ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާ ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސަރުކާރުގެ ހަރަދުގައި ޔުމްނު ބޭރަށް ގެންދަނީ

އާއިލާއިން ބުނިގޮތުގައި އެންމެ އަވަހަށް ވެސް އަދި ފުރޭ ގޮތަށް އޮތީ އަންނަ ހޯމަ ދުވަހު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ޒުވާން އަންހެން މީހާ އިތުރު ފަރުވާއަށް، ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ވީ ކިިހިނެއް؟ - ޔުމްނު ރަޝީދު، 21، ވެއްޓިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، އޭނާ އެ ވަގުތު ހުރި ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ޔުމްނުގެ ހާލު އަދިވެސް ސީރިއަސް އެވެ. އާއިލާއިން ވާހަކަ ދެއްކި އޭނާގެ ދައްތަގެ ފިރިމީހާ ބުނިގޮތުގައި:

  • އެންސްޕާގެ އެހީގައި ޔުމްނު ރާއްޖޭން ބޭރަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި

  • އޭނާގެ ދަތުރުފަތުރުގެ ހަރަދާއި ބޭސް ފަރުވާއާ ހަވާލުވެފައިވަނީ ސަރުކާރުން

  • ގެންދިޔުމަށް ހަމަޖެހިފައިވަނީ މެލޭޝިޔާއަށް

"އެކަމަކު އެންމެ އަވަހަށް ވެސް ފުރެން އޮތީ މި މަހުގެ 28ގައި،" ކޮންފަރެންސް ކޯލެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ޗާޓަޑް ފްލައިޓެއްގައި ފުރުވާލެވޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަން ހަމަޖެހިއްޖެ ނަމަ މާދަމާ ވެސް ފުރަން ޖެހިދާނެ ކަމަށް ބުންޏެވެ.

ޔުމްނުގެ ހާލު ސީރިއަސް ނަމަވެސް، އޭނާގެ ހާލަތާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އާއިލާއަކުން ނުދެ އެވެ.

އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު ހަތް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް