ބީއެމްއެލްގެ ކާޑަކުން މީހަކު އޮންލައިން މުއާމަލާތެއް ކުރަނީ

ބީއެމްއެލް

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި

މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް، ގޯލްޑް ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރެވޭ މުއާމަލާތުގެ ލިމިޓް 100 ޑޮލަރަށް ވަނީ ދަށްކޮށްފައި

ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި އެވެ. 

އެނގުން މުހިންމު - ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކަށް ރާއްޖެއިން ބޭރުގައި މުއާމަލާތްކުރަން މަހަކު 250 ޑޮލަރު ކުރިން އައީ ދެމުންނެވެ. 

ވީ ކިހިނެއް؟ - ބީއެމްްއެލްއިން މިއަދު ވަނީ، ޑޮލަރު ލިބުން ދަތިވެ ބޭރުގައި ވިޔަފާރިކުރަން ދީފައިވާ ކާޑް ލިމިޓްތަކަށް ގެނައި ބަދަލުތައް މިއަދު ނެރުނު ނޫސް ބަޔާނެއްގައި އިއުލާންކޮށްފަ އެވެ. އެގޮތުން ގެނައި ބަދަލުތަކަކީ: 

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ

  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް، ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން

  • އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ

ބުނީ ކީކޭ؟ - ކާޑު ލިމިޓަށް ގެނައި ބަދަލާ ގުޅޭ ގޮތުން ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނީ ބޭންކު ކާޑުތަކުން ކުރާ ޑޮލަރުގެ މުއާމަލާތްތައް ބޭންކަށް ލިބުނު ޑޮލަރު އާމްދަނީއަށް ވުރެ ތިން ގުނަ ބޮޑު ކަމަށެވެ.

"ފާއިތުވި 10 އަހަރެއްހާ ދުވަހު، ބޭންކުން ދިޔައީ ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ގާތުން ބަލަމުން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.

"މި އަހަރު ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު. ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު."

ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ވަރަށް ބޮޑަށް ދައްވާ ކަމެއް ކަމަށް ވެސް ކާލް ވިދާޅުވި އެވެ.

"ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑު ގޮތެއްގައި ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު %75 ދަށް،" އޭނާ ވިދާޅުވި އެވެ.

ކާލް ވިދާޅުވީ:

  • ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން

  • ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ

  • ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ

  • މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރާ ކަމަށް

"ބޭންކުން މިއަދު ގެނައި ބަދަލަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު އަސަރެއްކުރާނެ ބަދަލެއްކަން އަޅުގަނޑު ގަބޫލުކުރަން. މިއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދު ނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް،" ކާލް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ބީއެމްއެލްގެ ރުފިޔާ ޑެބިޓު ކާޑުން ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރު ކަނޑާލާ އަދި އާ ކްރެޑިޓް ކާޑުތަކުން ޑޮލަރު މުއާމަލާތް ކުރެވޭ އަދަދު 100 ޑޮލަރަށް ލިމިޓުކޮށްފައި ވާއިރު، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް  އެ ބަދަލު އަންނާނެ އެވެ. މީގެ ކުރިން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް 750 ޑޮލަރާއި ހަމައަށް ބޭންކުގެ ރުފިޔާ ޑެބިޓު ކާޑުން މުއާމަލާތް ކުރެވެ އެވެ.

ކޮމެންޓް (10)

ސިކުނޑި

25 އޯގަސްޓު 2024
ޑޮލަރުގެ އަގު ކޮންތާކުތޯ މިހިފެހެއްޓުނީ؟ ހުސްގޮނޑި ދައްކައިގެން ވެރިކަމަށްއައިމާ ދެރަ ލިބުނީ އެންމެ މީހަކަށް! އިގުތިސާދު ހަމަޔަކަށް ނޭޅުވުނީމާ ހުރިހާ ރައްޔިތުންނަށް އަސަރުކުރާނެކަން ވެރިން ދަންނަންޖެހޭނެ!!
1 0

ދެރަ

25 އޯގަސްޓު 2024
ރާއްޖޭގެ ރައްޔިތުން ނުހަނު އިތުބާރުކޮށް ރައީސް އެއް ހޮވާ، ރައްޔިތުންގެ މަޖްލީހުގެ އަގްލަބިއްޔަތު މި ދިނީ ދިވެހި ރައްޔިތު މީހާ މިބުނާ ހިތިބޭސް، މި ހިތި ބޭސް ބޯން މި އުފަންކުރުވި ފަރާތްތަކާ އެކުއެކީ ބޯށެވެ. އެ ފަރާތްތައް އެއްކިބާކޮށް، އާންމު ރައްޔިތު މީހާ އެކަނި މި ހިތި ބޯކަށެއް ނޫނެވެ. ދިވެހީންގެ އާދޭހަކީ މިއަދު ވެރިކަމުގައި ހުންނެވި ފަރާތުން މިކަން ރަނގަޅަށް އެނގުމެވެ. އަދި ރާއްޖެއަށް ބޭރު ފައިސާ ދައުރުވުމެ ފަސޭހަ ވާނެގޮތަކަށް ވީހާވެސް އަވަހަކަށް ފިޔަވަޅުތައް އަޅައިދިނުމެވެ. ހިތި ބޭސް ބޯނީކީ ހަމައެކަނި ނިކަމެތި ރައްޔިތު މީހާ އެއް ނޫން.
1 0

ހަސަން32ް4

25 އޯގަސްޓު 2024
ކުއްލި އަކަށް ކާޑު ލިމިޓް ކަޑާލީމަ ޑޮލަރު ކާޑެއް ހަދަންވެސް ވަގުތު ނުތީ ވަރަށްވެސް ދަތި ގޮތެއް މިވީ ، މިހާރު އަޅުގަނޑަށް ނެތް އެއްވެސް ބޭރުގެ ޓްރާންސެކްޝަން އެއް ހެދޭކަށް ، ރަގަޅު ދޯ ދުރާލާ އަންގާފަ ކުރި ނަމަ ! މިހާރު އަޅުގަނޑުގެ ގޫގަލް ސާރވިސާރސް އަކަށްވެސް ޕޭނުކުރެވޭ ، ނެޓްފްލިކްސް ވެސް ކަޑާލާނެ ! ކާޑު ހައްދާ ކިއު ދެންވިސްނާލައްވާ ވާނެ ވަރު !
4 0

ކިލަންޑާ

25 އޯގަސްޓު 2024
އެލް ބޯޑު ވެރިކަން ވައްޓާ ނުލައިފިނަލަ ދިވެހިން ބަނޑަށް ޖެހޭނެ. ޑޮލަރު ލިމިޓް އުވާލާނަމޭ ބުނެ އައިސް ލިބޭ ވަރުވެސް ކަނޑާލީ މިއޮތް. ކޮވިޑަށްވުރެ ދަށުދަރަޖައަށް ގައުމު މިދިޔައީ ޓޫރިސްޓް އެރައިވަލް މަތިކޮށް ވަނިކޮށް ހިންގަން ނޭނގި ނޫނީ ގަސްތުގަ ޑޮލަރުތަކުގެ ފައިދާ މިމީހުން ނަގަން. ބަގްލަދޭޝްގަ ހެދިހެން ހަދަން ރައްޔިތުން ނިކުންނަންވީ ނޫންނަމަ އަދިވެސް ގޯސްވާނެ
3 0

ތެފައާސާ.

25 އޯގަސްޓު 2024
ތަނަކުން ވެރިކަމެއް ފެންނައިރަށް ތިމަންނަމެންނަށްވެސް ވާނޭކިޔާފަ ބޯ ކޮށްޕާލާތި!!!!
6 0

މައްލި

25 އޯގަސްޓު 2024
ބޭރު ފައިސާއިން ކުރާ އިންވޮއިސް އަކަށް ލިބޭ ބޭރު ފައިސާއެއް އެ އިންވޮއިސް ކުރާ ރާއްޖޭގައި ރަޖިސްޓްރީ އޮންނަ ރާއްޖޭގައި އޮންނަ އެކުންފުނީގެ ބޭރުފައިސާ އެކައުންޓަށް ޖަމާނުރުކިޔަސް ހެޔޮ. އެކަމަކު އެފަރާތް ތަކުން ބޭރުން އެއްޗެއް އިމްޕޯރޓް ކުރަން ބޭނުން ވެއްޖިއްޔާ ބޭންކް ތަކުން ޑޮލަރު ނުލިބޭކަމަށް ނުވަތަ ލިބުން ދަތިކަމަށް އަބަދުވެސް ބުނެ އުޅޭ. ޖެހެނީ ކަޅު ބާޒާރުން ދޮލަރު ގަންނަން ޖެހޭކަމަށް. އެސްއޯއީ އެއް ވިޔަސް މި ޖެހެނީ ކަޅުބާޒާރުން ޑޮލަރު ގަންނަން.
1 0

މައްލި

25 އޯގަސްޓު 2024
ރާއްޖޭގައި މިވަގުތު 40،000 އަށްވުރެގިނަ ރިސޯޓް އެންދު ހުރިކަމަށް ޓުއަރިޒަމް ވުޒާރާގެ ތަފާސްހިސާބު ދައްކާ. އެވްރެޖްކޮށް އަހަރެއްގެ އޮކިޔުޕަންސީއަކީ 70% ކަމަށް ބަލަމާ. އެއީ އަހަރަކަށް 10،220،000 ބެޑްނައިޓްސް. ކޮންމެ ބެޑްނައިޓްއެއް ޔޫއެސްޑީ 250 ރެޔަކަށް ހޭދަކުރިޔަސް ,އަހަރެއްގެ މައްޗައް ރިސޯތް ތަކުން ޔޫއެސްޑީ 2،555،000،000 (2.5 ބިލިޔަން – ވިތް އަ ބީ) ރާއްޖެއަށް އެބަ ލިބޭ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗައް 212.9 މިލިއަން ޔޫއްސްޑީ.
3 0

ކުއްލި

25 އޯގަސްޓު 2024
@މައްލި ރިސޯޓު ވިކުރާއަށް ލިބޭ ހުރިހާ ޑޮލަރެއް ރާއްޖޭގައި ހިފެހެއްޓިދާނެ، އެކަމު އެކަން ކުރެވޭނީ ރިސޯޓުތަކަށް ބޭނުންވާ ރޯމޭވާ ތަރުކާރީ ސީފުޑުން ގެރިބަކަރި މަހާއި ކިރުން ފެށިގެން ރިސޯޓެއް އިމާރާތްކޮށް މަރާމާތަށް ބޭނުންވާތަކެއްޗާއި އަދި ދިވެހި ލޭބަރުން ވެސް ލިބިގެން.... އަދި އަހަރުގެ ހުރިހާ ދުވަހެއްގައި އަވި ދިއްލާ މޫސުންވެސް ރީތިވެގެން
2 0

މައްލި

25 އޯގަސްޓު 2024
@ކުއްލި ހަހަ. މިހަަރުވެސް ރިސޯޓް ތަކުން ތަކެތި ހޯދަނީ އެލިބޭ ޑޮލަރުންނާއި ކަޅުބާޒާރުގާ މާރުކުރާ ޑޮލަރުން ލިބޭ ދިވެހި ރުފިޔާ އިން.
0 0

ތައްލި

25 އޯގަސްޓު 2024
@ކުއްލި އަދި ކޮބާ ރިސޯޓު އިންޖީނުގެއަށް ސްޕީޑް ބޯޓަށް ޑައިވިންދޯންޏަށް ސަޕްލައިބޯޓަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލުވެސް އިންޕޯޓު ނުކޮށް ރާއްޖޭގެ ބިމުން ނުވަތަ ކަނޑު އަޑިން ލިބެން ޖެހޭނެ .
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް