ޔުމްނު ވެއްޓުން: މުޅި ގައުމަށް މި ލިބެނީ ގިނަ ފިލާވަޅުތަކެއް
އެ ހާދިސާއަށް މިއަދަށް ދެ ހަފުތާ ވީ އެވެ. ހައްވާ ޔުމްނު ރަޝީދު އެ ގެންދަނީ މެލޭޝިއާގައި ފަރުވާ ހޯދަމުންނެވެ. އަދިވެސް އޮތީ ގެއެއްގެ ނުވަ ވަނަ ބުރިން އޭނާ ވެއްޓުނު ގޮތާ މެދު އެކި މީހުންނަށް ފެންނަ، ގަބޫލުކުރެވޭ ގޮތް ސޯޝަލް މީޑިއާގައި ފަތުރައި، ބަހުސްކުރުމެވެ. ސަރުކާރަށް ނިސްބަތްވާ މީހުން ސަރުކާރުގެ ދިފާއުގަ އެވެ.
އެކަމަކު އެއްވެސް މީހަކަށް ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ. މި ހާދިސާއާ ގުޅިފައި އޮތް މައިގަނޑު މައްސަލައަކީ ފުލުހުންގެ މަސައްކަތަށް ސިޔާސީ ނުފޫޒު ނުވަތަ ބާރުގަދަ މީހުންގެ ނުފޫޒު ވަނުމެވެ. ޒުވާން ނޫސްވެރިޔާ އަހުމަދު ނާއިފްގެ ބަހުން ނަމަ މުޅި ހާދިސާ 'ހަރާބުވުމު'ގެ އެންމެ ބޮޑު ސަބަބަކީ ވެސް ފުލުހުން ދެއްކި ވާހަކަތަކެވެ. އެ ތަހުގީގެވެ.
ހ. ފެންޓެނޯއީގެ ކުޑަ ދޮރަކުން ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިހާތަނަށް 'ދައުރު'ން ވަނީ މުހިންމު ދެ ރިޕޯޓެއް ގެނެސްދީފަ އެވެ. އެ ދެ ރިޕޯޓްގައި ވެސް ނާއިފް ވަރަށް ބުރަކޮށް މަސައްކަތްކުރި އެވެ. އަދިވެސް އޭނާ އާއި އޭނާގެ ޓީމުން އަންނަނީ މި ހާދިސާއާ ގުޅޭ އެކި ކަންކަމާ މެދު، ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ހަގީގަތް ދެނެގަނެވޭތޯ މަސައްކަތްކުރަމުންނެވެ.
އަޅުގަނޑުގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'ގައި ނާއިފް ވަނީ މި މައްސަލާގައި ނޫސްވެރިއެއްގެ ތަޖުރިބާާއާ މެދު ވަރަށް ފުންކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ދެކޭ ގޮތުގައި މުޅި ހާދިސާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަން ފުރުސަތު ލިބުނީ ފުލުހުންގެ އަމަލްތައް ހުރި ގޮތުންނެވެ.
"ވަރަށް ގިނަ މައުލޫމާތު ނުހޯދައި ޕަބްލިކަށް ފުލުހުން ވަރަށް ގިނަ މައުލޫމާތު ދެވުނުކަން [ފާހަގަކުރެވޭ]،" ވާހަކަ ފަށަމުން ނާއިފް ބުންޏެވެ.
"ފުލުހުން ބުނެފައި އެބަ ހުރި ބައެއް ގޭގެ އާއި ތަންތަން، ހާއްސަކޮށް [ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު] އަމީން ދިރިއުޅުއްވާ ގޭ ކަހަލަ ތަންތަން ފާސްކުރަން ޖެހޭ ފަދަ ޒަރޫރަތެއް ނެތްކަން. އޭގެ ވަރަށް ގިނަ މުހިންމު މައުލޫމާތު އެއްނުކުރެވި ފުލުހުންނަށް ވަރަށް ގިނަ ހީތަކުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަ ވާހަކަ ދެކެވުނު."
ފުލުހުންގެ އެތެރޭގައި ހިނގާ ކަންކަން ވެސް ސޯޝަލް މީޑިއާއަށް ލީކުނުވެ ނުދެ އެވެ. އެހެންކަމުން 'އަންހެނަކު ގެއެއްގެ ފުރާޅު މަތިން ވެއްޓިގެން ފަރުވާ ދެނިއްޔޭ' ބުނެ ނިންމާލެވޭ ވަރަށް ވުރެ ބޮޑަށް އެ ހާދިސާގެ އެހެން މައުލޫމާތު ސޯޝަލް މީޑިއާގައި ފެތުރެން ފެށި އެވެ. އޭގެ ތެރޭގައި އަމީންގެ ގޭގައި އެރޭ ޕާޓީއެއް އޮތް ކަމާއި އަމީންއަށް ބޮޑުބޭބެ ކިޔާ ބައެއް ޒުވާނުން އެ ޕާޓީގައި ބައިވެރިވިކަމާއި ޔުމްނު ވެއްޓުމުގެ ކުރިން އުޅުނީ އެމީހުންނާ އެކުގައި ކަން، ފަޅާއެރި އެވެ.
އެހާ ހިސާބުން އާންމުންގެ ތެރޭގައި ވިސްނުނީ ރަނގަޅަށް ތަހުގީގު ކުރިއަށް ނުދާނެ ކަމެވެ. ސިޔާސީ ނުފޫޒު ގަދަ މީހުންގެ އާއިލާގެ މެމްބަރުން ސަލާމަތްވެ، އާދައިގެ މީހުންގެ ދަރިންނަށް އަދަބު ލިބޭނެ ކަމެވެ.
މިއީ ވަރަށް ނުރައްކާ އަދި އެހާމެ ހިތާމަވެރި ވިސްނުމެކެވެ. ހިޔާލުތަކެކެވެ. އެހާ ހިސާބުން ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގެ އަސްލު މިސްރާބު ގެއްލި، އާންމުންގެ ހީކުރުންތަކާއި ގޯސް މައުލޫމާތުތައް، ގިނަ މީހުންގެ ސިކުނޑީގައި ވަކި ހިއްޕާލީ އެވެ.
"ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ ފުލުހުންގެ އެ ވާހަކަތަކުގެ ސަބަބުން އޭތި ލީޑްކުރީ މިސްއިންފޭޝަން ވަރަށް ބޮޑު ކެމްޕޭނަކަށް،" ނާއިފް ބުންޏެވެ.
ސޯޝަލް މީޑިއާގައި ތަފާތު 50 ވާހަކަ
މުޅި ހާދިސާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުން ފެތުރި މަދުވެގެން ތަފާތު '50 ވާހަކަ' އޭނާއަށް މިހާތަނަށް ފާހަގަކުރެވުނެވެ. އޭގެ ތެރެއިން އެކި ވާހަކަ އާންމުންގެ ތެރޭގައި ހިނގާފައި ހުރީ އެކި ވަރަށެވެ. އެކަމަކު އޭގެ ގެއްލުން ބޮޑެވެ. މިހާރު މިއީ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އާންމުންގެ ތެރޭގައި އުފެދުނު ސާބިތު ކުރެވެން ނެތް ހިޔާލުތައް ފަދަ ވާހަކަތަކުން ރަޖާ ލެވިފައިވާ މައްސަލައެއް ކަމަށް، ނާއިފް ދެކެ އެވެ.
"ފުލުހުން އޭގެ ހަގީގަތް ހޯދިޔަސް ދެން އާންމުން އެ ގަބޫލުނުކުރާނެ ދަރަޖައަށް މި ކޭސްއާ [ބެހޭ އެކި] މައުލޫމާތު ފެތުރުން އެންމެ ފާހަގަވީ،" ނާއިފް ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ބައެއް ކަވަރޭޖްތައް
ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު ފެންޓެނޯއީއަށް ވަދެ އެކި ފްލޯތަކަށް އަރާ، ފައިބާ އުޅުނީ ރައުދު އަހުމަދު ޒިލާލް އެވެ. ފުރަތަމަ ދުވަހު ވެސް އެ ވީޑިއޯތައް ފުލުހުންނަށް ލިބުނެވެ. އެކަމަކު ފުލުހުންގެ ބެލުމުގެ ދަށަށް ރައުދު ގެންދިޔައީ ހާދިސާއަށް ހަފުތާއެއް ވީ ފަހުންނެވެ. ދެ ޒުވާނުންނާ އެކު ޕާޓީކުރި އެހެން މީހުންގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ފުލުހުންނަކަށް ނުނެގުނެވެ. ސީރިއަސް މައްސަލައަކަށް ބަދަލުވެދާނެ ފުރުސަތު މި ކޭސްގައި އޮތް އިރު ވެސް، ޕާޓީ ކުރި ގެ ކަމަށްވާ އަދި އަމީން ވެސް ދިރިއުޅުއްވާ އާއިލީ ގެ މއ. މާންދޫގެ ދެކުނުގެއަށް ފުލުހުން ނުވަދެ އެވެ. ސީސީޓީވީ ފުޓޭޖް ހޯދާކަށް ނޫޅެ އެވެ. ހޯދަން އުޅުމާ އެކު ފުލުހުންނަށް އެންގީ ގޭގެ ސީސީޓީވީ ކެމެރާ 'ހަލާކުވެފައި' ހުރި ކަމަށެވެ.
ސޯޝަލް މީޑިއާގެ ބައެއް ވާހަކަތަކަށް ބަލައިލުން
މިއީ ރާއްޖޭގެ ނޫސްވެރިކަމުގައި އަދި އާންމު ކަމެއް ނޫނެވެ. ނަމަވެސް އަހުމަދު ނާއިފްގެ މި ރިޕޯޓްގައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅުވައި ސޯޝަލް މީޑިއާގައި ފެތުރި ބައެއް ބޮޑެތި ވާހަކަތަކުގެ ތެދުދޮގު ހިމެނި އެވެ.
ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން އާންމުންނަށް ނުފެންނަ ގޮތަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ވެސް، ދެ ޒުވާނުން ފުރަތަމަ ބައިވެރިވި 'ޕާޓީ' އޮތް ގޭގެ ނަމެއް ނުބުނެ އެވެ. ނާއިފް ވެސް ގަބޫލުކުރާ ގޮތުގައި އަމީންގެ ގޭގެ ނަން ނުބުނުމަކީ ފުލުހުން ހެދި ބޮޑު ގޯހެކެވެ. ސިޔާސީ ނުފޫޒު ވަދެފައި އޮތްކަން އާންމުންނަށް ކަށަވަރުވި ހިސާބަކީ، އެ މައުލޫމާތު ދޭން ފުލުހުން އޭރު ދެކޮޅުހެދުމެވެ.
ނިޒާމުގައި އަދިވެސް ނުފޫޒު ފޯރުވުން
މިހާރު މި އޮތީ މި ކޭސްއާ އެކު ސަރުކާރަށް ވެސް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފަ އެވެ. ގައުމުގެ ނިޒާމު ފޫގޮސްފައި އޮތްކަން ނޫން އެހެން މަންޒަރެއް މި ކޭސްގެ ތެރެއިން ނުފެނެ އެވެ.
"ފުލުހުންގެ ފަރާތުން ފާހަގަވީ ބައެއްގެ އިންވޯމެންޓް މީގައި ނެތޭ. އެގޮތަށް ވަރަށް އަވަހަށް ބުނި. އެހެންކަމުން އާންމުންނަށް އެހާ ބޮޑަށް ގަބޫލުކުރެވުނީ ފުލުހުން މިހާރު މިއުޅެނީ ސިޔާސީ ގޮތުން ވަކި ބަޔަކު ހިމާޔަތްކުރާށޭ،" ނާއިފް ބުންޏެވެ.
"އޭގެ އަޑީގައި ސިޔާސީ ބާރު ހުރި މީހުން ނޫނީ މުއްސަނދިންގެ ދަރިން ތިބުން މިކަހަލަ ކަންތައް އޭގެ ތެރޭގައި ހިމެނިފައި ވަރަށް ބޮޑަށް. އެހާ ހިސާބުން އާންމުން މައިންޑް ސެޓްކޮށްފި."
މި ނުފޫޒު ފޯރުވުމާ ދެކޮޅަށް ޒުވާނުން މަގުމައްޗަށް ނުކުމެ، އަޑު އިއްވަން ފެށި އެވެ. ސަރުކާރަށް ތާއީދުކުރާ މީހުން ދެކޭ ގޮތުގައި ކަންކަން ބޮޑުކޮށްލަނީ އެވެ. ދީނީ ނަޒަރުން ވިސްނާ މީހުން ބުނަނީ 'ޕާޓީކުރާ' ޒުވާނުން ހިމާޔަތްކުރަން، ޒުވާނުން އުޅެނީ ކަމަށެވެ.
ޔުމްނުގެ މައްސަލައަށް ވަށައިގެން ވިސްނާލުމުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބެ އެވެ. އެއް ކަމަކީ މަސްތުވާތަކެއްޗަށް ޒުވާނުން ވެއްޓިފައި އޮތްލެއް ބޮޑުކަމެވެ. ނަމަވެސް މަސްތުވެގެން ބަޔަކު އުޅުމަކީ އިންސާނަކު މަރުވާ ކަހަލަ ކަމެއް [ޔުމްނު ވެއްޓުން ކަހަލަ] ހިނގާފައި އޮތް ނަމަ އެކަން ނުބަލާ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ. އޭގައި އެހެން މީހެއްގެ/ބައެއްގެ ބައިވެރިވުން އޮތްތޯ/ނެތްތޯ ކަށަވަރުކޮށްދިނުމަކީ ފުލުހުންނާއި ދައުލަތުގެ ޒިންމާދާރު އެހެން އިދާރާތަކުގެ މަސްއޫލިއްޔަތެކެވެ.
އެ މަސްއޫލިއްޔަތު އަދާނުކޮށް، އަދި އޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ މުޅި މައްސަލަ ހިންދާލަން އުޅުމުން ގަބޫލުކުރެެވެނީ ރާއްޖެއަށް އަދިވެސް ނިޒާމީ ހެޔޮ ބަދަލުތަކެއް ނާންނަ ކަމެވެ. ފުލުހުން ތަހުގީގުތައް ހިންގަނީ މިނިވަންކަމާ އެކު ކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތްކަމެވެ.
ސޯޝަލް މީޑިއާގެ ޕްރެޝަރު މާ ބޮޑު
ރަސްމީ މައުލޫމާތުތަކާ ނުބައްދަލު އެތައް މައުލޫމާތެއް ސޯޝަލް މީޑިއާގައި ފެތުރުމުން އޭގެ ނުރައްކާ އަދި މާ ބޮޑުވެ އެވެ. އާންމުން އެންމެ ފުރަތަމަ ބަލާ އެއްޗަކީ ސޯޝަލް މީޑިއާ އެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ފަތުރާ ތަފާތު މައުލޫމާތުތަކާ އެކު އާންމުންގެ ވިސްނުން އެނބުރާލަ އެވެ.
އެކަމަކު ނާއިފް ދެކޭ ގޮތުގައި ސޯޝަލް މީޑިއާގެ ނުފޫޒު ކިތައްމެ ގަދަޔަސް އާންމު ނޫސްވެރިންގެ ޒިންމާ ކުޑައެއް ނޫނެވެ. ޔުމްނު މައްސަލައިގެ ހަގީގަތްތަކުގެ ތެރެއަށް ވަންނަން އޭނާ މަސައްކަތްކުރަނީ އެހެންވެ އެވެ. މިހާތަނަށް ފެތުރުނު އެންމެ ނުބައި ބައެއް ވާހަކަތަކުގެ އަސްލަކީ ކޮބައިތޯ ދައްކަން އޭނާ ވަނީ 'ތެދާއި ދޮގު' ވަކިކޮށްދޭން މުހިންމު ރިޕޯޓެއް ލިއެފަ އެވެ.
ނާއިފް ބުނި ގޮތުގައި މަސައްކަތްކޮށްގެން ހަދާ އެފަދަ ރިޕޯޯޓްތަކާ މެދު އާންމުން ކޮންމެ ގޮތަކަށް ދުށްޓަސް އޭނާގެ މަގުސަދު ސާފެވެ: ތެދު މައުލޫމާތު ފޯރުކޮށްދިނުމެވެ. އެއީ ނޫސްވެރިކަމުގައި އޭނާގެ ޒިންމާ އެވެ.
"އަޅުގަނޑު ބަލަން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަޅުގަނޑު ލިޔާ އެއްޗެއް ލިއެވޭތޯ. [ކަމެއް] ނުފޮރުވާ، ތެދަށް އެ އޮންނަ ގޮތަށް، އަޅުގަނޑުގެ އެބޮޒަވޭޝަން ލިއުނީމާ އަޅުގަނޑު ގަބޫލުކުރަނީ މުޖުތަމައުއަށް، ގައުމަށް އަޅުގަނޑުގެ ހިދުމަތް އަދާކޮށްދެވުނީ ކަމަށް،" ނާއިފް ބުންޏެވެ.
ޔުމްނު ވެއްޓުނު ވަގުތުކޮޅު ގުޅުވާލުން
އަހުމަދު ނާއިފް އާއި މުހައްމަދު މުޒައްޔިން ނާޒިމް މި ރިޕޯޓް ބިނާކުރީ ޔުމްނު ވެއްޓުނު ވަގުތު ހ. ފެންޓެނޯއީ އާއި އެގޭގެ ބޭރުން ލިބެން ހުރި ސީސީޓީވީގެ ފުޓޭޖްތަކަށެވެ. ޔުމްނު ވެއްޓުނު ވަގުތާއި އޭނާގެ ކައިރީގައި އެވަގުތު ރައުދު ހުރުން އެކަށީގެންވާ ކަމަށް، އެ ވީޑިއޯތަކުގެ ވަގުތުތަކަށް ބެލުމުން ވަރަށް ބޮޑަށް ލަފާކުރެވެ އެވެ.
އެކަމަކު ސޯޝަލް މީޑިއާގައި ވަކި ގޮތަކަށް ކަމެއް ނިންމައިފި ނަމަ، އެއީ ދޮގަކަށް ވިޔަސް، އޭގެ ރަނގަޅު ގޮތް ކިޔައިދޭން ޒުވާން ބައެއް ނޫސްވެރިން ޖެހިލުންވެ އެވެ. ނާއިފް ބުނީ އެގޮތަށް ޖެހިލުންވަނީ އާންމުންގެ ފަރާތުން ފާޑުކިއުން އަތުވެދާނެތީ އެވެ. ނަމަވެސް ނޫސްވެރިންގެ ޒިންމާއަކީ އެއެއް ނޫނެވެ. ނޫސްވެރިން ބަލަންވީ ކަމުގެ ހަގީގަތް ހޯދޭތޯ އެވެ. އެ ހަގީގަތް ކިޔައިދިނުމެވެ. ގޯސް މައުލޫމާތުތައް ދޮގުކޮށް، އޭގެ ރަނގަޅު ގޮތް ގެނެސްދިނުމެވެ.
ޔުމްނުގެ މައްސަލާގައި ނާއިފް އާއި އޭނާގެ ޓީމުން މިހާތަނަށް ތައްޔާރުކުރި ރިޕޯޓްތަކަށް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ. ސަރުކާރުގެ މީހުންނާއި ސަރުކާރާ އިދިކޮޅު މީހުން ވެސް އޭނާއަށް މެސެޖްކޮށް، ޝުކުރުއަދާކުރި އެވެ.
އެމީހުން "ބުނި ގުޑް ރިޕޯޓެކޭ. ވަރަށް ރަނގަޅޭ. އެހެންވެ އަޅުގަނޑު ގަބޫލުކުރަނީ ޕަބްލިކް [ވެސް] ބަލައިގަނެއޭ ރަނގަޅަށް މަސައްކަތްކޮށްފިއްޔާ. އެހެންވެ [ނޫސްވެރިން ވެސް] ފަހަތަށް ނުޖެހެންވީ،" ނާއިފް ބުންޏެވެ.
ޔުމްނުގެ ހާދިސާއިން އަޅުގަނޑަށް ވަރަށް ގިނަ މެސެޖް ލިބެ އެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުޅި ގައުމަށް ގިނަ ފިލާވަޅުތަކެއް ވެސް ގެނެސްދެ އެވެ. މިސާލަކަށް ގާނޫނުއަސާސީގައި އޮތް ގޮތަށް ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތު ދޭންވީ އެވެ. ކުޑައެއް ބޮޑެއް، މުއްސަންޖެއް ފަގީރެއް ބެލުމެއް ނެތި އެ އިދާރާތަކުން ޒިންމާ ނަގަންވީ އެވެ. ސިޔާސީ ނުފޫޒު ނުވައްދަންވީ އެވެ. ސޯޝަލް މީޑިއާގެ ހަރަކާތްތެރިން ދޮގާ ދުރަށް ދާންވީ އެވެ. ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކުރުން އެންމެ ބޮޑު އެއް ޒިންމާއަކަށް ހަދަންވީ އެވެ. ނޫސްވެރިން އެ މީހުންގެ މައިގަނޑު މަސްއޫލިއްޔަތާ ދުރަށް ނުދާންވީ އެވެ.
މިހާރު ގައުމު މި އޮތް ހާލަތުގައި ގިނަ މީހުންނަށް ގަބޫލުކުރެވެނީ ދައުލަތުގެ ނިޒާމް ރަނގަޅު ނުވާނެ ކަމަށެވެ. ނަމަވެސް ނާއިފް އެގޮތަކަށް ނުދެކެ އެވެ.
"މިހާރު ވަރަށް ގިނަ މީހުން ގަބޫލު ވެސް ކުރަން ފަށައިފި ދެން މިއޭ އޮންނާނެ ގޮތަކީ. އެއީ މިނިވަން މުއައްސަސާތަކާ އެއްޗެހި މިއީ ތިއަރެޓިކަލް ކަންތައްތަކޭ، ޕްރެކްޓިކަލް ކަންކަމެއް ނޫނޭ،" ނާއިފް ބުންޏެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ [އެހެން އެވީ ނިޒާމީ ގޮތުން ގޯސް ކަންކަން] އާންމުވިލެއް ބޮޑުުވެ، ނޯމަލައިޒްވީ. އެއްވެސް ސަރުކާރަކަށް [އެގޮތަށް ކަންކަން] ނުކޮށްދެވުނީ. އެކަމަކު އަޅުގަނޑުމެން މަސައްކަތްކޮށް، ގަބޫލުކުރަންވީއޭ އެއީ ތިއަރެޓިކަލް ވާހަކަތަކެއް ނޫންކަން. އެއީ ޕްރެކްޓިލަކީ ކުރެވޭނެ ކަންކަން ކަމަށް."
އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ ކިތައްމެހާވެސް ރަނގަޅެވެ.
ކޮމެންޓް (9)
ތައުފީގް
ބދބދހފ
ވަދު
މިދު
އަންނި
އަލީ
އަލީ
އަލީ
ކިރާނީ ކިރަން