މާލެ މަތިން: ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާ ވެއްޓުނު ގޮތުގެ އެކި ވާހަކަތައް ދަނީ ދެކެވެމުން - (ދައުރު ފޮޓޯ)

ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ގޮތާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް؛ ފުލުހުން ބުނީ މީހަކު ހައްޔަރުނުކުރާ ކަމަށް

ޒުވާން އަންހެނަކު ފުރާޅު މައްޗަށް ވެއްޓި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި؛ މިކަން ހިނގި ގޮތް ސީދާ ސާފުނުވި ނަމަވެސް ބޮޑެތި ތުހުމަތުތައް އަމާޒުކޮށް ސޯޝަލް މީޑިއާގައި ދަނީ އެކި ވާހަކަތައް ދެކެވުމުން

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް، މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ޒުވާން އަންހެން ކުއްޖާ ބަޔަކު ކޮއްޕާލައި ވައްޓާލީ ކަމުގެ ތުހުމަތު އަމާޒުކޮށްފައިވީ ނަމަވެސް އަދި މީހަކު ހައްޔަރުނުކުރާކަން އެނގިއްޖެ އެވެ.

ވީކިހިނެއް؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށް ލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އެ ޒުވާނާ ކޮއްޕާލީ ކަމަށް ތުހުމަތުކޮށް ވެސް ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުންނަށް ވެސް ތުހުމަތުކޮށް އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

ތަފްސީލް - އެ ޒުވާން އަންހެން ކުއްޖާގެ ގާތް ބައެއް މީހުން ބުނާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެކަން ހިނގީ އޭނާގެ ރަހުމަތްތެރިންނާ އެކު އޮތް 'ޕާޓީއެއް'ގަ އެވެ. އެ ޕާޓީގެ ބައެއް ބައިވެރިން މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތު ވެސް، ބައެއް މީހުން ކުރެ އެވެ. 

އެކަމާ ގުޅޭ ގޮތުން އެ ޕާޓީގައި ތިބި ބައެއް މީހުންނާ ފުލުހުން ސުވާލުކުރުމަށް ފަހު ދޫކޮށްލާފައިވާކަން ވެސް އެނގިފައިވެ އެވެ.

ނަމަވެސް އަންހެން ކުއްޖާ ކޮއްޕާލީ ކަމެއް އަދި އެ ކަމަށް ބާރުދޭ ހެކި ފުލުހަށް ލިބުނު ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުންގެ ބަސް - ފުލުހުންނާ ސުވާލުކުރުމުން ދިން ހަމައެކަނި ޖަވާބަކީ "މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ކަމަށެވެ.

"ފުލުހުންގެ ތަހުގީގު ހަމަ ބާރަށް ކުރިއަށް އެބަދޭ. ވަށައިގެން ހުރި ހުރިހާ ކަމެއް ވެސް ބަލަމުން ދަނީ،" ފުލުހުންނާ އެކި ސުވާލުތައް ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް (1)

ހުސެން ސައީދު

22 އޭޕްރީލު 2025
ހަށި ރައްކަލަށް އާއިލާގެ ފަރާތުން މީހަކު އަބަދު ކައިރީގަ ބަހައްޓަން ފެނޭ ނޭނގޭނޭ މިހާރު މީހުންނަށް ފުރާނައަކީ ވެސް އަގެއް ހުރި އެއްޗަކަށް ނަހަދާ ރެކެން ވެގެން ކޮންމެ ފަދަ އަމަލެއް ހިނގަފާނެ
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް