24 އޭޕްރިލް 2025: މާލޭގެ ގެއެއްގެ ފުރާޅެއް މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ރައުދު އެއްބާރުލުމެއް ނުދޭ؛ ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ

މާލޭ ގެއަކުން އަންހެނަކު ވެއްޓުނު މައްސަލާގައި އޭނާއާ އެކު އެ ގެއަށް ވަތް ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވޭ؛ އޭނާ ހައްޔަރު ކުރަނީ އެ ހާދިސާއަށް ހަފްތާއެއް ވަނިކޮށް

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގެ ގެއަކުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި ހިމެނޭ ފިރިހެން މީހާ، ރައުދު އަހުމަދު ޒިލާލު ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދިއްޖެ އެވެ.

މައްސަލައިގެ ފެށުން - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ ދެ ދުވަސް ފަހުން ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.

ރައުދަކީ އަންހެން މީހާ ވެއްޓުނު ގެއަށް އޭނާއާ އެކު ވަތް މީހާ އެވެ.

ވީ ކިހިނެއް؟ - "ރެއާ ހަމައަށް އަޅުގަނޑުމެން މި ކުރި މަސައްކަތުން ފާހަގަކުރަނީ، ކޮރޮބަރޭޝަންގެ މައްސަލަ އެބައުޅޭ ރައުދުގެ ފަރާތުން. ރައުދު އަލުން ހައްޔަރު ކުރުމަށް އަޅުގަނޑުމެން މިހާރު ވަނީ ކޯޓު އަމުރަކަށް އެދިފައި،" އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ތަފްސީލް - އެ މައްސަލާގައި ފުލުހުން ކުރިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ:

  • ހާދިސާގައި ހިމެނޭ އަންހެން މީހާ އާއި ރައުދު ވެސް ކެނަބިސްއަށް ޕޮޒިޓިވް ވެފައިވޭ

  • އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވޭ

  • އަންހެން މީހާ ވެއްޓުނީ އަމިއްލައަށް؛ ކޮއްޕާލީއެއް ނޫން

"ކެނަބިސްއަށް ފިރިހެން މީހާ ޕޮޒިޓިވްވެފައިވީ ނަމަވެސް، އެ ނޫން ވެސް ބާވަތްތަކުގެ ޑްރަގު ދެ މީހުން ނަގާފައިވާކަން ތަހުގީގަށް އެނގިފައިވޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޯމިސައިޑް ޑިޕާޓްމަންޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ ސާމިހު މުހައްމަދު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަަމަވެސް ރައުދު ހައްޔަރުކޮށްފައި ނުވާތީ އެކަމާ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައުދު ހައްޔަރުކުރަން އަމުރަކަށް އެދިފައި މިވަނީ އެ ހާދިސާއަށް ހަފްތާއެއް ވަނިކޮށެވެ. އެ މައްސަލާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާ މާލޭގައި ރޭ ވަނީ ޒުވާނުން މުޒާހަރާ ވެސް ކޮށްފަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

24 އޭޕްރީލު 2025
އަދި ތަންކޮޅެއް އަވަހެއްނޫންތަ ހައްޔަރު ކުރަން އުޅެން؟ ކަން ހިނގީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ. މިއަދު މީ އަނެއް ބުރާސްފަތި. ކީކޭ މީހަކު ބުނާނީވެސް؟ ދެން އަނެއްކާ ހައްޔަރު ކުރަން ގޮސްފައި ހައްޔަރު ނުވާނަމޭ ބުނެފިއްޔާ އަނބުރާލާފައި އަންނާނީކީ ނޫން. ބާކީ ތިބި "ކުދިން" ޑްރަގަށް ޕޮޒިޓިވްތޯ ބަލަން ސާމްޕަލް ހޯދަން ދިޔައީމާވެސް ނުދޭނަމޭ ބުނީމާ އަނބުރާލާފައި އައީ ވިއްޔާ.
2 0

ބަންޛާން

24 އޭޕްރީލު 2025
ސަދޫމް ސިޓީގައި ފުލުހުންގެ ދައުރު ތަފާތުވާނެ، ތަފާތު ދައްކާނެ، މަސްތުވާތަކެތި ބޭނުންކޮށް، ޕާޓީ ކުރިކަން ފަޅާއެރުމުން، އޭގައި ބައިވެރިވި 6 މީހެއްގެ ތަހުގީގު ފަަށައި، ޕާޓީކުރިތަން ބަލާފާސްކުރަނީ ހާދިސާގެ 6 ދުވަސް ފަހުން، އެބަހީ، 1. ޑްރަގު ބޭނުންކުރި މީހުން ދެން ޓެސްޓުކިރިއަސް އެކަމުގެ އެއްވެސް އަސަރެއް ނުފެންނާނެ. 2. ޕާޓީ ކުރި އެޕާޓްމަންޓު "ސާފު" ކޮށް ބަނގުރަލާ ޑްރަގްސް މިހާރު ހުންނާނީ ރައްކާކޮށްފައި. ދައުވާކުރަން ވިސްނާވަރުގެ ހެއްކެތްވެސް ނުލިބޭނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް