މީހަކު އޭޓީއެމްއިން ޑޮލަރު ނަގަނީ: ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައި (ފޮޓޯ/ބީއެމްއެލް)

ޑޮލަރު ނެތްކަން އެންމެ ފަހުން ސަރުކާރަށް ވެސް އެއްބަސްވެވިއްޖެ

ބޭރުގައި ތިބި ދަރިވަރުންނަށް މަހަކު ނެގޭ ޑޮލަރުގެ އަދަދު ބޮޑުކުރެވެން ނެތް ކަމަށް މި ވަނީ ނިންމާފައި

ބީއެމްއެލްގެ ކާޑުން ކުރެވޭ ޑޮލަރުގެ މުއާމަލާތުގެ އަގު ނުވަތަ މަހެއްގެ މައްޗަށް ކުރެވޭ ޑޮލަރު މުއާމަލާތްތައް ލިމިޓުކޮށްފައި އޮތުމަކީ ބޮޑު ޝަކުވާއެކެވެ. ރާއްޖޭން ބޭރުން މުދާ ގަންނަ ކުދި ވިޔަފާރިވެރިންނާއި، ބޭސްފަރުވާއަށް ދާ ދިވެހިންގެ އިތުރުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް އެ އެވެ.

އެކަމަކު ހިތާމަހުރި ކަމަކީ، ބޭންކަށް ޑޮލަރު ލިބޭ މިންވަރަށް ބަލާއިރު، އެ ނޫން ހައްލެއް މި ވަގުތަށް ނެތް ކަމެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާތީ، ޑޮލަރަށް އޮންނަ ޑިމާންޑު އަބަދުވެސް ބޮޑެވެ. ކޮވިޑުގެ ބަލިމަޑުކަމާ އެކު ބޭންކް އެކައުންޓުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ބޮޑު ތަނުން ލިމިޓުކުރި އެވެ. އެއާއެކު މަހެއްގެ މައްޗަށް ކުރެވެނީ 250 ޑޮލަރުގެ މުއާމަލާތެވެ. ބޭރުގައި ކިޔަވާ ކުދިންނަށް ނަމަ މަހަކު 750 ޑޮލަރުގެ ލިމިޓެއް އޮވެ އެވެ.

ޑޮލަރު ލިމިޓެއް ކަނޑައެޅީ، ފައިސާ ލިބުން ދަތިވެފައި ވާތީ، އިގްތިސޯދު ހިންގަން ބޭނުންވާ ބޭރު ފައިސާ ކޮންމެހެން ވެސް ހިފަހައްޓަން ޖެހޭތީ އެވެ.

މީހަކު ޑޮލަރުތަކެއް ގުނަނީ

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވެސް އެހާ ކުޑަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ހުރީ 140 މިލިއަން ޑޮލަރުގަ އެވެ. ރަސްމީ ރިޒާވުގައި ހުރީ 558 މިލިއަން ޑޮލަރެވެ.

އެކަމަކު އާ ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިދިޔަ ޑިސެމްބަރު މަހު ނިންމީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލް މެދުވެރިކޮށް މަހެއްގެ މައްޗަށް ކުރެވޭ ޑޮލަރުގެ މުއާމަލާތް 750 ޑޮލަރުން 1،200 ޑޮލަރަށް ބޮޑުކުރުމަށެވެ. އަދި ޑޮލަރުން މުއާމަލާތް ކުރެވޭ ލިމިޓު އުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.

ކެބިނެޓުގެ ނިންމުމާ އެއްގޮތަށް، ޑޮލަރު ލިމިޓު ބޮޑުކުރަން އޮތީ މިއަދުން ފެށިގެންނެވެ. އެކަމަކު ބީއެމްއެލް އާއި ސަރުކާރަށް އެއްބަސްވުމަކަށް ނާދެވޭތީ އެ ނިންމުން ތަންފީޒު ކުރާކަށް ނުފެށެ އެވެ.

ބީއެމްއެލްގައި ވެސް ނެތް މިންވަރަކުން ޑޮލަރުގެ މުއާމަލާތް ނުހިންގޭނެކަން އެނގެ އެވެ. އެ ލިމިޑް ބޮޑުނުކުރެވޭނެކަމުގެ ސިގްނަލާ އެކު ބޭންކުގެ ބޯޑުގައި ހިމެނޭ ސަރުކާރުގެ ފަސް ޑިރެކްޓަރަކު ވަނީ ކުއްލި ގޮތަކަށް ވަކި ވެސް ކޮށްފަ އެވެ.

ބީއެމްއެލްގެ ޗާޓަރު ބުނާ ގޮތުން އެ ބޭންކުގެ ބޯޑަށް ޑިރެކްޓަރަކު އައްޔަނު ކުރެވޭނީ ވެސް އަދި ޑިރެކްޓަރުން ވަކިކުރެވެނީ ވެސް އަހަރީ އާންމު ޖަލްސާއެއް ނުވަތަ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވާ ހިއްސާ ދާރުންގެ ވޯޓާ އެކު އެވެ.

ބީއެމްއެލް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރަނީ (ފޮޓޯ/ބީއެމްއެލް)

ސަރުކާރު ބަދަލުވި ނަމަވެސް ބޭންކުގެ ބޯޑު މެންބަރުން ކުއްލިއަކަށް ވަކިކޮށް ނުހަދަނީ ބޭންކާ މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ދަމަހައްޓާ، ބޭންކުގެ ބޯޑުގެ މުސްތަގިއްލުކަން ވެސް ދަމަހައްޓަން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެކަމަކު ކުއްލިއަކަށް ވަކިކުރި ފަސް ޑިރެކްޓަރުންނާ އެކު ބޯޑުގެ ކޯރަމް ގެއްލުމުން ސަރުކާރަށް އެންމެ ފަހުން މަޖުބޫރުވީ އޭގެ ތެރެއިން ދެ ޑިރެކްޓަރަކު އަލުން އައްޔަންކުރާށެވެ. 

ސަރުކާރުން ބޭނުންވިޔަސް ބޭންކަށް ނުކުރެވޭ ކަމެއް ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންކަމުން އެންމެ ފަހުން ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އިން މަޝްވަރާކުރުމަށް ފަހު ނިންމީ މިވަގުތު ޑޮލަރު ލިމިޓު ބޮޑު ނުކުރުމަށެވެ.

ފިނޭންސް މިނިސްޓްރީ ރޭ ނެރުނު ބަޔާނެއްގައި ބުނީ ޑޮލަރު ލިމިޓު މިވަގުތު ބޮޑުކުރެވެން ނެތް ކަމަށެވެ. އެކަމަކު އޭގެ ކުރިން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ އަޕްޑޭޓެޑް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށާއި ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރަން އެމްއެމްއޭ އާއި ރާއްޖޭގައި ހިންގާ ކޮމާޝަލް ބޭންކުތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލްގެ އެޕްލިކޭޝަން މީހަކު ބޭނުންކުރަނީ (ފޮޓޯ/ބީއެމްއެލް)

ފިނޭންސް އިން އިތުރަށް ބުނީ؛

  • ރާއްޖޭގައި ޑޮލަރުގެ ޑިމާންޑު ހުރިވަރު އަދި ހުރަސްތައް ދެނެގަންނަން މިހާރު އަންނަނީ މަޝްވަރާކުރަމުން

  • ކާޑު ލިމިޓް ބޮޑުކުރަން ހުރި ދަތިތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް ދޭ

ބޭންކުން ކާޑު ލިމިޓު ބޮޑު ކުރަން ދެކޮޅު ހެދިކަން ސީދާ ރަސްމީކޮށް ހާމަނުކުރި ނަމަވެސް، ބޭންކަށް ޑޮލަރު ލިބުން ދަތިވެފައިވާކަން ޔަގީނެވެ. ފަހަކަށް އައިސް ބީއެމްއެލް މެދުވެރިކޮށް ޓީޓީ ނުކުރެވޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފައިވާއިރު މީގެ ސަބަބުން ބޭރުން މުދާ ގެނައުމުގައި ވެސް ދަތިތައް ކުރިމަތިވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ބީއެމްއެލް އިން ބުނެފައިވަނީ ބޭރަށް ފައިސާ ފޮނުވުމަށް ބޭނުންވާ ޑޮލަރު، އެ ވަގުތެއްގައި ބޭންކަށް ދެވެން ހުރި މިންވަރަކަށް ބަލައި، ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"އެހެން ނަމަވެސް މި އެހީތެރިކަން ބިނާވެފައި އޮންނަނީ ބޭންކުގެ ރިޒާވުގައި ހުރި ޑޮލަރުގެ ނިސްބަތަކަށް،" ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ސައީދު މީގެ ކުރިން 'ދައުރު' އަށް ވިދާޅުވި އެވެ.

ނެތް އެއްޗެއް ނުދެވޭނެ އެވެ. ސަރުކާރުން ބޭނުންވިޔަސް ބީއެމްއެލްއިން އެ ފެނުނީ އެ ހަގީގަތެވެ. ފުރަތަމަ މި ޖެހެނީ ބޭންކަށް ބޭނުންވާ ވަރަށް ޑޮލަރު ހޯދާށެވެ. ސަރުކާރުން އެ ވަރަށް ޑޮލަރު ދޭ ނަމަ ދުވާލަކަށް ކިތައްމެ ގިނައެއްކޮށް ވެސް ޑޮލަރު ދޫކުރެވިދާނެ އެވެ.

އެކަމަކު މި ވަގުތު ސަރުކާރުން ވެސް އެންމެ ފަހުން އެ އެއްބަސްވީ އެކަން ކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް (2)

ކޮސް

1 ފެބްރުއަރީ 2024
މުއިއްޒަކީ އައިކިޔޫ އެވެ މިކިޔާ ބައި ވަރަށް ދަށް ބޭފުޅެއް. އެކަމަކު ޔާމީނަށް އެވަރުގެ ލޮޓިއެއް ދެއްވުނީ އަދުރަމެޓިކިކުސްގެ ބާރުގައި ކަމަށްވެސް މުޅިއަކުން ނުނިންމޭނެ ދެއްތޯ!
0 2

ވިސްނާ

1 ފެބްރުއަރީ 2024
@ކޮސް ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގަ ހިފެހެއްޓޭ ގޮތް ހަދާބަލަ. ރައީސްމީހާ ގެ އެކަނި ކަމެއްނޫން އެއީކީ. މަޖިލިސްގަ ތިބި ބޭކަލުން އެކަން ނުކޮށް އެއުޅެނީ.
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް