(ކ-ވ) ޑރ. މުހައްމަދު ހަބީބު، ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު

ޔުމްނު މައްސަލައިގެ ފުނަށް ފީނަން ރިޔާސީ ކޮމިޝަނެއް؛ އިސްކޮށް މުނައްވަރު

އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޔުމްނު ވެއްޓުނު ހާދިސާ ހިނގި ގޮތް ބެލުމާއި އެ މައްސަލަ ތަހުގީގު ކުރުމާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބެލުން ހިމެނޭ

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟ - ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ)އިން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެ ކޮމިޝަން އުފައްދަވައި، ރައީސް ގަރާރެއް ނެރުއްވީ ރޭ ދަންވަރު އެވެ. އެ ކޮމިޝަންގެ ނަމަކީ '2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން' އެވެ.

އެ ކޮމިޝަންގައި ތިއްބަވާ ތިން މެމްބަރުންނަކީ؛

  • 1-

    ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކޮމިޝަންގެ ރައީސް)

  • 2-

    ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން

  • 3-

    ޑރ. މުހައްމަދު ހަބީބު، ސީސަންމާގެ، ސ. ހިތަދޫ

މުނައްވަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު ބަންޑާރަނައިބުކަމާއި ރައްޔިތުންގެ މަޖިލިހުގެ އައްޑު އަތޮޅުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުން އިން ވަކިކުރި މައްސަލައިގައި ރާއްޖޭގެ ދެކުނު ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދަން މި ސަރުކާރުން ކުރި މަސައްކަތުގައި ކަނޑުތަކާ ބެހޭ ގާނޫނުގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ލަފާ ދެއްވާފަ އެވެ.

ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ.

ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ހަބީބަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓެންޓް އޯތޮޕީޑިކް އެންޑް ޓްރޯމާ ސާޖަންއެއްގެ ގޮތުގަ އެވެ.

ތަފްސީލު - ގެޒެޓުގައި ޝާއިއުކުރި ރައީސްގެ ގަރާރުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކޮމިޝަން އުފެއްދީ:

  • 18 އޭޕްރީލްގައި މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ބެލުން

  • އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުން

  • އެ ހާދިސާގެ ހަގީގަތް ހޯދުން

  • އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބެލުން

  • އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން

  • އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަހުގީގެއް، އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކީ ކުރުން

ރައީސްގެ ގަރާރުގެ ދަށުން އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކަކުގެ ތެރޭގައި ހިމެނެނީ:

  • ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމާއި ތަހުގީގުތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީ ހޯދުން

  • މަސައްކަތްތަކާއި ތަހުގީގުތަކުގައި އެހީތެރިވާން ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި ހަބީރުންގެ އެހީތެރިކަން ހޯދުން

  • މަސްއޫލިއްޔަތު އަދާކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން

  • ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން

  • ހާޒިރުކުރަން ޖެހޭ ކަމަށް އެ ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކޮށް، ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހޯދައި، އެފަދަ ތަކެތި ހުށަހަޅަން އެކި ފަރާތްތަކަށް އެންގުން

  • ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ އަތުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން

"މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް އަހުރެން ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމުގައި ކަނޑައަޅައި މި ގަރާރު އެކަށައެޅީމެވެ،" ރައީސްގެ ގަރާރުގައި ވިދާޅުވި އެވެ.

އެނގުން މުހިންމު - ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން ރިޔާސީ ކޮމިޝަނެއް އެކުލަވައިލީ ފުލުހުން އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދާ ގޮތާ މެދު އާންމުންގެ ނުރުހުން ބޮޑުވެފައިވަނިކޮށެވެ.

ފުލުހުންގެ ތަހުގީގުގައި އާންމު އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައިވާކަން އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކުން ދޭހަވެ އެވެ.

އެގޮތުން މި މައްސަލަގަނޑު ހޫނުވީ ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވެސް ބައިވެރިވި ޕާޓީއެއް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނުގެ ގޭގައި އޮތް ނަމަވެސް ފުލުހުން އެ ގޭގެ ނަން ފުރަތަމަ ހާމަނުކުރުމުންނެވެ. ފަހުން އެނގުނު ގޮތުގައި އެ ޕާޓީގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ސަރުކާރުގެ އިސް މަގާމެއްގައި ތިބި ދެ މީހަކު ވެސް ހިމެނެ އެވެ.

ތަހުގީގު ގޯސްވެއްޖެ ކަމާއި ސިޔާސީ ނުފޫޒު ވަދެއްޖެ ކަމަށް އާންމުން ޝަކުވާކުރަން ފެށީ އެހާ ހިސާބުންނެވެ.

އެއާ އެކު ޒުވާނު ް އަންނަނީ މާލޭގެ މަގުތަކުގައި ކޮންމެ ރެއަކު ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ޝުޖާއުގެ އިސްތިއުފާއަކީ އެ އިހުތިޖާޖުގެ ބައިވެރިން ކުރާ އެއް ޑިމާންޑެވެ.

ކޮމެންޓް (3)

ޑިއާ

27 އޭޕްރީލު 2025
މި ދެން ކިހާ ދެރަ ކަމެއް. ޢަނެއްކާ މިއިން ކޮންމެ ގޮލަޔަކަ ބައިލައްކަ ރުފިޔާ ދައުލަތުން ދޭންވީ. ފުލުހުން ސައިޒު ނޯޅި ބޫޓުގަ ދޫ ނުލައި މަސައްކަތް ކުރާ ނަމަ މި ތަކުލީފު ނުޖެހޭނެ.
3 0

ތެފައާސާ.

27 އޭޕްރީލު 2025
ރިޔާސީ ކަމިޝަނަށް އައްޔަންކޮށްފައި ތިއްބެތި ބޭފުޅުންގެ ފަސްފަހަށް ބަލައިލިއިރު، ރިޓަޔާރޑް ބްރިގޭޑިއާރ ޖެނެރަލްގެ މާ ބޮޑު ފަތިފުށެއް އެނގޭކަށް ނެތް. ޑރ. މުނައްވަރު އަކީ، މިދާކަށްދުވަހު ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން އާރބިޓްރޭޝަނުން ނިންމި، ރާއްޖެއާއި މޮރިޝަސްގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށޫއަރާބައި ދެގައުމުގެ ދެެމެދުގައި ބެހުމާއި ގުޅޭ ނިންމުން އޮޅުވާލައި، ޗާގޮސް އަކީ ދިވެހިންގެ ތަނެކޭ، ބާނާބާނާތިއްބައި ކަނޑު ވިއްކާލީއޭ ކިޔައިގެން ކަނޑައެޅިގެން ދޮގު ވާހަކަ ދެއްކި ކަނޑުގެ މާހިރެއްކަން އެނގެން އެބައޮތް. ދެން ހުންނެވި ޑރ. ހަބީބަކީ 2014 ވަނަ އަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި އޮތް މާބަނޑު ބަލިމީހެއްގެ ގަޔަށް ހޮސްޕިޓަލުގެ އިހުމާލުން އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުނު އިރު އެ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި އިސްފަރާތްކަމާއި، މި ކަމެއް ހިނގައިދިއުމުން އެކަމުގެ ޒިންމާ ނަގައި އެބޭފުޅާ އިސްތިއުފާ ދިނުމަށް ގޮވާލުމުން، ޒިންމާ ނެގުމަކީ އިސްތިއުފާ ނުދީ މަގާމުގައި ދެމިހުރުންކަމަށް ވިދާޅުވެ މަގާމުގައި ދެމިހުންނެވި ސިއްހީ ދާއިރާގެ މާހިރެއްކަން އެނގެން އެބައޮތް.
5 1

ސިކުނޑި

27 އޭޕްރީލު 2025
@ތެފައާސާ. ރައީސްގެ ހެޔޮ ނިޔަތެއް އޮވެގެން ކުރިކަމެއް ނަމަވެސް، ލަފާދޭން ތިއްބެވި ބޭފުޅުންގެ މައްސަލައެއް މިއުޅެނީ! ނެތެއްނޫންތޯ ތަހުގީގީ ދާއިރާގެ ބޭފުޅެއްވެސް!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް