ބޭންކް އޮފް މޯލްޑިވްސްގެ ޔޫއެސް ޑޮލަރު އޭޓީއެމް. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ބޭރު މުއާމަލާތް ކުރެވޭ ގޮތް އަލުން ހަދައިފި
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް މިއަދު ހެދުމަށް ފަހު، މަރުކަޒީ ބޭންކުން އަންގައިގެން އެ ނިންމުން ބާތިލްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްްއެލްއިން މިއަދު ވަނީ، ޑޮލަރު ލިބުން ދަތިވެ ބޭރުގައި ވިޔަފާރިކުރަން ދީފައިވާ ކާޑް ލިމިޓްތަކަށް ގެނައި ބަދަލުތައް މިއަދު ނެރުނު ނޫސް ބަޔާނެއްގައި އިއުލާންކޮށްފަ އެވެ. އެގޮތުން ގެނައި ބަދަލުތަކަކީ:
-
މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ
-
މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް، ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން
-
އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ
ނަމަވެސް، ބީއެމްއެލް އިން ދެންމެ ނެރުނު ކުރު އިއުލާނެއްގައިވާ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިގެން މިއަދުގެ ނިންމުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން އިތުރު މައުލޫމާތެއް އަދި ނުދެ އެވެ.
— Bank of Maldives (@bankofmaldives) August 25, 2024
ބުނީ ކީކޭ؟ - ކާޑު ލިމިޓަށް ގެނައި ބަދަލާ ގުޅޭ ގޮތުން ބޭންކުން މިއަދު ހެނދުނު ނެރުނު ނޫސްބަޔާނުގައި ބުނީ ބޭންކު ކާޑުތަކުން ކުރާ ޑޮލަރުގެ މުއާމަލާތްތައް ބޭންކަށް ލިބުނު ޑޮލަރު އާމްދަނީއަށް ވުރެ ތިން ގުނަ ބޮޑު ކަމަށެވެ.
"ފާއިތުވި 10 އަހަރެއްހާ ދުވަހު، ބޭންކުން ދިޔައީ ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ގާތުން ބަލަމުން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެފައިވެ އެވެ.
"މި އަހަރު ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު. ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު."