު - ރާއްޖެއިން ބޭރުގައި ބޭންކުގެ ކާޑުތަކުން މިހާރު މަހަކަށް މުއާމަލާތް ކުރެވޭ ލިމިޓްތަކަކީ:
-
ޑެބިޓް ކާޑް - 250 ޑޮލަރު
-
ކްރިޑިޓް ކާޑް - 750 ޑޮލަރު
ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން ބީއެމްއެލްއިން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް:
-
ކުޑަކުރާނޭ ވަކި ލިމިޓެއް އަދި މުޅިން ފައިނަލެއް ނުކުރެވޭ
-
އާ ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއް ވެސް ކަނޑަނާޅާ
ބީއެމްއެލްއިން މީގެ ކުރިން ބުނެފައި ވަނީ:
-
ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވޭނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބޭ ޑޮލަރުގެ އަދަދެއްގެ މައްޗަށް ބަލާފައި ކަމަށް
އެނގުން މުހިންމު - ބީއެމްއެލް ފިޔަވާ ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓްތަކަށް ދޫކުރާ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތެއް ނުކުރެވެ އެވެ.
މީގެ އިތުރަށް ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑް ލިމިޓް މި މަހުގެ އެކަކުން ފެށިގެން ބޮޑުކޮށްދޭން ނިންމި ނަމަވެސް ޑޮލަރުގެ ތާށިކަމާ ހުރެ އެ ބަދަލު ނުގެންނަން ބޭންކުން ވަނީ މިފަހުން ނިންމައިފަ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރަން މިއަހަރުގެ ތެރޭގައި ފިޔަވަޅު އެޅުއްވުމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ކޮމެންޓް (8)
ޢަދުލު
ހަސަން
ކްރެޑިޓް ރިސްކް އެނަލިސްޓް
އެލް އޯ އެލް
ޔުއާން
ައައިޝް
ފޮރިނަރ
ޙައްވަ