ހުކުރު ދުވަހުގެ ރޭ ފަތިހު ހ. ފެންޓެނޯއީގޭގެ ނުވަ ފަންގިފިލާއިން އަންހެން މީހާ ވެއްޓުނު ފެން ލައިޓު (ދައުރު ފޮޓޯ/ އަހްމަދު ނާއިފް)

ޒުވާނާ ވެއްޓުމާއި ކަން ހިނގި ގޮތް؛ ވަށައިގެންވާ އެތައް ކަމެއް

އަންހެން މީހާ ވެއްޓުނު ހ. ފެންޓެނޯއީގެއާ އެ ޒުވާނުންނާ އެއްވެސް ގުޅުމެއް ނެތް؛ އެ މީހުން އެ ގޭގެ ތެރެއަށް ވަދެ އުޅުނީ ސިޑި މަތީގަ އާއި އެޕާޓްމަންޓުތަކުގެ ކައިރީ

މުހިންމު ނުކުތާތައް

މީހަކު ނުވަތަ ބަޔަކު އެ އަންހެން ކުއްޖާ ވައްޓާލީ ކަމަށް އަދި ނުބެލެވޭ

ދެ ޒުވާނަކު އެ މީހުންނާ ގުޅުމެއް ވެސް ނެތް ގެއަކަށް ވަދެ އުޅުމުގެ ތެރޭ އަންހެން މީހާ ވެއްޓުނީ

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕާޓީއަކަށް ފަހު ޒުވާނުންތަކެއް ތިބީ މަސްތުވެގެން

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގެ ގެއަކުން 21 އަހަރުގެ ޒުވާނަކު ވެއްޓުނު ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ފެތުރެމުން ދަނީ އެކި އަޑެވެ. އެއް ބަޔަކު ސުވާލު އުފައްދަނީ އޭނާ ވެއްޓުނީ ހ. ފެންޓެނޯއީގޭގެ ކޮން ފަންގިފިލާއަކުން ހެއްޔެވެ؟ އޭނާ ފުންމާލީ ހެއްޔެވެ؟ ނުވަތަ ވައްޓާލީ ހެއްޔެވެ؟ އެ މީހުން އެ ގެއަށް ވަނީ ކީއްވެ ހެއްޔެވެ؟

ފުލުހުން އެކަމާ ގުޅޭ ގޮތުން ބުނެފައި ވަނީ ޒުވާނާ ވެއްޓުނީ ބުރުޒުމަގުގައި ހުންނަ ފެންޓެނޯއީގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިމައްޗަށް ވާ ގޮތަށް ހުންނަ ދެ ދޮރުގެ ފެންލައިޓަކުން ކަމަށެވެ. އޭނާ ވެއްޓުމުގައި އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަން ވެސް ފުލުހުން ދީފައިވެ އެވެ.

'ދައުރު'ން ބެލި ސީސީޓީވީ ވީޑިއޯތަކާއި ކަމުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން އެއްކުރި މައުލޫމާތުތަކާއި ފުލުހުން އާންމުކުރި ބައެއް ކަންކަމުގެ މައްޗަށް އިތުރަށް ބަލައި ހޯދައި ދިރާސާކުރުމަށް ފަހު މިއީ ކަން ހިނގާފައިވާ ގޮތް ކަމަށް މިހާތަނަށް ލަފާކުރެވޭ ޓައިމްލައިނެކެވެ. 

12:00 - އުފަން ދުވަހުގެ ޕާޓީ

މިއީ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ ފުރާޅުމައްޗަށް ވެއްޓުމުގެ ގާތްގަނޑަކަށް ފަސް ގަޑިއިރު ކުރި އެވެ. ޔުމްނު ހިމެނޭހެން ގާތްގަނޑަކަށް އަށް މީހަކު، ރަށްދެބައި މަގުގައި ހުންނަ މއ. މާންދޫގޭ ދެކުނުގެއަށް ވަންނަނީ ދަންވަރު 12:00-12:30 ދެމެދުގެ ވަގުތެއްގަ އެވެ. އެ މީހުން އެ ގެއަށް ޖަމާވެފައި ވަނީ އުފަން ދުވަހުގެ ޕާޓީއަކަށެވެ. އެ ގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އޭނާގެ އެއްބަޑު އެއްބަފާ މީހުންގެ ގެއެކެވެ. 

ރައުދު އަދި ވެއްޓުނު އަންހެން މީހާ ހިމެނޭހެން އަށް މީހުން "ޕާޓީ ކުރަން" ފުރަތަމަ ދިޔަ ގ. މާންދޫގެ ދެކުނުގެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އަށް މީހުން "ޕާޓީ ކުރި" ކަމަށް ބުނާ ގ. މާންދޫގެ ދެކުނުގެ ޓެރެސް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުލުހުން ބުނަނީ އެ އަށް މީހުންގެ ތެރޭ ހިމެނެނީ ފަސް ފިރިހެނުންނާއި ތިން އަންހެނުން ކަމަށެވެ. އޭގެ ތެރޭގައި ޔުމްނު އާއި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމުގައި ހުރި އަހުމަދު ދާއޫދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލު، 21، ހިމެނެ އެވެ. އެ މީހުން އެ ގޭގައި ހަތަރު ގަޑިއިރު ހޭދަކުރި ކަމަށް ފުލުހުން ބުންޏެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރު އެގޭގައި ހޭދަކުރުމަށް ފަހު ޔުމްނު އާއި ރައުދު ހިމެނޭ ގޮތަށް ހަތަރު މީހުން އެ ގެއިން ނުކުމެފައިވާކަން ފުލުހުން ޔަގީންކޮށްދެ އެވެ. 

3:40 - ހަތަރު މީހަކު ކަށިވެލިގެއަށް 

ޔުމްނު އާއި ރައުދު ހިމެނޭހެން ހަތަރު މީހުން މާންދޫގެ ދެކުނުގެއިން ނުކުމެގެން ދިޔައީ ފަތިހު 3:40 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ހަތަރު މީހުން ދެން ދަނީ، އަމީނީމަގު ސްޓެލްކޯ ކުރިމައްޗަށް ވާ ގޮތަށް ހުންނަ ކަށިވެލިގެ އަށެވެ. އެއީ އެ ގުރޫޕްގައި ހިމެނޭ ޒުވާނަކު ދިރިއުޅޭ ގެއެކެވެ. 

އެ ގޭގައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު އެ ހަތަރު މީހުން ހޭދަކުރުމަށް ފަހު، އަނެއްކާ އެ މީހުން އެކުގައި އެ ގެއިން ނުކުތީ ފަތިހު 4 ޖަހާއެހާކަންހާއިރު އެވެ. ޔުމްނު އާއި ރައުދު އަމީނީމަގުން ހިނގާފައި ކަލާފާނު ސްކޫލާ ދިމާލަށްދާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖްތަކުން ފެނެ އެވެ. އަނެއް ދެ މީހުން ދިޔައީ ސައިކަލެއްގައި އެކުގަ އެވެ.

އައިޝާ އާއި ރައުދު ހިމެނޭހެން ހަތަރު މީހުން އެރޭ ދެވަނަ ދިޔަ ގ. ކަށިވެލިގެ: މި ގެއަކީ، އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ޒުވާނަކު ދިރިއުޅޭ ގެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

4:30 - ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް

ބުރުޒު މަގު އެވިޑް ކޮލެޖްގެ ބޭރުގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯއިން ފެންނަ ގޮތުގައި ފަތިހު 4:30 އެހާކަންހާއިރު ޔުމްނު "ދެކޮޅަށް ކިރެމުން" ކަހަލަ ގޮތަކަށް ހުސްފަޔާ އެކަނި ހިނގާފައި ބުރުޒު މަގުން މާފަންނާ ދިމާލަށް މަގުގެ ކަނާތް ފަރާތުން ހިނގާފައިދެ އެވެ. ފާރުގައި އަތް ހާކަމުން، ފެންޓެނޯއީ ގެއަށް އެކަނި ވަންނަ ތަން ވެސް ފެނެ އެވެ. 

ކުރިން އެމީހުން ވަތް ކަށިވެލިގެ އާއި ފެންޓެނޯއީގެއާ ދެމެދު ހުންނަނީ ތިން ވަރަކަށް މިނެޓްގެ ތެރޭގައި ހިނގާފައި ދެވޭހާ ދުރުމިނެވެ.

ޔުމްނު އާއި ރައުދު ތިން ވަނަ އަށް ދިޔަ ހ. ފެންޓެނޯއީގެ (ކ2) ހުންނަ ބުރުޒުމަގު އެވިޑް ކޮލެޖް ކަންތަމަތި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޔުމްނު ފެންޓެނޯއީގެއަށް ވަންތާ ސިކުންތު ކޮޅެއްގެ ތެރޭ ރައުދު، ބުރުޒުމަގުގެ ވާތް ފަރާތުން ސައިކަލުތައް ކައިރިން ފެންޓެނޯއީގެ ކުރިމަތިން ލާފައި މާފަންނާ ވީކޮޅަށް ރައުދު ކުރިއަށްދާތަން ފެނެ އެވެ. ރައުދުގެ ހަރަކާތްތަކުން ޔުމްނު ފެންޓެނޯއީގެއަށް ވަންކަން އޭނާއަށް އެނގޭހެން އޭރު ހިއެއްނުވެ އެވެ. އެއީ މީހަކު ފެނޭތޯ އެ ހިސާބުގެ ހަނި ގޯޅިއެއް ވެސް ބަލާތަން ފެންނާތީ އެވެ. އޭގެ އިތުރުން:

  • އެ މަގުން އެވަގުތު ސައިކަލެއްގައި ދިޔަ ފިރިހެނަކު މަޑުކޮށް ކުޑަ ވަގުތުކޮޅަކަށް ރައުދުއާ ވާހަކަ ދައްކާ

  • ބެލެވޭ ގޮތުގައި ސައިކަލުގައި އިން މީހާ އަކީ ކަށިވެލިގެއިން އެ މީހުންނާ އެކު ނުކުތް އެކަކު 

  • އެމީހާ ދިޔަތަނާހެން ޔުމްނު ފެންޓެނޯއީ ގެއިން ނުކުމެ ބޯދިއްކޮށްލާ ރައުދު ހޯދާ މަންޒަރު ފެނޭ

  • އެއަށް ފަހު ރައުދު އާއި ދެ މީހުން އެކުގައި އެ ގެއަށް ވަދޭ

ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް ޑިޕާޓްމަންޓުގެ ވެރިޔާ، ޗީފް އިންސްޕެކްޓަރު ސާމިހް މުހައްމަދު ވިދާޅުވި ގޮތުގައި ފެންޓެނޯއީގެ ދޮރު ހުންނަނީ ތަޅުލާފައެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ބޭރުން ގޮސް ވަދެވެ އެވެ. އެކަމަކު، ހާދިސާއަށް ފަހު އެ ދޮރު ވަނީ މިހާރު ތަޅުލެވޭ ގޮތް ހަދައިފަ އެވެ. 

މިއީ އެ ދެ މީހުންނާ އެއްވެސް ގުޅުމެއް އޮތް އަދި އޭގެ ކުރިން ވަދެފައިވާ ގެއެއް ވެސް ނޫން ކަމަށް ފުލުހުން ބުނެ އެވެ. ސާމިހުގެ އެ ވާހަކަތައް އެ ގޭގެ ބައެއް ވެރިން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.

"ދެ މީހުން އެ ގެެއަށް ވަދެފައި ވަނީ ދެވޭ ނުވޭ ތަނެއް ނޭނގި، މަސްތުގެ ހާލަތުގައި ހުރެ ކަން އަމަލުތަކުން އެނގޭ،" އެގެެއަށް އެމީހުން ދިޔަ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސާމިހު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާމިހް(ވ) ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އެ ގޭގެ ބައެއް މީހުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި ޔުމްނު ވެސް އަދި ރައުދު ވެސް އެ ގެއަށް އައިސް އުޅޭތަން ފެނިފައެއް ނުވެ އެވެ. އެ ގޭގައި ދިރިއުޅޭ އެއްވެސް ބަޔަކާ އެ މީހުންނާ ގުޅުމެއް ނޯންނަ ކަމަށް ވެސް ބުންޏެވެ. 

4:30 -  ދެ މީހުން ފެންޓެނޯއީގެ ސިޑި މަތީ 

ޓެރަސްއާ އެކު ޖުމްލަ ނުވަ ފަންގިފިލާ ހުންނަ ފެންޓެނޯއީގޭގެ ބައެއް ފަންގިފިލާތަކުގައި ސީސީޓީވީ ކެމެރާ ނުހުރެ އެވެ. ބައެއް ފްލޯތަކުގައި ކެމެރާތައް ހަރުކޮށްފައި ހުރީ އެ ތަންތަނުގައި އުޅޭ މީހުން އަމިއްލައަށެވެ. އޭގެ ތެރެއިން ބައެއް ކެމެރާތަކުން އަޑު ވެސް  ރެކޯޑްވެ އެވެ. އެއީ، ކުލައުޑް ބޭސްޑް ހަރަކާތްތައް ކެމެރާއަށް އެރުމުން ރެކޯޑްވާ ޒާތުގެ ކެމެރާތަކެއްކަން ފާހަގަވި އެވެ. 

'ދައުރު'ން ބެލި އެ ގޭގެ ބައެއް ސީސީޓީވީ ކެމެރާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހުން އެ ގޭގެ އެއްވެސް އެޕާޓްމަންޓަކަށް ވަދެފައިވާ ކަމަށް ނުބެލެވެ އެވެ. އެ މީހުން މުޅިން ވެސް އުޅެފައި ވަނީ 7،8،9 ވަނަ ފަންގިފިލާގެ ސިޑިމަތީގަ އެވެ. އެކަން އެނގެނީ ލިބުނު ސީސީޓީވީ ފުޓޭޖުތަކުން އެ މީހުން އެގޭ ތެރޭ ހޭދަވި ވަގުތާއި އެ މީހުން ސިޑީމަތީ އުޅޭތަން ފެންނަ ވަގުތުތައް  ގުޅުވާލުމުންނެވެ. 

ބައެއް ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ދެ މީހުން ގޭގެ ސިޑިމަތީ ދެ ލޯބިވެރިން ފަދައިން އުޅުނެވެ. އެ މީހުން ޒުވާބު ކުރާތަނެއް ނުވަތަ ގަދަކަމުން ކަމެއް ކުރާ ޒާތުގެ ހަރަކާތްތަކެއް ވެސް ނުފެނެ އެވެ. ނަމަވެސް އެ މީހުން ހޭލި މޭލިވެ އުޅޭ ގޮތުން އެ މީހުން ތިބީ މުޅިން ހަމަ ބުއްދީގައި ނޫންކަން ފާހަގަވެެ އެވެ. 

4:50 - ބާރު އަޑެއް 

ޔުމްނު ވެއްޓުމުގެ ގާތްގަނޑަކަށް މިނެޓެއް ކުރި އެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު އާއި ރައުދު ނުވަ ވަނަ ފަންގިފިލާގެ ސިޑި ކައިރީ ތިބެ ވާހަކަތަކެއް ދައްކަ އެވެ. އޭރު ޔުމްނު ހުރީ ރައުދު އެ ގެއަށް ވަންއިރު ލައިގެން ހުރި ޓީޝާޓްގަ އެވެ. ނުވަ ވަނަ ފަންގިފިލާއަށް އަރާ ސިޑި ކައިރީ ހުރެގެން އޭނާ އެ ޓީޝާޓްލާތަން ނުވަ ވަނަ ފަންގިފިލާގެ ސީސީޓީވީ ފްޓޭޖަށް ރެކޯޑްވެފައިވެ އެވެ. ރައުދު ހުރީ ޓީޝާޓެއް ނުލަ އެވެ. ދެން ޔުމްނު އެކަނި ޓެރަސްއަށް ދެވެން ހުންނަ ސިޑިން މައްޗަށް އަރާތަން ފެނެ އެވެ. ރައުދު އަނެއްކާ ވެސް ސިޑިން ތިރިއަށް ފައިބައިގެންދެ އެވެ. 

އައިޝާ ވެއްޓުނު ހ. ފެންޓެނޯއީގެ އާއި އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އައިޝާ ގުދަނުގެ ފުރާޅަށް ވެއްޓުމުން ޓިނުގަނޑު ބަޑިވެފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
 ހ. ފެންޓެނޯއީގެ(ކ) އާއި އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގެ ގުދަން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެ މަންޒަރުތައް ފެންނަނީ ނުވަ ވަނަ ފަންގިފިލާގައި ހުރި ކެމެރާއަކުންނެވެ. ޓެރަސްއަށް އެރެން ހުންނަ ސިޑި ފެންނަ ގޮތަށް އެންމެ މަތީގައި ކެމެރާއެއް ހަރުކޮށްފައެއް ނުހުރެ އެވެ. ނުވަ ވަނަ ފަންގިފިލާގެ މައްޗަށް ހުންނަނީ ޓެރަސް އެވެ. އެ ތަނަށް އަރަން ހުންނަ ސިޑީގައި ކެމެރާ ނުހުންނަނީ އެވެ. 

ޔުމްނު މައްޗަށް ދިޔަތާ ސިކުންތު ކޮޅެއް ފަހުން އަނެއްކާ ވެސް ސިޑިން ނުވަ ވަނަ ފަންގިފިލާއަށް އޭނާ ފައިބަ އެވެ. އޭރު ރައުދު އެ ފަންގިފިލާގައި ނެތެވެ. އޭރު ޔުމްނުގެ ހަރަކާތްތައް ވަރަށް އަވަސްވެފައި ހުރިކަން ފާހަގަވެފަ އެވެ. އޭނާ ފާރުގައި އަތް ކާއްތަމުން ގޮސް ނުވަ ވަނަ ފަންގިފިލާގައި ހުރި ދެ އެޕާޓްމަންޓެއްގެ ދޮރުގައި ހިފައި ހުޅުވޭތޯ މަސައްކަތްކުރި އެވެ. 

އެތަނުން އެއް އެޕާޓްމަންޓުގައި ބަޔަކު ނޫޅެ އެވެ. އަނެއް އެޕާޓްމަންޓުގައި ދެމަފިރިއަކާއި އޭނާގެ ކުދިން ދިރިއުޅެ އެވެ. 

އެޕާޓްމަންޓުގެ ދޮރުގައި ހިފުމަށް ފަހު ވަރަށް އަވަސް އަވަހަށް އައިޝާ އަނެއްކާ ވެސް ޓެރަސްއަށް އެރެން ހުންނަ ސިޑިން މައްޗަށް ދާތަން ފެނެ އެވެ. އޭރު ވެސް ރައުދު ތިރިއަށް ދިޔަ ގޮތަށް އެ ފަންގިފިލާއަކަށް ނާރަ އެވެ. 

މާ ގިނައިރުތަކެއް ނުވެ ދެން ވީޑިއޯއިން ކުއްލިއަކަށް އިވެނީ ދަގަނޑު ގަނޑެއްގެ މައްޗަށް އެއްޗެއް ވެއްޓޭ ކަހަލަ އަޑެކެވެ. ފުލުހުން ބުނާ ގޮތުގައި އެއީ ޔުމްނު ވެއްޓުނު އަޑުކަން ތަހުގީގަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ޓެރެސްއަށް އަރާ ސިޑި ފެންނަ ގޮތަށް އެންމެ މަތީގައި ކެމެރާ ނުހުންނާތީ އެ މަންޒަރު ފެންނަ ވީޑިއޯއެއް ނެތެވެ. 

އެ އަޑު އިވުނުއިރު ރައުދު ހުރީ ހަތް ވަނަ ފަންގިފިލާގަ އެވެ. އެތާ ހުރުމަށް ފަހު އޭނާ އަނެއްކާ ވެސް މަތީ ފަންގިފިލާއަށް އަރާތަން ފެނެ އެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން ބެލެވެނީ ޔުމްނު ހޯދަނީ ކަމަށެވެ. 

ފެންޓެނޯއީ ގެއިން އައިޝާ ވެއްޓުނު ކުޑަ ދޮރު ރަތް ކުލައިގެ ބޮޅަކުން ފާހަގަކޮށްފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެ އަޑު އިވުނު ފަހުން ސީސީޓީވީގެ ވީޑިއޯއަކަށް ޔުމްނު އަރާފައެއް ނުވެ އެވެ. ދެން ފެންނަނީ ރައުދު "ލޫލޫ"އޭ ކިޔާ ގޮވަމުން ޔުމްނު ފެނޭތޯ އުޅޭތަނެވެ. ޓެރަސްއަށް ދެވެން ހުންނަ ސިޑިން މައްޗަށް ވެސް އަރަ އެވެ. އެގޮތަށް ސިޑިން މައްޗަށް ފައިބައި އަރައި ލިފްޓަށް ވެސް އަރައި، 10 ވަރަކަށް މިނެޓެއްހާއިރު އެހެން އޭނާ އުޅުނެވެ. އެހެން އުޅެމުން އަށް ވަނަ ފަންގިފިލާގެ ސިޑި ކައިރީ ހުރި ކުޑަ ދޮރު ހުޅުވާ ބޭރު ބަލައި "ލޫލޫ"އޭ ގޮވާ ވެސް ހެދި އެވެ. 

ގޭގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެހެން ރޭރެއެކޭ ވެސް އެއްގޮތަށް އެ ރޭ ވެސް ހުރީ ޓެރަސްގެ ދޮރު ތަޅުލައިފަ އެވެ. އެހެންވެ ޔުމްނު އާއި ރައުދު ވެސް ޓެރަސްއަށް އެރުމުގެ ފުރުސަތެއް ނެތެވެ. އޭނާ ބުނި ގޮތުގައި އެ ހާދިސާއަށް ފަހު ބެލިއިރު ޓެރަސްގެ ދޮރު ހުރީ ތަޅުލައިފަ އެވެ. އަދި ދޮރު ހުޅުވާފައިހުރިކަން ފާހަގައެއް ނުވެ އެވެ.

އެ ގޭގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި އެ ވަގުތާ ދިމާކޮށް ބާރު އަޑެއް ބައެއް މީހުންނަށް އިވުނެވެ. އެ އަޑު އިވިގެން ބޭރު ބެލި މީހުން ބަލާފައި ވަނީ ބުރުޒު މަގާ ދިމާލަށް ހުންނަ ބެލްކަނިންނެވެ. 

އަންހެން ކުއްޖާ ވެއްޓުނު ދޮރު: އެ ދޮރު ހުރީ އަތް އަޅުވާފައި އެރޭހާ ތިރީގައި
އަންހެން ކުއްޖާ ވެއްޓުނު ކަމަށް ބެލެވޭ ދޮރުގެ ކައިރީ އޭނާއާ ގާތްގަނޑަކަށް އެއްއިސްކޮޅެއްގެ 'ދައުރު'ގެ ނޫސްވެރިއަކު ހުއްޓިލައިގެން (ދައުރު ފޮޓޯ)

އެހެންވެ ފުލުހުން ބުނެފައި ވަނީ ޔުމްނު ވެއްޓުނީ ނުވަ ވަނަ ފަންގިފިލާއިން، ޓެރަސްއަށް އަރަން ހުންނަ ސިޑި ކައިރީގައިވާ ދެ ދޮރު ލީ ފެންލައިޓެއް ކަހަލަ ކުޑަ ދޮރަކުން ކަމަށެވެ. ކޮންމެ ކުޑަ ދޮރެއްގެ އުސްމިނުގައި ދެ ފޫޓް އަދި ފުޅާ މިނުގައި ދޮޅު ފޫޓު ވަރު ހުރެ އެވެ. ޔުމްނުގެ އިސްކޮޅުގައި ހުންނަ މީހަކަށް ވެސް އަތް އަޅުވާފައި އެ ކުޑަދޮރުގެ މައްޗަށް އެރިދާނެ ކަމަށް ބެލެވެ އެވެ. 

އެ ކުޑަ ދޮރުން ބޭރު ބެލުމުން ފެންނަނީ ހ. މިޓާޒުގޭގައި ހަދާފައިވާ ގުދަނެއްގެ ފުރާޅު މައްޗެވެ. އަދި ޔުމްނު ވެއްޓިފައި އޮތް ކަމަށް ފޮޓޯތަކުން ފެންނަ ފުރާޅުގެ އެދިމާ އެ ކުޑަދޮރުން ވަރަށް ރީއްޗަށް ފެނެ އެވެ.

އައިޝާ ފުންމާލި ކަމަށް ފުލުހުން ބުނާ ކުޑަ ދޮރުން ތިރި ފެންނަ ގޮތް: އޭނާ ވެއްޓި ބަޑިގެފައިވާ ޓިނު މިހާރު އެ ވަނީ ބަދަލުކޮށްފައި (ދައުރު ފޮޓޯ/ އަހްމަދު ނާއިފް)

އެތަނުން މީހަކު ވެއްޓޭނީ މިޓާޒުގޭ ގުދަނުގެ ބުރުޒުމަގާ ވީ ކޮޅަށްކަން، ޔުމްނު ވެއްޓުނު ދޮރާ ދިމާލު ތިރި ބެލުމުން އެނގެ އެވެ. ބޭރުން ބަލާއިރު އެހެން ގޮތަކަށް ފެނުނަސް ގޭގެ އެތެރެއިން، އެ ކުޑަދޮރުން ބެލުމުން ފެންނަނީ ޔުމްނު ވެއްޓިފައި އޮތް އެ ފުރާޅުގެ ދިމާލެވެ. އަދި އޭނާ ވެއްޓެމުން ދާއިރު އޭސީ އައުޓްޑޯ ޔުނިޓެއްގައި ނުވަތަ ތިރީ ފަންގިފިލާގެ ކުޑަދޮރެއް ހުޅުވާފައި ހުރި ނަމަ ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އޭނާއަށް ލިބިފައިވާ ސީދާ ޒަހަމްތައް ނޭނގޭތީ މަތިން ވެއްޓުނުއިރު އޭނާ ތަނެއްގައި ޖެހުނު ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. 

5:10 - ރައުދު އެގެއިން ނުކުތުން

ޔުމްނު ވެއްޓުނު ފަހުން 10-15މިނެޓް ވަންދެން ފެންޓެނޯއީގޭގެ އެކި ފަންގިފިލާތަކަށް ރައުދު އެރުމަށް ފަހު، އޭނާ އެ ގެއިން ނުކުމެގެން ދަނީ ފަތިހު 5:10 ވީ ފަހުންނެވެ. އޭގެ ފަހުން އޭނާ އެ ގެއަށް ވަދެފައިވާ ކަމަށް ސީސީޓީވީ ކެމެރާގެ ފުޓޭޖްތަކުން ފާހަގައެއް ނުވެ އެވެ. އަދި ޔުމްނު ނުފެނިގެން އެ ވަގުތު މަގުމަތިން ދިޔަ މީހުން ކައިރީ ރައުދު އޭނާ ފެނުނުތޯ އެހި ކަމަށް ފުލުހުން ބުނެފައިވެ އެވެ.  

"ފިރިހެން މީހާ [ރައުދު] އޭނާގެ ރައްޓެހިން ގާތު މި ވާހަކަ ދައްކާފައިވާކަން ތަހުގީގަށް އެެނގިފައިވޭ. ނަމަވެސް އޭނާގެ ހާލަތު ހުރި ގޮތުން އެއްވެސް މީހަކަށް އެވާހަކަ ގަބޫލުކުރަން ދަތިވި ކަމަށް މައުލޫމާތު ލިބެނީ،" ސާމިހު ވިދާޅުވި އެވެ.

7:23 - ފުލުހުންނަށް ރިޕޯޓް ކުރުން

މިއީ ޔުމްނު ވެއްޓުނުތާ ގާތްގަނޑަކަށް ދެ ގަޑި އިރާ ބައި ފަހެވެ. މިޓާޒުގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓް އާންމު ފަރާތުން ކުރީ ހުކުރު ދުވަހުގެ ހެނދުނު 7:23ގަ އެވެ. އެގޮތުން ފުލުހުން ބުނީ:

  • ސީނަށް ދިޔަ އިރު ޔުމްނު ކޮންމެވެސް ވަރަކަށް ހަރަކާތް ކުރަމުން ދިޔަ ކަމަށް؛ ނަމަވެސް އޭނާ އޮތީ އަމިއްލައަށް ތެދު ނުވެވޭވަރުވެފައި

  • އައިޖީއެމްއެޗްއަށް ޔުމްނު ގެންގޮސްފައި ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު. އޭރު ވެސް އެއީ ކާކު ކަމެއް ދެނެގަނެވިފައެއް ނުވޭ

  • ފޭސް ރިކޮގްނިޝަން ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކާކުކަން ދެނެގަނެވުނީ އޭގެ 30އަކަށް މިނެޓު ފަހުން؛ އެއާ އެކު އާއިލާއަށް އެކަން އަންގާފައިވާކަމަށް ފުލުހުން ބުނި

ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު (ކ) އަދި އޭނާގެ ކޮއްކޮ ރައުދު: ފުލުހުން ބުނާ ގޮތުގައި އެ ގެއަށް ދިޔަ އަށް މީހުންގެ ތެރޭގައި ސިޔާސީ މަގާމެއްގައި ހުރި މީހަކު ނުހިމެނޭ

މިހާރު އާންމުވެގެން އުޅޭ ވީޑިއޯއިން ވެސް ފެންނަނީ ސިފައިންގެ ފަޔާ ރެސްކިއުގެ މީހަކު އޭނާ ވެއްޓިފައި އޮއްވާ އެތަނުން ނެގުމަށް ފުރާޅުމައްޗަށް އަރާ އުޅޭ މަންޒަރެވެ. 

ފުލުހުން ތަފާތު ގޮތަކަށް އަމަލުކުރުމުގެ ތުހުމަތު

މި ތަހުގީގަށް ފުލުހުން ބަލާ ފާސްކޮށްފައިވަނީ، ރައުދު ދިރިއުޅޭ ގެ އެކަންޏެވެ. ފުލުހުން ބުނި ގޮތުގައި އެމީހުން އެންމެ ފުރަތަމަ ދިޔަ ދެ ގެ ބަލާ ފާސްނުކުރީ ތަހުގީގަށް "މިހާތަނަށް އެއީ ޒަރޫރަތެއް އޮތް ކަމަށް ނުބެލެވޭތީ" އެވެ. ނަމަވެސް ތަހުގީގަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދިނެވެ.

މި ހާދިސާ ހިނގި ގޮތް ހޯދުމުގައި، އެރޭ އެ ދެ މީހުން ކުރިން ދިޔަ ދެ ގޭގައި ކުރި ކަމެއް، ހިނގި ކަމެއް އެނގުމަކީ މުހިންމު ކަމެއް ނަމަވެސް ފުލުހުންގެ ތަހުގީގުން އަދި އެކަމެއް ނުހޯދެ އެވެ. އެކަމަށް އެހާ ބޮޑަކަށް ނުބަލަ އެވެ. އެގޮތުން:

  • އެ ދެ ގޭގެ އެއްވެސް ސީސީޓިވީ ފޫޓޭޖެއް ފުލުހުން ނޫސްވެރިންނަށް ދައްކާފައެއް ނުވޭ

  •  އެ ގެތަކުގެ ނަމާއި ރައުދު ހިމެނޭހެން މި މައްސަލައިގައި ދެން ހިމެނޭ ހަތް މީހުންގެ ވަނަވަރު ވެސް ފުލުހުން ހާމަކޮށްފައެއް ނުވޭ

  • ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަރަށް ބޮޑަށް މައުލޫމާތު ދީފައިވަނީ، މި ހާދިސާ އާއި އެ ދެ ގެއާ އެއްވެސް ކަހަލަ ގުޅުމެއް ނެތްކަން ބުނެދިނުމަށް

  • ހުރިހާ ކަމެއް ހިނގާފަައިވަނީ ހަމައެކަނި ޔުމްނު އާއި ރައުދު އެކުގައި ހުރި އިރު ފެންޓެނޯއީގައި ކަން ދައްކަން

  • މި ހާދިސާގައި ގާނޫނީ ގިނަ ކުށްތަކަށް އަރާގަތް ކަމުގެ ތުހުމަތު އޮތް އިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ އަދި ތުހުމަތުކޮށް ތަހުގީގެއް ފެށިކަމެއް ނޭނގޭ 

  • އޭގެ އިތުރުން އެމީހުން މަސްތުވެފައިވަނީ ކޮން ގެއެއްގެ ތެރޭގައި ކަމެއް ވެސް ފުލުހުންނަކަށް ނުހޯދޭ

ކްރައިމް ސީނުން ފުލުހުން އެވިޑެންސް ބޭގްތަކަށް އެއްޗެހިތަކެއް އަޅައިގެން ގެންދަނީ (ދައުރު ފައިލް ފޮޓޯ)

ފުލުހުން ބުނި ގޮތުގައި ޔުމްން އާއި ރައުދުގެ ޓެސްޓުތަކުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް އެވެ. ދެން ތިބި މީހުން ސާމްޕަލް ނެގުމަށް ދެކޮޅު ހެދުމުން އެމީހުންގެ ސާމްޕަލް ފުލުހުން އަދި ނުނަގަ އެވެ. އެއީ ވެސް މީހުން ސުވާލު އުފައްދާ ކަމެކެވެ. ފުލުހުން އެހާ ފަސޭހައިން އެ މީހުން ދޫކޮށްލުމުންނެވެ. 

"ދާއިމީ ނަތީޖާ ދައްކާ ގޮތުން ފިރިހެން މީހާ ޕޮޒިޓިވްވެފައި ވަނީ ކެނަބިސްއަށް. ނަމަވެސް އެމީހުން އެހެން ބާވަތްތަކުގެ ޑްރަގު ނެގިކަން ތަހުގީގަށް އެނގޭ،" ސާމިހް ވިދާޅުވި އެވެ.

މި ރިޕޯޓަށް އާއިލާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް މިވަގުތު އާއިލާއިން، އެ މީހުންގެ ކަންބޮޑުވުންތައް މީޑިއާއަށް ތިލަކުރަން ބޭނުން ނުވާ ކަމަށް ބުނެ ވާހަކައެއް ނުދެއްކި އެވެ. 

ކޮންމެ ގޮތަކަށް ކަން ހިނގިއަސް ފުލުހުންގެ ތަހުގީގު ފަށަން ޖެހެނީ ދަންވަރު ފެށުނު އުފަންދުވަހުގެ ޕާޓީއާ ހަމައިންނެވެ. ދެން އެއަށް ފަހު ކަންކަން ނިއުޅިގެން އައި ގޮތެވެ. އެއީ އަދި ނޭނގުމެއްގެ ތެރޭގައި އޮތް ކަމެކެވެ. އެ ހިސާބަށް އަންހެން ކުއްޖަކު ދިޔަ ގޮތާއި އެކަމުގެ ހިމެނޭ ހުރިހާ ކަމަކަށް ބަލައިގެން ނޫނީ ފުރިހަމަ ތަހުގީގެއް މިކަމުގައި ނުހިންގޭނެ އެވެ. އަދި މި ތަހުގީގު ކުރިއަށް ދާވަރުން އާ އެތައް ކަމެއް ނިއުޅިގެން އަންނާނެ އެވެ. 

ކޮމެންޓް (34)

ބދބޱބޱބ

24 އޭޕްރީލު 2025
މިއަދު ފުލުހުން އާމު ކުރި ވީޑިއޯ ރަނގަޅަށް އަދި އެއްފަހަރު ބަލާލާ. ޔުމްނު 4:51:00 ގަ ނުވަ ވަނަ ފްލޯ އަށް އަރާއިރު އޭގެ މިނިޓެއްވަރު ފަހުން 4:52:03 ހާއިރު ރައުދުވެސް ނުވަވަނަ ފްލޯއަށް އަރާ. ރައުދު ނުވަނަ ފްލޯއިން ފައިބަނީ 4:53:54 ގަ. ގާތްގަނޑަކަށް މިނިޓެއްވަރު ނުވަ ވަނަ ފްލޯގަ ރައުދު ހުރިކަން އެނގޭ ވީޑިއޯ އިން އެރިގޮތަށް ފޭބިކަމަށް ދެއްކިޔަސް ވީޑިއޯގަ އިން ޓައިމަރ އިން. 7 ވަނަ ފްލޯގަ އިނދޭ 702 ޖަހާފަ. އަށްވަނަ ފްލޯގަ އޮތީ އެއްފައިވާން ކިބަ. އެ ފްލޯއިން މައްޗަށް އަރާތަން ފެނޭ. އެގަޑިއަކީ ޔުމްނު ވެއްޓިގެން އަޑު އިވުނު ގަޑިކަމަށް އެބަބުނޭ. ރައުދުގޮސް ފެންލައިޓުން ބަލާލެވޭ ތޯ ފުންމާހަދާތަން ފެނޭ ބޭރަށް ނުކުމެފަވެޒް ފުރާޅަށްބަލާ. ފުލުހުން ރައުދު އުޅުނީ ޔުމްނު ގެއްލިގެނޭ ބުންޏަސް ރައުދު އުޅޭގޮތުން ހީވަނީ ވެއްޓުނުކަން އެނގޭހެން
15 5

ފުލުސްކުއްދާ

24 އޭޕްރީލު 2025
ފުލުސްކުދިން ކިތަންމެ ރަނގަޅަށް މަސައްކަތް ކުރަން އުޅުނަސް ސިޔާސި ރަންޑީން ފުލުހުންގެ ބޮޑުން މެދުވެރިކޮށް ފުލުސް ކުދިން ލައްވާ ތަހުގީގު ތައް ކަސިޔާރު ކޮށް ދުއްވާތީވެ އެކުދިންވެސް އެތިބެނީ މޭ ނުބައިވެ ހޮޑުލަވާހާލަތުގައެވެ.
15 4

މުހައްމަދު

24 އޭޕްރީލު 2025
ޜާއްޖޭގަ މިހާރު މަސްތުވާތަކެތީގެ މައްސަލަތަށް އަތްނުފޯރާފަށުގަ، މި ނަގާ މީހުންނަށް މި ނެގެނީ ކިހާވަރެއްގެ އެއްޗެއްކަމެއްވެސް ނޭނގޭ!! ޢެންމެން ވެއްޖެ އެއްނުން ވަގުތުން ވަގުތަށް މަސްތުވާ ތަކެއްޗާ ދެކޮޅަށް މުޒަހަރާ ކުރަން ނިކުންނަން!!
17 1

ހަސަނަނާ

24 އޭޕްރީލު 2025
ކުޑަދޮރުން ފުންމާލި ނަމަ 50ކގ މީހަކު ކޮންމެވެސްތާކު ޖެހިފަ ފުރާޅުމައްޗައް ދާނީ! އެ ޖެހުތަނެއް ހުންނާ ނެ އެނގެން
5 1

ޚކދކދކދ

29 އޭޕްރީލު 2025
@ހަސަނަނާ ޭކކެެކެކެކކެކ
0 0

އިހުމާލު

24 އޭޕްރީލު 2025
މިހާދިސާއިން މައިންބަފައިންގެ އިހުމާލު ވަރަށްބޮޑަށް ފާހަގަވޭ، ގޭތެރޭގައި ދަރިން ރާބޮއެ މަސްތުވާތަކެތި ބޭނުންކޮށް ގޭގެ ހުރުމަތް ކަނޑާލާއިރުވެސް އަޅާނުލާ ތިބުމަކީ މިފަދަ ހިތާވެރި ހާދިސާތަކަށް މަގުފަހިވާ އެއްމެބޮޑު އެއް ސަބަބު. މިސާލަކަށް މަސްތުވާ ތަކެތި ބޭނުންކުުރުމަށް އަލިފާން ގެންގުޅުމުގެ ތެރޭގައި ގޭގައި އަލިފާން ރޯވެއްޖެނަމަ މަސްތުގެ ހާލަތުގައި ތިބަޔަކަށް އަލިފާން ނިއްވަން މަސައްކަތެއް ނުކުރެވޭނެ އަދި އަލިފާން ނިއްވަން ކުރަންވީކަމެއްވެސް ނޭގޭނެ، މުޅިގެއާއި ވަށައިގެންހުރި ގެތައް އަނދާ އަޅިއަށް ވާއިރު އެތައްބައެެއްގެ ފުރާނަވެސް ދާނެ، އެހެންކަމުން މައިންބަފައިން މިހާރަށްވުރެ ބޮަޑަށް ދަރިންނަށް ސަމާލުކަންދީ ދަރިންގެ އުޅުންހުންގޮތް ދަނެގަންނަން އެބަޖެހޭ.
30 2

ރައީސް މުޢިއްޒު

24 އޭޕްރީލު 2025
އަޅުގަނޑަކަށް ދެން ޤައުމެއް ނުހިންގޭނެ. ވަރަށް ސަލާމްދެން. އަޅުގަނޑު އިސްތިއުފާ!!!!!
17 9

ފީލިންގ

24 އޭޕްރީލު 2025
@ރައީސް މުޢިއްޒު ނޯ........ނޯ. ދެން ކާކު ދިވެހީންގެ ޗާގޯސް އާ ބާނަބާނާ ތިއްބާ ވިއްކާލި މަސްކަނޑު ހޯދަދޭނީ؟
12 2

ނެތް ބުނާނެ އެއްޗެއް

24 އޭޕްރީލު 2025
ތި 8 މީހުންގެ ބެލެނިވެން ހައްޔަރު ކުރަންވީ ތަރުބިއްޔަތުގައި އިހުމާލުވެ ގައުމަށް ބުރަޔަކަށް ހެދިކަމުގެ ކުށުގަ
25 3

އަހަންމަދާ

24 އޭޕްރީލު 2025
@ނެތް ބުނާނެ އެއްޗެއް 21 އަހަރުން މަތީ މީހުންގެ ބެލެނިވެރިންތަ އަދިވެސް ގޯހީ.
14 4

ހޗހފފގދ

24 އޭޕްރީލު 2025
ފުރަތަމަ ކަމަކަށް ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓް ހުރިތަން އެހެންމީހުންގެ ފިންގަރ ޕްރިންޓާއެއްޗެހި މިކްސްނުވާހެން ފުލުހުން ބަންދުކޮށްފަވެސް ނުވޭ. ބަލަ މިހާރުވެސް އެއޮތީ ފޮޓޯގަ ދޮރުމައްޗަށް އަރާ.
15 2

ހަލާކު

24 އޭޕްރީލު 2025
އަންހެންކުއްޖާ ވެއްޓުނު ގެއާއި ރައުދު އާއި ގުޅުމެއްވޭ. ޔަޤީން! އަދި ތިބުނާ ގެއެއްގެ މީހުން ޤުޅުމެއްނެތޭ ބުންޏަސް.
17 1

ސިކުނޑި

24 އޭޕްރީލު 2025
ފުލުހުންގެ ތަހުގީގު ދެކޮޅު ނުޖެހޭ މައިގަނޑު ސަބަބަކީ ފުރަތަމަ މަރުހަލާގައިވެސް އެހެން ބަޔަކު ބޭނުވާގޮތަށް ތަހުގީގު ބައްޓަން ކުރާތީ! ރަނގަޅު ގޮތަކީ ވަށާޖެހޭ ތަހުގީގެއް ހިންގުމަށްފަހު، ޝަރީޢަތް ކުރުމުގައި ބޭނުންވާ ބަޔަކަށް ލުއި ދިނުން! ކަމެއް ހިނގީމާ އެކަމަކުން ރެކެން އުޅެން ހަދައިގެން ހައްތާ ވާނީ ގޯސް! ސިޔާސީ މީހުންވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމީހުން ބަދުނާމުވާގޮތަށް ހިނގާ މިފަދަ ކަންކަމުގައި ޒިންމާ ނަގައި އިސްތިއުފާ ދިނުން! އޭރުން މައްސަލަ ރަނގަޅަށް ތަހުގީގުވެސް ކުރެވި ޝަރީއަތް ކުރެވި އިންސާފު ހޯދަން ފަސޭހަވާނެ!
17 1

އިލްޔާސް ޖޭޑަބްލިއޫ

24 އޭޕްރީލު 2025
ދައުރުނޫހުގެ ރިޕޯޓު އިތުރަށް ފުރިހަމަކޮށްލުން ރަނގަޅެވެ. ހުސްފައިގާ ހިނގާފައި ހުރި ފައިތަލަ މުޑުދާރު ވެފައިވާ ކުއްޖަކު ސިޑިގޮޅީހައި ހުންނަ ފެންލައިޓަށް ދެއަތް އަޅުވައިގެން އަރުމަށް ދެފައިން ހަށިގަނޑު ހިއްލުމަށް ބާރުދީ މަސައްކަތްތަކެއް ކުރާނެއެވެ. ފާރުގައި އެއްވެސް އަލާމާތެއް، ދެފައިގެ ބޮޑުވައި އިނގިލީގެ ނަމަވެސް ހުރިކަމެއް ނުވަތަ ނެތްކަމެއް މިރިޕޯޓު ހެދި ފަރާތުން ބުނެދީފައެއް ނެތެވެ. އެމަންޖެ ވެއްޓިފައި އޮތްއިރުގެ ފޮޓޯތަކުން ދެފައިތިލަ ވެސް ވަރަށް ކިލާވެފައި ހުރިތަން ފެނެއެވެ. އެއްވެސް ވަރެއްގެ އަލާމާތެއް އެކުޑަދޮރާ ދިމާލުން ތިރީގައި ފާރުގާ ޖެހިކޭއްތިފައި ހުރިތޯ ބަލަންޖެހެއެވެ. އަދި ސިފައިންނަށް މިހާރު ކަންކަން ފަސޭހަވެފައި ހުރި ގޮތުން އެކުޑަދޮރުގެ ކަނިތަކުން ޔުމްނުގެ އިނގިލީގެ އަސަރެއް ހުރިތޯ ނެތްތޯ ވެސް ބެލޭނެއެވެ!! ކޮބައިތޯ ހިއުމަންރައިޓްސް ކޮމިޝަން، އަދި ޖެންޑާވަޒީރު ހަނުތޯ، ހަމަ ބަހެއް ނެތީތޯއެވެ؟؟ މިރިޕޯޓު ފުރިހަމަކޮށް ލުމަށް މިފަދަ އިދާތަކައި ސިވާލުކުރަން ފެނެއެވެ!! 🇲🇻⚔️🇲🇻
23 2

އިބޫ

25 އޭޕްރީލު 2025
@އިލްޔާސް ޖޭޑަބްލިއޫ ސިޔާސީ ބައެއް ދެއްތޯ؟
0 0

ހަސަނުބޭ

24 އޭޕްރީލު 2025
މި ލިޔުމުން ވަރަށް މައުލޫމާތު އެނގިއްޖެ، އެހެން ނަމަވެސް ސުވާލު އުފެދޭ ކަމަކީ ތިބުނާ ފެންލައިޓް ހުޅުވަން ޔުމްނާ އަތްފޯރި ނަމަވެސް، މަސްތުގެ ހާލުގައި ހުރެ ކުޑަދޮރު މައްޗަށް ހުޅުވައި، ދޮރުމައްޗަށް އަރާ ފުންމާލެވޭނެތޯ؟ އަދި އޭނާ ފުންމާލިނަމަ، ތިރީގައިވާ އައުޓްޑޯ ޔުނިޓް އެއްޗެހިގައި ޖެހުނު ނަމަވެސް އޭނާ ވެއްޓޭނީ ބައްޑުން ބޯކޮޅު ކުރިއަށް، ވެއްޓިފައި އޮތް ގޮތަކަށް ނޫން ކުޑަދޮރަށް ފުރަގަސްދޭ ގޮތަކަށް ނޫން.
9 3

ޠޔޔޔ

24 އޭޕްރީލު 2025
@ހަސަނުބޭ ޢެކުއްޖާ އަތެއް އެތަނަށް ނުފޯރާނެ
1 2

ފދފދ

24 އޭޕްރީލު 2025
@ޠޔޔޔ ވީޑިއޯ ބެލި ބަޔަކަށް އިނގޭނެ އަންހެން ކުއްޖާއަކީ އިސްކޮޅުން ކުރު ކުއްޖެއްކަން. ތި ބުނާ ރައުދުވެސް އަޑު އިވިގެން ފެންލައިޓުން ތިރި ބަލަން ފުންމާފަ ހިފައި އަރާއިރު ބިމުގައި ފައެއް ނުޖެހޭ. އަޅުގަނޑަށް ގަބޫލުކުރަން ދަތި އެކުއްޖާ އަމިއްލައަށް ފޯރާނެކަމައިމެދު.
8 0

އަލަ

24 އޭޕްރީލު 2025
މަސްތުވާ ތަކެތި ވިއްކީ ކާކު. އެހިސާބަށް މި ތަހުގީގު ދާންޖެހޭނެ އެކަމަކު ނުދާނެ.
22 2

ފީލިންގ

24 އޭޕްރީލު 2025
@އަލަ ކާކުހޭ ފަންޑު ކުރީ؟ އެހިސާބަށްވެސް ގެންދަންޖެހޭނެ
9 0

އިބޫ

25 އޭޕްރީލު 2025
@އަލަ ކޮންނަންވާވަރަށް ނުކޮންނަން އުޅޭއިރު، އިތުރަށްކޮންނަން ނުކިޔަމާ؟
0 0

ށސ11

24 އޭޕްރީލު 2025
ކޮން 'ދެލޯބިވެރިންހެން އުޅުނޭ" ކިޔާކަށް! ބަދުއަޚުލާގީ އަމަލުތައް ހިންގައޭކިޔާބަލަ. ތިވެއްޓުނުމީހަކަށް ފޭކުނަމެއްދިނުމުގެ ބޭނުމެއްނެތް.
24 5

އަހުމަދު

24 އޭޕްރީލު 2025
މިކަމުން ދޭހަވާ ކަންތަކެއް އެބަހުރި، * އާމުންގެ ތެރޭ ފުލުހުންނާއި ދޭތެރޭ އޮތް އިތުބާރު ވަރަށް ކުޑަ. އެއީ، އެތަށް މަރެއް މިރާއްޖޭގައި ހިނގައިފި އެވެސް ފަރާތެެއް ޖަވާބުދާރީ ނުުވެ. * މަސްތުވާ ތަކެތި މަނާކުރުމުގެ މާނައެއް ކަމަށް މިފެނިގެންދަނީ - މަސްތުވާތަކެތި ބޭނުން ކުރެވޭ ވަކި ބަޔަކު ކަނޑްއެޅުން. * ފުލުހުން އެކިފަރާތްތަކަށް އެއް ކުށެއްގައި ދެގޮތަކަށް ކަންތައް ކުރަމުންދާކަން. * ޖިންސީ ގޯނާގެ ކުށްތަކުގައި މިރާއްޖޭގައި އިންސާފު ލިބުމަކީ ނާދިރު ކަމެއް. އަބަދުވެސް ސިފައިންގެ ފަރާތުން އިވޭ އަޑަކީ، އެމީހުން ތިބީ މަސްތުވެފައޭ، ތިބެންޖެހޭ ތަނަކުނޫނޭ، ލައިގެން ހުރި ހެދުމޭ، ހުސްބޭކާރު ވާހަކަ، ވިކްޓިމް ބްލޭމިން! މަގޭ ނަޒަރުގައި މަސްތުވާއެއްޗެސް ހުއްޓުވަން އުޅުމަކީ ހިޔާލީ ފޮލާއެއް! އެކަމެއް ނުވާނެ! މިގައުމަކުވެސް، ދުނިޔޭގެ އެހެން ގައުމަކުވެސް. ކުރެވޭނެ ހަމައެކަނި، ބޭނުން ތެރި ކަމަކީ، އެފަދަ އެއްޗެހި ބޭނުން ކުރުމުން މުގުތަމާއަށް ކުރާ ނޭދެވޭ އަސްރު ކުޑަކުރުން. އެއީ ހޭލުންތެރި ކަމާއި އެހީ ފޯރުކޮށްދީގެން. މަސްތުވާ އެއްޗެސް ބޭނުން ކުރާ އެންމެން ޖަލަށް ލަންޔާ މިގައުމުގެ ބޮޑުބައި އޮންނާނީ ކުޑަގޮޅީގައި.
11 2

ޚުޑޫ

24 އޭޕްރީލު 2025
@އަހުމަދު ދީނުގަ ކަނޑައަޅާފަ އޮންނަ ހުކުމް ތަންފީޒުކޮށްލަބަލަ ވާއެއްޗެއް ބަލަން
15 0

ޢިބްރާހިމް

25 އޭޕްރީލު 2025
@އަހުމަދު އެންމެން ކުޑަ ގޮޅިޔަށް ލައިގެންވެސް ، ގައުމު އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭ.. މައްސަލަ އަކީ ގަލެމެއް ވަގަށް ނަގައިގެން ހައްޔަރު ކުރާ މީހާ ގޮޅިން ނިކުމެ އޭނާ ކުރިން ކުރި ކުށްތަކަށް ވުރެ ބޮޑެތި ޖަރީމާ ހިންގަން ދަސްވެ ، ދުނިޔޭގެ ފެންވަރުގެ ޓަރެރުޒަމް ގެ އަމަލުތަކުގެ ހިމެނޭ ހިސާބަށް ދަނީ.. އެއީ ރިހެބިލިޓޭޝަން ގޯސްވީމައި.. ތަހްްޤީޤަށް ބަންދުގައި ހުންނަ މީހާއަށް ވެސް އެކަށީގެން ރިހެބްލިޓޭޝަން ދޭން ޖެހޭ.. މިސާލަކަށް ދޫނިދޫގައި ފުލުހުންނާއި އެކު އަނގަތަޅައި ، އެމީހުންނަށް ކަސްރަތު ނޫނީ ކުޅިވަރު ޝެޝަން ހިންގައި ، ގުރުއާން އާއި އިތުރު ފޮތް ކިޔަން ލައބްރަރީ ފަދަ ތަންތަން ޑިޓެންޝަން ފެސިލިޓީ ތަކުގައި ގާއިމު ކުރުން ފަދަ ކަންކަން ކުރެވިދާނެ.. މިރާއްޖޭގައި މިބާވަތުގެ ކުށްތައް ކުރަނީ އުމުރުގެ ކޮންމެވެސް ހިސާބަކުން ނަފްސީ އުދަނގުލެއް ތަހައްމަލުކޮށްފައިވާ ކުދިން..
2 0

އިބޫ

25 އޭޕްރީލު 2025
@އަހުމަދު އެކަމު މިބައިގަނޑު މަގުތައްމަތީ ލޫދެމުންދާތަން ދެކެން ކުޅަދާނައެއްނޫން. ކޮންމެވެސް ގޮތެއް ހޯދަންޖެހޭ
1 0

ސޮނިވެއްޓި

24 އޭޕްރީލު 2025
ފުލުހުންގެ ބައްދަލްވުން ފެއްޓީ އަދި ނިންމާލީވެސް އެއްމެ ކަމެއް ސާބިތުކުރުމަށް އެއީ އެމައްސަލައާ މިނިސްޓަރު އަމީންއާ ދާއޫދުއާ އަދި އަމީން މެންގެޔާ ގުޅުމެއްނެތް ކަން ދައްކަން ސާމިހު މެންނަ އިންގެންވާނެ ކަލޭމެން ތަހްގީގް ކުރާ ގޮތަަައް ވުރެން ދެފުއް ފެންނަ ގޮތައް ރައްޔިތުން ތަހްޤީގް ކުރާނެކަން ދެން މާދަން ރައްޔިތުން ނުކުމެ އަމިއްލައަ އިންސާފް ގާއިމް ކުރީމަ ކިޔާނެ ހަންގަނޑޭ އަހަރެމެން ދަރިއަކާ އެގޮތައް ކުޅެލާފިއްޔާ އިންގޭނެ މިފިތުނީ ނުބައި ފިތަކަަަކަން
13 1

ސަލާމް

24 އޭޕްރީލު 2025
އަހަރެންގެ ނަޒަރުގައި އެ އަންހެންމީހާ ވެދާނެ ދޯ ޓެރަސް އަރަން އުޅެ ތަޅުލާފަ ހުރީމަ ނޭރުނީމާ އޭނަ ހީކޮށްފާނެތާ އެ ކުޑަދޮރުން ޓެރަސްއަށް ވަދެވިދާނެ ކަމަށް.މަސްތުވީމަ ހަމަބުއްދި ފިލާދިޔުމަކީ ހަގީގަތެއް. އަހަރެމެން ދަތުރު ދިޔަ ދުވަހެއްގައިވެސް އެއްސޮރަކު ބޮއެގެން ހަމައިން ނެއްޓިގެން ފާހާނާ ކަމަށް ނިދާފައޮތް މީހެއް ގަޔަށްވެސް ކުޑަކަމުދާން އުޅުނު. ސޯ ގަބޫލުކުރެވެނީ ކުޑަދޮރުން ވެއްޓިފަ ކަމަށް.
19 4

ޝާނާ

24 އޭޕްރީލު 2025
އެންމެ މުހިންމު ކަމަކީ ތިޔަބުނާ ޕާޓީ ފެށުނު ހިސާބުން ފެށިގެން ނިމިގެން ދިޔަ ގޮތެވެ. ޗެއިން އޮފް ކަސްޓަޑީ ގުޅިގެން ދާނީ ފެށުމާއި ނިމުމުގެ ނަތީޖާގެ މަައްޗަށް ކަމަށް ވީހިނދު ހަމަ އެކަނި ރައުދު އާއި ޔުމްނާ އެކަނި ކުއްވެރި ވާންވީ ކީއްވެ ހެއްޔެވެ. މީގެ ނިވަލުގައި ތިބި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެވެން ވާނެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާށެވެ. އަތްފައި ބުރިކޮށް އަންހެން ކުއްޖެއް މަރާ ކުދި ކުރި ރަހުމު ކުޑަ މަރަށް އަދި އިންސާފުވެސް ލިބިފައި ނުވާއިރު ދަރިންނާއި އެކީ ގައި އުޅޭ މީހުންނަކީ ކޮންބައެއްކަން ބަލާ އެނގުން މުހިންމެވެ. ނޫންނަމަ މިފަދަ ކިތައްމެ ދެރަ ކަމެއް ހިނގާނެއެވެ.
17 1

ީަރިޒޫ

24 އޭޕްރީލު 2025
ޜިޕޯޓްގަ ކީއްވެބާ އަންހެން ކުއްޖާގެ ނަން ސިއްރު ކޮށްފައި މިވަނީ ...އެނަން ވަނީ ފުލުހުންވެސް ހާމަ ކޮށްފަ
12 4

ޙާޖީ

24 އޭޕްރީލު 2025
ވަރަށް ފުރިހަމަ ލިޔުމެއް . މުޅި މާހައުލުގައި ކަންހިގާދިޔަގޮތް ވަރަށް ރީއްޗައް ގެނެސްދީފަިވަނީ . ދެންއޮތީ ފުލުހުން މިކަމުގަ އަމަލުކުރާނެ ގޮތެއް ބެލުން
8 4
އިބްރާހިމް Avatar

އިބްރާހިމް

24 އޭޕްރީލު 2025
މަސްތެއްގެ ސަބަބުން މީހަކު މަރާއި ހަނގުރާމަ ކުރާއިރު މަސްތުވީތަނާއި ، މަސްތުވި ތަނާއި ، އެތަނުގައި ތިބި މީހުން މުހިއްމު ނުވާ ނަމަ ތަޙްޤީޤަކީ ކޮބާ؟ މަސްތެއްގެ ފެށުން މީހަކު އަމިއްލަޔަށް ވިޔަސް ބަޔެއްގެ އަތުން ވިޔަސް މީހަކަށް ބޮޑު އަނިޔާތަކެއް ވެފައި ވާތީ އެކަމުގެ ފެށުމަށް ތަޙްޤީޤު ހިންގަން ޖެހޭނެ . މަސްތުވުމުގައި އުޅުނު ހައްޔަރުކޮށް އެމީހުންގެ މަސްތު ޕާރޓީ ގެ ސަބަބުން މީހެއްގެ ފުރާނަޔަށް ނުރައްކާވާ ހިސާބަށް ގޮއްސިކަމާއި ، އެމީހުން މަސްތުގެ ޕާރޓީތައް ތަކުރާރު ނުކުރުމަށް ގާނުނުގެ އޮތް އަދަބު ދޭން ޖެހޭ.. ފަހަކަށް އައިސް ކުރާ ކޮންމެ ތަޙްގީގެއް އަތަށް ގޮވަނީ.. މިކަން ފުލުހުންގެ އިސް ވެރިން ވިސްނަންޖެހޭ..
19 0

ސަޅި

24 އޭޕްރީލު 2025
@އިބްރާހިމް ސަޅި ކޮމެންޓެއް
9 0

އިބޫ

25 އޭޕްރީލު 2025
@އިބްރާހިމް މަސްތުވުންހުއްދަކޮށް ވޭޕް ހަރާންވެއްޖެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް