ޑީސީޕީ އިސްމާއިލް ނަވީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔުމްނު ވެއްޓުނު ހާދިސާގެ ކޭސް ރިވިއުއެއް ހަދަނީ

ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ މި މައްސަލާގައި އެއްވެސް ކަމެއް ނުބެލި ނުވަތަ އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުވެ ހުރިތޯ ބަލާނެ ކަމަށް

މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ކޭސް ރިވިއުއެއް ހަދަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މައްސަލައިގެ ބާވަތުން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން މައްސަލާގައި ފުލުހުން އަމަލުކޮށްފައި ހުރީ ފުލުހުންގެ ތެރޭ ހެދިފައި ހުރި އިޖުރާތްތަކާ އެއްގޮތަށްތޯ ބަލާ، އޭގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށެވެ.

ތަފްސީލް - ރިވިއު ހެދުމަށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ހިމެނޭހެން ތިން ބޭފުޅުންގެ ކޮމެޓީއެއް ވަނީ އެކުލަވާލައިފަ އެވެ.

"މައްސަލަ ތަހުގީގުކުރަމުން ދާއިރު އަނެއްކާވެސް އަޅުގަނޑުމެން އަތުން ކަމެއް މިސްވެފައި އޮތް ނަމަ، އިތުރު ލޮލަކުން މި ތަހުގީގުތައް ބެލުމަށްޓަކައި ތިން މީހުންގެ ޓީމެއް ނަގައިގެން މަސައްކަތް މި ކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ނަވީން ވިދާޅުވީ މި މައްސަލާގައި އެއްވެސް ކަމެއް ނުބެލި ހުރިތޯ ނުވަތަ އެއްވެސް އިޖުރާއަތެއް ފުރިހަމަނުވެ ހުރިތޯ ބަލަން އެ ހާދިސާ ހިނގި ގެޔަށް ޒިޔާރަތްކޮށް، ހާދިސާ ހިނގި ސަރަހައްދު ނުވަތަ ސީންގައި ކަންތައް ހުރި ގޮތް ވެސް ބަލާފައިވާ ކަމަށެވެ.

"އަދި ގޭގެ ކޮން ފްލޯއަކުން، ކިހާ ހިސާބަކުންތޯ މި އަންހެންކުއްޖާ ވެއްޓިފައި ކަމަށް މި ބުނާ ތަން ހުރީ [ބަލާފައިވަނީ]،" ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބެލިބެލުމުން ފާހަގަވި ކަންތަކުގެ އަލީގައި، އެ ކޭސް ބަލާ އޭގެ މައުލޫމާތު ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

"އަދި ކަމެއް ނެއްޓިފައި ހުއްޓަސް އަދި ރަނގަޅު ކުރަން ހުރި ނަމަވެސް މިދަނީ އެކަންތައް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ:

  • ކްރައިމް ސީން މެނޭޖަރެއް ކަނޑައަޅާ، ކްރައިމް ސީން ކަމަށް ބަލާ ގޭގެ ސިޑިގޮޅި އަދި ޔުމްނު ވެއްޓިފައި އޮތް ތަނުގައި އޭނާ ވެއްޓިފައި އޮތް ގޮތަށް ބަލާ ސީން ރީކޮންސްޓްރަކްޓް ކުރަމުން އަންނަ ކަމަށް

  • މަސައްކަތް ކުރަމުން އަންނަނީ ސޯޝަލް މީޑިއާއިން ކޮށްފައި ހުރި ސުވާލުތަކާއި ކަންބޮޑުވުންތަަކަށް ވެސް ރިއާޔަތްކޮށްގެން

"އޭގެ ތެރޭގައި، އެތަނަށް ވެއްޓިދާނެތޯ، އެތަނަށް ވެއްޓޭނީ ކިހިނެއްތޯ މި ހުރިހާ އެއްޗެއް ވެސް ބަލަމުން މި އަންނަނީ،" ނަވީން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ހާދިސާ ހިނގާފައިވާ ސަރަހައްދުގެ ކުރެހުމެއް ދައްކައިފަ އެވެ. އެގޮތުން ޔުމްނު ވެއްޓިފައިވަނީ ފެންޓޯނީ ގޭގެ ނުވަ ވަނަ ފްލޯގެ ސިޑި ގޮޅީގެ ކުޑަދޮރުން، ގާތްގަނޑަކަށް 89 ފޫޓު މަތިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފާހަގަކޮށްފައިވާ ގޮތުން:

  • ޔުމްނު ވެއްޓުނީ 1 ފޫޓު 10.5 އިންޗި ދިގު، 1 ފޫޓު 6.5 އިންޗި ފުޅާ ކުޑަދޮރަކުން

  • ކުޑަދޮރާއި އެ ފްލޯގެ ތަޅުންގަނޑާ ދެމެދު ހުރީ ހަތަރު ފޫޓު 10 އިންޗީގެ އުސްމިން

ފުލުހުން މިއަދު ބުނީ:

  • އެ ހާދިސާ ހިނގި އިރު ޔުމްނުއާ އެކު ހުރި ރައުދު އަހުމަދު ޒިލާލްގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކޮށްފައިވާ ކަމަށް

  • އޭނާ ހައްޔަރުކުރުމަށް މިއަދު ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް

  • އެރޭގެ ހާދިސާ ހިނގުމުގެ ކުރިން އެ ދެ މީހުންނާ އެކު އިތުރު ހަތް މީހަކު އުޅުނު

  • އެ ހަތް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ބުނި

ކޮމެންޓް (1)

ތެފައާސާ.

25 އޭޕްރީލު 2025
ފުލުހުން ބަލަމުންދާ މައްސަލައެއްގައި މައްސަލައެއް އުޅޭތޯ ފުލުހުން ބަލާނޭކަން އިއުލާންކުރުމަކީ އަނެއްކާވެސް ރައީސް މުއިއްޒުގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން ނިންމެވި ހަރުދަނާ މުހިންމު ނިންމެވުމަށް. ރައީސަށް މަރުހަބާއާއި ތަހުނިޔާ ދަންނަވަން.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް