ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު 'ދައުރު' އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި (ޓޯ/މުޙައްމަދު އަމާން)

ފުލުހުން

ޕޮލިސް ކޮމިޝަނަރު ޝުޖާއު އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު މިހާރު ވަނީ އެ އިސްތިއުފާ ގަބޫލުފުޅުކުރައްވާފައި ކަމަށް
26 އޭޕްރީލު 2025

ގެއެއްގެ ނުވަ ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮއްވާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފި އެވެ. އަދި އެ އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުފުޅު ވެސް ކުރައްވައިފި އެވެ. 

ވީ ކިހިނެއް؟ - ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ފުރަތަމަ ވެސް ދޮގު ހަދާފައިވާ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު މައްސަލަގަނޑު ބޮޑުވެފައި އޮއްވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ޝުޖާއު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އަދި ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުމްނު، 21، ވެއްޓިފައިވަނީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ތަފްސީލް - އިސްތިއުފާ ދެއްވަން ނިންމެވިކަން ޝުޖާއު ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން 'ދައުރު'އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އޭގެ ފަހުން ދެންމެ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝުޖާއު އިސްތިއުފާ ހުށައެޅުއްވުމާ އެކު އެ އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުފުޅުކުރައްވައިފި ކަމަށެވެ.

މައްސަލަގަނޑެއްގެ ތެރޭގައި ޕޮލިސް ކޮމިޝަނަރުން މިގޮތަށް އިސްތިއުފާ ދެއްވުމަކީ ރާއްޖޭގައި އާންމު ކަމެއް ނޫނެވެ. އެންމެ ފަހުން އެފަދަ ކަމެއް ފެނުނީ ހަމަނުޖެހުންތަކެއްގެ ތެރޭގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު 7 ފެބްރުއަރީ 2012ގައި ބަދަލުވި އިރު އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުގެ އިސްތިއުފާގަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ކުރިއަށް ދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ގެންދަނީ ކޮންމެ ރެއަކު މާލޭގައި އެއްވުން ބާއްވަމުންނެވެ. އެ އެއްވުންތަކުގައި ގޮވާލި ކަންކަމުގެ ތެރޭގައި ޝުޖާއު އިސްތިއުފާ ދެއްވުން ހިމެނެ އެވެ.

އޭގެ އިތުރުން ދެން ހިމެނޭ ބައެއް ޑިމާންޑްތަކަކީ:

  • ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

  • ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދިނުން

  • ދެފުށް ފެންނަ އަދި އިންސާފުވެރި ތަހުގީގެއް ކުރިއަށްގެންދިއުން

  • ތުހުމަތުކުރެވޭ އެންމެން ހައްޔަރުކޮށް، ދައުވާ ކުރަން ޖެހޭ މީހުންނަށް ދައުވާ ކުރުން

  • ފުލުހުން މީގެ ކުރިން ދެއްކި ސީސީޓީވީ ފުޓޭޖުތަކުގައި ހަމަނުޖެހޭ ކަންކަން އޮޅުންފިލުވައިދިނުން

  • އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުންނަށް ލިބިފައި ހުރި ހުރިހާ ހެކިތަކެއް އާންމުކުރުން

  • އާއިލާ އާއި އާންމުންނަށް މި ހާދިސާއާ ބެހޭ ގޮތުން އޮޅުވާލި އޮޅުވާލުންތަކަށް ފުލުހުން މައާފަށް އެދުން

  • މި މައްސަލައިގައި ދެއްކެވި ވާހަކަފުޅުތަކަށް ރައީސް މުހައްމަދު މުއިއްޒު މައާފަށް އެދިވަޑައިގަތުން

މި މައްސަލަގަނޑު ހޫނުވެފައި ވަނީ ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވެސް ބައިވެރިވި ޕާޓީއެއް މިނިސްޓަރު އަމީނުގެ ގޭގައި އޮތް ނަމަވެސް ފުލުހުން އެ ގޭގެ ނަން ފުރަތަމަ ހާމަނުކުރުމުންނެވެ. ފަހުން އެނގުނު ގޮތުގައި އެ ޕާޓީގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ސަރުކާރުގެ އިސް މަގާމެއްގައި ތިބި ދެ މީހަކު ވެސް ހިމެނެ އެވެ.

ތަހުގީގު ގޯސްވެއްޖެ ކަމާއި ސިޔާސީ ނުފޫޒު ވަދެއްޖެ ކަމަށް އާންމުން ޝަކުވާކުރަން ފެށީ އެހާ ހިސާބުންނެވެ.

ޔުމްނު މިހާރު އޮތީ އައިޖީއެމްއެޗުގަ އެވެ. އޭއަށް ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ. 

ސަރުކާރުން މިހާރު ނިންމާފައި ވަނީ އޭނާ މެލޭޝިއާއަށް ފޮނުވައިގެން ފަރުވާ ދޭށެވެ. ނަމަވެސް އާއިލާއިން ބުނި ގޮތުގައި ބޭރަށް ގެންދެވޭވަރު ވާނީ އަންނަ ހޯމަދުވަހު ކަމަށެވެ. އެކަމަކު ފްލައިޓެއް ޗާޓަރުކޮށްގެން ޔުމްނު ގެންދަން ވެސް ސަރުކާރުން މަަސައްކަތްކުރަމުން އަންނާތީ، އެކަން ހަމަޖެހިއްޖެ ނަމަ އެއަށް ވުރެ އަވަސްވެދާނެ ކަމަށް، އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް