ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޔުމްނު އޮތީ ތަހުގީގަށް މައުލޫމާތު ދެވޭ ހާލަތެއްގައެއް ނޫން: ސީޕީ
މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު އޮތީ ތަހުގީގަށް މައުލޫމަތު ދެވޭ ހާލަތެއްގައި ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ހާދިސާއާ ގުޅޭ މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ޔުމްނު އޮތް ހާލަތުން ރަނގަޅުވުމުން ހާދިސާއާ ގުޅޭ އިތުރު ގިނަ މައުލޫމާތުތައް އެނގޭނެ ކަމަށެވެ.
ތަފްސީލް- ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އެއްވެސް ކަމެއްގައި އޭނާއާ އަދި ވާހަކަ ދައްކާފައި ނުވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
"ވިކްޓިމް އެ އޮތީ އަޅުގަނޑުމެންނަށް ވެސް، ތަހުގީގަށް ވެސް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ވެސް ކޮށްލެވޭ ހާލަތެއްގައެއް ނޫން. ﷲގެ ހެޔޮ ރަހުމަތްފުޅުން، ވިކްޓިމް ރިކަވާވެ، އަޅުގަނޑުމެން މި އުއްމީދަކީ އަދި ދުއާއަކީ ވެސް ވީހާވެސް އަވަހަކަށް ރިކަވާވުން. ރިކަވާ ވީމާ އަޅުގަނޑަށް ހީވަނީ މީގެ އިތުރު ގިނަ މައުލޫމާތުތައް ތިބޭފުޅުންނަށް ވެސް ލިބޭނެ ކަމަށް،" ޝުޖާއު ވިދާޅުވި އެވެ.
"ހޮސްޕިޓަލުގައި ވެސް އެބަހުރޭ އުސޫލުތަކެއް، ޕްރޮޓޮކޯލްތަކެއް. އަޅުގަނޑުމެން މިއުޅެނީ ތަހުގީގާ ގުޅޭ އެއްވެސް ކަމެއްގައި ވިކްޓިމް އަކާ އެންގޭޖުވެވޭ ހާލަތެއްގައެއް ނޫން. އެހެންވީމާ ދައުލަތުގެ އެހެން އިދާރާތަކަށް ވެސް އެންގޭޖު ވެވޭ ހިސާބަށް ދާނީ ވިކްޓިމްއާ އަޅުގަނޑުމެންނާ ވާހަކަ ދެކެވި ނޫނީ މިކަމުގައި މަސައްކަތެއް ކުރެވޭ ހިސާބުން."
އެ ހާދިސާގައި ޔުމްނު ވެއްޓުނީ ގާތްގަނޑަކަށް 89 ފޫޓު މަތިން ކަމަށް ފުލުހުން ބުންޏެވެ. ވެއްޓުމުގެ ސަބަބުން އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
ފާހަގަކުރެވޭ - ޔުމްނު ވެއްޓުނު އިރު އޭނާއާ އެކު ފެންޓެނޯއީގޭގައި އުޅުނު ރައުދު އަހުމަދު ޒިލާލް ތަހުގީގަށް އެއްބާރުލުން ނުދޭތީ، އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ވަނީ އެދިފަ އެވެ.
އިތުރަށް ކިޔާލަން
ޔުމްނު ވެއްޓުނު ހާދިސާގެ ކޭސް ރިވިއުއެއް ހަދަނީ
24 އޭޕްރީލު 2025
ރައުދު އެއްބާރުލުމެއް ނުދޭ؛ ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
24 އޭޕްރީލު 2025
އަންހެން މީހާ ވެއްޓުން: 7 މީހުންނާ ގުޅުން ހުރި ތަންތަން ބަލަނީ
24 އޭޕްރީލު 2025
ޒުވާނާއާ އެކުގައި އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފި
24 އޭޕްރީލު 2025