ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ރޭ އޭނާ ވެސް ބައިވެރިވެގެން ބޭއްވި ޕާޓީގައި އޭނާއާ ދިމާވި ކަމަށް ފުލުހުން ބުނާ މީހުން: އެ މީހުން ފުރުން ވަނީ މަނާކޮށްފައި.

ޔުމްނު ވެއްޓުން: 9 މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފި

ފޯނު ހިފެހެއްޓި މީހުންގެ ތެރޭގައި ފުލުހުން ވަނަވަރު އާންމުކުރި 8 މީހުންނާއި ޔުމްނު ވެސް ހިމެނޭ

މި މަހު 17 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން ހައްވާ ޔުމްނު ރަޝީދު، 21، އިމާރާތަކުން ވެއްޓުނު މައްސަލާގައި ނުވަ މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ހ. މިޓާޒް ގޭގެ ގުދަނުގެ ފުރާޅު މައްޗަށެވެ.

އޭނާ ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންނެވެ.

ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ ފޯނު ހިފެހެއްޓުމުގެ އަމުރަށް އެދުނު އެންމެންގެ ފޯނު ހިފެހެއްޓުމަށް އަމުރު ލިބުމުން އެ އެންމެންގެ ފޯނު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.

"އެއީ ޖުމުލަ ނުވަ މީހެއްގެ ފޯނު،" ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ވަނީ ޕާސްޕޯޓް ހިފެހެއްޓި އެންމެންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެ މީހުންނަކީ:

  • 1-

    ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ (ޔުމްނު ވެއްޓުނު އިމާރާތުގައި އޭނާ އެކު އުޅުނު މީހާ)

  • 2-

    އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް

  • 3-

    އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައި)

  • 4-

    ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)

  • 5-

    ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، 28، ހ. މީނާޒް

  • 6-

    އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު

  • 7-

    ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ

  • 8-

    އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ

އެހެންވެ، ފޯނު ހިފެހެއްޓި މީހުންގެ ތެރޭގައި އެ އަށް މީހުންނާއި ޔުމްނު ވެސް ހިމެނޭ ކަމަށް ބެލެވެ އެވެ.

އެނގުން މުހިއްމު - މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް އިއްޔެ ނެރުނު އަމުރުން އެނގުނު ގޮތުގައި، ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނި ކަން ވެސް ކޯޓު އަމުރުން އެނގުނެވެ.

ރައުދު އާއި ޔުމްނު އެ ދުވަހުގެ ރޭ ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. ރައުދު ކެނަބިސްއަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކޮމެންޓް (1)

މިރްސާން

26 އޭޕްރީލު 2025
މިފޮޓޯތަކުގަތިބި ރާއްޖެތެރޭ ދެސޮރު ބޮލަށް ޖަހާފަ ނިންމާލާ. ބާކީތިބި ވެރިންގެ ދަރިންނަށް ނަފްސާނީ ގެއްލުމުގެ ބަދަލުދޭންވީ ދައުލަތުގެ ބަޖެޓުން
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް