ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއެއްގައި ހިއްސާދާރުން (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ ބޯޑް ބަދަލުކުރަން ހިއްސާދާރުންގެ ޖަލްސާއެއް ބާއްވަނީ

އެމްއެމްއޭން އެދިގެން ބާއްވާ އެ ޖަލްސާ ތާވަލްކޮށްފައި ވަނީ އަންނަ މަހުގެ 21ގެ ހެނދުނު 10 ޖަހާއިރަށް؛ އެއީ އޮންލައިން ޖަލްސާއެއް
27 އޯގަސްޓު 2024
2

ގައުމީ ބޭންކް، ބީއެމްްއެލްގެ ބޯޑް ބަދަލުކުރުމަށް ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއެއް އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ މާލީ ވުޒާރާގެ އެދުމުގެ މަތިން ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޖަލްސާ ބާއްވާނީ: 

  • އަންނަ މަސް، 21 ސެޕްޓެމްބަރުވާ ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖަހާއިރު 

  • އެ ޖަލްސާ ބާއްވަނީ އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފަހި ވޯޓް" ސިސްޓަމް މެދުވެރިކޮށް 

ތަފްސީލް - އެ އިއުލާނުގައިވާ ގޮތުގައި އެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތް ކަމަކީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރުމެވެ. އެ އިއުލާނުގައިވާ ގޮތުގައި: 

  • ބައްދަލުވުމުގައި ބައިވެރިވާން ހިއްސާދާރުން ރަޖިސްޓްރީކުރަން ޖެހެނީ "އިންފިނިޓީ" ސިސްޓަމް މެދުވެރިކޮށް ނުވަތަ ޖަލްސާގައި ބައިވެރިވުމަށް އެދޭ ފޯމް ޖެހެނީ corporateaffairs@bml.com.mv އަށް އީމެއިލް ކުރަން 

  • އެ ޖަލްސާއަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10 އިން 19 ސެޕްޓެމްބަރުގެ ހެނދުނު 10އެއްގެ ނިޔަލަށް

އިއުލާނުގައި އަދި ބުނި ގޮތުގައި އެ ޖަލްސާގައި ބައިވެރިވެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ހިއްސާދާރުންނަށެވެ. އަދި ރަޖިސްޓްރީވާ ހިއްސާދާރުން އެ މީހުންގެ ބަދަލުގައި ޖަލްސާގައި ބައިވެރިވާން އެހެން ފަރާތެއް ފޮނުވާ ނަމަ، ޕްރޮކްސީ ފޯމް ފުރުމަށް ފަހު ޖަލްސާ ފެށުމުގެ 48 ގަޑިއިރުކުރިން ބޭންކަށް އީމެއިލް ކުރުމަށް ވެސް އެ އިއުލާނުގައި ވަނީ އެދިފަ އެވެ. 

ގުޅުންހުރި - ރުފިޔާ އެކައުންޓްތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހުން ބޭންކުގެ ބޯޑުން ނިންމުމާ އެކު ސަރުކާރުން އަންގައިގެން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ވަނީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑުން ވަކިކޮށްފަ އެވެ. އެ އެންގުމާ އެކު އޭނާ ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.

ބީއެމްއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ: 

  • ސަރުކާރުން އައްޔަންކޮށްފައިވާ ފަސް ޑިރެކްޓަރުން 

  • އަމިއްލަ ހިއްސާދާރުން ތަމްސީލް ކުރައްވާ ތިން ޑިރެކްޓަރުން 

މިވަގުތު ބީއެމްއެލްގެ ޗެއާމަންގެ މަގާމާއި އިތުރު ދެ ޑިރެކްޓަރުންގެ މަގާމު އޮތީ ހުސްކޮށެވެ. 

ފާހަގަކޮށްލެވޭ - ބީއެމްއެލްއިން ކާޑުތަކުގެ ބޭރު ލިމިޓާ މެދު ނިންމި ނިންމުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ބީއެމްއެލް އިސްވެ އޮވެ ގެންނަން އުޅުނު މާލީ ބަގާވާތެއް ކަމަށެވެ. އަދި ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ބީއެމްއެލްގެ ސީއީއޯ އާއި ބޯޑު މެންބަރުން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލައްވައިފަ އެވެ. 

އެނގުން މުހިންމު - ބީއެމްއެލްގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި އިދާރާތައް ހިމެނޭ ގޮތުން ސަރުކާރުގެ %66.27 ހިއްސާ އޮވެ އެވެ. އަދި ބާކީ %33.73 ހިއްސާދާރުންނަކީ އާންމުންނެވެ. 

ކޮމެންޓް (2)

profile-image-placeholder

ތަނާޒިލް

28 އޯގަސްޓު 2024
ކީއްކުރަން ބާއްވާ ޖަލްސާއެއްހޭ. އެރަހީމުގެ އާއިލާގަ ތިބޭނެ ކަމަށް އެކަށޭނެ ގާބިލު މީހުން. އެ މީހެން ލީމަ ނިމުނީއެއްނު.

ސިކުނޑި

28 އޯގަސްޓު 2024
އަހަރެއްވީ އިރުވެސް ވާނުވާ ނޭނގޭ ސަރުކާރެއް މިނޫނީ އަދި ނުދެކެން!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް