މާލެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ގޫގަލް)

އަންހެން މީހާ އާއި އޭނާއާ އެކު ހުރި ފިރިހެން މީހާ ޑްރަގަށް ޕޮޒިޓިވް؛ ޕާސްޕޯޓު ހިފަހައްޓައިފި

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ފެންލައިޓުން ވެއްޓުނީ އަމިއްލައަށް. އަދި އޭނާ އާއި އޭނާއާ އެކު ހުރި ފިރިހެން މީހާ ވެސް ވަނީ ކެނަބިސްއަށް ޕޮޒިޓިވްވެފައި

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް، މިހާރު ފަރުވާ ދެމުން އަންނަ ޒުވާން އަންހެން މީހާ އާއި އޭނާއާ އެކު ހުރި ފިރިހެން މީހާ ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ފިރިހެން މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ މިރޭ ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.

އެ ޒުވާނާ ކޮއްޕާ ވައްޓާލީ ކަމަށް ތުހުމަތުކޮށް ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުންނަށް އެ ތުހުމަތު އަމާޒުކޮށް އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

ފުލުހުން މިރޭ ވަނީ އާންމުކޮށް ހުޅުވާނުލާ އަދި ރެކޯޑު ވެސް ނުކުރެވޭ ގޮތަށް އިސްކަންދަރު ކޮށީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ތަފްސީލް - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާ އާއި އޭނާއާ އެކު ހުރި 21 އަހަރުގެ ފިރިހެން މީހާ ވެސް ވަނީ ކެނަބިސްއަށް ޕޮޒިޓިވްވެފަ އެވެ. އެ ފިރިހެން މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލެވެ.

ފުލުހުން ބުނިގޮތުގައި:

  • ޓެސްޓްތަކުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައި

  • ފިރިހެން މީހާގެ ދާއިމީ ނަތީޖާ ލިބިފައިވާއިރު، އޭނާ ޕޮޒިޓިވްފައި ވަނީ ކެނަބިސްއަށް

"ކެނަބިސްއަށް ފިރިހެން މީހާ ޕޮޒިޓިވެފައިވީ ނަމަވެސް، އެ ނޫން ވެސް ބާވަތްތަކުގެ ޑްރަގު ދެ މީހުން ނަގާފައިވާކަން ތަހުގީގަށް އެނގިފައިވޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޯމިސައިޑް ޑިޕާޓްމަންޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ ސާމިހު މުހައްމަދު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވި ގޮތުގައި އެ ފިރިހެން މިހާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ޑްރަގު ޓެސްޓު ހަދާފައިވަނީ އެ މީހުންގެ ރުހުމާ އެކުކަން ސާމިހު ފާހަގަ ކުރެއްވި އެވެ.

ވެއްޓުނީ އަމިއްލައަށް

ސާމިހު އާއި މޭޖާ ކްރައިމް އިންވެސްޓިގޭޝަން ވިންގުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވި ގޮތުގައި، އަންހެން މީހާ ފުރާޅު މައްޗަށް ވެއްްޓުނީ އަމިއްލައަށްކަމާއި އެކަމުގައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތްކަން ތަހުގީގަށް ވަނީ ކަށަވަރުވެފަ އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާމިހް (ކ) އާއި ޝިފާއު (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ފުލުހުން ހާމަ ކުރި ގޮތުގައި:

  • އަންހެން މީހާ ވެއްޓިފައިވަނީ، 4:52، ހާއިރު ބުރުޒުމަގުގައި ހުންނަ ހ. ފެންޓޮނޯއިގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓަކުން، އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް

  • ފެންޓޮނޯއިގެއަށް އަންހެން މީހާ އާއި އުމުރުން 21 އަހަރުގެ ފިރިހެން މީހާ ވަނީ ހުކުރު ދުވަހުގެ ރޭ ފަތިހު 4:30 ހާއިރު؛ އެ ގޭގައި އެ ދެ މީހުން ބައިގަޑިއެއްހާއިރު ހޭދަކުރި

  • އެ ވަގުތު ތެރޭގައި އެ ދެ މީހުން އެކުގައި ބަދުއަހުލާގީ އަމަލުތައް ހިންގި؛ ގަދަކަމުން ދެ މީހުން ކުރެ އެއްވެސް މީހަކު ކަމެއް ނުކުރޭ 

  • އެ ގެއަކީ އެ ދެ މީހުންނާ އެއްވެސް ގުޅުމެއް ނެތް އަދި މީގެ ކުރިން ގޮސްފައިވާ ގެއެއް ވެސް ނޫން

އަންހެން މީހާ ވެއްޓުނު ހ. ފެންޓޮނޯއީގެ އަދި އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގެ ފުރާޅަށް އަންހެން މީހާ ވެއްޓުނު ތަން ބޮޅު އަޅާފައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

"ނުވަވަނަ ބުރީގެ ފަންގިފިލާގައި ހުރި ފެންލައިޓުން އަންހެން މީހާ ވެއްޓުނު ވަގުތު ފިރިހެން މީހާ ހުރީ ނުވަވަނަ ބުރިއަށް [އަރަން]، ސިޑިއާ މެދަކާ ހިސާބުގައި ހުރީ. އެކަން [އަށްވަނަ ބުރީގެ] ސީސީޓީވީއިން ކަށަވަރުވޭ... މިހާތަނަށް ބެލިބެލުމުން އަންހެން މީހާ ވެއްޓުމުގައި އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތް އަދި ރޭޕް ކުރުން ނުވަތަ ގިނަ ބަޔަކު ބައިވެރިވެގެން ޖަރީމާއެއް ހިންގި ކަމަކަށް ތަހުގީގަކަށް ނުބެލެވޭ،" ސާމިހު ވިދާޅުވި އެވެ.

"އެ ގެއަށް [ފެންޓޮނޯއީ ގެއަށް] ވަތް އިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައިކަން އަމަލުތަކުން ވަރަށް ބޮޑަށް ޔަގީންވޭ. އަދި އެ މީހުންނަށް ދެވޭ ނުދެވޭ ތަނެއް ވެސް ނޭނގޭ މިންވަރަށް ތިބީ މަސްތުވެފައި،" ވަގުތީ ނަތީޖާއިން އެ ދެ މީހުންގެ ޓެސްޓުތައް ވެސް ޑްރަގަށް ޕޮޒިޓިވްކަން ފާހަގަކުރައްވައި ސާމިހު ވިދާޅުވި އެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހު ހެނދުނު 7:23 ހާއިރު ކަމަށާއި މިޓާޒްގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ދިނީ އާންމު މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އަންހެން މީހާ ވެއްޓުނު ފެންޓޮނޯއިގޭގެ ސީސީޓިވީގެ ބައެއް މަންޒަރުތައް ދައްކާލާފަ އެވެ. އޭގެ ތެރޭގައި ދެ މީހުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މަންޒަރުތަކެއް ނުހިމެނެ އެވެ. އަދި ވެއްޓުނު ފަންގިފިލާގައި ސީސީޓީވީ ކެމެރާއެއް ނުހުރެ އެވެ.

ފުލުހުން ދެއްކި ސީސީޓިވީގެ ބައެއް މަންޒަރުތައް:

  • 4:30 ހާއިރު ބުރުޒުމަގުން ހުސް ފަޔާ ހިނގާފައި ގޮސް އަންހެން މީހާ އެކަނި ފެންޓޮނޯއި ގެއަށް ވަންނަ މަންޒަރު ފެނޭ؛ އަދި އޭނާ އެ ގެއަށް ވަތް ފަހުން އެ ފިރިހެން މީހާ ވެސް އެ މަގުގައި ހިނގާފައިދާ މަންޒަރު ފެނޭ

  • ފިރިހެން މީހާގެ ހަރަކާތްތަކުން ފެންޓޮނޯއީ ގެއަށް ވަތްކަން އޭނާއަށް އެނގޭހެނެއް ހިއެއްނުވޭ؛ އޭރު އެ މަގުން ސައިކަލެއްގައި ދިޔަ މީހަކާ ފިރިހެން މީހާ ވާހަކަ ދައްކަން ހުންނަ މަންޒަރު ފެނޭ

  • މާ ގިނަ އިރުތަކެއް ނުވެ އަންހެން މީހާ ފެންޓޮނޯއި ގެއިން ނުކުމެ ފިރިހެން މީހާ ގޮވައިގެން އެ ގެއަށް ވަންނަ މަންޒަރު ފެނޭ

  • އޭގެ ފަހުން އެ ގޭގެ އެކި ފަންގިފިލާތަކުގައި ދެ މީހުން ހަރަކާތްތެރިވާ މަންޒަރު ފެނޭ؛ ބައެއް އެޕާޓްމަންޓްތަކުގެ ތަޅުގައި ހިފައި ހަދާފައިވޭ

  • ވީޑިއޯގެ ވަކި ހިސާބަކުން ފެންނަނީ ފިރިހެން މީހާގެ ޓީޝާޓް ލައިގެން އަންހެން މީހާ ހަރަކާތެރިވާ މަންޒަރު އަދި ފިރިހެން މީހާ ޓީޝާޓް ނުލާ ހުރި ތަން ފެނޭ (ފުލުހުން ބުނާ ގޮތުގައި އެ ދެމެދަކީ އެ މީހުން ބަދުއަހުލާގީ އަމަލު ހިންގި ވަގުތު)

  • އަށްވަނަ ފަންގިފިލާގެ ކެމެރާއިން، ފިރިހެން މިހާ ނުވަވަނަ ފަންގިފިލާގެ ސިޑީގެ މެދަކާ ހިސާބުގައި ހުއްޓާ ބާރު އަޑެއް އިވޭ؛ ފުލުހުން ބުނަނީ އެއީ އަންހެން މީހާ ވެއްޓުނު އަޑު ކަމަށް

"އަންހެން މީހާ ވެއްޓުމާ އެކު ކުޑަދޮރުތަކުން ބޭރު ބަލައި، ފިރިހެން މީހާ އޭނާ ހޯދުމުގެ މަސައްކަތް އޭރު ކުރި. ނަމަވެސް ރޭގަނޑުގެ އެ ވަގުތަކީ ކުޑަދޮރުން ބޭރު ބެލިޔަސް އަންހެން މީހާ ވެއްޓިފައި އޮއްވާ އެ މަންޒަރު ނުފެންނާނެ. އަދި ހުސް ގަޔާ ބޭރަށް ނުކުމެ ހުރެ އަންހެން މީހާގެ ނަމުން ގޮވައި، ބައެއް މީހުންގެ އެހީތެރިކަމަށް ވެސް އޭނާ އެދުނު ކަމަށް ތަހުގީގަށް ހޯދިފައިވޭ،" ސާމިހު ވިދާޅުވި އެވެ.

 އިތުރު ދެ ގެއަކަށް ދިޔަ

މި ހާދިސާ ހިނގުމުގެ ކުރިން، ވެއްޓުނު އަންހެން މީހާ އާއި އޭނާއާ އެކު ހުރި ފިރިހެން މީހާ ހިމެނޭހެން ޖުމްލަ އަށް މީހަކު އެ ރޭ 12 އާއި 12:30ހާ ދެމެދު "މާލޭގެ މެދުގައި ހުރި ގެޔަކަށް ދިޔަ" ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ގޭގެ ނަން ފުލުހުން ހާމައެއް ނުކުރެ އެވެ. ޝޯޝަލް މީޑިއާގައި ތުހުމަތު ކުރާ ގޮތުގައި އެއީ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކާ ގުޅުން އޮންނަ ގެއެކެވެ.

ފުލުހުން ބުނި ގޮތުގައި:

  • އަށް މީހުންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނަކާއި ތިން އަންހެނެއް؛ އެ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ނުހިމެނޭ

  • އެ އަށް މީހުންގެ ތެރެއިން ހަތަރު މީހަކު "މާލޭ މެދުގައި ހުރި ގެއިން" ނުކުމެފައި ވަނީ އެ ރޭ 3:40 ހާއިރު

  • އެއަށް ފަހު، ހެންވޭރު އަމީނީމަގުގައި ހުރި ގެއަކަށް އެ ރޭ 4 ހާއިރު އެ ހަތަރު މީހުން ވަދެފައިވޭ؛ އަދި 10 ވަރަކަށް މިނެޓު ފަހުން އެ މީހުން އެ ގެއިން ނުކުތް

  • އޭގެ ފަހުން، ދެން މި މައްސަލައިގައި ހިމެނޭ ދެ މީހުން ދިޔައީ ފެންޓޮނޯއީ ގެއަށް

ފެންޓޮނޯއީ ގެއަށް ދިޔުމުގެ ކުރިން އެ މީހުން ދިޔަ ދެ ގެ ފުލުހުން ބަލާފާސްކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ހާދިސާގައި ހިމެނޭ ފިިރިހެން މީހާ ދިރިއުޅޭ ގެ ބަލާފާސްކުރި އެވެ.

"އެ ދެ ގެ ބަލާފާސްކޮށްފައި ނުވަނީ، މިހާތަނަށް ތަހުގީގަށް އެއީ ޒަރޫރަތެއް އޮތް ކަމެއް ކަމަށް ނުބެލެވޭތީ. އެހެން ނަމަވެސް ތަހުގީގަށް ކުރަން ޖެހޭ ކޮންމެ ކަމެއް ފުލުހުން ދަނީ ކުރަމުން،" އެ ދެ ގެ ބަލާ ފާސް ނުކުރި ސަބާބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސާމިހު ވިދާޅުވި އެވެ.

އެނގުން މުހިންމު - ވެޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، އަންހެން މީހާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި އޭނާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުން ބުނީ އޭނާ އަދި ހުރީ ވާހަކަ ދެއްކޭ ހާލަތެއްގައި ނޫން ކަމަށެވެ.

ކޮމެންޓް (2)

ތެފައާސާ.

23 އޭޕްރީލު 2025
ގައުމީ ބޭންކުގެ ބޯޑުން ނިންމަައިގެން ގެނައި ޕޮލިސީ ޗޭންޖެއް އެއީ ބޭންކު ބަގާވާތެކޭ ކިޔާފައި ސަރުކާރު ރުއްސަންވެގެން ބޭންކުގެ މައްޗަޢް ޖިނާއީ ތަހުގީގެއް ފެއްޓި ބައެއްގެ ވާހަކައޭ ތި ދައްކަނީ. އެހެންވީމާ ސަރުކާރުގެ އިސްވެރިން ރުއްސަން ނުވަތަ ހިމާޔަތްކުރަން ފުލުހުން ވަކި ނުކުރާނީ ކޮންކަމެއް؟
0 0

ސިކުނޑި

23 އޭޕްރީލު 2025
މައްސަލަ ނިކަން ރަނގަޅަށް ރާވާލާފައިވާކަން ފާހަގަ ކުރެވޭ! ސިކުނޑި ގަބޫލު ކުރާގޮތުގައި ތިކަމުގައި މިހާރު އިސްކަން ދޭއްވީ އެ ކުއްޖާ ވެއްޓުނު މައްސަލައަކަށްނޫން! އެމީހުން ބުއްދިފިލައިދާ ހާލަތަށް ދިޔަ ގޮތާއި އެކަމުގައި އެހީތެރިވި މީހުން! މުޅި ތަހުގީގު އަމާޒު ކުރަންވީ މާލޭގެ މެދުގައި ހުރި އެ ގެއަށް. ޕާޓީކޮށް މީހުން މަސްތުވާން ވަދެތިބި އެ ގެއަކީ މުޖުތަމަޢުއަށް ނުރައްކަލެއް! މިކަހަލަ އެތައް ތަނެއް މާލޭގައި ހުންނާނެ! ސިނގިރޭޓް ކޮންޓްރޯލް ކޮށްގެން ހިތްހަމަ ޖައްސާލައިގެން މިއަދު ތިބެވޭކަށްނެތް!!
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް