މަޖިލީހުގެ ކޮމިޓީއެއްގައި މިނިސްޓަރު އަމީން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިނިސްޓަރު އަމީންގެ ގޭގެ ސީސީޓީވީ ވީޑިއޯ ފުލުހުންނަށް ނުލިބުނު؛ ބުނީ ހަލާކުވެފައިވާ ކަމަށް

ސީސީޓީވީ ކެމެރާ ހަލާކުވެފައިވޭތޯ ޔަގީން ކުރުމަށް "ކުރެވެން ހުރި މަސައްކަތެއް ކޮށް، ފުޓޭޖް ނެތްކަން ކަށަވަރުކޮށްފައިވާ" ކަމަށް ފުލުހުން ބުނި ނަމަވެސް އެ ގޭގެ ޑީވީއާރު ހަލާކުވެފައިވާ ކަމަށް ބުނެ ފުލުހުންނަށް އެ ސިސްޓަމް ދައްކާފައެއް ނުވޭ

ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ މީހުންގެ ގެ އެވެ.

ވީ ކިހިނެއް؟ - މި ހާދިސާގެ ތަހުގީގަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް 'ދައުރު'ން ވަނީ އަމީންގެ ގޭގެ ސީސީޓީވީ ވީޑިއޯތައް ފުލުހުންނަށް ލިބިފައިވޭތޯ ސުވާލުކޮށްފަ އެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ:

  • ހާދިސާއާ ގުޅުން ހުރި ގެތަކުގެ ފޫޓޭޖުތައް ފުލުހުން އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް

  • އެ ސުވާލުގެ ޖަވާބު ލިބޭނީ އެ މަސައްކަތް ނިމުމުން ކަމަށް ޝުޖާއު ވިދާޅުވި 

ތަފްސީލް - އެ ގޭގެ ކެމެރާގެ ވީޑިއޯތައް ފުލުހުންނަށް ލިބިފައިވޭތޯ މިއަދު 'ދައުރު'ން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން އެ ސުވާލަށް ފޮނުވި މެސެޖުގައި ބުނީ:  

  • މއ. މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ފުލުހުންނަކަށް ނުލިބޭ 

  • "ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް" ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ

ފުލުހުން ފޮނުވި މެސެޖުގައި އިތުރަށް ބުނީ، ވެރިފަރާތުން ބުނި ގޮތަށް ސީސީޓީވީ ކެމެރާ ހަލާކުވެފައިވޭތޯ ޔަގީން ކުރުމަށް "ކުރެވެން ހުރި މަސައްކަތެއް ކޮށް، ފުޓޭޖު ނެތްކަން ފުލުހުން ވަނީ ކަށަވަރުކޮށްފައި" ކަމަށެވެ.

ރައުދު އަދި ޔުމްނު ހިމެނޭހެން ނުވަ މީހުން "ޕާޓީ ކުރަން" ފުރަތަމަ ދިޔަ ކަމަށް ބުނާ މއ. މާންދޫގެ ދެކުނުގެ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މާންދޫގެ ދެކުނުގެ ޓެރެސް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުލުހުންނަށް ޑީވީއާރު ވެސް ނުދެއްކި 

އިތުބާރުހުރި ގިނަ މަސްދަރުތަކަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ރެކޯޑްކުރާ ސިސްޓަމް، ޑީވީއާރު ވެސް ފުލުހުންނަށް ދައްކާފައެއް ނުވެ އެވެ. އެ ގޭގެ ފަރާތުން ހަމައެކަނި ބުނެފައިވަނީ ޑީވީއާރު ހަލާކުވެފައިވާ ކަމަށެވެ.

ފުލުހުން އެ ގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ހޯދަން މަސައްކަތް ކުރީ މިދިޔަ ހޮނިހިރު ދުވަހުކަން ވެސް އެނގިފައިވެ އެވެ.

ފާހަގަކޮށްލެވޭ - އަމީން ދިރިއުޅުއްވަނީ ވެސް މާންދޫގެ ދެކުނުގޭގެ އެޕާޓްމަންޓެއްގައި ކަމަށްވާއިރު، އާންމުކޮށް މިނިސްޓަރުން ދިރިއުޅުއްވާ ގޭގޭގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކެމެރާ ހަރުކުރަން ސިފައިން މަޖުބޫރު ކުރެ އެވެ. އަދި އެކަން ބައެއް ފަހަރު ސިފައިން އަމިއްލައަށް ވެސް ކުރެ އެވެ. 

މިނިސްޓަރުންގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސިފައިންނެވެ.

ކޮމެންޓް (4)

ފީލިންގ

29 އޭޕްރީލު 2025
ސީސީޓީވީ ފުޓޭޖު ޑީވީއާރާ އެއްކޮށް ޖައްވަށް ފަޒާއަށް ހަވާއަށް އަރައިގެން ދިއުމަކީ މިނިސްޓަރުގެ މައްސަލައެއް ނޫނޭ. ފުރަތަމަ ނޫސްކޮންފަރެންސްގައި މިނިސްޓަރު ގެކޮޅުގެ ނަންވެސް ކިޔާލަން ނުކެރިގެން މާލޭގެ މެދުގައި ހުރިގެއެކޭ ބުނެގެން މާލޭގެ މެދުގައި ހުރި އަހަރެމެންގެ ގޭ އެންމެންވެސް ގަންނާކުރެއްވި ބިރުން ތިންރޭ ތިންދުވާ ވަންދެން ނުނިދާ ތިއްބައޭ މި އެނގުނީ އެއީ މިނިސްޓަރުގެ ގެކޮޅުކަން. އެވެސް ނަސީބެކޭ އަހަރެމެންގެނަމަ މަގޮލާ މިހާރު އޮންނާނީ ޖަލުގައޭ، ތަހުގީގަށް ހުރަސްއަޅައިގެން.
8 0

ސިކުނޑި

29 އޭޕްރީލު 2025
ދިވެހި ފުލުހުން ރައީސްގެ އަމުރަށް ތަބާނުވަނީތޯ މިހާރު! ވަރަށް ސާފުކޮށް ތިމައްސަލަ ބެލުމަށް ކޮމިޝަނެއް އެކުލަވާލައި ހަވާލުކޮށްފައި އޮވައި ދެއިރު ދެ ދަޅަޔަށް ނޫސްތަކަށް މައްސަލަޔާގުޅޭ މައުލޫމާތު ދިނުމުގެ އެއްވެސް ހައިސިއްޔަތެއް ފުލުހުންނަކަށްނެތް! މިމައްސަލަޔާގުޅޭގޮތުން ދެން އެއްވެސް އެއްޗެއް ބުނެވޭނީ ރައީސް އޮފީހަށް ނުވަތަ އިންކުއަރީ ކޮމިޝަނަށް! ފުލުހުން ފުރަތަމަ ދުވަހުން ފެށިގެންވެސް ތަންކޮޅެއް ބޮޑަށް މިކަމައިގެން އުޅުނުނަމަ ކޮމިޝަނެއް ހަދަން ނުޖެހުނީސް! ރައީސްގެ ސަމާލުކަމަށް މިކަން ގެންނަން މިރޭގެ މުޒާހަރާގައި މިވާހަކަ އިއުލާނުކޮށްދީ! ރައީސް އޮފީހަށްވުރެ ވުޒާރާތައް ބޮޑެއް ނުވާނެ!
1 0

ެައަަލީ

28 އޭޕްރީލު 2025
1. ސީ.ޕީ ބައްދަލުވުމުގައި އިންނަވަނިކޮށް އަމީނު ގުޅީ އެކަމުގަޔޯ ޝަރުތަކާ ނުލާ ތަކެތި ދޭން. 2. މިހާރު މިވީ ކިހިނެތް. ސީ.ސީ.ޓީ.ވީ އެގޭގައި މަސައްކަތް ނުކުރާ ކަމަށް މިވީ. 3. ވަރަށް ދޮގުވެރި މީހެެއް އެއީ އެންމެންވެސް ބުނޭ އަބަދުވެސް.
5 0

ތެފައާސާ.

28 އޭޕްރީލު 2025
މިއީ އަދި ކޯޓުއަމުރު ހޯދައިގެން ވީވަރު. އެހެންވީމާ މީގެ ފަހުން އެއްވެސް ބަޔަކު ސީސީޓީވީ ފުޓޭޖު ދޭކަށް ނުޖެހޭނެ، ޑީވީއާރު ހަލާކުވެފައޭ ބުނީމާ ނިމުނީ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް